ތަހުގީގު ދާގޮތް ރަނގަޅު، ކޯޓަށް ވަޑައިގަންނަވާނީ ސީދާ ޕީޖީ ޝަމީމް

ޕީޖީ ހުސައިން ޝަމީމް -- ސަން ފައިލް ފޮޓޯ

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގައި ޝާމިލުވާ މީހުންނާ ދެކޮޅަށް ދައުލަތުގެ ފަރާތުން ކޯޓުގައި ވަކާލާތު ކުރައްވާނީ ސީދާ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅޭ މައުލޫމާތުތައް ރަސްމީކޮށް ގައުމީ މަޖިލީހާ ހިއްސާކުރުމަށް މިރޭ ޒޫމް މެދުވެރިކޮށް ބޭއްވި އެމްޑީޕީގެ 174 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެއީ ރާއްޖޭގައި ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓު ހަމަލާ ކަމަށެވެ.

އެ ހަމަލާގެ ތަހުގީގު ކަމާބެހޭ ތަޖުރިބާކާރުންގެ އެހީތެރިކަމާއެކު ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، ތަހުގީގަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އެ ހަަމަލާގެ ތަހުގީގަށް ބޭނުންވާ ހުރިހާ ރިސޯސް އެއް މިހާރު ބޭނުން ކުރެވެވުން ދާއިރު ބޭރުގެ ތަޖުރިބާކާރުންގެ ގޮތުގައި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް (އޭއެފްޕީ)، ލަންޑަން މެޓްރޮޕޮލިޓަން ޕޮލިސް އަދި ޔޫއެންއޯޑީސީގެ މާހިރުން އަންނަނީ ތަހުގީގުގައި ބައިވެރިވެ މަސައްކަތް ކުރަމުންނެވެ.

ރައީސް ވިދާޅުވީ ތަހުގީގަށް ބޭނުންވާ މީހުންނާ ސުވާލުކޮށް ހެކި ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ގޮއްވާލާފައިވާ އައިއީޑީއާ ގުޅޭ މުހިންމު މައުލޫމާތު ތަކެއް ވެސް ހޯދާފައިވާ ކަމަށެވެ. އެމްއެންޑީއެފް އިން ތަހުގީގަށް އެހީވަމުން އަންނަ އިރު ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ވެސް ތަހުގީގަށް އެހީތެރިކަން ދިނުމަށް ހާއްސަ ޓީމެއް އެކުލަވާލާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަދި މި މައްސަލައިގައި ޝަރީއަތަށް ވަޑައިގަންނަވާނީ ސީދާ ޕީޖީ [ހުސައިން ޝަމީމް] ކަމަށް ވަނީ ވިދާޅުވެފައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ ހަމަލާ ފުރިހަމައަށް ތަހުގީގުކޮށް، އެކަމުގައި ޝާމިލުވާ އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރީ، މުޖާޒު އަހުމަދު، މއ. ފޭރުގެ 21އ. އާއި ތަހުމީން އަހުމަދު ފޮޅޭމާ، ގއ. ކޮނޑޭ، 32އ. އަދި ހިޔާ، ވ. ތިނަދޫ، އަދުހަމް އަހުމަދު ރަޝީދެވެ.

އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހައިފަ އެވެ.

މުޖާޒް އާއި ތަހުމީން ހައްޔަރު ކުރީ އިއްޔެ އެވެ. އެ ދެ މީހުންނަކީވެސް ސީދާ ހަމަލާއާ ގުޅުންހުރި މީހުން ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުންގެ ތެރެއިން ތަހުމީން އަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަދުހަމް ހޯދަމުން ދަނިކޮށް، މިއަދު އޭނާ ހައްޔަރު ކުރެވުނީ އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެންނެވެ. އަދުހަމް އަކީ ސީދާ ބޮން ގޮއްވާލި ރިމޯޓަށް ފިއްތާލި މީހާ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

ހައްޔަރު ކުރި ތިން މީހުންނަކީވެސް ކުށުގެ ރެކޯޑު އޮތް މީހުން ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް