ރާއްޖޭގައި ކުޅޭ އޭއެފްސީ ކަޕްގެ މަޗުތައް ފަސްކޮށްފި

އޭޕްރީލް 7، 2021: އޭއެފްސީ ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގައި ރާއްޖޭގެ ކްލަބް އީގަލްސް އާއި ބޫޓާން ތިމްޕޫ ސިޓީ މާލޭގައި ކުޅުނު މެޗުގެ ތެރެއިން: 2-0 މޮޅުވީ ކްލަބް އީގަލްސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ކުޅުމަށް ތާވަލުކޮށްފައި އޮތް އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގެ ގްރޫޕް ސްޓޭޖު މެޗުތައް، މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފި އެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖް މެޗުތައް ރާއްޖޭގައި ކުޅުމަށް ތާވާލްކޮށްފައި އޮތީ މި މަހުގެ 14 އިން 21 އަށެވެ. އޭއެފްސީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕް ޑީގެ މެޗުތައް މުއްދަތެއް ނެތް ގޮތަށް ފަސްކޮށްފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ އިތުރު މައުލޫމާތު ކުރިއަށް އޮތް ތަނުގައި ހާމަކުރަމުންދާނެ ކަމަށް ބަޔާނުގައިވެ އެވެ.

ގްރޫޕް ސްޓޭޖުގެ މެޗުތަކަށް ރާއްޖެ އައިސްފައިވާ ޓީމުތަކުން، އަނބުރާ ދިއުމުގެ އިންތިޒާމު ހަމަޖައްސަން އޭއެފްސީން ވަނީ އަންގައިފަ އެވެ. އަދި ކޮވިޑް19 އާ ގުޅިގެން އަޅާފައިވާ ރައްކާތެރިތަކުގެ ފިޔަވަޅުތަކަށް ފުރިހަމައަށް ބޯލެނބުމަށް ވަނީ އަންގައިފަ އެވެ.

ހަމައެއާއެކު، އަދި ރާއްޖެއަށް އައިސްފައި ނުވާ ކްލަބްތަކަށް ވެސް، އެ ޓީމުތަކުގެ ދަތުރުތައް ކެންސަލް ކުރަން އޭއެފްސީން ވަނީ އަންގައިފަ އެވެ.

އޭއެފްސީ ކަޕްގެ މެޗުތަކަށް ރާއްޖެ އައިސްފައި ވަނީ އިންޑިއާގެ ބެންގަލޫރު އެފްސީ އެވެ. ގްރޫޕް ޑީގައި ދެން ހިމެނޭ އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް ދިޔައީ ރާއްޖެ އައުމަށް ތައްޔާރުވަމުންނެވެ.

ރާއްޖޭގައި ކުޅޭގޮތަށް އޮތް އޭއެފްސީ ކަޕްގެ މެޗުތައް ފަސްކުރަން ޖެހުނީ ރާއްޖެ އަައި ބެންގަލޫރު ޓީމުން، ގަވާއިދާ ހިލާފުވުމުންނެވެ.

ބެންގަލޫރު ޓީމު ރާއްޖެ އައިސް، އެ ޓީމު ތިބޭ ހޮޓެލް ޖެން އަށް ޗެކިން ވުމުގެ ކުރިން ވަނީ ކޮވިޑަށް ޓެސްޓްކޮށްފަ އެވެ. ބެންގަލޫރުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ޓެސްޓް ވަނީ ނެގެޓިވްވެފަ އެވެ. އަންގާރަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި ރާއްޖޭގެ އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް ބެންގަލޫރު ޓީމުން ވަނީ ހެންވޭރު ދަނޑުގައި ޕްރެކްޓިސް ވެސް ކޮށްފަ އެވެ.

ނަމަވެސް ޕްރޮޓޮކޯލް އާ ހިލާފަށް، އެ ޓީމުގެ ބައެއް ކުޅުންތެރިން ވަނީ މާލޭގެ މަގުމައްޗަށް ނުކުމެފަ އެވެ. އެ ކުޅުންތެރިން މާލޭގެ މަގުތަކުގައި ހިނގަނިކޮށް ފޮޓޯ ވެސް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ.

އެއާއެކު، ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވައިފަ އެވެ.

ޕްރޮޓޮކޯލާ ހިލާފުވުމުން އޭއެފްސީ މެޗު އެ ޓީމަށް ރާއްޖޭގައި ދެން ނުކުޅެވޭނެ ކަން އެންގި އެވެ.

މިނިސްޓަރު ވިދާޅުވީ، އޭއެފްސީއާއި ރާއްޖޭގެ އެޗްޕީއޭއިން ހަދާފައިވާ ގަވާއިދުތައް ބެންގަލޫރު އެފްސީން މުގުރާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. އާންމުންގެ ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައި ވެސް މުބާރާތް ބޭއްވުމަށް ނިންމީ ބޮޑު ރިސްކެއް ނަގައިގެން ކަމަށާއި، އެކަމަށް ބެންގަލޫރު ޓީމުން އިހްތިރާމް ނުކުރިކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

comment ކޮމެންޓް