އިންސާފު ގާއިމު ކޮށްދިނުމާއި މަދަނީ އިޖުރާއާތުގެ ގާނޫނު ހެދުން

އަޙްމަދު ޢަބްދުﷲ ޢަފީފާއި އިމްތިޔާޒު ފަހުމީ --

މި ދިޔަ ހަފުތާގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް އަލްއުސްތާޒު އަޙްމަދު ޢަބްދުﷲ ޢަފީފާއި، ރައްޔިތުންގެ މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީގެ އިސް މީހުންނާއި، ބަންޑާރަ ނާއިބު އަލްއުސްތާޒު އިބްރާހީމް ރިފްޢަތު، ދިވެހި ރައްޔިތުންގެ ކުރިމަތީގައި ކޯޅުމަކަށް ވަޑައިގަތް މަންޒަރަކީ، ދިވެހި ގައުމުގައި މިއަދު ކަންކަން ހިނގަމުން ދާ ގޮތުގެ ހަގީގަތަށް ވަރަށް ބޮޑަށް އަލި އަޅުވައިދިން ކަމެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ.

މި ދަންނަވާ ކޯޅުން ފެށިގެން ދިޔައީ، މި ހިނގާ މެއި މަހުގެ 2 ވަނަ ދުވަހުގެ ރޭ ރައީސް އޮފީހުގެ ފަރާތުން ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި، އަލްއުސްތާޒު އަޙްމަދު ޢަބްދުﷲ ޢަފީފު ދެއްކެވި ވާހަކަތަކަކާ ގުޅިގެންނެވެ. އެ ބައްދަލުވުމުގެ އެއް މަގުސަދަކީ "ރާއްޖޭގައި އިންސާފު ގާއިމު ކޮށްދިނުމުގެ ވައުދު ފުއްދުމުގައި ސަރުކާރުން ގެންގުޅުއްވާ ވިސްނުންފުޅު ހާމަ ކުރެއްވުން" ކަމަށް ރައީސް އޮފީހުގެ ވެބްސައިޓުގައި އޮތް ޚަބަރެއްގައި ބުނެފައިވެ އެވެ. އެ ވިދާޅުވާ ވިސްނުންފުޅެއް އެނގުމަކީ މިއަދު ދިވެހި ރައްޔިތުން އެކަމަކަށް ވަރަށް ބޮޑަށް ޝައުގުވެރި ވެފައިވާ ކަމެއްކަމާ މެދު ޝައްކެއް ނެތެވެ. މައިގަނޑު ސަބަބަކީ، މިހާރު މި އޮތް ސަރުކާރާއި، މިހާރު މަޖިލިހުގައި މި އޮތް "ސުޕަރމެޖޯރިޓީ"ގެ ބާރުވެރިކަން ރާއްޖޭގައި ގާއިމު ވީއްސުރެ، ޤާނޫނުއަސާސީގެ ބާރު ކަނޑުވައިލުމާއި، ޤާނޫނުގެ ވެރިކަމުގެ މަބްދައު ފަނާ ކުރުމާއި މިނިވަން އަދި މުސްތަގިއްލު ފަނޑިޔާރުގެ ސުންނާފަތި ކުރުމާއި، ބޮޑެތި ކުށްވެރީން ގާނޫނުގެ އަތް ނުފޯރާ ހިސާބަށް ފޮނުވައި ރައްކައުތެރި ކުރުމާއި، ވަކި ބަޔަކާ ދެކޮޅަށް ކުރެވޭ ޖިނާއީ ތުހުމަތުތައް ބެލޭނޭ މަގުތައް ބަންދު ކުރުން، އެއް ކުށެއްގެ ތުހުމަތު ކުރެވޭ އެއް ބަޔަކަށް ބޮޑެތި އަދަބުތައް ދެވޭ އިރު އެހެން މީހުންނަށް ސިއްރުވެރި އަދި ހައިރާން ކުރުވަނިވި ގޮތްގޮތުން ރައްކައުތެރިކަން ދިނުން ފަދަ ކަންކަން މެނުވީ ބަލާން ތިބި މީހުންގެ ލޯތަކަށް ފެންނަމުން ނުދިޔުމެވެ.

ނަމަވެސް، ސަރުކާރުގެ "ވިސްނުންފުޅު" ދެނެގަތުމުގެ ޝައުގުވެރިކަމުގައި ތިބި މީހުންނަށް އާޚިރުގައި ޖެހުނީ ހިން ދިރުވައިލާށެވެ. ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް ނޫސްވެރީންގެ ބައްދަލުވުމުގައި ވިދާޅުވި ގޮތުގައި، އަދުލުއިންސާފު ގާއިމު ކުރުން ހަރުދަނާ ކުރުމުގެ ގޮތުން ކުރުން "އެންމެ މުހިއްމު އެއް ކަމަކީ ދައުލަތާއި ވަކިވަކި ފަރާތްތަކާ އެކު ވެވިފައި ވާ އެއްބަސްވުންތައް ބާތިލު ކުރުމުގެ ސަބަބުން އެ ފަރާތްތަކަށް ލިބޭ ގެއްލުމުގެ ބަދަލު ހޯދައިދިނުމަށް މަސައްކަތް ކުރުން" ކަމަށެވެ. ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގައި 2007 އިން 2008 އަށް، ދެން އަނެއްކާ ވެސް 2010 އިން 2019 އަށް ޖުމުލަ ދިހަ އަހަރު ޚިދުމަތް ކޮށް، އަދި ވަރަށް އިޚްލާސްތެރިކަމާ އެކު، ދުސްތޫރީ އަދި ގާނޫނީ ހަމަތަކާއި އުސޫލުތަކުގެ ތެރޭގައި ހުރެގެން، ޝަރުއީ ދާއިރާގެ ތެރޭގައި ހުރި މައްސަލަތައް އެތެރެއިން ދެނެގަތުމަށް ޓަކައި، އަދި ޝަރުއީ ދާއިރާ އިސްލާހު ކޮށް ރަނގަޅު ކުރެވޭނޭ ގޮތާ މެދު ވެސް ގިނަ ދިރާސާތަކަކާއި މަސައްކަތްތަކެއް ކުރި މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު ދަންނަވަމެވެ. އަމިއްލަ ފަރާތްތަކާއި ސަރުކާރާ ދެމެދު ވެވިފައި ހުރި އެއްބަސްވުންތައް ބާތިލު ކުރުމާ ގުޅިގެން އެ ފަރާތްތަކަށް ބަދަލު ހޯދައިދިނުމަކީ ދިވެހިރާއްޖޭގައި އަދުލު އިންސާފު ގާއިމު ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް ޓަކައި ކުރާން ޖެހިފައި އޮތް އެންމެ މުހިއްމު އެއް ކަންތައް ކަމަށް ރައީސްގެ ލީގަލް ކައުންސެލަށް ހީފުޅު ވަނީވިއްޔާ، އޭނާއަށް ދިވެހިރާއްޖޭގެ ޝަރުއީ ނިޒާމާ ބެހޭގޮތުން އެކަށީގެންވާ ވަރާ ގާތަށް ވެސް މައުލޫމާތު ލިބިވަޑައިގެންފައި އޮތް ކަމަކަށް ނުވެއެވެ. އަމިއްލަ ފަރާތަކާއި ސަރުކާރާ ދެމެދު ވެވިފައި އޮތް އެއްބަސްވުމެއް ސަރުކާރުން ބާތިލު ކުރައްވައިގެން، އެ އަމިއްލަ ފަރާތަށް ގެއްލުމެއް ލިބިފައި އޮތިއްޔާ، އެ ފަރާތަކުން ކޯޓަށް ގޮސްގެން އެ ބަދަލު ހޯދުމުގެ މަސައްކަތް ކުރާނެއެވެ. އެއީ ދޭން ޖެހޭ ބަދަލެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަކީ ކޯޓުގެ ފަނޑިޔާރުންގެ މަސްއޫލިއްޔަތެކެވެ. ބަދަލު ދޭން ޖެހޭ ކަމަށް ކޯޓުތަކުން ނިންމައިފިއްޔާ، އެ ނިންމުމަށް ސަރުކާރުން ތަބާ ވީމާ އެ ނިމުނީއެވެ. އެ ވިދާޅުވާ އަމިއްލަ ފަރާތްތަކަކަށް ގެއްލުމުގެ ބަދަލު ހޯދައިދިނުމަކީ ޝަރުއީ ނިޒާމު އިސްލާހު ކުރުމޭ، އަދި ރައީސް އޮފީހާއި ބަންޑާރަ ނާއިބުގެ އޮފީހުގެ މަސްއޫލިއްޔަތަކީ ނުވަތަ އެ ތަންތަނުން ކުރާން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ ބަދަލު ހައްގު ވާ މީހުން އެއް ކުރައްވައިގެން އެމީހުންނަށް ބަދަލު ދެއްވުން ކަމަށް ރައީސްގެ ލީގަލް ކައުންސެލަށް ހީފުޅު ވަންޏާ، އެ ކުރެއްވެނީ ކުށްހީފުޅެކެވެ.

ނޫސްވެރީންގެ ބައްދަލުވުމުގައި ރައީސްގެ ލީގަލް ކައުންސެލް ދެއްކެވި ވާހަކައިގައި، "ކަނޑައެޅިގެން މީހަކަށް ގެއްލުމެއް ލިބިފައިވާ ހާލަތުގައި އެ މީހަކު ގާތުގައި ކޯޓަށް ދާށޭ ބުނުމަކީ އިންސާފެއް ނޫން" ކަމަށް ވިދާޅުވިއެވެ. އަދި ދައުލަތުގެ ޚަޒާނާއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ފައިސާ ހޯދުމަށް ދައުވާ ކުރާ ފަރާތްތަކާ އެކު ކޯޓުން ބޭރުގައި ވާހަކަ ދައްކައިގެން އެ ފަރާތްތަކަށް ބަދަލު ދިނުމުގެ ކަންކަން ކުރަނީ ކޯޓުގެ ތިން މަރުހަލާގައި ގިނަ ވަގުތުތަކެއް ހޭދަ ވާތީ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ. މިއީ "ރެޓޮރިކް" ނޫން ދެން ކޮން އެއްޗެއްތޯއެވެ؟ ހަގީގަތް ފޮރުވުމަށް ޓަކައި، މީހުންގެ ހިތްތަކަށް ފަސޭހައިން ގަބޫލު ކުރެވޭނޭ ކަހަލަ ފޮނި އިބާރާތްތަކުން ދައްކަވާ އަސްލެއް ނެތް ވާހަކަތައް ފިޔަވައި ދެން ކޮން އެއްޗެއްތޯއެވެ؟ މުޅި ގައުމު ދަނެއެވެ. މި ބެއިފުޅުންގެ ބާރުގައި ދިވެހި ގައުމުގައި މިއަދު ގާއިމު ކުރެވިފައި ވާ "އިންސާފުގެ ނިޒާމުގައި" އަނިޔާއަކަށް ވަނީ، ވަކި މީހަކު ވަކި މީހަކަށް ކޮށްފައި ވާ އަނިޔާ އެކަންޏެވެ. ކިތަންމެ ބޮޑު ދެރައެއް ސަރުކާރުން ދީފައި ވާ މީހަކަށް ވެސް، ގެއްލުމުގެ ބަދަލު ހައްގު ވަނީ އޭނާ ސިޔާސީ މަގުގައި އުފުލާ ދިދައިގައި ވަކި ކުލައެއް ހުރިއްޔާ އެކަންޏެވެ. ގަސްތުގައި މި ކުރައްވާ ކަމަކީ، ނުވަތަ ވާނުވާ ނޭނގޭ ހާލަތުގައި ތިއްބަވައިގެން މި ކުރެއްވޭ ކަމަކީ، މިނިވަން އަދި މުސްތަގިއްލު ފަނޑިޔާރުގޭގެ ހަރުދަނާ ނިންމުންތަކެއް ނެތި، އެކުވެރީންނަށް ދައުލަތުގެ ޚަޒާނާއިން ބަދަލުގެ ގޮތުގައި މިލިއަނުން ފައިސާ ބެހުން ކަން، މިއަދު ދިވެހި ގައުމުގެ އެންމެ ކުޑަ ކުއްޖާއަށް ދާންދެން ދަނެއެވެ. ވީމާ، މި ކަހަލަ ތާކުންތާކު ނުޖެހޭ ވާހަކަތަކުން މީހުން މަގު ފުރައްދަވާން އުޅުއްވުމުން ވާނޭ ހަމައެކަނި ކަމަކީ، މި ބެއިފުޅުންގެ އިޚްލާސްތެރިކަމެއް އަދި ނަޒާހަތްތެރިކަމެއް ނެތްކަން އިތުރަށް ސާބިތު ވުމެވެ.

މި ދެންނެވި ނޫސްވެރީންގެ ބައްދަލުވުމަށް ފަހު މީހުންގެ ސަމާލުކަމަށް އައި އެހެން ހަގީގަތެއް ވެސް އެބައޮތެވެ. އެއީ، ދާދި ފަހުން ސަރުކާރުން އެ ފަރާތަކަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 15 މިލިއަން ރުފިޔާ ދޭން ނިންމި މަންދު ކޮލެޖުން، އެ ބަދަލު ހޯދުމަށް ޓަކައި ފަނޑިޔާރުގެއަށް ހުށައެޅި މައްސަލައިގައި އެ ކޮލެޖަށް ގާނޫނީ ލަފާ ދީ އަދި ކޯޓުގައި އެ ކޮލެޖުގެ ފަރާތުން ވަކާލާތު ކޮށްދިނީ ރައީސްގެ ލީގަލް ކައުންސެލް އަލްއުސްތާޒު އަޙްމަދު ޢަބްދުﷲ ޢަފީފުގެ ގާނޫނީ ފާމުން ކަމެވެ. ނޫސްވެރީންގެ ބައްދަލުވުމުގައި އެއް ނޫހެއްގެ ފަރާތުން އެކަމާ ބެހޭގޮތުން ސުވާލު ކުރުމުން، ރައީސްގެ ލީގަލް ކައުންސެލް ވަނީ އެކަމަށް އެއްބަސް ވެވަޑައިގެންފައި ކަމަށް އެ ނޫހުގައި ރިޕޯޓު ކޮށްފައި ވެއެވެ. އެއްބަސް ވެވަޑައިގެންފައިމެ، އޭނާ ވަނީ އެ މައްސަލައިގައި މަންދު ކޮލެޖަށް ބަދަލު ދިނުމަށް ސަރުކާރުން ނިންމި ނިންމުމުގައި އޭނާ ބައިވެރި ވެވަޑައިނުގަންނަވާ ކަމަށް ވިދާޅުވެ، މަސްލަހަތު ފުށު އަރާ ކަމެއް ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ބަޔަކު ފަހެ ހައިރާނެއް ނުވާނެތޯއެވެ؟ މަންދު ކޮލެޖުން ދައުވާ ކުރަނީ ސަރުކާރާ ދެކޮޅަށެވެ. ދައުލަތުގެ މާލިއްޔަތުން އެ ކުންފުންޏަށް ބަދަލުގެ ގޮތުގައި އެތައް މިލިއަން ރުފިޔާއެއް ހޯދުމަށް އެދިއެވެ. އެ މައްސަލައިގައި މަންދު ކޮލެޖުގެ ފަރާތުން ކޯޓަށް ގޮސް، ދައުލަތުގެ ޚަޒާނާއިން އެ ފައިސާ މަންދު ކޮލެޖަށް ދޭން ޖެހެޔޭ ބުނެ ވަކާލާތު ކުރަނީ، އަދި އެ ފައިސާއިން ފީގެ ގޮތުގައި ބައި ނަގަނީ، ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލްއެވެ. ދިވެހި ސަރުކާރާއި ދިވެހި ދައުލަތުގެ އިސް ވެރިޔާގެ ރަސްމީ ގާނޫނީ ވަކީލެވެ. މި ތަނުގައި މަސްލަހަތު ފުށުއެރުމެއް ނެތޭ، ގާނޫނީ ވަކީލުންގެ ސުލޫކު މުގުރައިލުމެއް ނެތޭ، ބުނާ މީހަކާ މެދު އަޖާއިބުން އަޖާއިބެވެ. ހަމަ އެހެންމެ، މި ވަރުގެ ކަންކަން ހިނގައިގެން ދާ އިރު، ދިވެހިރާއްޖޭގައި ގާނޫނީ ވަކީލުންގެ ކަންކަން ތަންޒީމު ކުރާ ތަނެކޭ ކިޔައި ހަދައިފައި އޮންނަ ބާރ ކައުންސިލް މަންމަންކަމާއި ބީރުކަމާއި ކަނުކަމުގައި އޮންނަނީ، އަދި އެތަނުގައި ތިބި ބޮޑެތި ބޮޑެތި ވަކީލުން ކުރެ އެކެއްގެ ވެސް ދުލުން ބަހެއް ބޭރު ނުވަނީ ކޮންފަދަ ސަބަބަކާ ހުރެތޯ ބަލާކަށް ނުޖެހޭތޯއެވެ! އަޅުގަނޑަކީ ވެސް ގާނޫނީ ވަކީލަކީމެވެ. ނަމަވެސް، ބާރ ކައުންސިލު އުފެދުނީއްސުރެ، ރާއްޖޭގައި ފަނޑިޔާރުގޭގެ މިނިވަންކަން ނިގުޅައިގަނެ، ގާނޫނުއަސާސީ މުގުރައި، ދައުލަތުގެ ބަންޑާރަ ނާއިބާއި ދައުލަތުގެ ވެރިޔާގެ ލީގަލް ކައުންސެލާ ހަމައިން، ގާނޫނީ ވަކީލުންގެ ޕްރޮފެޝަނުގެ ސުލޫކީ މިންގަނޑުތައް މުގުރުއްވަމުން ގެންދަވާ އިރު އެކަމާ މެދު ޒިންމާ ނުއުފުއްލަވާ ބާރ ކައުންސިލެއްގެ ނިންމުމެއް ނުވަތަ ފިޔަވަޅެއް ނުވަތަ ޝަރުއިއްޔަތެއް އަޅުގަނޑު ބަލައެއްނުގަންނާނަމެވެ.

ކޮންމެއަކަސް، ރައީސްގެ ލީގަލް ކައުންސެލް 2 މެއިގައި ދެއްކެވި ވާހަކަތަކަށް ފަހު ދެން ފެނިގެން ދިޔައީ، ފަށަމުން ވެސް ދެންނެވި ފަދައިން، ބައެއް މީހުން ހިނި އަންނަ ޒާތުގެ، ބައެއް މީހުން އިންތިހާއަށް ރުޅި އަންނަ ޒާތުގެ ކޯޅުންގަނޑެކެވެ. އެ ކޯޅުންގަނޑު އުފެދޭން މެދުވެރި ވީ، ލީގަލް ކައުންސެލްގެ ވާހަކައިގައި "ރައްޔިތުންގެ މަޖިލިހުގެ މަސައްކަތް ލަސް ވާތީ، ދައުލަތުން ބަދަލު ދޭން ޖެހޭ މައްސަލަތައް އިންސާފުވެރިކަމާއި، ދެފުށް ފެންނަ ގޮތެއްގައި ކުރިއަށް ގެންދާން ހުރަސް އެޅޭ ކަމަށް" ވިދާޅުވުމުގެ ސަބަބުން ކަމަށް ފެނެއެވެ. އޭނާ ވަނީ، ޚާއްސަ ގޮތެއްގައި މަދަނީ އިޖުރާއާތުގެ ގާނޫނު ހެދުމުގެ މަސައްކަތް މަޖިލިހުގައި ލަސް ވަމުންދާކަން ފާހަގަ ކުރައްވައިފައެވެ.

މި މޭރުމުން ރައްޔިތުންގެ މަޖިލިހަށް ތުހުމަތުގެ އިނގިއްޔެއް ދިއް ކުރެއްވުމުން، ލަސްތަކެއް ނުވެ މަޖިލިހުގެ "ޖުޑީޝަރީ ކޮމިޓީން" އެ ތުހުމަތުތަކަށް ރައްދު ދިނެވެ. 03 މެއި ގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމެއްގައި، ޖުޑީޝަރީ ކޮމިޓީގެ މުގައްރިރު އިމްތިޔާޒު ފަހުމީ ވިދާޅުވެފައި ވަނީ އަދުލުއިންސާފުގެ ނިޒާމު ހަރުދަނާ ކޮށް، އަދުލުއިންސާފު ކަށަވަރު ކުރުމަށް ޓަކައި މަޖިލިހުން ހަދާން ޖެހޭ އެތައް ގާނޫނެއް ނުހެދި އޮތީ ސަރުކާރުން ބިލުތައް ހުށަނާޅާތީ ކަމަށެވެ. ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވަމުން، އޭނާ ވިދާޅުވެފައި ވަނީ، މި އަހަރުގެ ނިމުނު ފުރަތަމަ ދައުރުގައި 33 ބިލެއް މަޖިލިހަށް ފޮނުވާން ހަމަޖެހިފައި އޮތް އިރު، ސަރުކާރަށް ފޮނުވުނީ އޭގެ ތެރެއިން އެންމެ ހަތް ބިލު ކަމަށެވެ. އެ ހަތް ބިލުގެ ތެރޭގައި ވެސް، ބައެއް ބިލުތަކަކީ "ކުޑަކުޑަ ހައެއްކަ ފޮޅުވަތް" ހިމެނޭ ބިލުތައް ކަން ވެސް އޭނާ ފާހަގަ ކުރެއްވިއެވެ. އެހެންކަމުން، އިމްތިޔާޒުގެ ވާހަކަފުޅަކީ ތެދު ކަމަށް ވަންޏާ، މަޖިލިހަށް ހުށައަޅާން ޖެހޭ ބިލުތައް ހުށައެޅުމުގައި ސަރުކާރުގެ ކަންނެތްކަން ހުރި މިންވަރާ މެދު ހައިރާން ވާން ޖެހެއެވެ.

އަނެއްކޮޅުން، ޖުޑީޝަރީ ކޮމިޓީގެ ވާހަކައާ މެދު ބުނާން ޖެހެނީ ކީކޭ ބާވައެވެ! ދިވެހި ދައުލަތުގެ ގާނޫނު އަސާސީގެ ފަސް ވަނަ މާއްދާ އާއި 70 ވަނަ މާއްދާ ބުނާ ގޮތުން، ދިވެހިރާއްޖޭގައި ގާނޫނު ހެދުމުގެ އެންމެހައި ބާރުތައް ލިބިގެން ވަނީ ރައްޔިތުންގެ މަޖިލިހަށެވެ. ގާނޫނުއަސާސީގެ ތިން ވަނަ ބާބުގައި، ރައްޔިތުންގެ މަޖިލިހުގެ ބާރުތައް ތަފްސީލީ ގޮތެއްގައި ވަނީ އެކަށައެޅިފައެވެ. މަޖިލިހުން ގާނޫނު ހެދުމަށް ޓަކައި ކުރާ މަސައްކަތަކީ، ސަރުކާރުން ކުރާ ނުވަތަ ނުކުރާ ކަމަކާ ޒަރޫރީ ގޮތުން ގުޅި ލާމެހިފައި ވާ ކަމެއް ނޫނެވެ. ދިވެހި ދައުލަތުގައި ތިން ބާރު ވަކި ކުރެވި، ގާނޫނު ހެދުމުގެ ހުރިހައި ބާރުތަކެއް ރައްޔިތުންގެ މަޖިލިހަށް ދެވިފައި ވާ އިރު، ރައްޔިތުންގެ މަޖިލިހަށް އެ މަޖިލިހުގެ ލެޖިސްލޭޓިވް އެޖެންޑާ ކަނޑައެޅޭނެއެވެ. ސަރުކާރާއި، އަދުލުއިންސާފު ގާއިމު ކުރުމުގެ ބާރާއި، މިނިވަން މުއައްސަސާތަކާ މަޝްވަރާ ކޮށްގެން، މަޖިލިހަށް އެ މަޖިލިހުގެ ލެޖިސްލޭޓިވް އެޖެންޑާ ކަނޑައެޅޭނެއެވެ. ގާނޫނުތައް ޑްރާފްޓް ކުރުމުގެ މަސައްކަތް މަޖިލިހުން، މަޖިލިހުގެ މެންބަރުންގެ ބެލުމުގެ ދަށުން، ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސޭނެއެވެ. ޚާއްސަ ގޮތެއްގައި، ޝަރުއީ ދާއިރާއާ ގުޅުން ހުރި، މަދަނީ އިޖުރާއާތުގެ ގާނޫނު ފަދަ ގާނޫނުތައް ޑްރާފްޓް ކުރުމަށް ޓަކައި މަޖިލިހުން ސަރުކާރަށް ބަރޯސާ ވާކަށް ނުޖެހެއެވެ. ކޯޓުތަކާއި ފަނޑިޔާރުންނާއި ގާނޫނީ ވަކީލުންނާއި ޕްރައިވެޓް ސެކްޓަރ ސްޓޭކްހޯލްޑަރުންގެ މަޝްވަރާއާ އެކު، އެ ގާނޫނު ޑްރާފްޓް ކުރުމުގެ މަސައްކަތް މަޖިލިހުގެ ބެލުމުގެ ދަށުން ވެސް ކުރެވޭނެއެވެ. އެކަން ނުކުރައްވައި، ބަންޑާރަ ނާއިބުގެ ދުވެލި ލަސް ވާހަކަ ދައްކަވާން ޖެހޭ ސަބަބެއް ނެތެވެ. ދުނިޔޭގެ ކުރި އަރައިފައި ހުރި އެތައް ނިޒާމެއްގައި، މަދަނީ އަދި ޖިނާއީ އިޖުރާއާތުގެ ގާނޫނުތައް ފަދަ، ކޯޓުތަކުގެ އިޖުރާއީ ނިޒާމާ ބެހޭ ގާނޫނުތަކާއި ގަވާއިދުތައް ހެދުމުގައި ތަންފީޒީ ބާރުގެ އެއްވެސް ދައުރެއް ނޯވެއެވެ. މިސާލަކަށް، ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގައި، ފެޑްރަލް މަދަނީ އަދި ޖިނާއީ އިޖުރާއާތުގެ ގަވާއިދުތަކާއި، ހެއްކާ ބެހޭ ގަވާއިދުތައް ހަދަނީ، ކޮންގްރެހުން ފާސް ކޮށްފައި އޮންނަ "ހައެއްކަ ފޮޅުވަތުގެ" އިނޭބްލިންގ ގާނޫނެއްގެ ދަށުން، އެމެރިކާގެ ފެޑްރަލް ޖުޑީޝަރީންނެވެ. އެ ގައުމުގެ ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުންނެވެ. ވީމާ، ދިވެހިރާއްޖޭގައި ވެސް، ބަންޑާރަ ނާއިބާއި ރައީސް އޮފީސް ކަމުގެ ތެރެޔަށް ނުވައްދައި، ކޯޓުތަކާ ގުޅިގެން މަޖިލިހަށް މި ގާނޫނުތައް ޑްރާފްޓް ކުރުމުގެ މަސައްކަތްތައް ކުރެވޭނެއެވެ.

މީގެ އިތުރުން، ބަންޑާރަ ނާއިބުގެ މަގާމު ފަދަ މަގާމުތަކަށް ސިޔާސީ ޕާޓިތަކުގެ އެކްޓިވިސްޓުން ލާ އިރު، އެފަދަ މީހުންނަށް މަގާމުގެ މަސްއޫލިއްޔަތުތައް ރަނގަޅަށް އަދާ ނުކުރެވޭނޭކަން، މަޖިލިހަށް ނޭނގުން، މިއީ މި މައްސަލައިގެ އެއް އަސްލު ނޫންތޯއެވެ؟ މަޖިލިހުގައި ގާނޫނެއް ޑްރާފްޓް ކުރެވޭ ވަރުގެ، އަދި ބަޔަކު ޑްރާފްޓް ކޮށްފައި އޮތް ގާނޫނެއް ވެސް ރަނގަޅުތޯ ނުވަތަ ނޫންތޯ ދެނެގަނެވޭ ވަރުގެ ވިސްނުމާއި ތައުލީމު ހުރި ހައެއްކަ މެންބަރުން ފިޔަވައި ނެތުން، މިއީ މައްސަލައިގެ އެއް އަސްލު ނޫންތޯއެވެ؟

މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީގެ ނޫސްވެރީންގެ ބައްދަލުވުމުގައި އިމްތިޔާޒު ދެއްކެވި ވާހަކަތަކާ ގުޅިގެން، ހަމަ އެ ދުވަހު ބަންޑާރަ ނާއިބުގެ އޮފީހުން ވެސް ނޫސްބަޔާނެއް ނެރުއްވިއެވެ. އެ ބަޔާނުގެ ފުރަތަމަ ހަ ފޮޅުވަތުގެ ތެރޭގައި އޮތީ ދޮގު ހައްދަވައިފައެވެ. އެ ދޮގަކީ، މަދަނީ އިޖުރާއާތުގެ ބިލު އެކުލަވައިލުމުގެ މަސައްކަތް ބަންޑާރަ ނާއިބުގެ އޮފީހުން ފަށައިފައި ވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ކަމަށް ވިދާޅުވެފައި އޮތް ވާހަކައެވެ.

މަދަނީ އިޖުރާއާތުގެ ގާނޫނެއް ހެދުމަށް ޓަކައި، ޑްރާފްޓް ބިލެއް ދިވެހިރާއްޖޭގެ ބަންޑާރަ ނާއިބުގެ އޮފީހުން އެކުލަވައިލިތާ މިހާރު ދިހަ ވަރަކަށް އަހަރު ވެއްޖެއެވެ. އަޅުގަނޑު 2010 ގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވަޒީފާއަށް ނުކުތްތާ މާކަ ގިނަ ދުވަހެއް ނުވަނީސް، އެ ޑްރާފްޓް ބިލާ ގުޅިގެން ބަންޑާރަ ނާއިބުގެ އޮފީހުން ތައްޔާރު ކުރެއްވި ކަރުދާހެއް ދިރާސާ ކުރުމުގެ މަސައްކަތް ކުރީމެވެ. މި ދަންނަވާ ޑްރާފްޓާއި ކަރުދާހަކީ ކޯޓުތަކާ ވެސް ހިއްސާ ކުރެވުނު އެއްޗެކެވެ. ޝަރުއީ ދާއިރާއިން އެއަށް ޚިޔާލުތައް ވެސް ފޮނުވިފައި ވެއެވެ. މި ކަންކަން ހިނގައިދިޔަ ތާރީޚުތައް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ރިކޯޑުތަކުގައި އެނގޭން ހުންނާނެއެވެ. އަޅުގަނޑަށް އެނގިހުރި މިންވަރުން، ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު އެންމެ ފުންކޮށް ދިރާސާ ކޮށް، އެ ނިޒާމުގައި ހުރި މައްސަލަތައް އެންމެ ރަނގަޅަށް ފާހަގަ ކޮށް، އެ ކަންކަން ރަނގަޅު ކޮށް އިސްލާހު ކުރުމާ ބެހޭ އެންމެ ހަރުދަނާ އަދި އެންމެ ޝާމިލު ޕްލޭނެއް އެކުލަވައިލައިފައި ވަނީ، 2018 އަހަރުގެ ތެރޭގައި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީންނެވެ. އެ އަހަރުގެ ސެޕްޓެންބަރު މަހުގެ 16 އިން 20 އަށް އެ އެކަޑަމީން ބޭއްވި "ދިވެހިރާއްޖޭގެ މަދަނީ ޢަދުލުގެ ނިޒާމު ހަރުދަނާ ކުރުމާ ބެހޭ ސެމިނާރު"ގެ މަޝްވަރާތަކާއި ތަހުގީގުތަކަށް ފަހު، އެކުލަވައިލެވުނު ރިޕޯޓެއްގެ ސިފައިގައެވެ. އެއިގެ ކުރީން ވެސް، އަދި އެއިގެ ފަހުން ވެސް އެހައި ޝާމިލު އަދި ރަނގަޅު ޕްލޭނެއް ކަމާ މެދު ހެދިފައި އޮއްވައެއް އަޅުގަނޑު ނުދެކެމެވެ. މި ދެންނެވި ސެމިނާރުގައި ކޯޓުތަކުގެ އިތުރުން، ބަންޑާރަ ނާއިބުގެ އޮފީހުން ވެސް ބައިވެރި ވެވަޑައިގަތެވެ. ސެމިނާރުގެ އެއް ސެޝަން ޚާއްސަ ކުރެވިފައި އޮތީ ޤާނޫނީ ވަކީލުންނާ އެކު މަޝްވަރާ ކުރުމަށެވެ. އެ ސެޝަނުގައި އަލްއުސްތާޒު ޝާހީން ޙަމީދާއި، އަލްއުސްތާޒު އަޙްމަދު މުޢިއްޒާއި، ޑރ. އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޒު ޢައްބާސް ޝަރީފާއި، އަލްއުސްތާޒު މުޙައްމަދު ޝަހުދީ އަންވަރު ބައިވެރި ވެވަޑައިގެންފައި ވެއެވެ. މި ދަންނަވާ ރިޕޯޓު ވެސް ވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށައެޅިފައެވެ.

ކަން މިހެން އޮތް އިރު، މަދަނީ އިޖުރާއާތުގެ ބިލު އެކުލަވައިލުމުގެ މަސައްކަތް ބަންޑާރަ ނާއިބުގެ އޮފީހުން ފަށައިފައި ވަނީ 2019 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައޭ ވިދާޅުވާން ޖެހޭ ސަބަބަކީ ކޮބައިބާވައޭ، މި ސުވާލު އުފެދެއެވެ. އަޅުގަނޑު ހިތުން، މީގެ އެއް ސަބަބަކީ އަޅުގަނޑުމެންގެ ތެރޭގައި އޮންނަ ވަރަށް ނުބައި ސަގާފަތެކެވެ. އެއީ ކޮންމެ ސަރުކާރަކާ އެކު، ކުރީ ސަރުކާރު ނުވަތަ ސަރުކާރުތަކުގައި ކޮށްފައި ހުންނަ މަސައްކަތްތައް މުޅީން އުކައިލައި، އަލުން ބަލުން ހުރިހައި ކަމެއް ފަށައިގަތުމުގެ ސަގާފަތެވެ. އޮޅުމެއް ނެތް ގޮތުގައި މި ސަގާފަތުގެ އަސްލަކީ އަޅުގަނޑުމެންގެ ކިބައިގައި ހުންނަ ތައައްސުބުވެރިކަމާއި، އަޅުގަނޑުމެންގެ ތަސައްރަފު ނުފުދުމެވެ. އެހެން ނޫން ނަމަ، ކޮންމެ އައު ބަންޑާރަ ނާއިބަކު، ކުރީގެ ހުރިހައި "ޑްރާފްޓްތަކެއް" އުއްކަވައިލައްވައިފައި، އަލުން ބަލުން ހުރިހައި މަސައްކަތްތަކެއް ފައްޓަވާކަށް ވެސް ނުޖެހޭނެއެވެ.

ކޮންމެއަކަސް، މި ކޯޅުންގަނޑެއްގެ ތެރޭގައި ފެނިގެން ދިޔަ އެންމެ މުހިއްމު ކަމަކީ، ޝަރުޢީ ދާއިރާ އިސްލާހު ކުރާނަމޭ، އަދުލުއިންސާފު ގާއިމު ކުރާނަމޭ ކިޔައިގެން މި ބެއިފުޅުން ދެއްކެވި އަދި ދައްކަވަމުން ގެންދަވާ ވާހަކަތަކަކީ އެއްވެސް އިޚްލާސްތެރިކަމެއް ނެތި ދައްކަވާ ވާހަކަތަކެއް ކަމަށް ވުމުގެ އިތުރުން، އެ ވިދާޅުވާ ކަންކަން ކުރުމަށް ބޭނުން ވާ ބުއްދި އާއި ތަސައްރަފު ފުދުން އެ ބެއިފުޅުންގެ ކިބައިގައި ނެތް ކަމެވެ. އަނެއްކާވެސް ތަކުރާރުކޮށް ދަންނަވައިލާނަމެވެ. މަޖިލިސް މެންބަރުކަމަށާއި، ބަންޑާރަ ނާއިބާއި، ރައީސުލްޖުމްހޫރިއްޔާގެ ލީގަލް ކައުންސެލް ފެންވަރުގެ މަގާމުތަކަށް، މަގުމަތީގައި ސިޔާސީ ބެޖު ޖަހައިގެން ހަޅޭއްލަވާން އުޅުން ފިޔަވައި އެހެން މާބޮޑު ކޮލިފިކޭޝަނެއް ނެތް މީހުންނާއި، އަދި ކޮލިފިކޭޝަނެއް އޮތަސް، ކަމަށް ބޭނުން ވާ ތަޖުރިބާ އާއި ނަޒާހަތްތެރިކަން ނެތް މީހުން ލައިގެން އުޅޭ ނަމަ، މި ކަހަލަ ގޮތްގޮތް ނޫނީ ނުވާނެއެވެ.

comment ކޮމެންޓް