މި ދަނޑިވަޅުގައި އޭއެފްސީ މުބާރާތް ބާއްވާތީ މައުމޫން ކަންބޮޑުވެވަޑައިގެންފި

ރައީސް މައުމޫން ކޮވިޑް-19 އާއި ދެކޮޅަށް ވެކްސިން ޖައްސަވަނީ. (ފޮޓޯ/ ރައީސް މައުމޫން/ޓްވިޓާ)

ކޮވިޑްގެ ހާލަތު ގޯސްވެފައިވާ މި ދަނޑިވަޅުގައި ވެސް އޭއެފްސީ މުބާރާތް ބާއްވާތީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކަންބޮޑުވެވަޑައިގެންފި އެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވްވެ އެޑްމިޓްވެވަޑައިގެން އުޅުއްވި މައުމޫން ވަނީ ކޮވިޑް ރާއްޖެ އައި ހިސާބުން ފެށިގެން ރާއްޖެއިން އަޅާފައިވާ ފިޔަވަޅުތައް ވީހާވެސް ހަރުދަނާ ކުރުމަށް އެކި ފަހަރުމަތިން ގޮވާލައިފަ އެވެ. އެގޮތުން އެމަނިކުފާނު މިރޭ ކުރެއްވި ޓްވީޓެއްގައި ވަނީ އަންނަ ހަފުތާ ފެށުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕު ރާއްޖޭގައި މިވަގުތު ކުޅުމަށް ނިންމާފައިވާތީ ކަންބޮޑުވުންފާޅު ކުރައްވައިފަ އެވެ.

"ކޮވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާ މި ދަނޑިވަޅުގައި އޭއެފްސީ މުބާރާތް ބާއްވަނީ ކީއްކުރަންތޯ ސުވާލު އުފެދޭ."

ޕްލޭއޮފުގައި އީގަލްސް އާއި ބެންގަލޫރު ބައްދަލުކުރާ މެޗު ކުޅުމަށް ތާވަލުކޮށްފައި ވަނީ އަންނަ އަންގާރަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައެވެ. އެ މެޗު ކުޅުމަށް ހުކުރު ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައި ބެންގަލޫރުގެ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ މާލެ އައިސްފަ އެވެ. ހޮޓެލް ޖެންގައި ބެންގަލޫރު ޓީމު ކޭމްޕްކުރަމުން އަންނައިރު، ރާއްޖެ އައުމުން އެ ޓީމުގެ ހުރިހާ ކުޅުންތެރިންނާއި އޮފިޝަލުން ވަނީ ކޮވިޑަށް ޓެސްޓުކޮށްފަ އެވެ. އަދި މިހާރު އެ އެންމެންގެ ނަތީޖާ ނެގެޓިވް ކަމަށް ދައްކާފައިވާ ކަމަށް އެފްއޭއެމުން ވަނީ މައުލޫމާތުދީފަ އެވެ.

ބެންގަލޫރުން މިދިޔަ އަށް މަހެއްހާ ދުވަސް ހޭދަކުރީ ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އަމިއްލަ ބަބްލްއެއްގެ ތެރޭގަ އެވެ. ރާއްޖެ އައުމާ ހަމައަށް ބެންގަލޫރު ޓީމުގެ ކުޅުންތެރިން ކޭމްޕްކޮށްގެން ތިބީ އިންޑިއާގެ ގޯއާގަ އެވެ. ގޯއާ އަކީ ދާދި ފަހުން ކާމިޔާބު ކަމާ އެކު އޭއެފްސީ ޗެމްޕިއަންސް ލީގުގެ މެޗުތައް ހޯސްޓްކުރި ސިޓީ އެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ގިނަވެ ހާލަތު ގޯސްވާތީ މި މަހު ރާއްޖޭގައި ސެންޓްރަލައިޒްކޮށް ބާއްވަން ނިންމާފައިވާ އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗާއި ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ފަސްކުރަން އެފްއޭއެމުން އޭއެފްސީއާ އެކު މަޝްވަރާ ކުރި ނަމަވެސް އޭއެފްސީގެ ނިންމުމަކީ މިހާރު އޮތް ޝެޑިއުލާ އެއްގޮތަށް އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށެވެ.

ނަމަވެސް މި ހާލަތުގައި އެ މުބާރާތް ކުޅުމަށް އެފްއޭއެމާއި ސަރުކާރުން ނިންމާފައިވާތީ ގިނަބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެ، ގިނަ ފަރާތްތަކެއް އެބަލީގައި މިފަހުން މަރުވެފައިވާ އިރު، އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ރޭގަނޑު ނުވައެއްގެ ފަހުން ބޭރުގައި އުޅުން މަނާކޮށް ކާފިއު އިއުލާންކޮށްފައިވާ އިރު، އޭއެފްސީގެ މެޗުތައް ވެސް ކުޅޭނީ ކާފިއު ވަގުތު އެވެ.

comment ކޮމެންޓް