ޕްރޮޓޮކޯލާ ހިލާފުވި ކުޅުންތެރިންނަށް ހަރުކަށި އަދަބު ދޭނަން: ބެންގަލޫރު އެފްސީ

ބެންގަލޫރު އެފްސީން މާލޭގައި މެޗަށް ފަރިތަކުރަނީ -- ފޮޓޯ/ ބެންގަލޫރު އެފްސީ

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ ޕްލޭއޮފް މެޗަށް މާލެ އައިސްފައިވާ އިންޑިއާގެ ބެންގަލޫރު އެފްސީގެ ބައެއް ކުޅުންތެރިން ހޮޓަލުން ނުކުމެ ޕްރޮޓޮކޯލާ ހިލާފުވުމާ ގުޅިގެން އެ ކުޅުންތެރިންނަށް ހަރުކަށި އަދަބު ދޭން ނިންމާފައިވާ ކަމަށް އެ ކްލަބުގެ ސީއީއޯ ޕާތު ޖިންދާލް ވިދާޅުވެއްޖެ އެވެ.

ކޮވިޑްގެ ތިންވަނަ ރާޅާ އެކު ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވް ވަމުން ދިޔަ ނަމަވެސް، އޭއެފްސީ ކަޕް ރާއްޖޭގައި ބާއްވަން ސަަރުކާރުން ހާއްސަ ހުއްދައެއް ދިނީ، އޭއެފްސީ ކަޕަށް އަޅާ ފިޔަވަޅުތައް ރައްކާތެރި ވާނެ ކަމުގެ ޔަގީންކަން ސްޕޯޓްސް މިނިސްޓްރީ އާއި އެފްއޭއެމުން ދިނުމުންނެވެ. އޭއެފްސީގެ މުބާރާތްތަކަށް އޭއެފްސީން އެކުލަވާލާފައިވާ ގައިޑްލައިންގެ ދަށުން ޓީމު ކޭމްޕް ކުރުމަށް ފަހު މެޗަށް ނުވަތަ ޕްރެކްޓިހަށް ދާން ނޫން ގޮތަކަށް އެއްވެސް ޓީމެއްގެ ކުޅުންތެރިޔަކަށް ހޮޓަލުން ނުނިކުމެވޭނެ އެވެ.

އެހެން ނަމަވެސް ބެންގަލޫރު ޓީމުގެ ބައެއް ކުޅުންތެރިން އިއްޔެ ހަވީރު މާލޭގެ މަގުތަކުން ފެނިފައިވާކަން ވަނީ ހާމަވެފައެވެ. އަދި އެ ކުޅުންތެރިން މާލޭގެ މަގުތަކުގައި ހިނގަނިކޮށް ފޮޓޯ ވެސް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ.

އެކަމާ ވިދިގެން އެ ޓީމުގެ ކުޅުންތެރިން އަނބުރާ ގައުމަށް ދިއުމަށާއި، ދެން އެ ޓީމަށް އޭއެފްސީ މެޗު ރާއްޖޭގައި ނުކުޅެވޭނެކަމަށް ބުނެ ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ރޭ ވަނީ ޓްވީޓްކުރައްވައި، އެފްއޭއެމްއަށް ވެސް އެކަން އަންގައިފަ އެވެ. އަދި އެހެންމެ އޭއެފްސީން ވެސް މިހާރު އެ މައްސަލަ ބަލާފައިވާ އިރު، އެ އިދާރާއިން ނިންމީ އެ މެޗު ނުކުޅެވޭނެ ކަމަށެވެ.

ބެންގަލޫރު އެފްސީގެ ސީއީއޯ ޖިންދާލް މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވީ، އެ ކްލަބުގެ ބިދޭސީ ތިން ކުޅުންތެރިންނާއި އޮފިޝަލުންގެ ކިބައިން ފެނުނު، ބަހަނާއެއް ދެއްކެން ނެތް އަމަލަށް ކްލަބުގެ ފަރާތުން މައާފަށް އެދޭ ކަމަށެވެ.

"ޕްރޮޓޮކޯލާ ހިލާފުވި ތިން ބިދޭސީ ކުޅުންތެރިންނަށް ހަރުކަށި ފިޔަވަޅު އަޅާނަން. ބުނެލަން ބޭނުންވަނީ މިފަދަ ކަމެއް އިތުރަށް ދެން ތަކުރާރު ނުވާނެ ވާހަކަ،" އޭނާ ބުންޏެވެ.

ސަރުކާރުގެ ޚާއްސަ ހުއްދައެއްގެ ދަށުން ހުކުރު ދުވަހު މާލެ އައި ބެންގަލޫރު ޓީމުގެ ކުޅުންތެރިން، އިންޑިޔާއިން އަންނަ އެހެން މީހުންނާ ޚިލާފަށް ކަރަންޓީނު ވާކަށްވެސް ނުޖެހެއެވެ. އެކަމާ ގިނަބަޔަކު ވަނީ މީގެ ކުރިން ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށްފަ އެވެ

comment ކޮމެންޓް