ރޭ ގޮއްވާލި އައިއީޑީ، ސަލްޓަން ޕާކުގައި ގޮއްވާލި އައިއީޑީއަށް ވުރެ ބާރުގަދަ: ޑިފެންސް

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭ ނީލޯފަރު މަގުގައި ގޮއްވާލާފައި ވަނީ، 2007 ވަނަ އަހަރު ސަލްޓަން ޕާކުގައި ގޮއްވާލި އައިއީޑީއަށް ވުރެ އެތައް ގުނައެއް ބާރުގަދަ އެއްޗެއް ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފި އެވެ.

ރައީސް މުހައްމަދު ނަޝީދު ދިރިއުޅުއްވައި ގ. ކެނެރީގެ ކައިރީގައި އެއްޗެއް ގޮއްވާލީ ރޭ 8:30 ހާއިރު، އެމަނިކުފާނު ގެއިން ނިކުމެ ވަޑައިގަތް ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. އެ ހަމަލާގައި އެމަނިކުފާނަށް އެކިވަރުގެ ޒަހަމްތައް ލިބި އޭޑީގައި އެޑްމިޓްކޮށް އަންނަނީ ފަރުވާ ދެމުންނެވެ.

އެ ހަމަލާ އާ ގުޅިގެން މައުލޫމާތު ދިނުމަށް ގައުމީ ދިފާއީ ބާރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވީ މިހާތަނަށް ބެލި ބެލުމުން، އެއީ އަމިއްލައަށް ތައްޔާރުކޮށްފައިވާ އައިއީޑީ އެއް ކަން ދެނެގަނެވިފައިވާ ކަމަށެވެ. އައިއީޑީ ހަރުކޮށްފައި ހުރީ، ރައީސް ނަޝީދުގެ ކާރުކޮޅު ކައިރީ ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ކަމަށް ބެލެވޭ ކަމަށް ވެސް ވިދާޅުވި އެވެ.

އެ ޑިވައިސް ތައްޔާރުކޮށްފައިވަނީ މިލިޓަރީ ގްރޭޑް ސާމާނު ބޭނުންކޮށްގެން ނޫން ކަމަށާއި އެ އައިއީޑީ ގޮއްވާލާފައި ވަނީ ދުރުގައި ހުރެގެން ރިމޯޓެއް ކަހަލަ އެއްޗެއް ބޭނުންކޮށްގެން ކަމަށް ބެލެވޭ ކަމަށް ޝަމާލް ވިދާޅުވި އެވެ.

"މީ ޓައިމް ކޮށްފަ އޮތް އައިއީޑީއެއް ނޫން އަޅުގަޑުމެންނަށް ލަފާކުރެވޭގޮތުގައި،" ޝަމާލް ވިދާޅުވި އެވެ.

އައިއީޑީ އިތުރަށް ވަރުގަދަ ކުރުމަށް، އޭގެ ތެރެއަށް ގިނަ އަދަދަކަށް ރޭޒާ ފުށް ލާފައިވާ ކަމަށް ވެސް ޝަމާލް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އައިއީޑީގެ ބްލާސްޓް އިފެކްޓަށް ބަލާއިރު، އެއީ އެތައް ގުނައެއް ބާރުގަދަ އެއްޗެއް ކަމަށެވެ.

"ސަލްޓަން ޕާކުގެ އައިއީޑީއާ ބަލާފަ، މި އައިއީޑީއާ ކޮމްޕެއާ ކުރާއިރު މި އައިއީޑީ އެތައް ދަރަޖައެއް ބާރުގަދަ އައިއީޑީއެއް ކަން އަޅުގަނޑުމެން ފާހަގަކުރަން،" ޝަމާލް ވިދާޅުވި އެވެ.

ޝަމާލް ވިދާޅުވީ މިވަގުތު ރާއްޖޭގައި އައިއީޑީ ތައްޔާރުކުރުމުގެ ގާބިލުކަން ހުރި މީހުން މުޖުތަމައު ތެރެއަށް ދޫވެފައި އެބަތިބި ކަަމަށާއި، އެއީ ކަންބޮޑުވުމެއް ކަމަށެވެ.

ހައްދުފަހަނައެޅި ފިކުރުގެ ބަޔަކު 2007 ވަނަ އަހަރު ރޯދަ މަހު ސަލްޓަންޕާކުގައި ދިން ހަމަލާގައި 12 ޓޫރިސްޓަކު ޒަހަމްވި އެވެ. އެ ހަމަލާއާ ގުޅިގެން 16 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކުރި އެވެ. އޭގެތެރެއިން ބައެއް މީހުންގެ މައްޗަށް ވަނީ ކުށް ސާބިތުވެ ޖަލަށް ލުމަށް ހުކުމްކޮށްފަ އެވެ. އަދި އެ މައްސަލައިގައި ތުހުމަތު ކުރެވޭ 10 މީހަކު ވަނީ ރާއްޖެއިން ފުރައިގެން ގޮސް ފިލާފަ އެވެ. ބައެއް މީހުން ހައްޔަރުކޮށްގެން ރާއްޖެވެސް ގެނަ އެވެ.

ރޭގެ ހަމަލާގައި ރައީސް ނަޝީދުގެ އިތުރުން، އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި، އާންމުންގެ މީހަކަށާއި އިނގިރޭސި ރައްޔިތަކަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ.

comment ކޮމެންޓް