އޭއެފްސީ މެޗަށް އިންޑިއާގެ ބެންގަލޫރު އެފްސީ ރާއްޖެ އައިސްފި

އިންޑިއާގެ ބެންގަލޫރު އެފްސީ ފަރިތަކުރުންތަކުގެ ތެރެއިން--- ފޮޓޯ//ބެންގަލޫރު އެފްސީ

ކޮވިޑްގެ ނުރައްކާ މިހާތަނަށް ރާއްޖޭގައި އެންމެ ގޯސްވެފައި އޮތް ދަނޑިވަޅުގައި އޭއެފްސީ ކަޕްގެ ކޮލިފައިން ޕްލޭއޮފްގައި ރާއްޖޭގެ ކްލަބް އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗަށް އިންޑިއާގެ ބެންގަލޫރު އެފްސީ ޓީމު މިއަދު މާލެ އައިސްފި އެވެ.

ބެންގަލޫރު ޓީމު ރާއްޖެ އައިސްފައިވާކަން އެ ޓީމުން ވަނީ ކަށަވަރު ކޮށްދީފައެވެ. އެގޮތުން ކުރި ޓުވީޓެއްގައި އެޓީމުން ބުނީ، ކުޅުންތެރިންނާއި އޮފިޝަލުންނަށް ރައްކާތެރިކަމާއި އެކީ މާލެ އާދެވިއްޖެ ކަމަށެވެ.. އަދި އެހެންމެ ކުޅުންތެރިން ތިބީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށާއި، ތާވަލުކޮށްފައި އޮތް ގޮތަށް މެޗުތައް ކުޅެވިގެންދާނެ ކަމަށް އެފްއޭއެމުން ކުރި ޓްވީޓެއްގައި ވެސް ވަނީ ބުނެފަ އެވެ.

ޕްލޭއޮފްގައި އީގަލްސް އާއި ބެންގަލޫރު ކުޅޭ މެޗު އޮންނާނީ އަންގާރަ ދުވަހުގެރޭ 9 ޖަހާއިރު ގަލޮޅު ދަނޑުގަ އެވެ. ޕްލޭއޮފުން މޮޅުވާ ޓީމަކަށް ކޮލިފައިން ގްރޫޕްގެ ފަހު ފުރުސަތު ލިބޭނެ އެވެ. އެ ގްރޫޕްގައި މި ވަގުތު އޮތީ ރާއްޖޭގެ މާޒިޔާ އާއި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ. އެ ގްރޫޕްގެ މެޗުތައް މާލޭގައި ކުޅެން ޝެޑިއުލްކޮށްފައި އޮތީ މި މަހު 14 އިން 20 އަށެވެ. ރާއްޖޭން އެ މެޗުތައް ހޯސްޓްކުރުމުގެ ފުރުުސަތު ހޯދީ އިންޑިއާއާ ވާދަކޮށް ބިޑް ކާމިޔާބު ކޮށްގެންނެވެ.

ކޮވިޑްގެ ކޭސްތައް ރާއްޖޭގައި ގިނަވެ ހާލަތު ގޯސްވާތީ މި މަހު ރާއްޖޭގައި ސެންޓްރަލައިޒްކޮށް ބާއްވަން ނިންމާފައިވާ އޭއެފްސީ ކަޕްގެ ޕްލޭއޮފް މެޗާއި ދެކުނު އޭޝިއާގެ ގްރޫޕްގެ މެޗުތައް ފަސްކުރަން އެފްއޭއެމުން އޭއެފްސީއާ އެކު މަޝްވަރާ ކުރި ނަމަވެސް އޭއެފްސީގެ ނިންމުމަކީ މިހާރު އޮތް ޝެޑިއުލާ އެއްގޮތަށް އޭއެފްސީ ކަޕްގެ މެޗުތައް ރާއްޖޭގައި ކުރިއަށް ގެންދިއުމަށެވެ.

ނަމަވެސް މި ހާލަތުގައި އެ މުބާރާތް ކުޅުމަށް އެފްއޭއެމާއި ސަރުކާރުން ނިންމާފައިވާތީ ގިނަބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެ، ގިނަ ފަރާތްތަކެއް އެބަލީގައި މިފަހުން މަރުވެފައިވާ އިރު، އެޗްޕީއޭއިން ވަނީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފަ އެވެ. އެގޮތުން ރޭގަނޑު ނުވައެއްގެ ފަހުން ބޭރުގައި އުޅުން މަނާކޮށް ކާފިއު އިއުލާންކޮށްފައިވާ އިރު، އޭއެފްސީގެ މެޗުތައް ވެސް ކުޅޭނީ ކާފިއު ވަގުތު އެވެ.

comment ކޮމެންޓް