މިއީ އާ ހިތްވަރާއެކު އަޑުހަރުކޮށް، މާ ބާރަށް ނުކުންނަންވީ ވަގުތު: ރައީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަދި މަޖިލިސް ރައީސް --- ފޮޓޯ/ ރައީސް އޮފީސް

ގައުމު ބައިބައިކުރަން އުޅޭ ޓެރަރިސްޓުންނަށް ފުރުސަތު ނުދީ، ހުރިހާ އެންމެން އެކުގައި އާ ހިތްވަރަކާ އެކު ނުކުތުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ގޮވާލައްވައިފި އެވެ.

ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅޭ މައުލޫމާތުތައް ރަސްމީކޮށް ގައުމީ މަޖިލީހާ ހިއްސާކުރުމަށް މިރޭ ޒޫމް މެދުވެރިކޮށް ބޭއްވި އެމްޑީޕީގެ 174 ވަނަ ގައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެއީ ރާއްޖޭގައި ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓު ހަމަލާ ކަމަށެވެ.

އެ ހަމަލާގެ ސަބަބުން، ހުރިހާ ދިވެހި ރައްޔިތުން ވެސް ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައިކަން ރައީސް ސޯލިހު ފާހަގަ ކުރެއްވި އެވެ.

ރައީސް ވިދާޅުވީ ޓެރަރިސްޓުންގެ ބޭނުމަކީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި، އަމަން އަމާންކަން ނަގާލައި، ސުލްހަވެރިކަން ނެތިކޮށްލުން ކަމަށެވެ. އަދި ޝައްކު އުފައްދާ ގައުމު ފިތުނަ ފަސާދައިގެ ތެރެއަށް ވައްޓާލައި، މުޖުތަމައުގެ ތެރޭގައި އޮތް ބަދަހި ސަފުތައް ރޫޅާލުން ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީން އެކަން އެގޮތަށް ވިޔަ ނުދޭނެ ކަމަށެވެ. އަދި ސަރުކާރާއި، އެމްޑީޕީގެ އަގުލިބިއްޔަތު އޮތް ރައްޔިތުންގެ މަޖިލީހުން ވެސް އެކަމަށް ފުރުސަތު ނުދޭނެ ކަމަށެވެ.

އެމްޑީޕީ އަކީ އަބަދުވެސް އިންސާފަށް ލޯބިކުރާ، ހަމަޖެހުމާއި ސުލްހަމަސަލަސްކަމަށް ތާއިދުކުރާ، އަނެކާގެ ފުރާނައަކީ އަގުހުރި އެއްޗެއްކަން ދަނެ، އެކަމަށް އިހްތިރާމްކުރާ ޕާޓީއެއް ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"މީ އެއްވެސް ޒަމާނެއްގައި އެއްވެސް ހާލެއްގައި ބަދަލެއް އަންނާނެ ސިޔާސަތުތަކެއް ނުވަތަ ވިސްނުމެއް ނޫން. މީ އަޅުގަނޑުމެން އިހުނަށް ވުރެ ބާރުލާފައި، ކުރިއަށް ވުރެ އަޑު ހަރުކޮށް، އާ އަޒުމުގައި އާ ހިތްވަރަކާ އެކު ތެދުވަންވީ ވަގުތު،" ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ، މަޖިލީހުގެ ރައީސަށް ދިން ހަމަލާގެ ފަހަތުގައި ތިބި އެންމެން އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމުގެ ޔަގީންކަން މިރޭ ވެސް ދެއްވައިފަ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރު ކުރީ، މުޖާޒު އަހުމަދު، މއ. ފޭރުގެ 21އ. އާއި ތަހުމީން އަހުމަދު ފޮޅޭމާ، ގއ. ކޮނޑޭ، 32އ. އަދި ހިޔާ، ވ. ތިނަދޫ، އަދުހަމް އަހުމަދު ރަޝީދެވެ.

އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 15 ދުވަސް ޖަހައިފަ އެވެ.

މުޖާޒް އާއި ތަހުމީން ހައްޔަރު ކުރީ އިއްޔެ އެވެ. އެ ދެ މީހުންނަކީވެސް ސީދާ ހަމަލާއާ ގުޅުންހުރި މީހުން ކަމަށް ފުލުހުން ބުންޏެވެ. އެ ދެ މީހުންގެ ތެރެއިން ތަހުމީން އަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތް ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން އަދުހަމް ހޯދަމުން ދަނިކޮށް، މިއަދު އޭނާ ހައްޔަރު ކުރެވުނީ އާންމު ފަރާތަކުން ދިން މައުލޫމާތަކާ ގުޅިގެންނެވެ. އަދުހަމް އަކީ ސީދާ ބޮން ގޮއްވާލި ރިމޯޓަށް ފިއްތާލި މީހާ ކަމަށް ފުލުހުން ތުހުމަތު ކުރެ އެވެ.

ހައްޔަރު ކުރި ތިން މީހުންނަކީވެސް ކުށުގެ ރެކޯޑު އޮތް މީހުން ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް