މޮރީނިއޯ އެނބުރި އިޓަލީއަށް، މިފަހަރުގެ ޗެލެންޖަކީ ރޯމާ

މަޝްހޫރު ކޯޗު ހޯޒޭ މޮރީނިއޯ-- ފޮޓޯ: އޭޕީ

ޔޫރޮޕުގެ ބޮޑެތި ގިނަ ކުލަބުތަކާ އެކު ބިޑެތި ކާމިޔާބީތަކެއް ހޯދާފައިވާ ހޯސޭ މޮރީނިއޯ އެންމެ ފަހުން ކޯޗުކަންކޮށްދިން ޓޮޓެންހަމުން ވަކި ކުރިތީ މަހެއް ނުވަނީސް އިޓަލީގެ ރޯމާގެ ކޯޗުކަމާއި އޭނާ ހަވާލުވާން އެއްބަސްވެއްޖެ އެވެ.

އިޓަލިއަން ސެރެއާ އޭގެ ކްލަބު ރޯމާގެ ކޯޗުކަމާ މޮރީނިއޯ ހަވާލުވާނެކަން ކްލަބުން މިއަދު ވަނީ އިއުލާންވެސް ކޮށްފައެވެ. މިހާރު ކްލަބާ ހަވާލުވެ ހުރި ކޯޗު، އުމުރުން 58 އަހަރުގެ ޕައުލޯ ފޮންސެކާ މި ސީޒަނަށްފަހު ކްލަބު ދޫކޮށް ދާނެ ކަން ހާމަވެފައިވާ އިރު، މޮރީނިއޯ ރަސްމީކޮށް އެކުލަބުގެ ކުޅުންތެރިންނާ އެކު މަސައްކަތް ފަށާނީ އަންނަ ސީޒަނުގައި ކަމަށް ރޯމާއިން ވަނީ ބުނެފަ އެވެ.

އުމުރުން 58 އަހަރުގެ މޮރީނިއޯ އެންމެ ފަހުން ހަވާލުވެ ހުރި ޓޮޓެންހަމް ހޮޓްސްޕާސްގެ ކޯޗުކަމުން އޭނާ ވަކިކުރީ މީގެ ދެ ހަފްތާއެއްހާ ދުވަސް ކުރިން މިދިޔަ މަހުގެ 19 ވަނަ ދުވަހު އެވެ. މޮރީނިއޯ ޓޮޓެންހަަމަށް ކޯޗުކޮށްދިނީ 17 މަސް ދުވަހެވެ. ސުޕަ ލީގުގެ ނުރުހުންގަނޑުގެ ތެރޭގައި މޮރީނިއޯ ޓީމު ދޫކޮށްލަން ބޭނުންވާކަމަށް އެކުލަބުގެ މެނޭޖްމެންޓާއި ވާހަކަތަކެއް އޭރު ދެކެވުނު ކަމަށް މީޑިއާގައި ފެތުރުނު ނަމަވެސް އޭނާ ޓީމުން ވަކިކުރީ ނަތީޖާ ނުނެރެވުމުން ކަމަށް ފަހުން ޓޮޓެންހަމުން ވަނީ ބުނެފަ އެވެ.

މޮރީނިއޯ ކޯޗުކަމުން، ވަކިކުރި އިރު އެ ޓީމު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. ގަދަ ހަތަރެއްގެ ތެރެއަށް އެ ޓީމަށް ވަނުމުގެ ފުރުސަތު ކުޑަ އެވެ. އެހެންނަމަވެސް އޭނާ ވަނީ އިނގިރޭސި ލީގު ކަޕުގެ ފައިނަލަށް ޓޮޓެންހަމް ގެންގޮސްދީފަ އެވެ. ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅެ ޓޮޓެންހަމް ބަލިވުމާ ގުޅިގެން އެކުލަބުގެ ފޭނުން ވަނީ އެ މެޗުގެ ކުރިން މޮރީނިއޯ ވަކުކުރުމުން ނުރުހުން ފާޅުކޮށްފަ އެވެ.

ކުރިން މެންޗެސްޓާ ޔުނައިޓެޑްގެ އިތުރުން ޗެލްސީއާއި ރެއާލް މެޑްރިޑް އަދި ޕޯޓޯއާއެކުވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވާ މޮރީނިއޯ އިޓަލީ ލީގުގައި އިންޓައާއެކުވެސް ވަނީ ތާރީހީ ކާމިޔާބީއެއް ހޯދައިފައެވެ. ދެ އަހަރު ދުވަހުން އިންޓައަށް ހަތަރު ތަށި ހޯދައިދިނުމުގައި މޮރީނިއޯގެ ދައުރު އޮތް އިރު، 2009-10 ވަނަ އަހަރުގެ ސީޒަންގައި އިންޓައާއެކު މޮރީނިއޯ ވަނީ ޓްރެބަލް ކާމިޔާބު ކޮށްފައެވެ.

comment ކޮމެންޓް