ޓެރަރިޒަމަށް ހިތްވަރުދީ ކޮމެންޓު ކުރާ މީހުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅަނީ

އޭސީޕީ މުހައްމަދު ރިޔާޒް --- ސަން ފޮޓޯ/ މުހައްމަދު މުަޒައްޔިން ނާޒިމް

ޓެރަރިޒަމަށް ތާއީދުކޮށް، ނުވަތަ އެފަދަ ކަންކަމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ކޮމެންޓުކޮށް ވާހަކަދެއްކުމަކީ ޖިނާއީ ކުށެއްކަން ހަނދާން ކޮށްދީ، އެފަދަ ފަރާތްތައް ހޯދާ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ފުލުހުން ދީފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މި މަހުގެ ހަވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅޭ ފަހުގެ މައުލޫމާތު ދިނުމަށް މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އޭސީޕީ މުހައްމަދު ރިޔާޒް ވިދާޅުވީ އެ ހަމަލާއަށް ފަހު އެކި ފަރާތްތަކުން ސޯޝަލްމީޑިއާ އާއި، ބައެއް އޮންލައިން ނޫސްތަކުގެ ކޮމެންޓް ސެކްޝަންތަކުގައި ވެސް އެކި ގޮތްގޮތަށް ހިޔާލު ފާޅުކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ބައެއް ފަރާތްތަކުން ޓެރަރިޒަމްގެ މި އަމަލަށް ހިތްވަރުލިބިދޭ ކަހަލަ ވާހަކަ އާއި އެކަން ކުރި މީހުންނަށް ތައުރީފުކޮށް ކޮމެންޓު ކުރުން ފަދަ ކަންކަން ފާހަގަވެފައިވާ ކަމަށެވެ.

މިބާވަތުގެ ޓެރަރިޒަމްގެ އަމަލުތަކަށް އެއްވެސް ސިފައެއްގައި ތައުރީފު ކުރުމާއި، ހިތްވަރު ދިނުމާއި، ޝައުގުވެރިކުރުވުމާއި، ނޫނީ ތާއީދުކުރާ ކަމަށް ދެއްކުމަކީ ދިވެހިރާއްޖޭގެ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން ވެސް މަނާކޮށްފައިވާ، އަދި އެހެން ގާނޫނުތަކުން ވެސް އަދަބު ކަނޑަޅިފައިވާ ޖިނައީ ކުށްތައް ކަން އޭސީޕީ ވަނީ ހަނދާންކޮށްދެއްވައިފަ އެވެ.

އޭސީޕީ ރިޔާޒް ވިދާޅުވީ ކާކުކަން އެނގޭ ގޮތަށް އަދި ކާކު ކަން ނޭނގޭ ގޮތަށް ވެސް ހަދާފައިވާ ސޯޝަލް މީޑިއާގެ ބައެއް އެކައުންޓުތަކުން ޓެރަރިޒަމް އަށް ހިތްވަރު ދޭ ގޮތަށް ކޮށްފަ ހުރި ކޮމެންޓުތަކުގެ މައުލޫމާތު ނަގައި އެއީ ކޮން ބައެއްތޯ ބަލައި، އެ މައުލޫމާތުތައް އާކައިވް ކުރަމުން އަންނަ ކަމަށެވެ.

"މިގޮތަށް ޓެރަރިޒަމްގެ އަމަލުތަކަށް ހިތވަރު ލިބިދޭ ގޮތަށް ކޮމެންޓުކޮށް ނޫނީ ތާއިދުކޮށް، އެމީހުންގެ މައްޗަށް ހަމްދަރުދީ އޮތްކަން ދައްކައިދޭ ކަހަލަ ކޮމެންޓް ކުރާ ފަރާތްތަކުގެ މައްސަލަ ބަލައި އެފަރާތްތަކާ މެދު އަޅަންޖެހޭ ގާނޫނީ ފިޔަަވަޅު އަޅާނެ ކަމުގައި ދަންނަވާލަން،" އޭސީޕީ ރިޔާޒް ވިދާޅުވި އެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައި ވަނީ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެއް ކަމަށެވެ.

"ހިތްވަރު ދިނުން" ކަމަށް ގާނޫނުގައި ބުނެފައި ވަނީ، މީހަކު ބުނާ ބުނުމަކުން ނުވަތަ ދޭ ބަޔާނަކުން، އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ނުވަތަ ރޭވުމަށް ނުވަތަ މަގުފަހިކުރުމަށް ހިތްވަރުދޭ ކަމެއްކަމަށް އާންމުންނަށް ނުވަތަ އާންމުންގެ ބަޔަކަށް ފެންނަ ފެނުން ކަމަށެވެ.

އެގޮތުން ޓީވީ، ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ވެސް ޓެރަރިޒަމަށް ހިތްވަރު ދިނުމަކީ ކުށެކެވެ. ޓެރަރިޒަމަށް ހިތްވަރުދިނުމުގެ އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ޕޮލިސް، މުހައްމަދު ހަމީދު ވިދާޅުވީ މިފަދަ ހަބަރުތަކާ ގުޅިގެން، އޮންލައިން ނޫސްތަކުގެ ކޮމެންޓް ސެކްޝަނާއި ސޯޝަލް މީޑއިއާ ޕޭޖުތަކުގައި އެކި ފަރާތްތަކުން ކާކުކަން އެނގޭ ގޮތަށާއި ކާކު ކަން ނޭނގޭ ގޮތަށް ވެސް އެކަމަށް ތާއީދުކޮށް ކޮމެންޓް ކުރާކަން ސާފުކޮށް ފެންނަން އޮތް ކަމަށެވެ.

"އެފަދަ އަމަލުތަކަށް ހިތްވަރުދީ، މީހުންނަށް ބިރު ދައްކާ އިންޒާރުދީ މިފަދަ މޭރުމަކުން ވަރަށް ފުޅާކޮށް ކުރަމުން އަންނަނީ،" ސީޕީ ވިދާޅުވި އެވެ.

ސީޕީ ވިދާޅުވީ އެެއީ ވަރަށް ނުރައްކާތެރިކަން ބޮޑު މައްސަލައެއް ކަމަށާއި، އެހެންކަމުން ޓެރަރިޒަމަށް ހިތްވަރު ދިނުމުގެ އިތުރުން މީހުންނަށް އިންޒާރުދީ ހަދާ މީހުންގެ ކަންކަން މޮނީޓާކުރަމުން އަންނަ ކަމަށެވެ. ސީޕީ ވަނީ އެ ކަމުގައި މީޑިއާތަކުގެ އެހީތެރިކަމަށް ވެސް އެދިވަޑައިގެންފަ އެވެ.

އެގޮތުން މީޑިއާތަކުގެ ސޯޝަލް މީޑިއާ ޕޯސްޓުތަކަށް ކުރާ އެފަދަ ކޮމެންޓުތައް ފިލްޓާކޮށްދިނުމަށް ސީޕީ އެދިވަޑައިގަތެވެ.

comment ކޮމެންޓް