އޮޑިޓް ރިޕޯޓުތަކުގައި ލަފާދޭ ފިޔަވަޅުތައް އަޅަން އަންގައިފި

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޮޓިޓާ ޖެނެރަލް ނެރުއްވާ އޮޑިޓް ރިޕޯޓުތަކުގައި އިސްލާހު ކުރުމަށް އަންގާ ކަންތައްތަކާއި، އަޅަން ލަފާދޭ ފިޔަވަޅުތައް އެޅުމަށް ފިނޭންސްސް މިނިސްޓަރު އިބްރާހިމް އަމީރު ދައުލަތުގެ އޮފީސްތަކަށް އަންގަވައިފި އެވެ.

މިނިސްޓަރު ސޮއިކުރައްވައި ދައުލަތުގެ އޮފީސްތަކަށް ފޮނުވާފައިވާ ސާކިޔުލާއެއްގައި ބުނެފައި ވަނީ އޮޓިޑް ރިޕޯޓުތައް އެ ރިޕޯޓު ރައްދުވާ އޮފީހަކަށް ލިބުމުން އެ ރިޕޯޓްގައި އިސްލާހު ކުރުމަށް އަންގާފައިވާކަންކަން އިސްލާހުކޮށް ފިޔަވަޅު އެޅުމަށް އަންގާފައިވާ ކަންތަކާ ގުޅޭ ގޮތުން އަމަލު ކުރުމަކީ އެ އޮފީހެއްގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތެއް ކަމަށެވެ.

އޮޑިޓް ރިޕޯޓްތަކުގައި އިސްލާހު ކުރުމަށް އަންގަވާފައިވާ ފިޔަވަޅުތަކާ ގުޅިގެން، އެ މައްސަލައެއްގެ ބާވަތުން އެކަމަކީ މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓިއަށް ހުށައަޅަން ޖެހޭ
މައްސަލައަކަށްވާ ނަމަ އެ މައްސަލަ ބެލުމަށް ޓަކައި އެ އޮފީހެއްގެ ޒިންމާދާރުވެރިޔާ އެ ފަދަ މައްސަލަތައް މާލިއްޔަތުގެ މައްސަލަ
ބަލާ ކޮމިޓީ އަށް ހުށަހެޅުމަށް ފިނޭންސްއަށް ފޮނުވަން ވާނެ ކަމަށާއި އޮޑިޓް ރިޕޯޓުތަކުގައި އިތުރަށް ތަހުގީގު ކުރުމަށް ލަފާ ދެއްވާފައިވާ ކަންކަމާ ގުޅޭ ގޮތުން، އިތުރަށް އެފަދަ މައްސަލަތައް ތަހުގީގު ކުރުމަށް ޓަކައި ތަހުގީގީ އިދާރާއަކަށް ފޮނުވުމަކީ ވެސް އެ އޮފީހެއްގެ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތެއް ކަމަށް ސާކިޔުލާގައިވެ އެވެ.

ސާކިޔުލާގައި އިތުރަށް ބުނެފައި ވަނީ މިހާތަނަށް، މާލިއްޔަތުގެ މައްސަލަ ބަލާ ކޮމިޓިއަށް ހުށައަޅަން ޖެހޭ މައްސަލައެއް، ކޮމިޓީއަށް ހުށަހަޅާފައި ނުވާ ނަމަ އެފަދަ މައްސަލަތައް މާލިއްޔަތުގެ މައްސަލަބަލާ ކޮމިޓީއަށް ހުށަހެޅުމަށް އަންގާ ކަމަށެވެ. އަދި އިތުރަށް ތަހުގީގު ކުރުމަށް ލަފާ
ދެއްވާފައިވާ ކަންކަން ތަހްގީގީ އިދަރާތަކަށް ހުށަހެޅުމަށް ވެސް ވަނީ އަންގައިފަ އެވެ.

މީގެ އިތުރުން ވެސް، އޮޑިޓް ރިޕޯޓުތަކުގައި އިސްލާހުކުމަށް
ލަފާދެއްވާފައިވާ އެހެނިހެން ކަންކަމާ ގުޅިގެން، ފިޔަވަޅު އަޅާކަން ކަށަވަރު ކުރުމަށް ޒިންމާދާރު ވެރިންނަށް އެ ސާކިޔުލާ އިން ވަނީ މަތިކޮށްފަ އެވެ.

comment ކޮމެންޓް