ސިއްހީ މާހިރުންގެ ލަފައަކީ ފިޔަވަޅުތައް އަދިވެސް ވަރުގަދަ ކުރުން

ޖެނުއަރީ 25، 2021: މާލޭގެ އެކި ސަރަހައްދުގައި މީހުންގެ ކޮވިޑް ރެންޑަމް ސާމްޕަލް ނެގުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާލެ ސަރަހައްދުގައި މިހާރު މިއޮތީ މިހާތަނަށް ރާއްޖޭގައި އުފެދުނު ކޮވިޑްގެ އެންމެ ބޮޑު ރާޅެވެ. މުޅި ރާއްޖޭގައިވެސް ކޮވިޑްގެ ތޫފާން މިވަނީ ނުރައްކާ ދަރަޖައަކަށް ގޮސްފަ އެވެ. އެއާ އެކު ގިނަ ބަޔަކު ކުރާ ސުވާލަކީ ރާއްޖޭގައި މިއޮތް ކޮވިޑް ހާލަތުން ފަސޭހައިން އަރައިގަނެވިދާނެ ހެއްޔެވެ؟ ކޮވިޑްގެ ހާލަތު އެންމެ ނުރައްކާ ހިސާބުގައި އޮތް އިންޑިއާގެ ހާލަތަށް ރާއްޖެ ވެއްޓިދާނެ ތޯވެސް ބައެއް މީހުން ސުވާލު ކުރެ އެވެ. އިންޑިއާއަކީ އާބާދީ ބޮޑު އެހެންނަމަވެސް ވަސީލަތް ގިނަ ތަނެކެވެ. ރާއްޖެއަކީ އާބާދީ ކުޑަ އަދި އެ އާބާދީއަށް ކޭޓާ ކުރެވޭ ވަރަށްވެސް ވަސީލަތް ނެތް ތަނެކެވެ. ބޮޑު ހާލެއް ޖެހިއްޖެޔާ އިންޑިއާގެ އެހީ ނުހޯދައި ވާކަށް ނޯވެ އެވެ. މިހާރު އިންޑިއާ އޮތީ އެހީވެވޭ ހާލެއްގައެއް ނޫނެވެ. މިހާލަތުގައި ސިއްހީ މާހިރުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުއްޓެވެ. ކޮވިޑްގެ މިހާލަތު ކޮންޓްރޯލުން ނައްޓައިގެން އަތުނުޖެހޭ ހިސާބަށް ހިނގައިދާނެ ކަމުގެ ބިރު އޮތް ކަމަށް ޑޮކްޓަރުން ދަނީ ބުނަމުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ ޑރ ނަޒްލާ މުސްތަވާ ވިދާޅުވިގޮތުން މާލޭގައި ގިނަ އަދަދެއްގެ ބަޔަކު ޕޮޒިޓިވްވާއިރު އޭގެތެރޭގައި ހެލްތް ކެއާ ޕްރޮފެޝަލުން ގިނަ އަދަދަކަށް ހިމެނެ އެވެ. އެހެންވެ ހިދުމަތް ދިނުމަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ޑރ. ނަޒްލާ މުސްތަފާ -- ފޮޓޯ/ އެޗްއީއޯސީ

"ކޮވިޑަށްވެސް ނޮން ކޮވިޑަށްވެސް ހިދުމަތް ދިނުމުގައި ދަތިތަކެއް އެބަ އާދޭ. ހެލްތް ކެއާ ދޭ މީހަކު ޕޮޒިޓިވްވެގެން އޭނައަށް ކޮންމެ ގޮތެއްވިއަސް ނުވެއް ނިކުމެވޭނެ. އެއްވެސް ކަހަލަ ހިދުމަތެއް ނުވެއް ދެވޭނެ. ގެއްލޭ މީހެއް އެއީ" ޑރ ނަޒްލާ މުސްތަފާ ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ ސައިޑުން ވިސްނާއިރު މިހާރު އަޅާފައި ހުުރި ފިޔަވަޅުތައް ރަނގަޅު ނޫންކަން ނަޒްލާ ފާހަގަކުރެވި އެވެ. އޭނާ ވިދާޅުވީ ބައެއް ނަރުހުން ރޯދަ މަސްތެރޭގައިވެސް 12 ގަޑިއިރު ޑިއުޓީކުރަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ވިސްނާނީ ހެލްތް ސައިޑުން. އަޅުގަނޑުމެން ތަންކޮޅެއް ބޮޑަށް ބަންދުކޮށްފައި އަވަހަށް ކޮންޓްރޯލް ކުރުމަށް އަޅުގަނޑުމެން ލަފާދޭނީ." ނަޒްލާ ވިދާޅުވި އެވެ.

ސިއްހީ ދާއިރާގެ މީހުން ހުށަހަޅާފައިވާ ފިޔަވަޅުތަކަށް މާދަމާވެސް ދާން ޖެހިދާނެކަން އޭނާ ވަނީ ފާހަގަ ކުރައްވާފަ އެވެ. ވިދާޅުވީ "އިތުރަށް ސަކަރާތްވަންޏާ ކޮންމެ ގޮތެއް ވިޔަސް އެ ސްޓެޕް ނަގަން ޖެހޭނެ" ކަމަށެވެ. ބަލީމީހާއަށް ހިދުމަތް ނުވެތި ދާތަން ދެކެން ސިއްހީ ދާއިރާގެ މީހުން ބޭނުން ނުވާނެ ކަމަށް ނަޒްލާ ވިދާޅުވި އެވެ.

ޑރ މުހައްމަދު އަލީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިންޑިއާގައި ނުރައްކާތެރި ވޭރިއެއްޓެއް އުޅޭ ކަމުގެ ވާހަކައަކީ ސިއްހީ މާހިރުން ދައްކާ ވާހަކަ އެކެވެ. އެ ވޭރިއެންޓް ރާއްޖޭގައިވެސް ނެތޭ ބުނެވޭކަށް ނެތެވެ. ރާއްޖޭގައި އެ ވޭރިއެންޓް އުޅޭތޯ އަދި ޓެސްޓެއް ނުކުރެ އެވެ. ސާމްޕަލް ފޮނުވާނެ ކަމަށް މިދިއަ ހަފްތާގައިވެސް ބުންޏެވެ. ރޭވެސް އެހެން ބުންޏެވެ. އެކަމަކު އަދި ފޮނުވާފައެއް ނުވެ އެވެ. މިހާލަތުގައި އިންޑިއާއަށް ބޯޑަރު ހުޅުވާލާފައި އޮތް އޮތުމާމެދު ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަ ބޮޑެތި ގައުމުތަކުގެ ބޯޑަރު މިހާރު ވަނީ އިންޑިއާއަށް ބަންދުކޮށްފަ އެވެ.

ޑރ މުހައްމަދު އަލީ ވިދާޅުވީ ކޮވިޑް އެންމެ ގިނަ ގައުމަކުން ރާއްޖެއަށް މީހުން އަންނަ މަގު ބަންދު ކުރުމަކީ މިހާރު ކުރުން މުހިންމު އެއް ކަންތައް ކަމަށެވެ.

"ލޮކްޑައުނަކަށްވުރެ ބޮޑަށް. އެއް ގައުމަކުން. ނުވަތަ ކޭސަސްތައް ގިނަ ގައުމަކުން ރާއްޖެއަށް އައުން ހުއްޓުވުން. އެއީ ކުރެވިދާނެ އެއްކަންތައް." ޑރ މުހައްމަދު އަލީ ވިދާޅުވި އެވެ.

މިހާލަތުގައި ވެކްސިން ޖެހިފައި ހުރުމަކީ ނަސީބު

ވެކްސިނަކީ 100 ޕަސެންޓު ނޫނަސް މިހާލަތުގައި ރާއްޖޭގައި ގިނަ ބަޔަކަށް ވެކްސިން ދެވިފައި ހުރުމުން އެއީ ވަރަށް ބޮޑޫ ނަސީބެއް ކަމަށް ޑރ ނަޒްލާ ވިދާޅުވި އެވެ. އެއީ ވެކްސިނުން ބަލީގައި ސީރިއަސް ވާ މިންވަރު ދައްކޮށްދިނުމާއި ބަލީގައި މަރުވާ މީހުންގެ އަދަދު ދަށްކޮށްދޭކަން އޭނާ ފާހަގަ ކުރެއްވި އެވެ.

މިއަަހަރުގެ ފެބުރުއަރީ ހިސާބުގައި ކޭސްތައް 200 ގައި ހުރިއިރުވެސް އެއްމަސްތެރޭގައި 11 މީހަކު ނިޔާވި ކަމަށް ނަޒްލާ ވިދާޅުވި އެވެ. އޭރު ވެކްސިން ދޭން ކިރިޔާ ފެށީކަން ފާހަގަކޮށް ނަޒްލާ ވިދާޅުވީ އޭރު ޕޮޒިޓިވްވާ ކޭސް ދަށް ނަމަވެސް ހާލު ސީރިއަސްވާ މީހުންގެ އަދަދު އެ ނިސްބަތުން ގިނަ ކަމަށެވެ.

"މިހާރު ވެކްސިން ޖެހީމަ އަޅުގަނޑު މި ދަންނަވަނީ. އަޅުގަނޑުމެން ނަސީބު އިރާދަކުރެއްވެއްޖެއްޔާ މިހާތަނަށް ދިޔަ އިރު 52 ޕަސެންޓަށް ވެކްސިން ފުރަތަމަ ޑޯޒްވެސް ދެވުނުކަން. އެއީ މިހާރު އަޅުގަނޑުމެންނަށް ފެންނަނީ ކޭސަސްގެ ނަމްބަރު ޑަބަލް އިތުރުވި ކަމުގައި ވިޔަސް. ސިވިއާ ކޭސަސް ހާފް ދަށޭ އޭރާ ބަލާފައި." ނަޒްލާ ވިދާޅުވި އެވެ.

ރާއްޖޭގައި ދުވަސްވީ މީހަކަށް ވެކްސިން ދެނީ -- ސަންފޮޓޯ/ ފަޔާޒު މޫސާ

ވެކްސިން 100 ޕަސެންޓް މަސައްކަތް ކުރި ނަމަވެސް ވަަރަށް ބޮޑުތައް ހިފަހައްޓާލާ ކަމަށް އޭނާ ވިދާޅުވި އެވެ. ވެކްސިން ޖަހާފައި ތިބި މީޙުން ސަމާލުކަން ދޭންވީ ވެކްސިން ނުދެވޭ 18 އަހަރުން ދަށުގެ އޭޖް ގުރޫޕާއި މާބަނޑު މީހުން ބަލިން ސަލާމަތް ކުރުމަށް ކަމަށް ނަޒްލާ ވިދާޅުވި އެވެ.

"ގޭގޭގައި މިތިބޭ މާބަނޑު މީހުން ރައްކާތެރި ކުރުމަކީ މިހާރު ހަމަ ވިސްނަން ޖެހޭނެ ކަމެއް." ޑރ ނަޒްލާ މުސްތަފާ ވިދާޅުވި އެވެ.

ޑރ މުހައްމަދު އަލީ ވެސް ވަނީ މިހާލަތުގައި ވެކްސިން ޖެހުމުގެ މުހިންމުކަން ފާހަގަ ކުރައްވާފަ އެވެ. ވިދާޅުވީ ކޮންމެ ވެކސްިނެއް ލިބުނަސް މިވަގުތު ޖަހަން ޖެހޭ ކަމަށެވެ. ވަކި ވެކްސިނެއް ނޫނީ ނުޖަހަނަ ނުތިބުމަށް އޭނާ އިލްތިމާސް ކުރެވި އެވެ.

"ވެކްސިނަށް އެލިޖަބަލް މީހުންގެ 25 ޕަސެންޓް ސިނޮފާމް ވެކްސިންގެ ފަސްޓް ޑޯސް ނުޖަހައި އޮތްކަން އެވެސް ވަރަށް ހިތާމަ ކުރަން ޖެހޭ އެއްކަންތައް. އެހެންވީމަ ސިނޮފާމް މިހާރު ލިބެން ހުރި ޑޯޒް ޖައްސަވަމުން ގެންދަވާށޭ. ކޮވިޝީލްޑޭ ފައިޒާއޭ ނުވަތަ މޮޑާނާއޭ ޖަހާނީ ހިތައް އަރައިގެން އެގޮތަށް މަޑު ނުކުރައްވާށޭ." ޑރ މުހައްމަދު އަލީ ވިދާޅުވި އެވެ.

ރާއްޖެ މިއޮތީ އަތުނުޖެހޭ ހިސާބުގަ އެވެ. އިއްޔެ އެކަނި 601 މީހަކު ޕޮޒިޓިވްވީއިރު މާލެ ސަރަހައްދުން އެކަނި 440 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ. އެއީ ރެކޯޑު އަދަދެކެވެ. ކޮންމެ ދުވަހަކު އެ ރެކޯޑު ދަނީ އާކުރަމުންނެވެ. އެއީ މާ އުފާވެރި ރެކޯޑެއް ނޫނެވެ. މިހާލަތުގައި ސިއްހީ މާހިރުންގެ ލަފާ އަޑުއަހަން ޖެހެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް