އަދުހަމް އަތުލައިގަތީ އާންމު މީހަކު ދިން މައުލޫމާތުގެ މައްޗަށް

ނަޝީދަށް ހަމަލާދިން ކަމަށް ތުހުމަތު ކުރެވޭ މީހާ ފުލުހުން ހައްޔަރުކޮށްގެން ގެންދަނީ -- ސަން ފޮޓޯ/ އަހުމަދު އާޒިފު

ބުރާސްފަތި ދުވަހުގެރޭ މާލޭގައި ދިން ޓެރަރިސްޓު ހަމަލާގެ ޕްރައިމް ސަސްޕެކްޓް، އަދުހަމް އަހުމަދު ރަޝީދު ހައްޔަރު ކުރީ އާންމު މީހަކު ދިން ސީދާ މައުލޫމާތުން ކަމަށް ފުލުހުން ބުނެފި އެވެ.

ރޭ ފަތިހު އަދުހަމް ހައްޔަރުކޮށްފައިވާއިރު، އަދުހަމް ހޯދުމުގައި އާންމުންގެ އެހީތެރިކަމަށް ފުލުހުން އިއްޔެ ވަނީ އެދިފަ އެވެ. އެއާއެކު އޭނާ އާއި ގުޅޭ މައުލޫމާތު އާންމުންގެ ގިނަ ބަޔަކު ހިއްސާ ކުރި ކަމަށާއި އަދުހަމް ހައްޔަރު ކުރީ ރޭ 4:25 ހާއިރު އޭނާ ދިރިއުޅޭ ހުޅުމާލޭ ފްލެޓު 95 ޖީ 2 އިން ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން މިއަދު ވަނީ އައިއީޑީ ގޮއްވާލި ވަގުތު އަދި އޭގެ ކުޑަ ވަގުތުކޮޅެެއްގެ ކުރިން އަދުހަމްގެ މޫވްމަންޓްސް ހުރި ގޮތާއި، އެ ހާދިސާގެ ފަހުން އޭނާގެ މޫވްމަންޓްސް ހުރިގޮތް ފެންނަ ސީސީޓީވީ ފޫޓޭޖުވެސް ފުލުހުން މިއަދު ވަނީ ހިއްސާކޮށްފަ އެވެ.

ހާދިސާ ހިނގުމުގެ ކުރިން، އެ ސަރަހައްދުގައި ހުންނަ އަތަމާ ޕެލަސް ތެރޭ ފޯނުން ވާހަކަ ދައްކަން ހުންނަތަން ފެނެއެވެ. އޭނާ ހުންނަނީ ފައިވާން ބާލައި، ފާރުގައި ފައި ޖައްސައިގެންނެވެ. އެތަނުން ނެގި ފުޓް ޕްރިންޓާއި، އަދުހަމް ހައްޔަރު ކުރުމަށް ފަހު މިއަދު ނެގި ފުޓް ޕްރިންޓު ދިމާވާ ކަމަށް އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވި އެވެ.

ހާދިސާ އާއި ގުޅިގެން އަދުހަމް އާއެކު ޖުމްލަ ތިން މީހަކު މިހާތަނަށް ވަނީ ހައްޔަރު ކޮށްފައެވެ. އެ މައްސަލާގައި ދެން ހައްޔަރު ކޮށްފައިވަނީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21އ. އާއި ތަހުމީން އަހުމަދު ފޮޅޭމާ، ގއ. ކޮނޑޭ، 32އ. އެވެ.

ހަމަލާ އަށްފަހު އަދުހަމް މުޖާޒާ ބައްދަލު ކުރި ކަމަށް ފުލުހުން މިއަދު ބުނެފައިވާއިރު އިއްޔެ ވެސް ފުލުހުން ބުނެފައިވަނީ މުޖާޒަކީ ހަމަލާ ދިން މީހާ އާއި ސީދާ ގުޅުންހުރި މީހެއް ކަމަށެވެ.

ދެން ހައްޔަރު ކުރި ތަހުމީނަކީ ގޮއްވާލި ސައިކަލުގެ ވެރި މީހާ އެވެ. ސައިކަލު ގޮއްވާލުމުގެ ކުރިން ސައިކަލުގެ އިންޖީނު ރެޖިސްޓްރީ ނަންބަރު ބަދަލު ކުރަން މަސައްކަތް ކޮށްފައިވާ ކަމަށާއި ނަމަވެސް ފުލުހުންގެ ފޮރެންސިކު ޓީމުން އޭގެ އަސްލު ދެނެގަނެފައިވާ ކަމަށް އޭސީޕީ ރިޔާޒު އިއްޔެ ވިދާޅުވި އެވެ.

އަދުހަމް އަކީ އާންމު ކުށްތަކުގެ ރިކޯޑު އޮންނަ މީހެއް ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތަފްސީލެއް އަދި ހާމަ ކޮށްފަ އެއް ނުވެއެވެ.

އަދުހަމްގެ އިތުރުން ހާދިސާ އާއި ގުޅިގެން ދެން ހައްޔަރު ކުރި އަނެއް ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހައިފަ އެވެ.

comment ކޮމެންޓް