އަދުހަމަކީ އެހެން މީހުން "ކާފަރުކޮށް"، ހަނގުރާމައަށް ދާންވެސް އުޅުނު މީހެއް

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާގައި ދުރުގައި ހުރެ، ބޮން ގޮއްވާލުމަށް ރިމޯޓަށް ފިއްތި ކަމަށް ފުލުހުން ތުހުމަތު ކުރަނީ، ވ. ތިނަދޫ/ ހިޔާ، އުމުރުން 26 އަހަރުގެ އަދުހަމް އަހުމަދު ރަޝީދަށެވެ. އޭނާ އަކީ މި މައްސަލައިގެ ޕްރައިމް ސަސްޕެކްޓެވެ. އެކަމަކު އިއްޔެއާ ހަމައަށް ވެސް ފުލުހުންނަށް ވެސް އޭނާގެ ވަނަވަރު ދެނެގަނެވިފައެއް ނުވެ އެވެ. އެކަމުގައި ފުލުހުން ޖެހުނީ އާންމުންގެ އެހީ ހޯދާށެވެ.

އެހެން ނަމަވެސް ފުލުހުން ރޭ ފަތިހުގެ ވަގުތެއްގައި އަދުހަމް ދިރިއުޅެމުން ދިޔަ ހުޅުމާލޭ ފްލެޓް 95 އަށް ގޮސް އޭނާ ވަނީ ހައްޔަރުކޮށްފަ އެވެ.

އެ ހިސާބުގައި ދިރިއުޅޭ ބައެއް މީހުން ބުނި ގޮތުގައި ފުލުހުން ހޯދަން އިއުލާން ކުރި ފޮޓޯއިން ފެންނަނީ އަދުހަމްކަން އެ މީހުންނަކަށް އެއްވެސް ވަރަކަށް ނޭނގެ އެވެ. އަދި އެކަން އެ މީހުންނަށް އެނގުނީ ވެސް ރޭ ފަތިސް ވެފައި ހުއްޓާ ބަޔަކު ހަޅޭއްލަވައި ވަރަށް ބާރަށް ދޮރެއްގައި ތަޅާ އަޑު އިވުމުން ވާގޮތް ބެލުމުންނެވެ.

"ބަޔަކު މާބަރަށް ދޮރެއްގައި ތަޅާތީ ބެލްކަނިން ނިކުމެ ބެލީއިރު ފުލުހުން ތިރީގައި އެބަ އުޅޭ. ހެނދުނުވި ފަހުން މި އެނގުނީ އަދުހަމްކަން ހައްޔަރު ކުރީ،" ހިސާބުގައި ދިރިއުޅޭ މީހަކު ބުންޏެވެ.

މި މައްސަލައިގެ ޕްރައިމް ސަސްޕެކްޓް އަދުހަމަކީ ކާކު ހެއްޔެވެ؟ އޭނާއާ ބެހޭ ގޮތުން އެނގެނީ ކިހާ މިންވަރަކަށް ހެއްޔެވެ؟

އިތުބާރު ހުރި މަސްދަރުތަކުން "ސަން"އަށް އެނގުނު ގޮތުގައި އޭނާއަކީ، ސީދާ ހައްދުފަހަނައެޅި ހަރުކަށި ފިކުރުގެ މީހެކެވެ.

"އޭނައަކީ މީހުން ކާފަރުކޮށް. އެހެން މިހުންނަކީ މުސްލިމުން ނޫން ކަމަށް ދެކޭ މީހެއް،" އަދުހަމްގެ އުފަން ރަށް ތިނަދޫއިން "ސަން"އާ ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެނގިފައިވާ ގޮތުގައި އޭނާ ވަނީ މީގެ ކުރިން، ބޭރު ގައުމެއްގައި ހިނގާ ދާހިލީ ހަނގުރާމައަކަށް ދިޔުމަށްވެސް މަސައްކަތްކޮށްފަ އެވެ. އެކަން އަދުހަމަށް ނާކާމިޔާބުވީ އާއިލާއިން އޭނާ ހުއްޓުވުމުންނެވެ.

އަދުހަމް ދިރިއުޅުނު ފްލެޓް: އެތަނުގައި އޭނާ ދިރިއުޅެނީ މަންމަ އާއި ބައްޕަ އާއި އާއިލާ މީހުންނާ އެކު -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

"ހަނގުރާމައަށްދާން އުޅުމުން އާއިލާއިން އޭނާ ހިފެހެއްޓީ. ވަރަށް ބޮޑަށް އާއިލާއިން އޭނައަށް ނަސޭހަތްދީ ހަދާ. އެކަމަކު އޭނަ ގަބޫލެއް ނުކުރާނެ ދައްކާ ވާހަކައެއް،" މައުލޫމާތު އެނގޭ މީހަކު ބުންޏެވެ.

އެ އާއިލާއަކީ މީގެ 15 ވަރަކަށް އަހަރު ކުރިން ރަށުން މާލެ ބަދަލުވެފައިވާ ބައެކެވެ. އަދުހަމް ދިރިއުޅެމުން އަންނަނީ މަންމައާއި ބައްޕައާއެކު އެ އާއިލާއަށް ހުޅުމާލެއިން ލިބިފައިވާ ފްލެޓެއްގަ އެވެ.

ތިނަދޫއިން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އަދުހަމް ހަރުކަށި ފިކުރަށް އެނބުރުނީ މީގެ ހައެއްކަ އަހަރުން ކުރިންނެވެ. އެއީ އޭނާ ސުކޫލް ނިންމާލާފައި ނިކުތް ތަނުން ކަހަލަ ގޮތަކަށެވެ.

އަދުހަމަކީ ދެމަފިރިއެއްގައި ހުރި ތިން ކުދިންގެ ތެރެއިން މެދަށް ހުންނަ ކުއްޖާ އެވެ. އަދުހަމުގެ ބައެއް އާއިލާ މީހުން ބުނި ގޮތުގައި އޭނާ އަކީ ގޮތް ދޫނުކުރާ ރުޅިގަދަ މިޒާޖެއްގެ މީހެކެވެ. އަދުހަމްގެ ބޮޑަށް ހުންނަ ބޭބެ ހުކުރަށް ނުގޮސްގެން އަދުހަމް އަޑުގަދަކޮށް ކަންތައްތަކެއް ހިނގުމުން ފުލުހުންވެސް މީގެ ކުރިން އެގެއަށް ގޮސްފައިވާކަން ވެސް އެނގިފައިވެ އެވެ.

އަދުހަމް ދިރިއުޅޭ ހުޅުމާލޭ ފްލެޓްގެ ބޭރު: އޭނާ ހައްޔަރު ކުރީ އެތަނުން -- ސަން ފޮޓޯ މުޒައްޔިން ނާޒިމް

އަދުހަމް ފެނިދެނިވެ އުޅޭ މީހަކު "ސަން"އަށް ކިޔައިދިން ގޮތުން އޭނާ އާންމުކޮށް ހުންނަނީ ތުނބުޅި ދިގުކޮށް ފައިކުރި ކުރުކޮށްފަ އެވެ. އެހެން ނަމަވެސް މިފަހަކުން އޭނާ ތުބުޅި ކޮންމެވެސް ވަރަކަށް ބޭލި އެވެ. އަދި ކުޑަކޮށް ސްޓައިލް ބަދަލުކޮށްލި އެވެ.

ރަށު މީހުން ބުުނާ ގޮތުން އަދުހަމް އެފަދަ ވިސްނުމެއްގެ މީހެއް ނަމަވެސް، އޭނާގެ އާއިލާގެ އެއްވެސް މީހަކީ އެފަދަ ފިކުރަކަށް އުޅޭ، އެ ވިސްނުމުގެ ބައެއް ނޫނެވެ. އެހެންވެ އާއިލާއާ ވެސް އެހާ ބޮޑު ގުޅުމެއް ނޯވެ އެވެ.

"ސަން"އަށް ލިބިފައި ހުރި އެކި މައުލޫމާތުތަކުން އެނގެނީ އޭނާއަކީ ހަރުކަށި ފިކުރުގެ މީހެއް ކަމެވެ. އޭގެ އިތުރުން އެރަށު ކައުންސިލަރަކު ހިއްސާކުރި ވާހަކަތަކުންވެސް އަދުހަމްއަކީ، އެ ފިކުރު މީހެއްކަމަށް ބާރު ލިބެ އެވެ.

އަދުހަމްއާ އެކު މިހާތަނަށް ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެ މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21އ. އާއި ތަހުމީން އަހުމަދު ފޮޅޭމާ، ގއ. ކޮނޑޭ، 32އ. އެވެ. މީގެ ތެރެއިން މުޖާޒަކީ އެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އާ ސީދާ ގުޅުމެއް އޮތް މީހެއް ކަމަށް އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވަނީ ވިދާޅުވެފަ އެވެ. އެ ދެ މީހުންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުން އޮތް މީހުންކަން ފުލުހުން ވަނީ އިއްޔެ ހާމަކޮށްފަ އެވެ.

comment ކޮމެންޓް