ޗޮކްލެޓް ކްރަޝް 7

ޗޮކްލެޓް ކްރަޝް

އުމަރު ބިން ޚައްތާބު ރަޟިޔަﷲ އަންހާ ވިދާޅުވިއެވެ." އޭނަގެ އަޚާއާއި ދިމާލަށް جزاك اللهُ خيراً އޭ ބުނުމުގެ އަޖުރު އެނގޭނެނަމަ އެކަކު އަނެކަކަށް މި ގޮތަށް ދެންނެވުން އިތުރުވާނެއެވެ."

***

"މަންމައަށް އެއްގޮތަކަށްވެސް ނޭގޭ. ދަރިފުޅު ބައްޕައާއި ތި ސުވާލުކުރޭ. ރަމަޟާންމަހުގައި އިތުރު މީހެއްގެ ވާހަކަ ދެއްކީމަ ފާފަވެރިވުން ނޫންކަމެއް ނުވާނެ. ވީކަމެއް ވެއްޖެ. މަންމަގެ ގަބޫލުގައި ހިނގިކަމެއްނޫން. ޚާއްސަކޮށް ދަރިފުޅާއި ޒޭވިއާގެ ކައިވެނީގެ މުއްހިމު ކަމެއް ނުވިސްނުނު."

" ކުޑަކުދިންގެ ކައިވެންޏާއި ދެކޮޅަށް އާޓިކަލްތައް ލިޔަނިކޮށް ޝޮކެއް ލިބުނީ. މަންމަ ބުނީމެއްނު އަހަންނާއި ކަޒްޔާވެސް އަމިއްލަ ރޫމްގައި އުޅޭށޭ. އެކަމަކު ބޮޑުދައިތަ ބުނީ މެރީކުރީމަ އުޅެންޖެހޭނީ ހަޒްބެންޑާއެކީގައޭ....." އަޒާލިއާ މޫނު ފޮހެލިއެވެ.

"ކީކޭ؟ "މާހިރާގެ މޫނުގެ ކުލަ ބަދަލުވިއެވެ.

"ހީނާ ދައްތަ އެހެން ބުނި. ކަޒްޔާ ދޮންބެގެ ރޫމްގައި އުޅެން ނުޖެހެންޏާ އަޅުގަނޑުވެސް އަމިއްލަ ރޫމްގައި ހުރުން އިންސާފަކަށްވާނީ..އެއް އުސޫލެއް އޮންނަންވާނެކަމަށް އަޅުގަނޑު ގަބޫލުކުރަން.............." އަޒާލިއާ ފަހަރަކު ޓިޝޫއެއް ނަގާ ލޮލުގައި ޖައްސަމުން ދިޔައީ ކަރުނަތަކަށް ހުއްޓުމެއް ނައުމުންނެވެ.

"މަންމަ ބޮޑުދައިތައާއި ވާހަކަދައްކާނަން."

"މަންމަ ހާދަ ރަގަޅޭ......." އަޒާލިއާ އޭނަގެ މަންމަގެ ގައިގާ ކުޑަކޮށް ބައްދައިލިއެވެ.

***

ޖެހިގެން އައި ދުވަހު އިރުނާރަނީސް މާހިރާއާއި ހީނާޚާންގެ ޒުވާބެއް ހިނގިއެވެ. މަޑުމައިތިރި ބަސްމަދު މާހިރާ އެގޮތަށް ގޮސް ސުވާލު ހުށަހެޅުމުން ޝޮކެއްވެސް ލިބުނެވެ. ނަމަވެސް މަންމައެއްގެ ހައިސިއްޔަތުން ދަރިންނަށްޓަކާ ގުރުބާންވާން ކެރިދާނެކަން އޭނަގެ ސިކުނޑީގެ ކަނަކުން ވިސްނައިދިނެވެ. އަދި ރަމަޟާންމަހު ކެތްތެރިކަމާއި ރުޅި މަޑުކުރުމާއި މާފުކުރަން ދަސްކުރުމުގެ މަތިވެރި ސިފަ ހިތަށް ގެނައެވެ. އޭނަގެ މައިންބަފައިންގެ ނަސޭހަތާއި ބޭބެގެ އިރުޝާދުތަކުން އަދި ހިތުގައި ޖަހާފައިވާ ދަބަރުތައްފިލާ ސާފު ނުވިޔަސް އެބުނުންތަކަށް އަމަލުކުރަން އޭނަ މަސައްކަތްކުރެއެވެ. މިއީ ހަޔާތުގެ އެންމެ ފަހު ރަމަޟާން ނޫންކަމެއް އެނގޭނީ ކިހިނެއްހެއްޔެވެ؟ މާހިރާ އެހީ އަޒާލިއާ އެކޮޓަރިއަށް ބަދަލުވާން ޖެހޭ ސަބަބަކީ ކޮބާތޯއެވެ. އަށާރަ އަހަރުފުރެންދެން މައިންބަފައިންގެ ހިމާޔަތުގައި އުޅެން ފުރުސަތުދީ ޒޭވިއާއާއި އަޒާލިއާ އެކަކު އަނެކަކަށް ދެނެގަންނަން މަސައްކަތްކުރުމަށް ދެފަރާތުންވެސް އެއްބަސްވެފައިވޭ ނޫންހެއްޔެވެ؟

ހީނާ ފެންޑާގައި ހުރި މާގަސްތަކަށް ފެންދޭން ފެށިއެވެ. އޭނައަށް ކުލަކުލައިގެ ބޯގަންވިލާ ރީތިވެގެން މުށިތަކުގައި ގަސް ހައްދައިގެން މުޅި ފެންޑާއަށް ބޯގަންވިލާ ގަދަކޮށްލައިފިއެވެ. އޭގެ ބަދަލުގައި މާހިރާ ލޯބިކުރަނީ މީރުވަސްދުވާ މާތަކަށެވެ. ފެންޑާގައި ހުރި ފިނިފެންމާފަދަ މާވަށިތައް އެހެން ތަަނަކަށް ބަދަލުކުރުވުމާއިހެދިވެސް އަރައިރުމަކަަށް ނުދިޔައީ ކެތްކުރީމައެވެ. މާހިރާ ހިތްހަމަނުޖެހުނަސް އޭނަ ކެތްތެރިކަމުގެ އިންތިހާއަށް ކެތްކުރިއެވެ. އެފަދަ ކޫސަނި ކަންތައް ގިނަކަމުން އެކީ އުޅުން ދެފަހަރިންނަށް ފަސޭހަނުވިޔަސް ހާލަތު މަޖުބޫރުކުރުވީއެވެ. ނުވީތާކަށް ދެމީހުންގެ ދަރިންގެ ކައިވެނި ކުރެވިއްޖެއެވެ.

"ރަމަޟާންމަހުގައި ބަހުސްކުރުމާއި ޒުވާބުކުރުން ދޫކޮށްލަމާ. ދީނުގައި ނެތްކަމެއް ނޫނެއްނު ކުރުވަން އުޅުނީ. ހަލާލު ގުޅުމެއް ނޫންކަމަކަށް ނުވާނެ. މާހިރާ އަހަންނަށްވުރެ ބަލާބެލުމަށް އަޅުވެރިއަކަށް ވީއިރު ދަރިފުޅު އުމުރު ކުޑައޭ ކިޔާފައި މައްސަލަ ޖައްސައިގެން ނުވާނެތާ. އެހެންނޫނަސް ވަލީވެރިޔާ ވަލީދީގެން ކައިވެނި ކުރެވުނީ....... ލޫލޫވެސް ގަބޫލުވެގެން އެކޮޓަރިއަށް ދަންޏާ އެކަމުގައި މައްސަލައެއް އޮތްކަމަކަށް ނުފެނޭ. އަހަރެންގެ ދަރިއަށް އިތުބާރުކުރަން. އެއީ ހަމަ އަގުބޮޑު ޖަވާހިރެއް. ބިލިއަނުން އަގުނުކުރެވޭނެ..."

"އައްސަލާމް އަލައިކުމް މަންމާ. މާހިރާ އާންޓީ" ޒޭވިއާގެ އަޑުއިވުނެވެ. މާހިރާ ގަދަކަމުން ދަނބިދަރިއަށް ހިނިތުންވުމެއް ދެމުން ސަލާމުގެ ޖަވާބުދިނެވެ.

"މަންމާ. ލަވް ޔޫ......އެވަރަށް ޓްރަސްޓްކުރާތީ........." ޒޭވިއާ ފަހަތުން އައިސް އޭނަގެ މަންމަގެ ހަށިގަނޑުގައި އަތްވަށައިލިއިރު ހިނިތުންވުމެއް ތުންފަތުގައިވިއެވެ. އަދި އެ ރީތި ދެލޮލުން މާހިރާއަށް ބަލައިލީ އެހެން މީހެއްނަމަ ހިތްބަންޑުންވާ ފަދަ އޯގާތެރި ނަޒަރަކުންނެވެ." މަންމަ އެބުނީ ތެދެއް. އަޒާލިއާ އަށް ދެރަގޮތެއް ނުވާނެ. ކުރިން އުޅުނުގޮތަށް ހަމަ އުޅެންވީ. ބޭނުން ރޫމެއްގައި. މިއީ އަޒާލިއާގެ ގެ. އަދި އެއް ވާހަކަ. މިއުޅެނީ ނޯއާވެސް ގޮވައިގެން ފުރަން..."

"ނޯއާ ނުވެސް ބުނޭ. ކޮންތާކަށް ފުރަނީ......." މާހިރާގެ އަޑުން ހިތްހަމަނުޖެހުނުކަން ފައުޅުވިޔަސް ވަގުތުން ހީލައިފިއެވެ.

"އެކުވެރިއެއްގެ ދައުވަތެއްވެސް އޮތީމަ......"ޒޭވިއާ އެވަރުންވެސް ފުރާތަނެއް ބުނުމުން ރެކިގަތެވެ.

"ކޮންއިރަކު ފުރަނީ؟ " ހީނާ އެހިއެވެ.

"މިރޭ......"

"ނޯއާ ގެ ކަންނެތްކަމަށް ރަގަޅު ފަރުވާއެއް. ދަތުރުކުރެވޭނީވެސް ނިކަން ހީވާގިވެގެން. ގިނަގިނައިން ރޯޑްޓްރިޕްތަކާއި ހައިކިންއާއި ކޭމްޕްތަކަށް ގެންދޭ. އެކުއްޖާގެ ކަންނެތްކަން ފިލުވަން އެބަ ޖެހޭ.ބޭބެގެ ދަރިއަށް ވެފައި ހުންނަގޮތެއްވެސް ނޭގޭ. ކާކުގެ އެސްފީނާއެއް ބާވައޭ ހިތަށް އަރާ. އަސްތަޣުފިރުﷲ. މިހެންބުނީމަ މާހިރާ މަ ދެކެ ރުޅިއަންނަންވީކީ އެއްނޫން. ނޯއާ މީހަކާއި އިނަސް އަދި ޅަދަރިއެއްގެ އުޅުންވިއްޔަ އެހެރީ. ބާލީހާއި ބައްދައިގެން އެކޮޅުކޮޅުން އޮވެވެސް ނިދޭތޯ ބަލާނީ. ލޯބިވީނުން ސްޕޮއިލް ކުރީމަ ވާނެ ހަތަރުއެތިކަން ނޭގޭ އެވީ. އަދި ނުވީތާކަށް އަންބަކަށް ގެނައި ކުއްޖާގެ ވާހަކަ ރަމަޟާން މަހު ދައްކައިފިއްޔާ ފާފަވެރިވާނީ............" ހީނާ މާތަކުގައި ފިރުމަމުން ވާހަކަދެއްކިއެވެ.

"ޒޭވިއާގެ ސަބަބުން ނޯއާވެސް ދަތުރުވެރިއަކަށް ހަދައިފި. ނޭގޭ ޒޭވިއާގެ ހިނިތުންވުމުގައިވެސް އުފާވެރިކަމެއްނެތް. ކޮންމެވެސް ކަމެއް ސިއްރުކުރަނީއޭ މަށަށް ހީވަނީ ކީއްވެ؟ ޝައްކުކުރާކަށް ނުވާނެ އެކަމަކު ޒޭވިއާގެ މި ދަތުރުތަކުގެ ކޮންމެވެސް ހަގީގަތެއް ނޯވެ ނުދާނެ. އޭނަގެ މަންމަ ކައިރިއަށް ޒިޔާރަތްކޮށްފައިވެސް ދެދުވަހު މަޑުނުޖަހާ ބަހަނާއެއް ދައްކާފައި ފުރާނެ. އެއީ އަހަންނަށް އަނެއްހެން އުދަގޫވާންޖެހޭ ކަމެއްނޫން. މިހާރު މައްސަލައަކީ މަގޭ ދަރިންވެސް އިންވޯލްވް ވާންފެށީމަ. ނޯއާ ލަންޑަނަށް ދިޔައީމަވެސް އެހާ ކަންބޮޑުވި. މިހާރު ކޮންތާކަށް ކަމެއްވެސް ނޭގޭ.............."މާހިރާ މަޑުން ހުއްޓަސް އޭނަގެ ސިކުނޑި އެބުރޭ ވަހުތާނެއްފަަދައެވެ. ދުލުން އެ ބަސްތައް ބުނެލާނެ ހިތްވަރެއް ނުކުރެވުނެވެ.ހީނާގެ އެހެން ސިފައެއް ނުލިބުނަސް އެ ދޫ ލިބިއްޖެއްޔާ އޭނައަށްވެސް މިގޭގައި ބޭނުންގޮތަކަށް ކަންތައް ނިންމިދާނެއެވެ. އެ ދޫ ރިމޯޓެއްފަދައެވެ. މުޅި ގޭގެ ކޮންޓްރޯލް ހީނާ އަތުލައިފިއެވެ. އޭނަގެ ދަރިންނަށްވެސް އަމިއްލަ ބާރެއް ނުފޯރުވުނެވެ.

އިރުގަނޑެއްފަހުން ހީނާ ގޮސް އަޒާލިއާއަށް އެންގީ ޒޭވިއާގެ ހެދުންތައް އިސްތިރިކޮށްދިނުމަށެވެ. ޕެކްކޮށްދިނުމަށެވެ. އަޒާލިއާ ބަސްއަހައިގެން ވަގުތުން އެކަމާއި ހަވާލުވިއެވެ. އެމަސައްކަތްފެށިތަނާ ޒޭވިއާ އައިގޮތަށް އޭނަގެ ހެދުން އަތުލިއެވެ.

"އިޓްސް އޯކޭ. އިސްތިރިކުރާނެކަމެއް ނެތް"

"އާންޓް ބުނީ...." އަޒާލިއާ ތުން ފިތައިލިއެވެ.

"މަ މިބުނީނު...އަހަރެންގެ ހެދުން ދޯ އާންޓްގެ އެއްނޫން......" ޒޭވިއާގެ ޖުމްލައިން އަޒާލިއާއަށް ބުނަންވީ އެއްޗެއް ނޭގި ލޯބޮޑުކޮށްގެން ހުއްޓާ ޒޭވިއާ ހެދުން އަތުތެރޭ ބޮނޑިކޮށްލުމަށްފަހު ދާން ހިނގައިގަތެވެ. ފާރަލާން ހުރި ހީނާ ދުރުގައި ކުޅިބަލަން ހުރެފައި އައިސް ސުވާލުކުރިއެވެ.

"އަޒާލިއާ ރުޅި މޫނުހެދީ ކޮންކަމަކާތަ؟ ކޮންކަމަކާ ހިތް ހަމަނުޖެހިގެން ޒޭވިއާ ހެދުންތައް ހިފައިގެން އެދިޔައީ؟ ލޫލޫގެ ވާޖިބެކޭ އެއީ. ފިރިމީހާގެ ޚިދުމަތުގައި ހުންނަންވާނީ..." ހީނާ އަޒާލިއާގެ ބޮލުގައި ފިރުމައިލިއެވެ."މިވަނީ ކިހިނެއް؟ ލޫލޫފަދަ ބަސްއަހާ ޅީދަރިއެއް ލިބުނު މައިދައިތައެއްވެސް ނަސީބުވެރިއަކަށް ވާނީ. އެކަމަކު މިފެނުނީ ކޮންފަދަ ކަންތައް ގަނޑެއް......."

"ނޭގޭ. އޭނަ ބުނީ ހަމައެކަނި އެހެން. އިސްތިރިކުރާނެކަމެއް ނެތޭ.." އަޒާލިއާގެ ހިތް އޭރުވެސް އަވަސްވިގޮތަށް ތެޅެނީއެވެ. ޒޭވިއާ ފެނުނަސް އޭނަ "ޕެނިކް" ވާގޮތްވަނީއެވެ. ފިނިދަލެއްވެސް ހިއްލައިފިއެވެ. ނަފްރަތުކުރަން ބޭނުންވިޔަސް އޭނަ ކުޑައިރުއްސުރެ ޒޭވިއާއާއި ގަޔާވެއެވެ. ޚާއްސަކަމެއް އަބަދުވެސް އޮވެއެވެ. ނޯއާއަށްވުރެވެސް ބައެއްފަހަރު ޚާއްސަވެއެވެ. ސަބަބަކީ ނޯއާ އަބަދުހެން އަރައިރުންވާއިރު ޒޭވިއާގެ އެހުންނަ އޯގާތެރިކަމެވެ. ހިތްހެޔޮ ހިނިތުންވުމެވެ. އެހާ ގިނަ ބަސްތައް ބަދަލު ނުކުރެވުނަސް ޒޭވިއާ އޭނައަށް ހެޔޮއެދޭކަން އަމަލުތަކުން ސާބިތުކޮށްދެއެވެ. އިސްތިރިނުކުރުވީވެސް ރޯދައަށް ހުރެ މަސައްކަތް ނުކުރުވަން ކަމުގައި އޭނަ ނިންމިއެވެ. ނިޔަތާއި ވިސްނުން ޕޮޒިޓިވް ވާން ޖެހޭނެއެވެ.

"ޕްރެޝަސް......................." ހީނާގެ އަޑު ގޭތެރޭގައި ގުގުމައިލިއެވެ.

ޒޭވިއާ އަލަމާރިއަށް ހެދުންތައް ލާން ހުއްޓާ ހީނާ ދޮރުމައްޗަށް އެރިއެވެ.

"ތެދެއްތަ؟ އެހާ ރުޅިއައިސްފަ ހުރީ؟ ކީއްވެ އިސްތިރިކޮށްގެން ނުވާނެއޭ ބުނީ......" ހީނާއަށް އަޒާލިއާގެ ބަސްތައް ބުނެވުނީ މުޅިން ރަގަޅަކަށް ނޫނެވެ. އެންމެ އަކުރަކުންވެސް ބުނެވޭ ރާގުންވެސް މުޅި ޖުމްލައިގެ މާނަ ބަދަލުވެދާނެއެވެ. ޒޭވިއާ އެނބުރި ބަލައިލިއެވެ. އޭނައަށް މަންމަގެ މިޒާޖާއި ވާހަކަ ބަދަލުކޮށްލާގޮތް ކޮންމެވެސް ވަރަކަށް އޮޅުން ފިލާފައި އޮވެއެވެ.

"އަޒާލިއާ ބުނީ ތިހެންތަ؟ "

"ނޫން. ސީދާ އެހެނެއްނޫން. އެކަމަކު އިސްތިރިނުކުރަން ބުނީ ކީއްވެ."

"އަޅުގަނޑު ބެކްޕެކް ފިޔަވާ އެހެން އެއްޗެއް ނުގެންދަމޭ މަންމާ. މިއަކަށް ހުރިހާ ހެދުންތަކެއް ނުލެވޭނެއްނު. މިއީ ކުރު ދަތުރެއް. ވީކެއްވަރު ވާނީ. އެހެންވެ ބޭކާރު މަސައްކަތްނުކުރުވަން ވެގެން."

"ކައިވެންޏަށްފަހު ދަރިފުޅު އެއްވެސް މަސައްކަތެއްކުރާކަށް ނުޖެހޭނެ. އަންބަކު ހުރީމް ހެދުންތައް އަޅުވާ ކޮޓަރި ސާފުކޮށް ތަންމަތި އަޅާ ހަދާނެ. ކައްކާފައި ކާންދޭނެ.އަޒާލިއާ ގާތު ކަންކަމު ކިޔާތި. ބީރައްޓެއްސެއްހެން ހުރީމަ މާހިރާއަށްވެސް އިތުބާރު ނުކުރެވި ޝައްކުގެ ނަޒަރަކުން ދަރިފުޅަށް ބަލާކަން މަންމައަށް އެނގޭ. ތިއީ ހަރުދަނާ ޒިންމާނަގާ ލީޑަރޝިޕްހުރި ފިރިހެން ދަރިއެއްކަން އޭނައަށް ސާބިތުކޮށްދީ. ނޯއާހެން އަބަދު ސޯފާއަށް އެއްލިގެން ގޭމް ކުޅެން އުޅެގެން އަދި ޒަވާޖީ ހަޔާތެއް ރީތިގޮތުގައި ބިނާކޮށް ދިރިއުޅުމެއް ނުފެށިދާނެ. ޒޭވިއާ އޭނައަށް މަގުދައްކަން ނަމޫނާއަކަށްވޭ. އޭރުން މަންމަވެސް ކިހާ ފަޚުރުވެރިވާނެ. ބޭބެއަށްވެސް މިހާރު ހިތަށް އަރާނެ އަމިއްލަ ދަރިއަށްވުރެ ދަނބި ދަރި ހާސްބައި ރަގަޅޭ. އަދި އަސްތަޣުފިރުﷲ. އިސްލާހު ޖާޑިއަށް ލައިގެން މިގެއަށް އެ ގެނައި ޅީދަރިއަކު އިސްލާހުކޮށް އަންހެނަކަށް ހަދަން އެބަޖެހޭ. ......................"

"ބޮޑުދައިތާ..." ނޯއާގެ ކަންނެތް އަޑު އިވުމުން ހީނާ ސިއްސައިގެން ދިޔަގޮތުން އަތުގައި އޮތް ބިއްލޫރި ފުޅިވެސް ވެއްޓުނެވެ. ނަސީބަކުން ބޯދޫލަމަތީ ޖެހި މައިތިރިވިއެވެ.

"ރޯދަތަ؟ "

"ތިހެން އެހީ ކީއްވެ؟ " ހީނާ އަނދުނުން ފަވާފައި ހުރި ލޯ މައުސޫމްގޮތަކަށް ބޮޑުކޮށްލައިފިއެވެ.

"ބޮޑުދައިތަ ބެކްބައިޓްކުރާތީ ހަމަ ބުނެލީ. މީހުން ނެތްތަންތާ މީހުންގެ ވާހަކަދެއްކީމަ ހުއްދަ ކަމަކަށް ނުވާނެ..............................."

"އެއީ ކަނޑައެޅިގެން ހަރާމްކަމެއް. އެކަމަކު ބޮޑުދައިތަމެންގެ އީމާންކަން އަދި ކުޑައީކަމަށް ވާނީ. ނޯއާގެ އަންހެނުންގެ ވާހަކަ ދެއްކުނީ. މާފުކުރޭ. އެކަމަކު ގޯސް ވާހަކައެއް އަނެއްހެން ދެއްކީއެއްނޫން. އެކުއްޖާ އިސްލާހު ކުރާ ވާހަކަދެއްކީ. ދެން ނޯއާއަށްވެސް މިހެން ބުނީ ކީއްވެކަން ވިސްނޭނެ. ހެޔޮއެދޭތީ......"

"ހަހަހަ....މާ ބޮޑަށްވެސް.." ނޯއާ އައިގޮތަށް ފަހަތަށް ވެއްޓިގަތްގޮތަށް އެނދުގެ މަޑުގޮދަޑީގެ ތެރެއަށް ގެނބިގަތެވެ. އޭނަ ކުރާ ކަންތައްތަކުން ބޮޑުދައިތައަށް އުދަގޫވެ އަޑުލުމަކީ ނޯއާ ކުޑައިރު އާއްމުކަމެކެވެ. އެކަމާއިހެދި ބޮޑުދައިތަގެ ހިތުގައި އޭނައަށްޓަކާ ރުޅިވެރިކަމެއް ނޫނީ ފޫހިކަމެއް އޮންނަނީބާވައޭ ހީވާފަހަރުވެސް އާދެއެވެ. އެކޮޓަރިއަށް އޮޅިގެންވެސް ވަދެވިއްޖެއްޔާ ނެރެލާނެއެވެ. ހީނާދައްތަގެ އެއްޗެއް ގެއްލި ހަލާކުވެއްޖެއްޔާ އިލްޒާމު އެޅޭނީވެސް އޭނަގެ ބޮލުގައެވެ. ހީނާދައްތަ ކުރިއްސުރެ އޭނައާއި އަޒާލިއާ ނިކަން ތަފާތުކުރެއެވެ. ސިއްރުން ކާ އެއްޗެހި ފޮރުވާފައިވެސް ބޮޑުދައިތަ އަޒާލިއާއަށް ދޭނެއެވެ. ނޯއާ ގާތު ނުބުނަން އަންގާނެއެވެ. އަޒާލިއާ ނިކަން މައުސޫމެވެ. މެޓާ ކައިފަވެސް ބުނާނީ ނޯއާ ގާތު ނުބުނަން ބޮޑުދައިތަ ބުނީ ކަމުގައެވެ. އެހެންވެ މެޓާ ނުދެވުނީ ކަމަށެވެ. އެކަމަކު އަޒާލިއާއަށް ސިއްރަކުން މެޓާ ކެވޭކަމަކަށް ނުވާނެއެވެ. އަޒާލިއާ ރޮއްވާލާފައި ފޭރިގެން ބޮޑުބަޔެއް ކައިލަނީވެސް އޭނައެވެ. ހީނާދައްތަ ބިންމަތީގައި އޮތް ފުޅިނެގިއެވެ. އަދި ނޯއާގެ ފައިތިލައަށް ބަލައިލިއެވެ.ނޯއާއަށް ހީނާދައްތަގެ އެ ސިއްރު ނަޒަރު ފޮރުވައެއް ނުލެވުނެވެ.

"ނަމާދުކޮށްގެން މިއައީ. ފައިތިލައިގާ ބޮޑުދައިތް ކިސްކުރިޔަސް ރަގަޅުވާނެ. އެހާ ސާފު..ޔަގީނުންވެސް ޒޭވިއާގެ ފަޔަށްވުރެ މިލައެއްނުވާނެ....................." ނޯއާ ކަންނޭލާ ބައްދައިގަތެވެ."ޒޭވިއާގެ މިލަ ވަސް މި ކަންނޭލުގައިވެސް..ޗީޑި....އާންޓް. މި ޝީޓްތަކާއި އެއްޗެހި ބަދަލުކުރަން ދީބާއަށް ގޮވާބަލަ. ހޮޑުނުލެވެނީސް.........."

ޒޭވިއާ ބުމަ އަރުވައިލިއެވެ. ހީނާ އަދި ހާސްކަމާއެކު ކަންނެޔޮ ދަމައިގެންފާ ވަސްބަލައިލުމުން ޒޭވިއާ ހިނި އަންނަގޮތްވިއެވެ. ނޯއާ ބުނާ އެއްޗެއް އަދިވެސް މަންމަ ގަބޫލުކުރާނެއެވެ.

"ސެންޓުވަހެއްނު މި ދުވަނީ.." ހީނާ ކަޅި އަޅައިލިއެވެ."އެހެންނުވާނީ. ނޯއާ ފެންނުވަރާ އޮވެ މީގައި ބައްދަންޏާ މިލަވަސް ހިފާނެ........."

***

ހެދުނު އެތައް ދަމެއްވާންދެން ކަޒްޔާ ރީތި ހުވަފެންތަކުގެ ދުނިޔެއެއްގައި އޮތެވެ. ހޭލެވުންވެސް ބާލީހުގައި ބައްދާލައިގެން ކަންނެތްކަމާއެކު އޮވެވުނީ އެނދުން ހިއްލައިލުން ބުރަވެފައެވެ. މިގެއަށް ވަނުމުން މިސްކިތެއްގައި އުޅެވުނު ކަހަލަ އިހުސާސެއް ކުރެވި ރޭ ކުރެވުނީ އެ ތަޖުރިބާއެވެ.އަޒާލިއާ ބުނިގޮތުން ރޯދަމަހު ރޭ އަޅުކަމަށް އެއާއިލާ އިން ޚާއްސަ ސަމާލުކަމެއް ދެއެވެ. މާމަމެންވެސް އޭނަ ކުޑައިރުވެސް ދަމުނަމާދަށް ހޭލައްވާ ނަމާދުގޭގައި ކިޔަވަން އިނެ މުސައްލާމަތީ ނިދިގެން ވެއްޓޭ ރޭތައްވެސް އައެވެ. އެފަހުން އެކަމަށް ހޭނި ރަމަޟާންމަހު ރޭ އަޅުކަން ކުރަން އިނުން އުފާވެރި އިހުސާސްތަކެއް ކުރުވާ ކަމަކަށް ވިއެވެ. އެއްބަޔަކު ނަމާދުކުރާއިރު އަނެކަކު ގުރުއާން ކިޔަވާނެއެވެ. ދުޢާކުރާނެއެވެ. ތަސްބީހަ ކިޔާނެއެވެ. ޚާއްސަކޮށްފަހު ދިހައިގާ އަޅުކަން ކޮށް ސަދަގާތްކުރުމުގައި އެކަކު އަނެކަކަށް ވާދަކުރާފަދައެވެ. އެފަދަ ގެއެއްގައި ބަރަކާތްލައްވާނެކަމަށް އަޒާލިއާވެސް ޔަގީންކުރެއެވެ. ކައިވެނީގެ ފުރަތަމަ ރޭކަމުން މާ ސްޓްރެސްވެ ނިދަން އެނދަށް އަރާފައިވެސް އަޒާލިއާއަކަށް ނޯވެވުނެވެ. ރޯދަމަސް ނިމުމުން ހިތާމަ ކުރުމުގެ ބަދަލުގައި ވަގުތުގެ ބޭނުން ހިފަންވާނެއެވެ. ވަގުތަށްވުރެ އަގުހުރި އެއްޗެއް އޭނަ ވިސްނަ ވިސްނާ ނޭގުނެވެ.

"ދުނިޔޭގެ ކަންތައްތަކުގައި ސްޓްރެސްވެ ކޮންމެވެސް އިންސާނެއްގެ އެހީއަކަށް އެދި އިންތިޒާރުކުރެވުނީ އެހެންވެ މިގޮތަށް ދެރަކަންތައް މިވަނީ. ހެއްދެވި ފަރާތުގެ އެހީއަށް އެދުމަށްވުރެ ރަގަޅު ގޮތަކީ ކޮބާ؟ އިންސާނުންނަށްވުރެ ހެއްދެވިފަރާތުހެ އެހީއަށް ނޫންތަ އެދެން ޖެހެނީ؟ އޯލްމައިޓީ. ޚާލިގުވަންތަ މާތްﷲ އަށް ދުޢާކުރަންވީ. އޭރުން ސްޓްރެސް ފިލާނެ...ވަޓްސް ބެޓާ ދޭން ޓު އާސްކް ހެލްޕް ފްރޮމް މައި ކްރިއޭޓާ..."

ކަޒްޔާއަށް ގޮވާ ތަންމަތިން ނެގިއެވެ. އޭނަ އެގޭ ނަމާދުގެއަށް ވަންއިރު އެތަން ރީތިކަމުން މިސްކިތަށްވުރެ މާ ހިތްގައިމުވިއެވެ. ބޯ ދޫލަމަތީގައި ކުނާތައް އަޅާ ކުޝަންތައް ޖަހާފައެވެ. އުއްބައްތިތަކާއި އޮރެންޖް އަލިތަކެވެ. ހަރުތަކުގައި ޚަތިމްތަކާއި ދީނީފޮތްތަކެވެ.

ކަޒްޔާވެސް ދުޢާފޮތެއް ނަގައިގެން ކިޔަވަން އިނެވެ،

ދަމުނަމާދުކުރިއެވެ.

ހާރުގަޑި ވީ ކަޒްޔާގެ އެންމެ ގަޔާވި ވަގުތަށެވެ. ގަދަޔަށް ކައި ނިމިގެން އަދި "ޚާންޑޭ ޣާޒްރާ" ބޯތަށްޓެއް ހުސްކޮށްލެވުނުއިރު ފެންފޮދެއް ބޯލާނެ ޖާގައެއްވެސް ނެތެވެ. އެންމެންގެ ސަމާލުކަން އޭނަގެ ހަރަކާތްތަކަށް ހުރިކަމެއް ކަޒްޔާއަކަށް ނޭގުނެވެ. އޭނަ ހަމަޖެހޭވަރަށް ކެވުމުން ހެދުން ހިއްލާލާފައި ބަނޑުގައި އަތް ކާއްތައިލިއެވެ. ކެއުން ނިންމާލާފަައި އަނެއްކާ ނަމާދުގޭގައި ގުރުއާން ކިޔަވަން އިދެފައި ފަތިސް ކޮށްގެންވެސް ނިމުނީއެއް ނޫނެވެ. އަޒާލިއާ އާއިއެކު ޒިކުރުކޮށް ޟުހާކޮށްގެން އެނދާއި ހަމަޔަށް އާދެވުނީ ދެފައި ދަމަމުންނެވެ. ލޮޑުވެފައި ހުރުމުން އެންމެ ކުރިންގޮސް އެނދުކައިރިއަށް ކުޑަކަކޫ ޖެހިގޮތަށް ބޯ އަޅައިލެވުނީ އެނދުގައެވެ.

އޭރުވެސް މެދުކެނޑުމެއްނެތް ރާގެއްފަދައިން މާހައުލުގައި ގުގުމާފައިވަނީ ބޮއްތަކުގެ އަޑެވެ. އަނެއްކާ ނޯއާ ޕެޓެއްގެ ގޮތުގައި ބޮއްތައް ގެންގުޅެނީބަވައެވެ. މިގޭގައި ފެންގަނޑެއް އޮތީކަމަށް ވެދާނެއެވެ.

ނިދެމުން ދިޔައިރުވެސް ކަންފަތުގައި ހަރުލާފައި ހުރީ އެއަޑެވެ.

ކަޒްޔާ ފާޚާނާއަށް ވަދެފައި ހެދުން ބަދަލުކޮށްލައިގެން އަވަސްވެގަތީ ގެއަށް ދިޔުމަށެވެ. އޭނަ ކައިވެނީގެ ހަދިޔާއަކަށް ތައްޔާރުކޮށްފައި އޮތް ހަދިޔާ ނުދީ މާލަސްވެއްޖެއެވެ. ގެއަށް ގޮސްފައި އަވަހަށް ބެކްޕެކް އަޅުވާލައިގެން އޭނަގެ ސާމާނުތައް ދެކިހިލީގައި ޖަހައިގެން ނިކުންނަމުން "ނޯހް"އަށް ޓާޓާކިޔައިލިއެވެ.

"ބާއި ނޯހް..."

***

ނޯއާ ސިއްސައިގެން ދިޔައީ ބަރު އަޑެއް ކަންފަތުގައި ޖެހުމުންނެވެ. ނުލާހިކު ހަމަޖެހިލާފައި ކަންނޭލުގައި ބައްދާލައިގެން އޮތްވާ އިވުނީ ފޫހި ކަމުން ހޮޑުލަވާ ޒާތުގެ އަޑަކުން އޭނައަށް ގޮވާފައި އެއްޗެކޭ ބުނި އަޑުވިއްޔާއެވެ. މޫޑު ޚަރާބުވީ އަދި އެއީ ކާކުގެ އަޑުކަން ޔަގީންވެފައެވެ. މިކުއްޖާ ވާހަކަދައްކަނީ ފިރިހެނެއްހާ ބަރު އަޑަކުންނެވެ. މި އަންހެނާ މިތަނަށް ވަދެގަތީ ކިހިނެއް ކަމެއްވެސް ނޭގެއެވެ. އޭނަ އަނެއްފަރާތަށް އެނބުރުނުތަނާ އަދި ފައިގެ ދަށްފުށުގައި ފިނިފިނި އިނގިލިތަކުން ޖައްސާލައިފިއެވެ. ކަރަންޓުގައި ޖެހުނުގޮތަށް ނޯއާ ފުންމައިގެންދިޔަ ބާރުމިނުގައި މީހާ ސީލިންގައި ނުޖެހޭކަމެއް ނޭގެއެވެ. ނަސީބަކުން ފަންކާ ހުރީ ޖައްސާފައެއްނޫނެވެ.ނޯއާ ހީލިކަރުވައިގެން ގޮތެއްނެތެވެ.

"މިތާ ކީއްކުރަނީ؟ " ނޯއާގެ މޫނު ރަތްކަމުން އަނގުރުކޮޅެއްފަދައެވެ.

"ވެޑިން ގިފްޓެއް ހިފައިގެން..." ކަޒްޔާ އެނދުމަައްޗަށް އެއްލައިލީ ކަޅުކުލައިގެ ކަރުދާހުގައި ޕެކްކޮށްފައި އޮތް ކުޑަ ފޮށްޓެކެވެ. ނޯއާގެ ހިތުގައި އުފެދުނު ޝައުގު އެ ހުޅުވަން މަޖުބޫރުކުރުވިއެވެ. އެފެނުމާއެކު އޯކަށް ދަަމައިގެންފާ ތެދުވުނެވެ. އަދި ފާރަށް ހުއްޓުނު ނަޒަރުން އޭނަގެ ލޯ މުދުނަށް އަރައިފިއެވެ.

"ޔޫ ލިޓްލް................................" ނޯއާ އަޑުކޮޅަށް ހަޅޭއްލަވައިގަތެވެ.

"ލިޓްލް ކޯންޗެއްތަ؟ ހަދިޔާ މާ ކުޑަވީތަ. އައި ތިންކްޑް ލައިކް ވާނެއޭ........"

ނުނިމޭ

comment ކޮމެންޓް