ސިފައިންނާ ފުލުހުންގެ އެލާޓް ސްޓޭޓަސް މަތިކޮށްފި

މިރޭގެ ހާދިސާ ހިނގި ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ފޮޓޯ: ޕޮލިސް

މިރޭ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުވާ ގޮތަށް ދިން ހަމަލާއާ ގުޅިގެން އެމްއެންޑީއެފް އާއި ފުލުހުންގެ އެލާޓް ސްޓޭޓަސް މަތިކޮށް، ސެކިއުރިޓީ ވަރުގަދަކޮށްފި އެވެ.

އެމްއެންޑީއެފް އިން ބުނީ، ކެނެރީމަގުގެ ކޮޅުން މަޖީދީމަގާ ވީ ކޮޅުން ރައީސް ނަޝީދު ކާރަށް އަރާވަޑައިގަންނަވަނިކޮށް އެއްޗެއް ގޮއްވާލައި، އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ލިބިވަޑައިގަތުމާ ގުޅިގެން އެމްއެންޑީއެފް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަދި އެކަމާ ގުޅިގެން އެމްއެންޑީއެފްގެ ސެކިއުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް މަތިކޮށްފައިވާ ކަމަށެވެ.

ފުލުހުން ބުނީ މިރޭ ހިނގި ހާދިސާއާ ގުޅިގެން ފުލުހުންގެ ހިދުމަތުގެ އެލާޓް ލެވެލް، ލެވެލް 3 އަށް މަތިކޮަށް ބޮޑު އިސްކަމެއްދީގެން އެ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށެވެ.

މިރޭ މަޖިލިސް ރައީސް ދިރިއުޅުއްވާ ގ. ކެނެރީގޭ ބޭރުގައި އެއްޗެއް ގޮއްވާލާފައި ވަނީ އެމަނިކުފާނު ކާރުކޮޅަށް އަރާވަޑައިގަންނަވަނިކޮށެވެ. އަދި އެ ގޮވުމުގެ ސަބަބުން އެމަނިކުފާނަށް އަނިޔާވެ، އޭޑީކޭ ހޮސްޕިޓަލުގައި ގެންދަވަނީ ފަރުވާ ހޯއްދަވަމުންނެވެ. އެކިވަރުގެ ޒަހަމްތައް ލިބިފައިވީ ނަމަވެސް، މިހާރު އެމަނިކުފާނުގެ ހާލު ރަނގަޅު ކަމަށް އޭޑީކޭ އިން ވަނީ ބުނެފަ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަނީ ފުލުހުން އެންމެ އިސްކަން ދޭ މައްސަލައިގެ ގޮތުގައި ކަމަށާއި، ހަމަލާގެ ފަހަތުގައިވާ މީހުން ހޯދާ އިންސާފުގެ ކުރިމައްޗަށް ގެންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މި އިންސިޑެންޓުގެ މައްޗަށް ބިނާކޮށް، ރައްޔިތުންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް ފުލުހުންނާ އެމްއެންޑީއެފް ގުޅިގެން ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

comment ކޮމެންޓް