ނުރައްކާތެރި އަމަލެއް ހިންގާނެ ކަމަށް ޝައްކުވާ މީހުންގެ މައުލޫމާތު ހިއްސާކޮށްދޭން އެދިއްޖެ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ނުރައްކާތެރި، އަނިޔާވެރި އަމަލެއް ހިންގާފާނެ ކަމަށް ޝައްކު ކުރެވޭ މީހުންގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްދިނުމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އެދިވަޑައިގެންފި އެވެ.

ހޯމް މިނިސްޓަރު މިފަދައިން އެދިވަޑައިގަތީ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ނުރައްކާތެރި ހަމަލާއާ ގުޅިގެން 'ސަން' އަށް ދެއްވި ކުރު އިންޓަވިއުއެއްގަ އެވެ.

މިނިސްޓަރު ވިދާޅުވީ މި އިންސިޑެންޓުގެ މައްޗަށް ބިނާކޮށް، ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނާ އެމްއެންޑީއެފް ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ. އަދި އެ މަސައްކަތުގައި ރައްޔިތުންގެ ފަރާތުން އެއްބާރުލުމަށް ވެސް އެދިވަޑައިގަތެވެ.

"ދަންނަވަން އޮތީ، މިކަހަލަ އަނިޔާވެރި ނުަރައްކާތެރި އަމަލެއް ހިންގާ މީހެއް، ނުވަތަ އެކަހަލަ ކަމެއް ކޮށްފާނެ ކަމަށް ޝައްކު ކުރެވޭ މީހަކު އެއްވެސް ދިވެހި ރައްޔިތަކަށް އެނގޭ ކަމަށް ވާނަމަ އެ މައުލޫމާތު ފުލުހުންނަށް ވީހާވެސް އަވަހަކަށް ދެއްވާެށޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ރޭގެ ހަމަލާ އާއި ގުޅޭ އިންޓެލިޖެންސް މައުލޫމާތެއް ފުލުހުންނަށް ލިބިފައިނުވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.

ރޭގެ ހަމަލާ އާއި ގުޅުން ހުރި ހަތަރު މީހަކު ވަނީ ފާހަގަ ކުރެވިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އެ ހަމަލާގައި ރައީސް ނަޝީދުގެ އިތުރުން އެމަނިކުފާނުގެ ތިން ބޮޑީގާޑުންނާއި، މަގުމަތީގައި ހުރި ދިވެހި ފިރިހެނަކާއި ބިދޭސީ އަކަށް ވަނީ އަނިޔާވެފަ އެވެ.

ރައީސް ނަޝީދަށް އަދިވެސް އަންނަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. އެމަނިކުފާނުގެ ގިނަ އޮޕަރޭޝަންތަކެއް ކޮށްފައިވާއިރު، އަދިވެސް ބޮޑު އެއް އޮޕަރޭޝަނެއް ކުރަންޖެހޭ ކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުންޏެވެ. އެމަނިކުފާނުގެ ހާލު މިހާރު ރަނގަޅު ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

comment ކޮމެންޓް