ޢައިރުހާޒިރުގައި އަލީ ވަހީދުގެ މައްސަލަ ނުބެލޭނެ: ސުޕްރީމް ކޯޓު

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ތުހުމަތު ކުރެވޭ ޖިންސީ ކުށްތަކުގެ ޝަރިއަތަށް ކްރިމިނަލް ކޯޓަށް ހާޒިރު ވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޣައިރުހާޒިރުގައި އޭނާގެ ޕާސްޕޯޓު ދޫކޮށްލި މައްސަލަ ނުބެލޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުުކުމްކޮށްފި އެވެ.

ޖިންސީ ގޯނާގެ ތުހުމަތުގައި ކުރި ހަތް ދައުވާއާ ގުޅިގެން އަލީ ވަހީދުގެ ޕާސްޕޯޓު ކްރިމިނަލް ކޯޓުން ހިފަހައްޓާފައި އޮއްވައި އެ ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްލުމުން އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފަ އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ނިންމީ އޭނާގެ ޣައިރުހާޒިރުގައި އެ މައްސަލަ ނުބެލޭނެ ކަމަށެވެ. ދެން ދައުލަތުން ދިޔައީ ސުޕްރީމް ކޯޓަށެވެ.

އޭނާ ހާޒިރު ކުރަން ސުޕްރީމް ކޯޓުން މަސައްކަތް ކުރުމުންވެސް އޭނާ ހާޒިރުވެފައި ނުވާތީ އޭނާގެ ޣައިރުހާޒިރުގައި ދައުލަތާއެކު ކޯޓުން ވަނީ އިޖުރާއީ އަޑުއެހުމެއް ބާއްވައިފަ އެވެ. އެ އަޑުއެހުމުގައިވެސް ދައުލަތުން އެދުނީ ހަމަ ޣައިރުހާޒިރުގައި ޕާސްޕޯޓުގެ މައްސަލަ ބަލައިދޭށެވެ. އެ އަޑުއެހުމުގައި ދައުލަތުން ވަނީ، އަލީ ވަހީދުގެ ވިކްޓިމުންނަށް ލިބިގެންވާ އަދުލު އިންސާފު ލިބުމުގެ ހައްގުން މަހުރޫމުވާކަން ފާހަގަކޮށް، ހައްގުތައް ބެލެސްކޮށް މައްސަލަ ނިންމަވަން އެދިވަޑައިގެންފަ އެވެ.

އެ މައްސަލައާ ގުޅިގެން މިއަދު ސުޕްރީމް ކޯޓުން ނެރުނު ނިންމުމުގައި ބުނެފައި ވަނީ ހާޒިރުގައި ޝަރީއަތް ހިންގުމަކީ ގާނޫނުއަސާސީއިން ލިބިދޭ ހައްގަަކަށްވާއިރު އެ ހައްގު އެއްވެސް ވަރަަކަށް ހިފެހެއްޓޭނީ މަޖިލީހުން ފާސްކުރާ ގާނޫނަކުން ކަަމަށެވެ. އަދި އެހެން ހައްގުތަކެކޭ އެއްފަދައިން އެ ހައްގު ގާނޫނީ މާއްދާތަކެއް މާނަކޮށްގެން ހަނި ކުރުމަކީ ގާނޫނުއަަސާސީއާ ހިލާފުވާނެކަމެއް ކަމަށް ހުކުމުގައިވެ އެވެ.

"އަދި އެހެނިހެން އަސާސީ ހައްގުތަކެކޭ އެއްފަދައިން އެމީހެއްގެ ހާޒިރުގައި ޝަރީއަތް ކުރެވުމުގެ ހައްގަށް އުނިކަމެއް ލިބޭނެފަދަ އަމަލެއް ކުރުމުގެ ނުވަތަ އެފަދަ އަމަލެއްގައި ބައިވެރިވުމުގެ ހައްގު އެއްވެސް މީހަކަށް ނުވަތަ ޖަމާއަތަކަށް ނުވަތަ ދައުލަތަށް ލިބޭނޭފަދަ ގޮތަކަށް ގާނޫނުއަސާސީގައި ހިމެނޭ އެއްވެސް މާއްދާއެއް މާނަކޮށް ނުވަތަ ތަރުޖަމާކުރުމަކީ ގާނޫނުއަސާސީގެ ސާފު، ސަރީހަ ނައްސުން މަނާކޮށްފައިވާ ކަމެވެ،" ސުޕްރީމް ކޯޓުގެ ނިންމުގައިވެ އެވެ.

ސުޕްރީމް ކޯޓުން ފާހަގަ ކުރީ ޣައިރުހާޒިރުގައި އެ މައްސަލަ ކުރިއަށްގެންދެވޭނެ ކަމަށް ބުނާ މަޖިލީހުން ފާސްކޮށްފައިވާ އެއްވެސް ގާނޫނެއް ދައުލަތުން ދައްކާފައި ނުވާ ކަމެވެ.

އަލީ ވަހީދަށް އޭނާގެ ޝަރީއަތަށް ހާޒިރުވާން ޖެހޭކަން އާންމުކޮށް، އެނގެން އޮއްވަައި އޭނާ ހާޒިރު ނުވުމަކީ އެ ހައްގު އަމިއްލައަށް ދޫކޮށްލުން ކަމަށް ދައުލަތުން ސުޕްރީމް ކޯޓުގައި ބުނެފައިވެ އެވެ.

ނަމަވެސް، ސުޕްރީމް ކޯޓުގެ ނިންމުމުގައި ވަނީ، ޣައިރުހާޒިރުގައި ޝަރީއަތް ހިންގުމުގެ ހާލަތަކީ ވަކީލެއްގެ އެހީ ހޯދައި ކުށުން ބަރީއަވުމުގެ ހައްގާއި އެމީހަކު އިހްތިޔާރު ކުރާ ގާނޫނީ ވަކީލަކާ މަޝްވަރާ ކުރުމުގެ ފުރުސަތު ލިބިދިނުމަށް ގާނޫނުއަސާސީގައި ބަޔާން ކުރާ ހާލަތާ އަޅާ ކިޔޭނެ ހާލަތެއް ނޫން ނޫން ކަމަށެވެ. އެގޮތުން، ހާޒިރުގައި ޝަރީއަތް ކުރުމަކީ އެއްވެސް ފަރާތެއްގެ އިހްތިޔާރުގެ މައްޗަށް ދޫކޮށްފައިވާ ހައްގެއް ނޫންކަން ހުކުމުގައި ފާހަގަ ކުރި އެވެ.

"ސަބަބަކީ ކުށެއް ކުރިކަމުގެ ދައުވާ އުފުލިފައިވާ މީހުންގެ ހައްގުތަކުގެ ތެރޭގައި ހިމެނޭ ގާނޫނީ ވަކީލުންނާ ގުޅޭ ހައްގުތައް ބަޔާންކުރުމުގައި އެމީހެއްގެ "އިހްތިޔާރު" އޮތުން އެ މާއްދާގައި ލާޒިމުކޮށްފައިވެ އެވެ. އަދި އެ ނޫން ހާލަތްތަކުގައި ގާނޫނީ ވަކީލުންގެ އެހީތެރިކަން ލިބިގަތުމުގައިވެސް، ލިބިގަންނަ މީހާ އެފަދަ އެހީއަކަށް ބޭނުންވުން ޝަރުތުކޮށްފައިވެ އެވެ،" ހުކުމުގައިވެ އެވެ.

"މިއާ ހިލާފަށް އެމީހެއް ހާޒިރުގައި ޝަރީއަތް ކުރެވުމުގެ ހައްގަކީ އެ ހައްގު ބޭނުންކުރުން އެއްވެސް ފަރާތެއްގެ އިހްތިޔާރަށް ދޫކޮށްލެވިފައިވާ ހައްގެއް ނޫނެވެ. އަދި އެ ހައްގަކީ ކުއްލި ނުރައްކަލުގެ ހާލަތުގައިވެސް ހިފެހެއްޓޭނެ ހައްގެއް ނޫނެވެ،"

އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލާނީ ހަތަރު މަހަށް ކަމަށް މައްސަލަ ނިންމެވި ގާޒީ ހަސަން ސައީދު ވިދާޅުވި ނަމަވެސް އަމުރުގައި ވަކި މުއްދަތެއް ޖަހާފައި ނެތްކަން ދައުލަތުން ސުޕްރީމް ކޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި ހަތަރު މަހަށް ކަމަށް ޖަހާފައި އޮތީ ހަމައެކަނި އަލީ ވަހީދަށް ޖާމިނުވި، އައްސަދު އަލީގެ ލިޔުންތަކުގައި ކަމަށް ދައުލަތުން ބުނެފައިވެ އެވެ.

ސުޕްރީމް ކޯޓުގެ ނިންމުމުގައި ވަނީ، އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަނީ ވަކި މުއްދަތަކަށް ކަމެއް އަމުރުގައި ނެތަސް، އަލީ ވަހީދުގެ މައްޗަށް ޖާމިނުވި އައްސަދު އަލީގެ އިގުރާރުގައި މުއްދަތެއް އޮތްކަން ފާހަގަކޮށްފަ އެވެ. އަދި އެ މުއްދަތު ހަމަވުމުން ޕާސްޕޯޓު ދޫކޮށްލި މުއްދަތު ހަމަވީ ކަމަށް ބެލޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވެ އެވެ.

އެ މުއްދަތު ހަމަވުމުން، އިގުރާރާ ހިލާފުވެއްޖެ ނަމަ އަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކުރި އަމުރު ކްރިމިނަލް ކޯޓުގައި މުރާޖައާ ކުރަން ހުށަހެޅުމަށް ގާނޫނީ ގޮތުން ހުރަހެއް ނެތް ކަމަށްވެސް ހުކުމުގައިވެ އެވެ.

އެހެންކަމުން، ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމާފައި ވަނީ ހައިކޯޓުގެ ހުކުމަށް ތާއިދުކޮށް، ޣައިރުހާޒިރުގައި އެ މައްސަލަ ނުބެލޭނެ ކަމަށެވެ.

އެ މައްސަލަ އެ ކޯޓުގައި ބެއްލެވީ ފަނޑިޔާރު މަހާޒު އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

comment ކޮމެންޓް