ބޮމުގެ ބޮޑު ސަސްޕެކްޓު އަދި ނުހޯދޭ، ފުލުހުންގެ އާދޭހަކީ އާންމުން އެހީވުން

ހާދިސާ އާއި ގުޅޭ އެންމެ ބޮޑު ސަސްޕެކްޓު -

ރައީސް މުހައްމަދު ނަޝީދަށް ދިން ބޮމުގެ ހަމަލާގައި އެންމެ ބޮޑަށް ތުހުމަތުވާ މީހާ އަދިވެސް ނުހޯދޭ ކަމަށާއި އޭނާއާ ގުޅޭ މައުލޫމާތު އެނގޭނަމަ ފުލުހުންނާ ހިއްސާކޮށްދިނުމަށް އެދެފި އެވެ.

އެ ހާދިސާ އާއި ގުޅުންހުރި ތިން މީހެއްގެ ފޮޓޯ އާއި އޭގެ ތެރެއިން ދެ މީހެއްގެ ވަނަވަރު ފުލުހުން މިއަދު ވަނީ އާންމު ކޮށްފަ އެވެ.

ވަނަވަރު އާންމުކުރި ދެ މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21 އ އާއި ތަހުމީން އަހުމަދު ފޮޅޭމާ/ގއ ކޮނޑޭ، 32 އ އެވެ. އެ މީހުން މިއަދު ވަނީ ހައްޔަރުވެސްކޮށްފަ އެވެ.

މީގެ ތެރެއިން މުޖާޒަކީ އެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އާއި ސީދާ ގުޅުމެއް އޮތް މީހެއް ކަމަށް އޭސިޕީ މުހައްމަދު ރިޔާޒު ވިދާޅުވ ިއެވެ. އަދި ތަހުމީނަކީ ގޮއްވާލި ސައިކަލުގެ ވެރި ފަރާތްކަމަށްވެސް ވިދާޅުވި އެވެ.

އެ ހާދިސާ އާއި ގުޅުންހުރި އެންމެ ބޮޑު ސަސްޕެކްޓެއްގެ ގޮތުގައި ފުލުހުންނަށް ހޯދިފައި ވަނީ ބޮންގޮއްވާލި މަޖީދީ މަގާއި ނީލޯފަރުހިނގުމުގެ ކުރިމައްޗަށް ވާ ގޮތަށް ހުންނަ އަތަމާ ޕެލަސްގެ ތެރޭގައި ބޮން ގޮއްވާލި ވަގުތު ހުރި މީހެކެވެ. އެ މީހާ ސަރަހައްދުގައި އެ ވަގުތު އުޅުނު ފޮޓޯތަކެއް ފުލުުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.

"މިވަގުތު ދެން އަޅުގަނޑުމެން މި އާންމު ކުރަނީ މި ހާދިސާ އާއި ގުޅިގެން އަޅުގަނޑުމެން ހޯދަމުންދާ އެންމެ ބޮޑު ސަސްޕެކްޓު. މި ސަސްޕެކްޓަކީ މި ހާދިސާ ހިނގި ވަގުތު އެ މަގުގައި ކުރިމަތިން ވާގޮތަށް ހުރި ގެސްޓްހައުސްގެ ތިރީގައި ހުރި މީހެއް. މީނަ އާއި ބެހޭގޮތުން މީނަ ދަންނަ މީހަކު ވިޔަސް ފެނިފައި ހުރި މީހަކު ވިޔަސް މައުލޫމާތު އެނގޭ ބޭފުޅަކު ހުރިނަމަ ތަހުގީގަށް ވަރަށް އަވަހަށް މައުލޫމާތު ހިއްސާ ކޮށްދެއްވުމަށް އަޅުގަނޑުމެން ދަންނަވަން،" ރިޔާޒު ވިދާޅުވި އެވެ.

"ހަގީގަތުގައި މީނަ އަކީ މިވަގުތު ދިވެހި ފުލުހުން ތަހުގީގަށް ހޯދަމުންދާ އެންމެ މުހިއްމު ފަރާތް. މި ހާދިސާ އާއި ގުޅިގެން،"

ފުލުހުން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި އެ މީހާ ހުންނަނީ އަތްދިގު ހުދު ގަމީހަކާއި ކަޅު ފަޓުލޫނެއް ލައިގެންނެވެ. އަދި އޭނާ ހުރީ މާސްކު އަޅައިގެން ކަމުން އޭނާގެ ސިފަ އެހާ ރަނގަޅަށް ސާފެއް ނުވެ އެވެ.

އޭސީޕީ ރިޔާޒު އިތުރަށް ވިދާޅުވީ ހާދިސާ އާއި ގުޅިގެން އެއްކޮށްްފައި ހުރި މައުލޫމާތު ތެރޭގައި ހާދިސާ އާއި ގުޅޭ ފޫޓޭޖާއި އޭނާ ހަރަކާތްތެެރިވި ބައެއް މަންޒަރުތައް ފެންނަ ވީޑިއޯ ވެސް ފުލުހުންގެ އަތުގައި އެބަހުރި ކަމަށެވެ.

ނަމަވެސް ތަހުގީގަށް ހުރަސް އެޅިދާނެތީ އަދި އެ ތަކެތި އާންމެއް ނުކުރެ އެވެ.

މިއަދުގެ ޕްރެސް ނިންމާލަމުން ވެސް ސީޕީ ހަމީދާއި އޭސީޕީ ރިޔާޒުވެސް އެދިވަޑައިގެންނެވީ އެ މީހާ ހޯދުމަށް އާންމުންނަށް ލިބެން ހުރި ކޮންމެ މައުލޫމާތެއް ފޯރުކޮށް ދިނުމަށެވެ. އަދި ފުލުހުން ގާއިމްކޮށްފައިވާ އޮންލައިން ޕޯޓަލްއަށް ވެސް މައުލޫމާތު ފޮނުވޭ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެގޮތަށް ހިއްސާކުރާ މައުލޫމާތުގެ ސިއްރުކަން ހިފަހައްޓައިދޭނެ ކަމުގެ ޔަގީންކަން ވެސް އެބޭފުޅުން ދެއްވި އެވެ.

ފުލުހުން ބުނެފައިވަނީ އެ ހާދިސާ އާއި ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އެބައޮތް ކަމަށް ބެލެވޭ ކަމަށެވެ.

އެ ހާދިސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސީރިއަސް އަނިޔާތަކެއް ވިއެވެ. މިވަގުތު ރައީސް ނަޝީދު އޮންނެވީ އެ އަނިޔާތަކަށް ފަރުވާ ހޯއްދެވުމަށް އޭޑީކޭ ހޮސްޕިޓަލުގަ އެވެ.

comment ކޮމެންޓް