ދިއްލީ (މެއި 5): އިނގިރޭސިވިލާތުގައި އޮތް ޖީ7 ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމަކަށް ދިޔަ އިންޑިއާގެ ޑެލިގޭޝަނުން ދެ މެމްބަރަކު ޕޮޒިޓިވްވެއްޖެ އެވެ.
އިންޑިއާގެ ޑެލިގޭޝަނުގައި އިސްކޮށް ހުންނެވި އެގައުމުގެ ފޮރިން މިނިސްޓަރު ސުބްރަމާނިޔަމް ޖަޔަޝަންކަރު މިއަދު ވިދާޅުވި ގޮތުގައި ކޮވިޑަށް ޕޮޒިޓިވްވެފައިވާ ދެ މީހަކާ އޭނާއާ ބައްދަލުވިކަން އިއްޔެ އޭނާއަށް ވަނީ އަންގާފަ އެވެ. އެހެންކަމުން އޭނާ ވަނީ ދެން ބައްދަލުވުންތަކުގައި އޮންލައިންކޮށް ބައިވެރިވެވަޑައިގަންނަވަން ނިންމަވާފަ އެވެ.
"އަޅުގަނޑު ކޮވިޑަށް ހުށަހެޅިފައިވާ ކަމަށް ބެލެވޭ ކަމުގެ މައުލޫމާތު އިއްޔެ ވަނީ ލިބިފައި. އެހެންކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުންނާއި އެހެން މީހުންނަށް ބެލުމުގެ ގޮތުން، އޮންލައިންކޮށް ބައްދަލުވުންތަކުގައި ބައިވެރިވާން އަޅުގަނޑު ނިންމައިފިން،" ޖަޔަޝަންކަރު ވިދާޅުވި އެވެ.
ޖަޔަޝަންކަރު އިއްޔެ ވަނީ އިނގިރޭސި ހޯމް ސެކްރެޓަރީ ޕްރިތީ ޕަޓޭލްއާ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުމުގައި ގައިދުރުކަން ދަމަހައްޓާ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ވާތީ އެ ބައްދަލުވުމުގައި ދެން ތިބި މީހުން އެކަހެރިވާން ނުޖެހޭނެ ކަމަށް އިނގިރޭސި ޕަބްލިކް ހެލްތުން ވަނީ ނިންމާފަ އެވެ.
މީގެ އިތުރުން އިނގިރޭސި ސަރުކާރުން ވަނީ އިންޑިއާ ޑެލިގޭޝަން އެއްކޮށް އެކަހެރިވެފައިވާ ކަމަށް ބުނެފަ އެވެ. އަދި ޕޮޒިޓިވްވި ދެ މެމްބަރުން ބައްދަލުވުންތައް ބާއްވާ ތަނަކަށް ވަޑައިނުގަންނަވާ ކަމަށާއި ޖަޔަޝަންކަރަށް ބަލި ޖެހިފައި ނުވާކަން ފާހަގަކޮށްފަ އެވެ.
ދުނިޔޭގެ އިގުތިސާދީ ގޮތުން އެންމެ ކުރި އަރާފައިވާ ހަތް ގައުމު ހިމެނޭ ޖީ7ގައި އިނގިރޭސިވިލާތް، ކެނެޑާ، ފްރާންސް، ޖަރުމަނު، އިޓަލީ، ޖަޕާން އަދި އެމެރިކާ ހިމެނެ އެވެ. އޭގެ ތެރޭގައި އިންޑިއާ ނުހިމެނޭ ނަމަވެސް އެގައުމުގެ ޑެލިގޭޝަނަކަށް ވަނީ ޖީ7ގެ ފޮރިން މިނިސްޓަރުން މިހަފްތާގައި ބާއްވާ ބައްދަލުވުމަށް ދައުވަތު އަރުވާފަ އެވެ. އަދި ޖީ7 ލީޑަރުންގެ ސަމިޓު ބާއްވަން ހަމަޖެހިފައި ވަނީ އަންނަ މަހު އެވެ.
އެ ބައްދަލުވުންތަކުގައި ކޮވިޑް ވެކްސިން ހަމަހަމަކަމާ އެކު ފޯރުކޮށްދިނުމާއި ދުނިޔޭގެ ގައުމުތަކަށް ވެކްސިން ފޮނުވައިދޭން މަސައްކަތް ކުރާ ކޮވެކްސް ސްކީމަށްއަށް އެހީތެރިވާ މިންވަރު އިތުރު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށް ރިޕޯޓުތަކުގައިވެ އެވެ.