އައިއީޑީ ހަރުކުރި ސައިކަލު ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައެއް ނުވޭ

ގޮއްވާލި ސައިކަލް: އެ ސައިކަލް ގެއްލިގެން ފުލުހަށް ރިޕޯޓުކޮށްފައި ނުވޭ --- ސަން ފޮޓޯ

މިދިޔަ ބުރާސްފަތި ދުވަހު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް، ދިން ޓެރަރިސްޓް ހަމަލާގައި އައިއީޑީ ހަރުކުރަން ބޭނުންކޮށްފައިވާ ސައިކަލް ގެއްލިގެން ރިޕޯޓުކޮށްފައި ނުވާކަން "ސަން"އަށް ކަށަވަރުވެއްޖެ އެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ހަމަލާ ދީފައިވަނީ އެ ސައިކަލުގައި އައިއީޑީއެއް ހަރުކޮށް، ގޮއްވާލައިގެންނެވެ. ފުލުހުން މިއަދު ވަނީ އެ ސައިލަކަލުގެ ވެރިފަރާތް ހައްޔަރުކޮށްފައެއެވެ.

"ސަން"އަށް އިތުބާރު ހުރި މަސްދަރަކުން ކަށަވަރުވެފައިވާ ގޮތުގައި އެ ސައިކަލު ގެއްލިގެން އެއްވެސް އިރަކު ފުލުހަށް ރިޕޯޓުކޮށްފައި ނުވެ އެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފުލުހުން މީޑިއާގެ އޮފިޝަލް މިރޭ ވިދާޅުވީ، އެ ހަމަލާއަކީ ފުލުހުން ހާއްސަ އިސްކަމެއް ދެއްވައިގެން މިހާރު ތަހުގީގު ކުރަމުންދާ މައްސަލައެއް ކަމަށާއި އެހެން ކަމުން އެ ތަހުގީގުގެ މައުލޫމާތު ހާމަ ކުރައްވާނީ އެ ޓީމުން ކަމަށެވެ. އަދި ވަކި ވަކިން ކުރާ އެފަދަ ސުވާލުތަކަށް ފުލުހުންގެ މީޑިއާއިން ޖަވާބު ނުދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަންބަރު ޕްލޭޓްވެސް ބަދަލުކޮށް، ފޭކް ނަންބަރު ޕްލޭޓެއް އަޅުވާފައިވާ އެ ސައިކަލްގެ ވެރިފަރާތް ކަމަށް ފުލުހުން ބުނަނީ، މިއަދު ހައްޔަރު ކުރި ދެ މީހުންގެ ތެރެއިން އެކަކެވެ. އެއީ އުމުރުން 32 އަހަރުގެ ތަހުމީން އަހުމަދު ފޮޅޭމާ، ގއ. ކޮނޑޭ އެވެ.

ސައިކަލްގެ ވެރިފަރާތް، ތަހުމީން އަހްމަދު: އެ ސައިކަލް ގެއްލިގެން ފުލުހަށް ރިޕޯޓުކޮށްފައި ނުވޭ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ރިޔާޒު ވިދާޅުވީ، އެއީ ކާކުގެ ސައިކަލެއްކަން އޮޅުވާލުމަށްޓަކައި ނަންބަރު ބޯޑު ބަދަލުކުރުމުގެ އިތުރުން އިންޖީނު ނަންބަރުވެސް ކަހާލާ ފޮރުވަން މަސައްކަތްކޮށްފައިވާ ކަމަށެވެ.

އެހެން ނަމަވެސް ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓުން ކުރި މަސައްކަތުން މިހާރު އެ ސައިކަލުގެ އަސްލު އިންޖީނު ނަންބަރު ހޯދާއި، އެ ސައިކަލްގެ ސައްހަ މައުލޫމާތު ހޯދާފައިވާ ކަމަށް ރިޔާޒް ވިދާޅުވި އެވެ. އަދި ސައިކަލްގެ ވެރިފަރާތް ކަމުގައިވާ ތަހުމީން ހޯދުނީ، އެ މައުލޫމާތުގެ މައްޗަށް ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހަމަލާއާ ގުޅިގެން ދެން ހައްޔަރުކޮށްފައިވަނީ، އުމުރުން 21 އަހަރުގެ މުޖާޒު އަހުމަދު، މއ. ފޭރުގެ އެވެ. އޭނާގެ ބައިވެރިވުމަކީ ކޮބައިކަން އަދި ފުލުހުން ހާމަ ނުކުރި ނަމަވެސް އެއީ އެ ހަމަލާގައި ތުހުމަތުވާ މީހެއް ކަމަށް ރިޔާޒު ވިދާޅުވި އެވެ.

މުޅި ހަމަލާގައިވެސް އެންމެ މުހިންމު މީހާ އަދި ފުލުހުނަށް ނުހޯދެ އެވެ. އެއީ އެ ބޮން ގޮއްވާލުމަށް ރިމޯޓަށް ފިއްތި މީހާކަން "ސަން"އިން މީގެ ކުރިން ރިޕޯޓުކޮށްފައިވާނެ އެވެ. އޭނާގެ ވަނަވަރު ހާމަ ނުކުރި ނަމަވެސް ފުލުހުން ވަނީ އެ މީހާ ހާދިސާ ހިނގި ސަރަހައްދުގައި ހުއްޓާ ލިބިފައި ހުރި އިތުރު ފޮޓޯތަކެއް ހާމަކޮށްފައެވެ.

"މިވަގުތު ދެން އަޅުގަނޑުމެން މި އާންމު ކުރަނީ މި ހާދިސާ އާއި ގުޅިގެން އަޅުގަނޑުމެން ހޯދަމުންދާ އެންމެ ބޮޑު ސަސްޕެކްޓު. މި ސަސްޕެކްޓަކީ މި ހާދިސާ ހިނގި ވަގުތު އެ މަގުގައި ކުރިމަތިން ވާގޮތަށް ހުރި ގެސްޓްހައުސްގެ ތިރީގައި ހުރި މީހެއް. މީނަ އާއި ބެހޭގޮތުން މީނަ ދަންނަ މީހަކު ވިޔަސް ފެނިފައި ހުރި މީހަކު ވިޔަސް މައުލޫމާތު އެނގޭ ބޭފުޅަކު ހުރިނަމަ ތަހުގީގަށް ވަރަށް އަވަހަށް މައުލޫމާތު ހިއްސާ ކޮށްދެއްވުމަށް އަޅުގަނޑުމެން ދަންނަވަން،" ރިޔާޒު ވިދާޅުވި އެވެ.

އެ ހަމަލާގައި ޖުމްލަ ހަތަރު މީހަކަށް ފުލުހުން ޝައްކު ކުރާ އިރު، އަދި ހަތަރު ވަނަ ފާރާތް ދެނެގަނެވިފައި ނުވާ ކަމަށް މިއަދު ފުލުހުން ބުންޏެވެ. އޭގެ އިތުރު މި މައްސަލައިގައި އިތުރު މީހުންތަކަށް ތުހުމަތުވުމުގެ ފުރުސަތު އޮތް ކަމަށްވެސް ފުލުހުން ބުނެފައިވެ އެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ އެ ހަމާލާ ދޭތަން ފެންނަ ވީޑިއޯއެއްވެސް އާންމުކޮށްފައެވެ. ހަމަލާއާ ގުޅިގެން ރައީސް ނަޝީދަށް ލިބުުުނު ގެއްލުންތަކަށް އަދިވެސް އޭޑީކޭ ހޮސްޕިޓަލުގައި ދަނީ ފަރުވާ ހޯދަމުންނެވެ.

comment ކޮމެންޓް