ފިނޑި އަދި ނުލަފާ އަމަލެކެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހަންމަދު ނަޝީދަށް އަމާޒުކޮށް ގޮއްވާލި ބޮން ހަރުކޮށްފައިވާ ސައިކަލް ވެއްޓިފައި --

ކީރިތި ޤުރްއާނުގެ ފުރްޤާން ސޫރަތުގެ 63 ވަނަ އާޔަތުން ފެށިގެން ގޮސް އެ ސޫރަތުގެ ނިޔަލަށް ހުރި މަތިވެރި ބަސްފުޅުތަކުގައި، ރަޙްމާނުވަންތަ ކަލާނގެ ރަސްކަންފުޅަށް ކިޔަމަންތެރި އަޅުތަކުންގެ ސިފަތައް ބަޔާން ކުރައްވައިފައި ވެއެވެ. އޭގެ ތެރެއިން އެއް ސިފައަކީ، 68 ވަނަ އާޔަތުގައި ބަޔާން ކުރައްވައިފައި ވާ ކަންތައްތަކުގެ ތެރެއިން، ޢަދުލުއިންޞާފު ޤާއިމު ކުރުމަށް ޓަކައި ޙައްޤު ގޮތުގައި މެނުވީ އެއްވެސް ނަފުސެއް ޤަތުލު ކުރުމުގެ ނުބައި ޢަމަލާ ގާތް ނުވުމެވެ. ހަމަ އެހެންމެ، ﷲ ސުބުޙާނަހޫ ވަ ތަޢާލާ ޙަރާމް ކުރެއްވި ފާފަތަކުގެ ވާހަކަ ބަޔާން ކުރައްވަމުން، ސޫރަތުލް އަންޢާމްގެ 151 ވަނަ އާޔަތުގައި ވެސް ވަނީ، އެފަދަ އެއް ޢަމަލަކީ ﷲ ޙުރުމަތްތެރި ކުރެއްވި އެއްޗެއް ކަމަށް ވާ ފުރާނައަށް ޙައްޤު ނޫން ގޮތެއްގައި އަރައިގަތުން ކަމަށް ބަޔާން ކުރައްވައިފައެވެ.

އިންސާނެއްގެ ފުރާނަ ނަގައިލުން ޙައްޤު ވާ ހަމައެކަނި ގޮތަކީ، މުސްލިމުންގެ ވަލިއްޔުލްއަމްރުގެ ވިލާޔަތުގެ ދަށުގައި ޤާއިމު ކުރެވިފައި ވާ މުސްލިމް ފަނޑިޔާރުގެއަކުން ޝަރީޢަތާ އެއްގޮތަށް ހިންގާ ޢަދުލުއިންޞާފުގެ އިޖުރާއާތުތަކެއްގެ ތެރެއިން ކުރެވޭ ޢަދުލުވެރި ޙުކުމެއް ތަންފީޛު ކުރުމެވެ. މިއީ ކީރިތި ޤުރްއާނާއި ނަބަވީ ސުންނަތުގެ ސަރީހަ ނައްޞުތަކުން ސާބިތު ވާ، އަދި މި އުއްމަތުގެ ދަންނަ ބެއިކަލުން ފާއިތު ވެދިޔަ 1400 އަހަރުގެ ތެރޭގައި އިއްތިފާޤު ވެވަޑައިގެންފައި ވާ ގޮތެވެ. މި ނޫން ގޮތަކަށް، ހަމަ އެކެއްގެ ވިޔަސް ފުރާނަ ނަގައިލުމަކީ ނުވަތަ ނަގައިލުމަށް މަސައްކަތް ކުރުމަކީ ﷲ ތަޢާލާގެ އުލޫހިއްޔަތާއި ރުބޫބިއްޔަތާ ދެކޮޅަށް ކުރެވޭ ނުބައިނުލަފާ ބަޣާވާތެކެވެ. އެކަލާނގެ ޙުރުމަތްތެރި ކުރެއްވި އެއްޗެއްގެ ޙުރުމަތް ނަގައިލުމުގެ ފާފަވެރި ޢަމަލެކެވެ. އެކަން ކުރާ މީހަކުގެ ކިބައިން އިސްލާމްކަމާއި އީމާންކަން ނަފީ ވެ ގޮސްފައި ވާ ކުފުރުގެ ޢަމަލެކެވެ. ހަމަ ކަށަވަރުން، ކޮންމެ ފުރާނައެއް ވެސް މިލްކު ވެގެން ވަނީ ﷲ ތަޢާލާއަށެވެ. އެއްވެސް ފުރާނައަކަށް ދެވޭ ޙަމަލާއަކީ އެކަލާނގެ ޙައްޤަކަށް އަރައިގަތުމެކެވެ. އެކަލާނގެ ރަސްކަންފުޅަށް ލިބިވޮޑިގެންވާ ބާރާއި އިޚްތިޔާރުގެ ދާއިރާގެ ޙުރުމަތް ކަނޑައިލުމެކެވެ. އެކަން ކުރާ މީހަކަށް އެ ބުނެވެނީ، ﷲ ތަޢާލާގެ މިލްކުގައި ވާ ފުރާނަތަކާ މެދު ތިމާ ބޭނުން ގޮތަކަށް ކަން ކުރުމުގެ ބާރު ތިމާއަށް އެބައޮތޭއެވެ. މިއީ އެއް ގޮތެއްގައި އިލާހެއް ކަމަށް ދަޢުވާ ކުރުމުގެ ބިރުވެރި ޢަމަލެއްކަން ކަށަވަރެވެ.

އިންސާނީ ފުރާނައަށް ދެއްވި ކަރާމާތާއި އިލާހީ ޙިމާޔަތާއި ރައްކައުތެރިކަމުގެ ވާހަކަ ކީރިތި ޤުރްއާނުގައި ބަޔާން ކުރެވިފައި ވަނީ، ކިރިޔާ ވެސް އީމާންކަމެއް ހުރި ހިތަކުން އެ ފޮތް ބަލައިލައި އޭގެ މައްޗަށް ވިސްނައިލައިފައި ހުރި މީހަކަށް، އިންސާނެއްގެ ލޯއްޔަކަށް ވެސް ނުޙައްޤުން އަނިޔާ ކުރުމަށް ނުކެރޭ މިންވަރަށެވެ.

އިންސާނާ އެތައް ކުށެއް ކުރެއެވެ. ނަމަވެސް އެއިން އެއްވެސް ކުށެއް އިންސާނީ ތާރީޚުގައި އެންމެ ފުރަތަމަ ކުރެވުނު ހާދިސާގެ ތަފްސީލުތައް ކީރިތި ޤުރްއާނުގައި ބަޔާން ކުރައްވައިފައެއް ނުވެއެވެ. އިންސާނީ ފުރާނައިގެ ޙުރުމަތަށް އަރައިގަތުމުގެ ކުށް ފިޔަވައެވެ. މި ބިރުވެރި އަދި ނުބައި ކުށް އިންސާނާގެ ދިގު ތާރީޚުގައި އެންމެ ފުރަތަމަ ކުރެވުނު ގޮތުގެ ވާހަކަ ކީރިތި ޤުރްއާނުގައި ވަނީ ބަޔާން ކުރެވިފައެވެ. ވިސްނައި ފިކުރު ކުރާ މުއުމިނުންގެ ހިތްތައް ބިރުވެރިކަމާއި ހިތާމައިން ރޫރޫ އަޅައިގެން ދާން ޖެހޭ ފަދަ ގޮތެއްގައެވެ. ކީރިތި ޤުރްއާނުގެ ސޫރަތުލް މާއިދާގެ 27 ވަނަ އާޔަތުގައި، ކީރިތި މާތް ނަބިއްޔާއަށް ﷲ އަންގަވައި އަމުރުފުޅު ކުރައްވައިފައި ވަނީ، އާދަމް ޢަލައިހިއްސަލާމްގެ ދެ ދަރިކަލުންގެ ވާހަކަ އިންސާނުންނަށް ބަޔާން ކޮށްދެއްވުމަށެވެ. ވިދާޅުވެދެއްވުމަށެވެ. އެއީ އިންސާނުން ފިލާވަޅު ލިބިގަތުމަށް ޓަކައެވެ. ޢިބުރަތް ލިބިގަތުމަށް ޓަކައެވެ. އަނިޔާވެރި ޤާބީލު، އޭނާގެ އަޚް ހާބީލަށް ދެންނެވިއެވެ. "ހަމަ ކަށަވަރުން އަހަރެން ކަލޭ ގަތުލު ކޮށް ކަތިލާހުށީމެވެ." ހާބީލު ދެންނެވިއެވެ. "ތިބާ އަހަރެން ގަތުލު ކުރުމަށް ޓަކައި އަހަރެންގެ ގަޔަށް އަތް ލިޔަސް، އަހަރެން ތިބާ ގަތުލު ކުރުމުގެ ނިޔަތުގައި ތިބާގެ މައްޗަށް އަތް ނުއުފުލާހުށީމެވެ. އެހެނީ އަހަރެން، ޢާލަމްތަކުގެ ވެރި ރައްބުގެ ރަސްކަންފުޅު ދެކެ ބިރު ގަނެއެވެ."

ހާބީލުގެ ބަސްފުޅުތަކަކުން ޤާބީލުގެ އަނދިރި އަދި ރަޙުމުކުޑަ ހިތަކަށް އެއްވެސް އަސަރެއް ނުކުރިއެވެ. އޭނާ އޭނާގެ އަޚް ގަތުލު ކުރީއެވެ. 27 ވަނަ އާޔަތުގެ ފަހަތަށް ހުރި އާޔަތްތަކުގެ ތެރެއިން އާޔަތެއްގައި ބަޔާން ކުރައްވައިފައި ވަނީ، މި ނުބައި ޢަމަލާ އެކު، ޤާބީލު މަގު ގެއްލި، ގެއްލެނި ވެގެން ވާ މީހުންގެ ތެރެއިން ވީ ކަމުގައެވެ.

ޤާބީލުގެ އަނިޔާވެރި އަތުން ހާބީލުގެ ފުރާނަފުޅު ނިގުޅައިގަނެވުނު ހާދިސާގެ ވާހަކަ މި ދެންނެވި ފަދައިން ބަޔާން ކުރެއްވުމަށް ފަހު، ސޫރަތުލް މާއިދާގެ 32 ވަނަ އާޔަތުގައި ކީރިތި ﷲ ވަޙީ ކުރައްވައި އަންގަވައިފައި ވަނީ، އިންސާނީ ފުރާނައެއް ނިގުޅައިގަތުން ނުވަތަ ބިންމަތީގައި ފަސާދަ ފެތުރުމުގެ ސަބަބުން ޙައްޤު ގޮތުގައި ދެވޭ އަދަބެއްގެ ގޮތުން ފިޔަވައި، އެއްވެސް ޙާލަތެއްގައި އިންސާނެއްގެ ފުރާނަ ނިގުޅައިގަތުމަކީ ނުވަތަ ނަފުސެއް ޤަތުލު ކުރުމަކީ މުޅި އިންސާނިއްޔަތު ޤަތުލު ކޮށްލުން ފަދަ ނުބައި ޢަމަލެއް ކަމަށެވެ. ކުރީންވެސް ދެންނެވި ފަދައިން، ޙައްޤު ގޮތުގައި ދެވޭ އަދަބެއްގެ ގޮތުން އިންސާނީ ފުރާނައެއް ނިގުޅައިގަނެވޭ ހަމައެކަނި ގޮތަކީ، މުސްލިމުންގެ ވަލިއްޔުލްއަމްރުގެ ވިލާޔަތުގެ ދަށުގައި ޤާއިމު ކުރެވިފައި ވާ މުސްލިމް ފަނޑިޔާރުގެއަކުން ޝަރީޢަތާ އެއްގޮތަށް ހިންގާ ޢަދުލުއިންޞާފުގެ އިޖުރާއާތުތަކެއްގެ ތެރެއިން ކުރެވޭ ޢަދުލުވެރި ޙުކުމެއް ތަންފީޛު ކުރުމުގެ ގޮތުން މީހަކު ޤަތުލު ކުރުމެވެ. އިސްލާމީ އުއްމަތާއި، އިސްލާމީ މުޖުތަމަޢާއި، އިސްލާމް ދީނުގެ ޢިލްމުވެރީންނާއި، މުސްލިމުންގެ ވެރީންގެ ކުރިމަތީގައި، އެކަން ކުރެވެނީ ޙައްޤު ގޮތުގައި ކަމަށް އެމީހުންނަށް ފެންނާނޭ ބީދައަކުން، ޝަރީޢަތުގެ ބާރުގައި އަދި އިސްލާމީ ޝަރީޢަތުގެ ޢިލްމު ހުރި ފަނޑިޔާރެއްގެ ޢަދުލުވެރި ޙުކުމުގެ ބާރުގައި މީހަކު ޤަތުލު ކުރުމެވެ. މި ނޫން ގޮތަކުން އެންމެ ފުރާނައެއް ނަގައިލުމަކީ ވެސް، މުޅި އިންސާނިއްޔަތު ކަތިލުން ފަދަ ނުބައި ޢަމަލެއް ކަމަށް މި އަންގަވަނީ ޢާލަމްތަކުގެ ވެރި ﷲ އެވެ. ވިސްނަމާތޯއެވެ! މުޅި އިންސާނިއްޔަތަކީ އާދަމް ޢަލައިހިއްސަލާމާއި ޙައްވާ ޢަލައިހައްސަލާމާ ހަމައިން ފެށިގެން ޤިޔާމަތާ ހަމަޔަށް ކީރިތި ﷲގެ އިޒުނަފުޅާއި އަމުރުފުޅުން ދުނިޔެއަށް އައި އަދި އަންނާނޭ ގުނައި ޢަދަދު ނުކުރެވޭ ފަދަ ގިނަ މީހުންނެވެ. އޭގެ ތެރޭގައި ނަބީރަސޫލުންނާއި، ﷲގެ ވަލީންނާއި، ކުޑަ ކުދީންނާއި ބޮޑެތި މީހުންގެ އެތައް ސަތޭކަ ބިލިއަން ފުރާނައެއް ހިމެނެއެވެ. ﷲ މި އަންގަވަނީ، އެންމެ ފުރާނައެއް ވިޔަސް ނުޙައްޤުން ނިގުޅައިގަތުމަކީ، މި ދަންނަވާ ހުރިހައި ފުރާނައެއް ނިގުޅައިގަތުމާ އެއްފަދަ ނުބައި ފާފައެއް ކަމަށެވެ.

ވީއިރު، މިފަދަ ނުބައި ޢަމަލެއްގެ މައްޗަށް ތިމާގެ ސިކުނޑި އާއި ހިތާއި ގުނަވަންތައް ސީދާ ކޮށްގަންނަ މީހެއްގެ ނުބައިކަމާ މެދުގައި ބުނެވޭނޭ ބަހަކީ ފަހެ ކޮބައިތޯއެވެ؟

ކީރިތި ޤުރްއާނުގެ އިސްރާ ސޫރަތުގެ ހަތްދިހަ ވަނަ އާޔަތުގައި ﷲ ތަޢާލާ އަންގަވައިފައި ވަނީ އާދަމުގެ ދަރީން ކަރާމާތްތެރި ކުރައްވައި މާތް ކުރެއްވި ކަމަށެވެ. މި މާތް ކުރެއްވުމާއި ކަރާމާތްތެރި ކުރެއްވުމުގެ ތެރޭގައި ވެސް، އިންސާނާގެ ނަފުސަށާއި ހަށިގަނޑަށާއި ފުރާނައަށް ޚާއްސަ ރައްކައުތެރިކަމެއް ލިބިދެއްވުން ހިމެނެއެވެ. ތަފްސީރު އިލްމުވެރިޔާ ޝިހާބުއްދީން ސައްޔިދު މަޙްމޫދުލް އާލޫސީ އަލްބަޣްދާދީގެ ރޫޙުލް މަޢާނީގައި ވިދާޅުވެފައި ވާ ފަދައިން، އަދި އޭގެ ކުރީން އިމާމް ޣަޒާލީ އާއި އިބްނު ރުޝްދާއި އިބްނު ޤައްޔިމް ފަދަ އެހެނިހެން އިސްލާމީ އިލްމުވެރީން ވެސް ތަފްސީލުކޮށް ބަޔާން ކުރައްވައިފައި ވާ ފަދައިން، މިއީ އާދަމުގެ ދަރީންގެ ތެރެއިން އެކަކު ވެސް އިސްތިސްނާ ވުމެއް ނެތި އެންމެނަށް ދެއްވެވުނު ޚާއްސިއްޔަތެކެވެ. އާދަމުގެ ދަރިޔަކަށް ނުވަތަ އިންސާނަކަށް ވާތީ ދެއްވެވުނު ޚާއްސިއްޔަތެކެވެ. ކޮންމެ ދީނެއްގެ އަދި ކޮންމެ މިއްލަތެއްގެ މީހަކަށް ވެސް ދެއްވެވުނު ޚާއްސިއްޔަތެކެވެ. އެއީ ﷲ ތަޢާލާގެ ތަނަވަސް ވެގެން ވާ މަތިވެރި ރަހުމަތްޕުޅުގެ އެންމެ ވަރުގަދަ އެއް ތައުބީރެވެ. އެހެންކަމުން، މި ދެންނެވި ޢިލްމުވެރީން ވިދާޅުވެފައި ވަނީ، އިންސާނާއަށް ދެއްވެވުނު ކަރާމާތާއި، ޙިމާޔަތާއި،ރައްކައުތެރިކަމާއި، އޭނާގެ ފުރާނަ އާއި ހަށިގަނޑަށް ދެއްވެވިގެންވާ ޙުރުމަތަކީ، އިންސާނުން ކުރެ މުއުމިނުންނާއި ކާފިރުން، ﷲ ގެ އަމުރުފުޅުތަކަށް ކިޔަމަން ވާ މީހުންނާއި ނުކިޔަމަންތެރި ވާ މީހުން، ލަފާ މީހުންނާއި ނުލަފާ މީހުން، ރަނގަޅު މީހުންނާއި ނުބައި މީހުން، ތަޤުވާވެރީންނާއި ފާފަވެރީން އެއްވެސް ގޮތަކުން ތަފާތު ކުރެއްވުމެއް ފަރަޤު ކުރެއްވުމެއް ނެތި، ހަމަ ހުރިހައި އިންސާނުންނަށް މުޠުލަޤު ގޮތެއްގައި ދެއްވެވި ޢިނާޔަތްތެރިކަމެއް އަދި ޚާއްޞިއްޔަތެއް ކަމަށެވެ. މިއީ މި އުއްމަތުގެ ޢިލްމުވެރީން އިއްތިފާޤު ވެވަޑައިގެންފައި ވާ ކަމެކެވެ.

އެހެންކަމުން، އެއްވެސް އިންސާނަކާ ދެކޮޅަށް، އަދި އެއްވެސް މުސްލިމަކާ ދެކޮޅަށް، އޭނާގެ ފުރާނަ އާއި ހަށިގަނޑަށް ގެއްލުން ދިނުމުގެ ގޮތުން ޙަމަލާ ދިނުމަކީ ﷲގެ ކަލާމްފުޅާއި އަމުރުފުޅާ ދެކޮޅަށް ހިންގޭ އެންމެ ނުބައި އަދި އެންމެ ބިރުވެރި އެއް ޢަމަލެވެ.

އަޅުގަނޑުމެން ދިވެހީންނަކީ، މީގެ އަހަރުތަކެއް ކުރިޔާ ޖެހޭންދެން، ކީރިތި ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނީ ފުރާނައަށް ދެއްވެވި ޙުރުމަތާއި ރައްކައުތެރިކަމަކީ ކޮބައިކަން އެކަށޭނަ މިންވަރަކަށް ދެނެތިބި ބައެކެވެ. މީގެ އެތައް ޒަމާނެއް ކުރީއްސުރެ ވެސް ދީނީ ޢިލްމުގެ ދާއިރާގައި އަޅުގަނޑުމެންގެ ޤައުމަކީ ނުހަނު ފަޤީރު ޤައުމަކަށް ވުމާ އެކުގައި ވެސްމެއެވެ. ނަމަވެސް އަޅުގަނޑުމެން ޙަޤީޤީ އިސްލާމް ދީނާ ދުރަށް ގޮސް، ކުފުރާއި، އިލްޙާދާއި، އަދި ދީނަށް އުޅުމުގެ ނަމުގައި ﷲގެ ދީނާ ދުރަށް ގޮސް މަގު ފުރެދިގެން ދިޔުން ފަދަ ނުބައި މަގުތަކަށް ދިޔަ ހިސާބުން، އަޅުގަނޑުމެންގެ ތެރޭގައި ވަނީ އިންސާނީ ފުރާނައިގެ ޙުރުމަތް ނުދަންނަ އަނިޔާވެރީންތަކެއް އުފެދިފައެވެ. ނުޙައްޤު ގޮތުގައި، އަޅުގަނޑުމެން އެންމެންގެ ލޯމަތީގައި، އަޅުގަނޑުމެންގެ ރަށްރަށުގެ މަގުތަކުގައްޔާއި ޢާއްމު އެކިއެކި ތަންތަނުގައި އެތައް ބަޔަކު ކަތިލެވެމުން ދާ ދިޔުމަކީ މި ބަހުގެ ހެއްކެކެވެ.

ކުރީ ރެއަކީ އަނެއްކާވެސް އަޅުގަނޑުމެންގެ ތެރެއިން މި ދެންނެވި ފަދަ އަނިޔާވެރީންތަކެއް ނުވަތަ އަނިޔާވެރިއެއްގެ ނުބައިކަން ފެނިގެން ދިޔަ ބިރުވެރި ރެއެކެވެ. ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދުގެ ފުރާނަފުޅަށް އަމާޒު ކޮށް، އަނިޔާވެރި ޙަމަލައެއް ދެވުނު ރެއެކެވެ. ކޮންމެ މީހަކު ކޮންމެ މަޤުޞަދެއްގައި ކުރި ކަމަކަށް ވިޔަސް، އޮޅުމެއް ނެތް ގޮތުގައި މި ނުބައި ޢަމަލަކީ ކީރިތި ﷲގެ އަމުރުފުޅާ ދެކޮޅަށް، އެކަލާނގެ އުލޫހިއްޔަތާއި ރުބޫބިއްޔަތާ ދެކޮޅަށް ހިންގުނު އަނިޔާވެރި އަދި ނުބައި ބަޣާވާތެކެވެ. ޤާބީލިއްޔަ ފާފައެކެވެ. ﷲ ތަޢާލާއަށް މިލްކު ވެގެންވާ ފުރާނައަކާއި ހަށިގަނޑަކަށް، އެކަލާނގެ ޙަރާމް ކުރެއްވި ގޮތުގައި ދެވުނު ބޮޑު ވެގެންވާ އަނިޔާއެކެވެ. މިފަދަ ޢަމަލުތަކުން، އަޅުގަނޑުމެންގެ ތެރެއިން އިސްލާމް ދީނުގެ ނޫރުގެ އަލިކަން މިހާރަށް ވުރެ ވެސް ބޮޑަށް ނެތިގެން ދިޔުން ނޫން ކަމެއް ނުވާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙުމަތްޕުޅާއި ޢިނާޔަތްތެރިކަމުން އަޅުގަނޑުމެން ބޭރު ވެގެން ދިޔުން ނޫން ކަމެއް ނުވާނެއެވެ. ޙުރުމަތްތެރި ކުރެއްވެވުނު އިންސާނީ ލެއި އޮހޮރައިލާ ބައެއްގެ ތެރެއަށް ﷲގެ ބަރަކާތް އަންނާނޭ ގޮތަކީ ފަހެ ކޮބައިތޯއެވެ؟

މި އަނިޔާވެރި އަދި ލާއިންސާނީ ޢަމަލު ހިންގި ބަޔަކު އެކަން ކުރީ ކޮންމެ މަޤުޞަދެއްގައި ކަމަށް ވިޔަސް، މި ޢަމަލުން އެނގިގެން ދަނީ އެ ބަޔަކުގެ ޖާހިލުކަމެވެ. މިފަދަ ނުބައި ޢަމަލުތަކާ މެދު ކީރިތި ﷲ އާއި އެކަލާނގެ ރަސޫލާގެ ބަސްފުޅަކީ ކޮބައިކަން އެމީހުންނަށް ނޭނގޭކަމެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން އަޅުގަނޑުމެންގެ އިސްލާމީ ޝަޚްޞިއްޔަތާއި ޤައުމީ ޝަޚްޞިއްޔަތުގެ ފަސްބައިގައި ޖެހޭ ލައްގަނޑުތަކަކީ ކޮންފަދަ ނުބައި ލައްގަނޑުތަކެއްކަން އެމީހުންނަށް ނުވިސްނޭކަމެވެ. އެފަދަ މީހުންނަކީ އަޅުގަނޑުމެންގެ އިސްލާމީ ޝަޚްޞިއްޔަތާއި ޤައުމީ މުސްތަޤުބަލު ބިނާ ކުރުމަށް ކުރެވޭ މަސައްކަތުގެ އެންމެ ނުބައި ދުޝްމަނުންނެވެ. އެމީހުންގެ ޢަމަލަކީ ފިނޑި އަދި ނުލަފާ ޢަމަލެއްކަމާ މެދަކު ޝައްކެއް ނެތެވެ.

އިއްޔެ އަޅުގަނޑުމެންނަށް ފެނުނީ، ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ފުރާނަފުޅަށް ޙަމަލައެއް އަމާޒު ކުރެވުނު ތަނެވެ. މިއަދު މި ފެނުނީ މަޖިލިހުގެ ރައީސްގެ ފުރާނަފުޅަށް ހަމަ އެ ބާވަތުން ޙަމަލައެއް ދެވުނު ތަނެވެ. މި ކަހަލަ ޢަމަލުތަކުގެ ސަބަބުން އެއްވެސް ހެޔޮ ނަތީޖާއެއް ނުނުކުންނާނެއެވެ. ނުކުންނާނޭ ހަމައެކަނި ނަތީޖާ އަކީ، މުސްލިމް އަދި މުއުމިން ޤައުމެއްގެ ޝަރަފު އަޅުގަނޑުމެންނަށް ޙައްޤު ނުވާކަން ސާބިތު ވުމާއި، އަޅުގަނޑުމެންނަކީ އިންސާނިއްޔަތުކަން ފުރިހަމަ ނުވާ އަދި އެކަކު އަނެކެއްގެ ލެއި އޮހޮރައިލުމަށް ފަސް ނުޖެހޭ ވަޙުޝީންގެ ޤައުމެއްކަން އިންސާނުންގެ ލޯތަކަށް ފެނުމެވެ. އަޅުގަނޑުމެންނަކީ އިންސާނުން ކުރެ "ބިންމަތީގައި ފަސާދަ ކޮށް ލެއި އޮހޮރުވާ" ބާގައިގެ ޖަމާއަތެއްކަމަށް މާތް ވެގެން ވާ މަލާއިކަތުން ހެކި ވެވަޑައިގަންނަވާ ތަން އައުމެވެ. ކޮންފަދަ ބިރުވެރި ކަމެއްތޯއެވެ؟

ރައީސް ނަޝީދާ މެދު ވިޔަސް އަދި ރައީސް ޔާމީނާ މެދު ވިޔަސް އަދި އެހެން މީހަކާ މެދު ވިޔަސް، ދީނީ ގޮތުން ނުވަތަ ޤައުމީ މައްސަލަތަކުގައި ޚިޔާލު ތަފާތުވުންތަކެއް އޮތިއްޔާ، އެކަމާ މެދު އަޅުގަނޑުމެން ކުރާން ވީ ކަމަކީ އިސްލާމް ދީނުގެ ރިވެތި އަޚްލާޤުގެ ތަރަހައިގެ މަތީގައި ތިބެގެން، ޚިޔާލު ފައުޅު ކުރުމެވެ. ގޯސް ކަމެއް ފެންނަނީ ވިއްޔާ، ތެދުވެރި ޢިލްމާއި ހަރުދަނާ ބުއްދީގެ އަލީގައި އެ ގޯހެއްގެ ވާހަކަ ދެއްކުމެވެ. އެކަން ރަނގަޅު ކުރުމަށް އެކަކު އަނެކަކަށް ނަސޭހަތްތެރި ވުމެވެ. އޭގެ ބަދަލުގައި އަނިޔާވެރިކަން އިސް ކޮށް، އެކަކު އަނެކެއްގެ ޖިސްމަށާއި ފުރާނަޔަށް ގެއްލުން ދީ ލެއި އޮހޮރުވުމަށް އުޅެގަތުމަކީ، އޮޅުމެއް ނެތް ގޮތުގައި ޤާބީލާއި އޭނާ އެ އެއްޗަކަށް ތަބާ ވި އިބްލީސްގެ މަގެވެ. އަޅުގަނޑުމެންގެ ޤައުމަށް ހެޔޮ މުސްތަޤުބަލެއް އޮތީ އަޅުގަނޑުމެން ހެޔޮކަމުގެ މަގު އިޚްތިޔާރު ކޮށްގެންނެވެ. ﷲގެ ފޮތާއި އެކަލާނގެ ނަބިއްޔާގެ ސުންނަތުގައި ހިފައިގެން، އިލާހީ ބަސްފުޅުން އިންސާނީ ފުރާނަޔާއި ހަށިގަނޑާއި އިންސާނާގެ ޙައްޤުތަކަށް ދެއްވެވި ކަރާމާތާއި ޙުރުމަތަށް އިޙުތިރާމު ކޮށްގެންނެވެ. ޤައުމަށް ޓަކައި އެންމެން އެކަތިގަނޑަކަށް ވެގެންނެވެ.

comment ކޮމެންޓް