އިންޑިއާގެ ބެންގަލޫރު އެފްސީ އަނބުރާ ގައުމަށް ދިއުމަށް މިނިސްޓަރު މަހުލޫފް ގޮވާލައިފި

މޭ 5، 2021: އެފްއޭއެމްއާއި ޔޫތް މިނިސްޓްރީ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޭއެފްސީ ކަޕުގެ ޕްލޭ އޮފް މެޗު ކުޅުމަށް އިއްޔެ ރާއްޖެއައި އިންޑިޔާގެ ބެންގަލޫރު އެފްސީިގެ ކުޅުންތެރިންނަށް ހޮޓަލުންވެސް ބޭރަށް ނުކުތުން މަނާކޮށްފައި އޮއްވާ އެ ޓީމުގެ ގެ ބައެއް ކުޅުންތެރިން މާލޭގެ މަގުތަކަށް ނުކުތުމުން އެ ޓީމު އަނބުރާ ގައުމަށް ދިއުމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް ގޮވާލައިފި އެވެ.

ކޮވިޑް-19ގެ ހާލަތުގެ ތެރޭގައި އޭއެފްސީން މުބާރާތްތައް ކުރިއަށްގެންދާއިރު، އަމަލުކުރަން ކަނޑައަޅާފައިވާ ގައިޑްލައިންގައިވާ ގޮތުން އެ ޓީމެއް ހުންނަ ގައުމަކުން ފުރުމުގެ ކުރިން ކޮވިޑް-19 އަށް ޕީސީއާރް ޓެސްޓްތަކެއް ހަދަން ޖެހެ އެވެ. އަދި ސެންޓްރަލައިޒްކޮށް މެޗުތައް ކުޅޭ ގައުމަށް ގޮސްފައި ޓީމުގެ އެކޮމަޑޭޝަން ހަމަޖައްސާފައިވާ ހޮޓަލަށް ވަނުމުގެ ކުރިން ޓެސްޓްކުރާނެ އެވެ.

މިއަދު ކުރި ޓެސްޓްތަކުން ހުރިހާ ކުޅުންތެރިންގެ ނަތީޖާ ނެގެޓިވްވި ނަމަވެސް ވަކި ހާއްސަ ބަބުލްއެއްގައި ކުޅުންތެރިން ތިބުމުގެ ގޮތުން އެއްވެސް ކުޅުންތެރިއަކު ހޮޓެލުން ނުކުތުން މަނާވާނެ އެވެ. ނަމަވެސް އެ ޓީމުގެ ބައެއް ކުޅުންތެރިން މިއަދު ހަވީރު މާލޭގެ މަގުތަކުން ފެނިފައިވާކަން ވަނީ ހާމަވެފައެވެ. އަދި އެ ކުޅުންތެރިން މާލޭގެ މަގުތަކުގައި ހިނގަނިކޮށް ފޮޓޯ ވެސް ވަނީ ސޯޝަލް މީޑިއާގައި އާއްމުވެފަ އެވެ.

ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހްލޫފް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އޭއެފްސީއާއި ރާއްޖޭގެ އެޗްޕީއޭއިން ހަދާފައިވާ ގަވާއިދުތައް ބެންގަލޫރު އެފްސީން މުގުރާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ.

"އަޅުގަނޑުމެނަށް ބަލައިގަނެވޭނެ ކަމެއް ނޫން މިއީ. އެކުލަބު މިހާރުން މިހާރަށް ރާއްޖެ ދޫކޮށް ދިއުމަށް ގޮވާލަން." މަހްލޫފް ވިދާޅުވި އެވެ.

މަހްލޫފް އިތުރަށް ވިދާޅުވީ އާއްމުންގެ ޕްރެޝަރު ބޮޑުވެފައިވާ މި ދަނޑިވަޅުގައި ވެސް މުބާރާތް ބޭއްވުމަށް ނިންމީ ބޮޑު ރިސްކެއް ނަގައިގެން ކަމަށާއި، އެކަމަށް ބެންގަލޫރު ޓީމުން އިހްތިރާމް ނުކުރިކަމަށެވެ.

އޭއެފްސީ ކަޕްގެ ކޮލިފައިން ޕްލޭއޮފްގައި ކްލަބް އީގަލްސްއާ ދެކޮޅަށް ބެންގަލޫރު އެފްސީ ކުޅޭ މެޗް ކުޅުމަށް ހަމަ ޖެހިފައިވަނީ 11 ވާ އަންގާރަ ދުވަހުގެ ރޭ 21:00 ގައި ގަލޮޅު ދަނޑުގައެވެ.

comment ކޮމެންޓް