އޭއެފްސީ ކަޕުގެ މެޗްތައް ރާއްޖޭގައި ކުޅެން ހާއްސަ ހުއްދައެއް ދީފި

އޭޕްރީލް 7، 2021: އޭއެފްސީ ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގައި ރާއްޖޭގެ ކްލަބް އީގަލްސް އާއި ބޫޓާން ތިމްޕޫ ސިޓީ މާލޭގައި ކުޅުނު މެޗުގެ ތެރެއިން: 2-0 މޮޅުވީ ކްލަބް އީގަލްސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖޭގައި ވެސް ކޮވިޑް ކޭސްތައް ރެކޯޑް މިންވަރަކަށް މައްޗަށް ދިޔަ ނަމަވެސް މި މަހު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ކަޕުގެ މެޗުތައް ރާއްޖޭފައި ކުޅެން ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާއްސަ ހުއްދައެއް ދޭން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ މެޗުތަކާ ގުޅޭގޮތުން ނޫސްވެރިޔަކު ސުވާލުކުރުމުން މަބްރޫކް ވިދާޅުވީ މެޗުތަކަށް ހުއްދަ ދޭން މަޝްވަރާތައް ކުރަމުންގެންދާ ކަމަށާއި މެޗުތަކަށް ހުއްދަ ދޭނީ ސިއްހީ ކަންކަން ކަށަވަރުވެގެން ކަމަށެވެ.

އޭޕްރީލް 7، 2021: އޭއެފްސީ ކަޕް ކޮލިފައިންގެ ފުރަތަމަ ބުރުގައި ރާއްޖޭގެ ކްލަބް އީގަލްސް އާއި ބޫޓާން ތިމްޕޫ ސިޓީ މާލޭގައި ކުޅުނު މެޗުގެ ތެރެއިން: 2-0 މޮޅުވީ ކްލަބް އީގަލްސް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

"މިހާތަނަށް އެޗްޕީއޭ އާއި ޔޫތު މިނިސްޓްރީއާ ދެކެވުނު ވާހަކަތަކުގައި އެއްބަސްވެވިފައިވަނީ ހާއްސަ ހުއްދައެއްގެ ދަށުން މިއީ ބައިނަލްއަގުވާމީ މުބާރާތަކަށްވާތީ އެ މެޗުތައް ކުޅުމަށް ޖާގަ ދޭން. ދެން އެކަން ކުރުމުގައި އެޗްޕީއޭ އިން ކަނޑައަޅާ ގައިޑްލައިނަކާ އޭއެފްސީގެ ކޮވިޑް ސިޓުއޭޝަނާ ގުޅިގެން ހަދާފައިވާ ގައިޑްލައިނާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާން ޖެހޭނެ ކަމަށް،" މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑްގެ ސަބަބުން މިދިޔަ އަހަރުގެ އޭއެފްސީ މުބާރާތް ކެންސަލް ކުރުމާ ގުޅިގެން ގިނަ ކުލަބުތަކަކަށް މާލީ ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ އިރު، މިފަހަރުގެ މުބާރާތަށް ވެސް ކުލަބުތަކުން ވަނީ ދުރާލައި ތައްޔާރުވެފަ އެވެ. އަދި އެހެންމެ އޭއެފްސީ ކަޕުގެ މެޗުތައް ސެންޓްރަލައިޒްކޮށް ކުޅެން އޭއެފްސީން ނިންމާފައިވާ އިރު، ގްރޫޕް ޑީގެ މެޗުތައް ހޯސްޓްކުރަން ލިބިފައިވަނީ ރާއްޖެއަށެވެ.

ދެކުނު އޭޝިއާއަށް ހާއްސަ މި ގްރޫޕުގައި އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އާއި ބަންގްލަދޭޝްގެ ބަސުންދުރަ ކިންގްސް އަދި ރާއްޖޭގެ މާޒިޔާ ވާދަކުރާ އިރު، ގްރޫޕުގެ ފައިނަލް ޖާގަ ޔަގީން ވާނީ މިމަހުގެ 11 ވަނަ ދުވަހު މާލޭގައި އީގަލްސް އާއި އިންޑިއާގެ ބެންގަލޫރު އެފްސީ ކުޅޭ މެޗުންނެވެ.

އޭއެފްސީ ގައިޑްލައިންގައިވާ ގޮތުން ހޯސްޓްކުރާ ގައުމުގެ ޓީމުތަކަށް ވެސް ވަކި ތަފާތެއް ނެތެވެ. އެ ޓީމުތަކުން ވެސް ހަމަ ވަކިން ކޭމްޕް ކުރަން ޖެހޭނެ އެވެ. އެ ގޮތުން ކުރިއަށް އޮތް ދެ ތިން ދުވަސް ތެރޭގައި ގްރޫޕް ސްޓޭޖުގައި ވާދަކުރާ މާޒިޔާ ކޭމްޕް ކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް