ހައްޔަރު ކުރި ތިން މީހުންވެސް ކޯޓުގައި ބުނީ ހަމަލާއާ ގުޅުމެއް ނެތް ކަމަށް

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ހައްޔަރުކުރި އަދުހަމް އަހްމަދު ރަޝީދު (ކ)، މުޖާޒު އަހްމަދު (މ) އަދި ތަހުމީން އަހްމަދު (ވ) --

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާލޭގައި ދިން ބޮމުގެ ހަަމަލާއާ ގުޅިގެން ހައްޔަރު ކުރި ތިން މީހުންވެސް ހަމަލާއާ ގުޅުމެއް ނެތްކަމަށް ކޯޓުގައި ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ކަމަށް ބެލެވޭ އެ ހަމަލާއާ ގުޅިގެން މިހާތަނަށް ހައްޔަރު ކުރީ، މއ. ފޭރުގެ، މުޖާޒު އަހުމަދު، 21، ގއ. ކޮނޑޭ، ފޮޅޭމާ، ތަހުމީން އަހުމަދު، 32، އަދި ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދު، 26 އެވެ.

އެ ތިން މީހުންގެ ބަންދު ޖަހަން ކޯޓަށް ގެންދިޔުމުން ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިއަށްގެންދަން ކްރިމިނަލް ކޯޓުން ވަަނީ 15 ދުވަސް ޖަހައިފަ އެވެ.

އެ ތިން މީހުންވެސް ބަންދުގައި ބަހައްޓަން ނިންމީ އެ މީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެތީ އެވެ.

ކޯޓު އަމުރުގައިވާ ގޮތުން އެ ތިން މީހުންވެސް ކުށް ކުރިކަމުގެ ތުހުމަތެއް އުފެދޭ މިންވަރަށް ދައުލަތުން ވަކީ ހެކި ހުށަހަޅައިފަ އެވެ.

ދިފާއުގައި ވާހަކަ ދައްކަން ފުރުސަތު ދިނުމުން އަދުހަމް ބުނެފައި ވަނީ އޭނާއާ ކުށާ އެއްވެސް ކަހަލަ ގުޅުމެއް ނެތް ކަމަށެވެ. އަދި އިތުރަށް ދައްކާނެ ވާހަކައެއް ނެތް ކަމަށް ބުނެފައިވެ އެވެ.

ތަހުމީން އަކީ ގޮއްވާލި ސައިކަލުގެ ވެރިފަރާތް ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، ތަހުމީން ކޯޓުގައި ބުނެފައި ވަނީ އޭނާގެ ނަމުގައި ގޮއްވާލި ސައިކަލުގެ ރަޖިސްޓްރީކޮށްފައި ނުވާނެ ކަމަށެވެ.

މުޖާޒުވެސް ވަނީ އޭނާ ކުށް ނުކުރާ ކަމަށް ބުނެފަ އެވެ. އަދި އޭނާއާއި އޭނާގެ ވަކީލު ބައްދަލު ނުވާތީ މާ ބޮޑު މައުލުމާތެއް އަދި ނުލިބޭ ކަމަށް ވަކީލު ބުނެފައިވެ އެވެ.

އެ ތިން މީހުންނަކީވެސް ހައްޔަރު އަދި ކުށުގެ ރެކޯޑު އޮތް މީހުންކަން ކޯޓު އަމުރުތަކުން އެނގެ އެވެ. ފުލުހުންވެސް މީގެ ކުރިން އެހެން ބުނެފައިވެ އެވެ.

ކުރިން ހައްޔަރު ކުރި މައްސަލަތަކުގެ ކުޑަ ތަފްސީލެއް ދީފައި ވަނީ ހަމައެކަނި އަދުހަމްގެ ކޯޓު އަމުރުގަ އެވެ. އޭނާގެ ކޯޓު އަމުރުގައިވާ ގޮތުން، އޭނާ އަކީ 2013 ވަނަ އަހަރު މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރު ކުރެވުނު މީހެކެވެ. އަދި 2020ގައި އޭނާ ވައްކަމުގެ މައްސަލައެއްގައި ހައްޔަރު ކުރެވުނެވެ.

comment ކޮމެންޓް