ހިޔާނާތުގެ ލިސްޓު އަތަށް އެރުމުން ރާގު ބަދަލުވެއްޖެ، މިވީ ކިހިނެއް؟

"މި ކޮމިޓީއަށް އަދި ލިސްޓެއްގައި ނަންތަކެއް، ހުރެގެން އަޅުގަނޑުމެންނަށް އެ ލިބުނު ކަމުގައި ވިޔަސް ވެސް އެ މައުލޫމާތަކީ ހާމަކުރެވޭނެ މައުލޫމާތެއް ނޫން." މިއީ އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގުކުރާ މަޖިލީހުގެ ކޮމިޓީގައި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އިއްޔެ ދެއްކެވި ވާހަކަފުޅުން ތަންކޮޅެކެވެ.

އެންމެ ބޮޑު ހިޔާނާތުގައި ބައިވެރިވި ކަމަށް ތުހުމަތުވާ މީހުންގެ ފުލް ލިސްޓް މަޖިލީހަށް ލިބުނީ ހުސްވި ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. އެ ލިސްޓު ދިރާސާ ކުރުމާއި މައްސަލަ ތަހުގީގު ކުރުމަށް ކުރިއަށް ގެންދާ ކޮމިޓީގައި ހަސަން ލަތީފު ވަކާލާތު ކުރެއްވީ އެ ލިސްޓު "ހާމަ ނުކުރެވޭނެ" ކަމަށެވެ.

އެއީ އިއްޔެގެ ވާހަކަ އެވެ. އެހެން ނަމަވެސް މީގެ އެއްހަރާއި އަށްމަސް ކުރިއަށް ޖެހިލަމާ ހިނގާށެވެ. އޮކްޓޯބަރު 23، 2019 ގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް މެމްބަރު ހަސަން ލަތީފު ކުއްލި މައްސަލައެއް ހުށަހެޅުއްވި އެވެ. އެ ކުއްލި މައްސަލައަކީ ހިޔާނާތާއި މަރުތަކުގެ މައްސަލަތަކުގައި ޝާމިލުވާ ފަރާތްތަކުގެ ނަންތައް ހާމަ ކުރަން ގޮވާލައި މަޖިލީހަށް ހުށަހެޅި މައްސަލަ އެކެވެ. އެ ކުއްލި މައްސަލަ މަޖިލީހަށް ބަލައި ގަތީ މަޖިލީހުގެ 47 މެމްބަރުންގެ ވޯޓާ އެކު އެވެ. ކޮމިޓީގައިވެސް ކުރިއަށް ދަނީ ނަންތައް ހާމަކުރަން ގޮވާލާ ހުށަހެޅި ކުއްލި މައްސަލައާ ގުޅިގެން ކޮމިޓީއިން ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރުމަށް ކޮމިޓީއަށް ފޮނުވި މައްސަލައެއްގެ ކަންތަކެވެ.

"އެމްއެމްޕީއާރުސީ މައްސަލާގައި ހިމެނޭ އެންމެހާ ފަރާތްތަކުގެ ނަންތަކާއި ގޮތް ނޭންގޭ ގޮތަށް މަރާލާފައި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގައި އެކި ގޮތް ގޮތުން ޝާމިލުވެފައިވާ ފަރާތްތަކުގެ ނަންތައް ހާމަކޮށް އެފަރާތްތަކުގެ މައްޗަށް ވަގުތުން ފިޔަވަޅު އެޅުމަށް ސަރުކާރަށް އިލްތިމާސް ކުރަން." 2019 ވަނަ އަހަރު އޮކްޓޯބަރު މަހު ރައްޔިތުންގެ މަޖިލީހަށް ހަސަން ލަތީފު ހުށަހެޅި ކުއްލި މައްސަލައިގައިވެ އެވެ. އެމައްސަލައާ ގުޅިގެން މަޖިލީހުގައި ހޫނު ބަހުސެއް ދިޔަ އެވެ. އެ ބަހުސުގައި ބައިވެރިވި އެމްޑީޕީގެ މެމްބަރުންގެ ތެރެއިން ހިޔާނާތުގެ ބޮޑު ލިސްޓު ހާމަ ކުރަން ބޭނުން ނުވާ މެމްބަރަކު ނެތެވެ.

https://sun.mv/152070?utm_source=share&utm_medium=twitter

އެ ބަހުސްގައި ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މިއަދުގެ ދައުލަތުގައި މިއަދުގެ ސަރުކާރުގެ ތެރޭގައި ހިޔާނާތުގެ ފައިސާގައި ޖެހިފައި ހުރި މީހަކު ހުއްޓަސް މަރުތަކުގެ އަޑީގައި ހުރި މީހަކު ހުއްޓަސް ރައްޔިތުންނަށް އެނގެން ޖެހޭ ކަމަށެވެ. ހާމަކުރަން ޖެހޭ ކަމަށެވެ.

"އަޅުގަނޑު މިދަންނަވާ ވާހަކައަކީ އިއްޒަތްތެރި ރައީސް. މިއަދުގެ ދައުލަތުގައި. މިއަދުގެ ސަރުކާރުގެ ތެރޭގައި. އެހިޔާނާތުގައި ޖެހިފައި ތިބި މީހުންތަކާއި. ނުވަތަ ގޮތްނޭންގޭ މަރުތަކުގައި އަތެއް ދިއްކޮށްލާފައި ހުރި މީހަކުވެސް މިއަދުގެ ދައުލަތުގެ އެއްވެސް ވަޒީފާއެއްގައި ތިބިއްޔާ. އެކަންކަން ހާމަކޮށް އިންސާފަށް ގެނައުމަކީ އަޅުގަނޑުމެންގެ ކަމެއް. އިއްޒަތްތެރި ރައީސް އަޅުގަނޑުގެ ރައްޓެއްސެއް އޭނާގެ ރައްޓެއްސެއް މީނާގެ ރައްޓެއްސެއް އަޅުގަނޑުގެ ޕާޓީ އޭނާގެ ޕާޓީ އަޅުގަނޑުގެ ކޯލިޝަން އެހެން ކިޔައިގެނެއް އިއްޒަތްތެރި ރައީސް ތިބެވޭކަށް ނެތް." އީވާ އެ ދުވަހު ވިދާޅުވި އެވެ.

241 ކޮމިޓީއިން އީވާ މިހާރު ވަކިވެ ވަޑައިގެންނެވި ނަމަވެސް އެ ލިސްޓު ސިއްރު ކުރަން ނިންމި އިރު އެ ކޮމިޓީގައި އީވާ އިންނެވި އެވެ. ލިސްޓު ސިއްރު ކުރުމާ ދެކޮޅަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. މީގެ ގާތްގަނޑަކަށް ދެ އަހަރެއްހާ ދުވަސް ކުރިން އެކަމަނާ ދެއްކެވި ވާހަކަފުޅު ހަނދުމަފުޅު ނެތުނީ ކަމަށް ވުން ގާތެވެ. އާންމު ރައްޔިތުންގެ ޝުއޫރު ހުރީ އެ ވިސްނުމުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ -- ފޮޓޯ/ މަޖިލިސް

އެންމެ އަޑުހަރުކޮށް އަޑަށް ބާރުލާފައި އެ ލިސްޓު ހާމަ ކުރަން ގޮވާލި މެމްބަރުންގެ ތެރޭގައި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ވެސް ހިމެނި ވަޑައިގަންނަވަ އެވެ. އަޑަށް ބާރުލާފައި އެދުވަހު ޔައުގޫބު ވިދާޅުވީ "އަޅުގަނޑު މިވައްކަމުގައި ބައިވެރިވި އެއްވެސް މީހެއްގެ ނަމެއް ސިއްރެއް ނުކުރާނަން." ކަމަށެވެ. އެކަމަކު އޭނާވެސް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުން އެެ ލިސްޓު ސިއްރު ކުރަން ނިންމި ނިންމުމާ ގުޅިގެން ޔައުގޫބު މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

އަލީ އާޒިމްވެސް ވަނީ އެދުވަހު އެ ލިސްޓު ހާމަކުރަން ގޮވާލާފަ އެވެ. 241 ކޮމިޓީގެ ނައިބު މުގައްރިރުކަންވެސް ކުރައްވާ އަލީ އާޒިމް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މާލިއްޔާއިން ވައްކަން ކުރި މީހުން ރައްޔިތުންނަށް އެނގެންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންގެ ރައްޔިތުންނަށް ވައްކަންކޮށްފައި ތިބި މީހުން އަޅުގަނޑުމެންގެ ރައްޔިތުންނަށް އެބަ އެނގެން ޖެހޭ. އެ މީސްމީހުން ކަންތައްތަކާ ކައިރި ނުކުރެވޭނެ ކުޑަކުދިންނާއި ބެހިފައި ތިބި މީހުން ކުޑަކުދިންނަކާ ކައިރިއެއް ނުކުރެވޭނެ. އެކަންތައް އެނގެންޖެހޭ." އަލީ އާޒިމް ވިދާޅުވެފައިވެ އެވެ.

މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް -- ފޮޓޯ/ މަޖިލިސް

އެކަމަކު އެ ހުރިހާ މެންބަރުންގެ ވާހަކަ އާއި ރާގު މިއަދު ބަދަލުވެއްޖެ އެވެ. އެކަމަކު އެހާލަތު އެބައޮތެވެ. ވަގުންނެއް އަދިވެސް ނުހިފެ އެވެ. ދައުލަތުގެ މާލިއްޔާއިން ގެއްލުނު ފައިސާއެއް ނުލިބެ އެވެ. ބުނެވޭގޮތުން ބައެއް މަޖިލިސް މެމްބަރުންނާއި ވަޒީރުންނާއި ސަރުކާރުގެ ވެރިން އެ ފައިސާގައި ޖެހުނެވެ. ކުރިން ހާމަ ކުރަން ޖެހޭ ކަމަށް ގަބޫލުކޮށް އެވާހަކަ ދެއްކި މީހުންގެ ރާގު މިހާރު މި ބަދަލުވީ ކީއްވެ ހެއްޔެވެ؟ އެ ލިސްޓު ސިއްރުކުރަން ނިންމި ނިންމުމާ ގުޅިގެން އާންމުންގެ ޝުއޫރުތަކާއި ޖަޒުބާތުތައް ވަރަށް ބޮޑެވެ.

އާންމުން ރަތަށް، ގޮވަނީ "ހާމަކުރޭ"

ހަސަން ލަތީފު ހިމެނޭ ގޮތުން ލިސްޓު ހާމަކުރުމަށް ވަކާލާތު ކުރެއްވި މެންބަރުންގެ ރާގު ކުއްލިއަކަށް ބަދަލުވެއްޖެ އެވެ. އެ ރާގަށް މި ބަދަލެއް މި އައީ ތުހުމަތުވާ މީހުންގެ އެ ލިސްޓް މަޖިލީހަށް ލިބުމާ އެކު އެވެ. އަދި އެ ލިސްޓު ސިއްރު ކުރަން ޖުޑިޝަރީ ކޮމިޓީ އާއި 241 ކޮމިޓީގެ ޖޮއިންޓް ކޮމިޓީގެ ހުރިހާ މެމްބަރުން މިވަނީ ވޯޓު ދެއްވައިފަ އެވެ. މިވީ ކިހިނެއް ހެއްޔެވެ؟

މިހާރު އުފެދޭ ސުވާލަކީ އެބޭފުޅުންގެ ގާތް ގުޅުމެއް އޮންނަ ނުވަތަ އެމްޑީޕީގެ ބޮޑުންގެ ތެރެއިން ބައެއްގެ ނަން ލިސްޓުގައި އޮތީ ހެއްޔެވެ؟ އެބޭފުޅުންގެ ނަން ހާމަ ކުރަން ބޭނުން ނުވާ ބަޔަކު ބޮޑު ވައްކަމުގައި ބައިވެރިވީމާ އެމީހުންނަށް ހިމާޔަތް ދެނީ ހެއްޔެވެ؟ މިއީ އާންމު ރައްޔިތުންގެ ގިނަ ބައެއްގެ ސުވާލެވެ. އެ މީހުންގެ ތުހުމަތަކީ އެއީ އެވެ.

"ހަސަނުގެ ނަން ލިސްޓުގައި އޮތީތަ މާވަރަކަށް ފޮރުވަން ތިއުޅެނީ. ވަރަށް ހީވޭ" ހަސަން ލަތީފަށް އަމާޒުކޮށް އާންމު ރައްޔިތަކު ކުރި ޓްވީޓެއްގައި ވެ އެވެ.

"އެހެން އާންމު ރައްޔިތަކު ކުރި އެހެން ޓްވީޓެއްގައިވެ އެވެ؛ "މިވީ ކިހިނެތްތޯ؟ ކުރިން ބެވީ ސަރުކާރުން މިކަން ނުކޮށްގެން. ކުރީމަ މިބުނީ އޭ އޭ މީތި އަދި ބާއްވަން ޖެހެނީ ފޮރުވާފަ އޯ،"

އެކީއްވެ؟ ވައްކަން ކުރީ ދިވެހިންގެ ފައިސާއިން. ތިއީ ރައްޔިތުން ތަމްސީލު ކުރާ މީހުން. އެހެންވީމަ ތިބޭފުޅުންނަށް ކިހިނެތް ނިންމޭނީ ސިއްރު ކުރަން." ހަސަން ލަތީފު ޓެގްކޮށް މީހަކު ކުރި ޓްވީޓެއްގައި ބުނެފައިވެ އެވެ.

މީހުން ބުނެފަިއވަނީ މިއީ އެޖެންޑާ 19 އިން ގެނައި ނަޒާހާތްތެރި މަޖިލީހުގެ ހާލަތު ކަމަށެވެ. އެމްޑީޕީ ގިނަ މެމްބަރުންތަކެއްގެ ނަން އެ ލިސްޓުގައި އޮތުމުން ލިސްޓު ހާމަކުރަން ޖެހިލުން ވަނީ ކަމަށް އާންމުން ތުހުމަތުކުރެ އެވެ.

އެ ލިސްޓު ސިއްރު ކުރުމާއި ކޮމިޓީ ސިއްރު ކުރުމާއި ގުޅޭ ގޮތުން އާންމުންގެ ގިނަ ހިޔާލުތަކެއް އެބަހުއްޓެވެ. ބައެއް މީހުން ބުނާގޮތުން ހަމަ ހިތައް އަރާއިރަށް ކޮމިޓީއެއް ސިއްރެއް ނުކުރެވޭނެ އެވެ.

ކުރީގެ މަޖިލިސް މެމްބަރު އިބްރާހިމް އިސްމާއިލް (އިބުރާ) ވިދާޅުވާ ގޮތުން ގާނޫނެއްގައި ލިޔެ ގައުމީ ސަލާމަތް ކަމަށް ކަނޑައަޅާފައި ނެތް އެއްވެސް ކަމެއް ރައްޔިތުންގެ މަޖިލީހުގައި ސިއްރެއް ނުކުރެވޭނެ އެވެ.

"އެއީ ކަނޑައެޅިގެން ގާނޫނުއަސާސީއާ ހިލާފުވުން. މަޖިލީހުގައި ހިނގާ ހުރިހާ ކަމަކީ ދަފްތަރު ކުރެވި އާންމު ކުރަންޖެހޭ ކަންކަން. ކޮމިޓީތައް ބާއްވަން ޖެހޭނީ ހުޅުވާލައިގެން." އިބްރާ ވިދާޅުވި އެވެ.

އާންމުން ދެކޭގޮތުގައި ހާމަ ނުކުރަން އެއުޅެނީ އެމްޑީޕީގެ ބޮޑުންގެ ނަންތައް ލިސްޓުގައި އޮތުމުންނެވެ. ލިސްޓުގައި އޮތް ނަންތަކެއް ހާމަ ނުކުރެވި ތިން އަހަރު ވެގެން ދިއުމަކީ ބޮޑު ފެއިލިއާއެއްގެ ގޮތުގައި ބައެއް މީހުންދެކެ އެވެ.

"ތިމާ އަމިއްލަ ނަން އޮތިއްޔާ ލިސްޓަށް ހައްދަވާނެ ގޮތެއް ނުކިޔުއްވާ އިސްތިއުފާ ދެއްވާ." މީހަކު ބުނެފައިވެ އެވެ.

ތިބޭފުޅުން ގެ ވައުދެއް ދެފުއް ފެންނަ ގޮތަށް ކޮންމެ ކަމެއްވެސް ކުރުން މިހާރު ތިޔަ ރާގު ބަދަލުވީ ތިބެފުޅުން ފަހަތު ފަޔަށް ބުރަތިވަނީ ކިހިނެތްތޯ. ތިވަނީ ބޮޑު ހިޔާނާތުގެ ނަންތައް ސިއްރު ތިކުރަނީ. ތިޔަކަހަލަ މީހުން ދެން އިންސާފޭ ހައްގޭ ވިދާޅު ނުވާތި." މީހަކު ބުނެފައިވެ އެވެ.

އާންމު ރައްޔިތުން ރުޅިއައުން ހައްގެވެ. ހާމަކުރަން ގޮވާތާ އެތައް ދުވަހެކެވެ. ރައްޔިތުންގެ މާލިއްޔާއިން ވައްކަން ކުރި މީހުން އަނެއްކާވެސް މަގާމުތަކަށް އިންތިހާބުވެފައި ތިއްބޭ ކިޔަނީ އެވެ. އެއީ ކޮންބައެއް ކަމެއް ނޭންގި ރައްޔިތުން ތިބީ ވާނުވާގަ އެވެ. އެނގުމަކީ ރައްޔިތުންގެ ހައްގެކެވެ. ދައްކާ ބަހަނާއަކީ ބައެއްގެ މައްސަލަހަތު ގެއްލިދާނެތީ އެވެ. ތަހުގީގަށް ހުރަސް އެޅިދާނެތީ އެވެ. ތަހުގީގީ އިދާރާތަކުން ސިއްރު ކުރަން އެދުމެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވިޔަސް އެހެން ބޭފުޅުން ވިޔަސް ވެސް. މިފަދަ މައުލޫމާތެއް އެގޮތަށް ހާމަކުރަން އެހެން ގޮވާލުމާ އަދި އެހެން އެކަން އެގޮތަށް ކުރަން އެދުމަކީ ކޮށްގެން ވާނެ ކަމެއް ނޫން،" މެމްބަރު ހަސަން ލަތީފު އިއްޔެ ކޮމިޓީގައި ވިދާޅުވެފައިވެ އެވެ.

އެބޭފުޅުން އެ ލިސްޓު ސިއްރުކުރަން ވަކާލާތު ކުރައްވަނީ އެސެޓް ރިކަވަރީ ކޮމިޝަނުން އެ ލިސްޓު ސިއްރު ކުރަން އެދިވަޑައިގެންފައިވުމުންނެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވިސްނުންފުޅު ވެސް އައީ މަޑުމަޑުން ބަދަލުވަމުންނެވެ. އެންމެ ފަހުން އެމަނިކުފާނު ބޭއްވެވި ޕްރެސްކޮންފަރެންސްގައި އެމަނިކުފާނުގައި އަތްޕުޅުގައި އޮތް އެމްއެމްޕީއާރުސީ މައްސަލައާ ގުޅޭ 70،000 މެސެޖުގެ ޕެންޑުރައިވް އާންމު ކުރުމާ އެމަނިކުފާނު ދެކޮޅު ހެއްދެވި އެވެ. ވިދާޅުވީ އެއީ އެތައް ބައެއްގެ ޒާތީ މައުލޫމާތު ހިމެނޭ އެއްޗެއް ކަމަށާއި އެއީ ހާމަކުރަން ޖެހޭ އެއްޗެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް މީގެ އަހަރެއްހާ ދުވަސްކުރިން ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެ ޕެންޑުރައިވުގައި ހުރި ހުރިހާ މައުލޫމާތު އާންމު ކުރައްވާނެ ކަމަށެވެ. އެކަމަކު އެމަނިކުފާނު ވެސް ފަހުން ރާގު ބަދަލުވީ އެވެ.

އެކަމަކު މަޖިލީހަކީ ތަހުގީގީ އިދާރާތަކުން ސިއްރު ކުރަން އެދުނަސް ހާމަ ކުރަން ބޭނުންވެއްޖެއްޔާ ހާމަކުރާނެ އެވެ. ބޮޑު ސިއްރު ޖަހާފައި މަރު ކޮމިޝަނުން ފޮނުވި ރިޕޯޓު އާންމު ކުރި އެވެ. އޭރު ބުނީ ކަބަޑަށް ލައިގެން ބަލަހައްޓައިގެން ނުތިބެވޭނެ ކަމަށް ބުނެ އެވެ. ދައުލަތުގެ މާލިއްޔާއިން ވައްކަން ކުރި މީހުންނަށް ވުރެ ރައްޔިތުންގެ ހައްގު ހިމާޔަތް ކުރުން މިއަދު މަޖިލީހުގެ ޒިންމާއަކަށް ވާނެ އެވެ. އެންމެ ގާތް މީހާ ވައްކަން ކޮށްފައި އޮތަސް ހާމަ ކުރަން ޖެހެ އެވެ. ވައުދުވީ ހާމަ ކުރާށެވެ.

comment ކޮމެންޓް