މިއީވެސް ތަޤުދީރުގެ ނިޔާއެވެ.

ހެނދުނުއްސުރެ ބޯވަމުން ޖަމާވަމުން އައި ވިލާތަކުން މުޅިއުދަރެސްވަނީ ބައްދާފައެވެ. މަޑުމަޑުން ޖެހެމުންއައި ވައިރޯޅިވެސް އާދަޔާ ޚިލާފަށް ބާރުވާން ފަށައިފިއެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ވާރޭ އަޮއްސައިގެން ފާނެ ހެންނެވެ. ޖަމީލާ އިނީ ކުޑަ ދަރިފުޅު އުރާލައިގެން ބޭރު ފެންޑާ އުނދޯލީގައެވެ. އޭނާ ނިންދަވާފައި އުސްމާނު އަންނަންދެން މީރު ކާއެއްޗެއް ރޯ ފިލުވުމުގެ ބޭނުމުގައެވެ. މިއަދަކީ އެތައްދުވަހަކު ދުރުގައި ހުރެފައި އުސްމާނު ކުޑަދަރިފުޅާއި އޭނާ ގާތަށް ރަަށަށް އަންނަ ދުވަހެވެ. ރެއިއްސުރެ އޭނާ ގެ ހިއްސުތަކުގައި ކުޅެމުންދަނީ އާދަޔާ ޚިލާފު މިއުޒިކެކެވެ. އެމިޔުޒިކުން އުފާވެރިކަން އިޙުސާސް ވަމުން ދާއިރު ބުނަން ނޭގޭ ޒާތެއްގެ އުދާސްކަމެއްވެސް އޭގައި އެކުލެވިފައިވާ ކަހަލައެވެ.

ދަރިފުޅު ނިންދަވާފައި އޭނާ ބަދިގެއަށް ދިޔައީ ދަރިފުޅު ގާތުގައި ކޮއްކޮ ސަމީނާ ބައިންދާފައެވެ. އުނދޯލި ހެއްލައި ދީ ދަރިފުޅަށް ވާނުވާ ބެލުމުގެ ބޭނުމުގައެވެ. ބަދިގެއަށް ވަދެ ޖަމީލާ ކާށްޓެއް ނަގައި ބިންނަން މުގުރު އުފުލައިލި ތަނާ ކާށި ދެފަޅި ވެއްޖެއެވެ. އޭގައި އެންމެ ފެންފޮދެއް ވެސް ނެތެވެ. އެކަމަކު ކާށިގަނޑު ހުރީ ނުލާހިކު ތެތްކޮށެވެ. ހީވަނީ ހަމަ ބައިވަރު ފެންހުރި ކާށްޓެއް ހެންނެވެ. މިވީގޮތުން ޖަމީލާ ކުޑަކޮށް ހާސްވާގޮތް ވެއްޖެއެވެ. ހުނިގާނަން ތަށްޓެއް ނަގަން ތަށިހަރުގަނޑު ކައިރިއަށް ދިޔައިރު، ހެދުނު ރިހަ އެޅި ބޯތަށި ނުދޮވެ ހުއްޓާ ފެނުމުން އެތަށި ނަގަން އަތް ލީ ތަނާ ތަށި ދެފަޅި ވެއްޖެއެވެ. ކުރިން އެއްވެސް ގެއްލުމެއްވެފައި ނުވާ ބޯތަށި ތަޅައިގެން ދިއުމާ، ކާށި ހިތަށް ދެފަޅި ވުމާ މިކަން ކަމަކީ އާދައިގެ ކަންތަކެއް ނޫންކަމަށް ޖަމީލާގެ ހަވަނަ ހިއްސު ބުނާ ކަހަލައެވެ. އެއާއެކު ވިދާލި ވިދުވަރަކާ އެކު ޖެހި ގުގުރިއެއް ހީވަނީ ފައިދަށުން ބިންގަނޑު ގުޑައިގެން ދިޔަހެންނެވެ. ތެޅިތެޅި އޮތް ހިތަކާއެކު ދުވަފައި ޖަމީލާއަށް ދެވުނީ ދަރިފުޅުގެގާތަށެވެ. އޭރު ދަރިފުޅުވެސް ހޭލައިގެން ބިރުން ރޮމުން ގެންދިޔައެވެ.

ކުރިއަށްވުރެ ވެސް ވިއްސާރަ ގަދަވެއްޖެއެވެ. ޖެހޭ ބާރުވަޔާއެކު ވެހެމުން ދިޔަ ބޯވާރޭ ފެންޑާގެ ތެރެއަށް ވެސް ބުރަންފަށައިފިއެވެ. ޖަމީލާ ދަރިފުޅު ގޮވައިގެން ގޭތެރެއަށް ވަދެއްޖެއެވެ. ނަމަވެސް ހިތަށް ވެރިވަމުންދާ ގޮތް ނޭގޭ ބިރުވެރިކަމެއްގެ ސަބަބުން ތަނެއްގައި މަޑުވެގެން އިންނަހިތެއް ނުވެއެވެ. އޭނާގެ ހިތަށް އަރައެވެ. އަނެއްކާ މިވިއްސާރައިގައި މަގޭ އުސްމާނު އުޅޭނީ ކޮންފަދަ ޙާލެއްގައި ހެއްޔެވެ. މިހާރު ޔަޤީނުން ވެސް އޭނާ އަންނަ ބޯޓުވާނީ ކަނޑުމަތީގައެވެ. މި ގަދަވައިގައި ކަނޑުގެ ބިޔަރާޅުތަކުގެ ތެރޭ އެބޯޓަށް ކެތްކުރެވޭނެ ބާވައެވެ. މިހާރު ކަނޑުގެ ރާޅުތައް ވެސް ހާދަބޮޑުވާނެއެވެ. "ޔާﷲ މިއަޅާގެ ފިރިމީހާ ސަލާމތުން މިއަޅާއާއި ހަމައަށް ފޮނުއްވާނދޭވެ." ޖަމީލާ އަށް އެންމެ ފަހުން ފިރިމީހާގެ ސަލާމަތަށް އެދި ދުޢާވެސް ކުރެވުނެވެ.

ގަޑިން މެންދުރު 12 ޖަހައި ބޮޑުވެއްޖެއެވެ. ވެހެމުން ދިޔަ ބޯވާރެއާ ތެމިފޯވެގެން އައިސް ގޭތެރެއަށް ވަނީ ރަށުއޮފީހުގެ ސެކެޓްރީއަކަށް އުޅޭ އުސްމާނަށް ބޮޑުބޭބެކިޔާ އާދަނެވެ. އޭނާ ހުރި ގޮތުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން ޖަމީލާއަށް ހީވާން ފަށައިފިއެވެ. އެވަގުތު ޖަމީލާ އާދަނާއި ސުވާލުކުރިއެވެ.

"އާދަނު ކޮބާ ބޯޓު؟ ކިހާ ހިސާބަކަށް އާދެވިއްޖެތަ؟....... ހާދަ ވިއްސާރައޭ ދޯ؟.......... ބޮޑުބެމެންނަށް މިއަދު އާދެވޭނެތަ؟........... އަދި މިއުޅެނީ ބޮޑުބެ އަންނަންވާ އިރަށް ރަނގަޅު އެއްޗެއް ވެސް ހަދާނުލެވިގެން... " ޖަމީލާގެ ވާހަކަދައްކާ ހުރެފައި އާދަނަށް ބަލާލި އިރު އާދަނުގެ ލޮލުން އޮހިގަންނަން ތައްޔާރުވެފައިވާ ކަރުނައާއި މިލާފައިވާ މޫނުން ޖަމީލާގެ ހީ ޔަޤީނަށް ބަދަލުވެގެން ދިޔައެވެ. އެވަގުތު ޖަމީލާ އާދަނާ ގާތަށް ޖެހިލާފައި އަނެއްކާ ވެސް ސުވާލުކުރަން ފެށިއެވެ.

"އާދަނޫ... ބުނެބަލަ... ކިހިނެއްވީތަ؟..... ކީއްވެތަ ތިހާ ދެރަވެފައި ތިހިރީ ...ރޮވިފައި ތިހިރީ...... އަނެއްކާ އުސްމާނަށް..........

"އާނ!.. ޖަމީލާ ދައްތާ... ބޮޑުބޭބެއެއް ނެތް..... ބޮޑުބޭބެއެއް..... ދެން ނައަންނާނެ... މިހާރު ބޮޑުބޭބެ އަހަރެމެންނާ އަބަދަށްޓަކައި ވަކިވެގެން ހިނގައްޖެ..... ބޮޑުބޭބެ ދަތުރުކުރަމުން އައި ބޯޓު ހުވަދޫ ކަނޑުތެރެއަށް ބަންޑުންވެ ދަތުރުކުރި އެންމެން ކަނޑުވެއްޖެ. އެބޯޓުން ދަތުރުކުރި އެކަކު ވެސް ސަލާމަތް ކުރެވުނު ކަމެއް ނޭނގޭ......

ޖަމީލާގެ ސުވާލުތަކަށް ދޭނޭ ޖަވާބެއް ނޭގި ހުރެފައި އާދަނު އެއްވެސް ހިފެހެއްޓުމަކާއި ނުލައި ވެގެން އުޅޭގޮތް ޖަމީލާއަށް އޮޅުން ފިލުވައިދޭން ފެށިއެވެ. މިވާހަކަތަކަކީ ޖަމީލާއަށް އެއްގޮތަކަށް ވެސް އަޑުއަހަން ކެތްކުރެވޭ ވަރުގެ ވާހަކަތަކަކަށް ނުވިއެވެ. އުރުގައި ހުރި ދޮޅުއަހަރުގެ ކުޑަދަރިފުޅާއެކު ވެއްޓެމުން ދިޔަ ޖަމީލާ، އާދަނަށް ހިފެހެއޓުނީ ހަމަކިރިޔާއެވެ. އެވަގުތު ޚަބަރުލިބިގެން އަވަށްޓެރިންނާއި ގާތްތިމާގެ އެންމެން އެގެއަށް ޖަމާވެއްޖެއެވެ.

އެންމެން ޖަމީލާ ނަގައިގެން ގޮސް އެނދުމަތީގައި ބޭއްވިތަނާ އެގެއަށް އެވެއްދީ އުސްމާނުގެ މަރުވެފައިވާ މަސްގަނޑެވެ. މީހުން ސަލާމަތްކުރުމަށް، ފެތުނު ބޯޓުދޮށަށް ދިޔަ މިފްކޯގެ މަސްކިރާ ބޯޓަށް ފެނުނީ މަރުވެގެން މައްޗަށް އަރާފައިވާ ހައެއްކަ ޤަބުރެވެ. އޭގެތެރޭގައި އުސްމާނުގެ ޤަބުރު ވެސް ހިމެނުނީ ގާތްތިމާގެ މީހުންނަށް އެތައް ދުވަހަކަށް ފަހު އޭނާގެ މޫނު ފެނިލުމުގެ ނަޞީބު ހުރީތީ ކަމަށް ވެސް ވެދާނެއެވެ. ގޭތެރޭގައި ކަންތައްގަނޑު ވަނީ ވަރަށް ބޮޑުވެފައެވެ. ޢާއިލާގެ އެންމެން ރޮއި ހޭރެނީއެވެ. އެއްބައަކު ޖަމީލާއަށް ހޭހަން ކޮށްދެނީއެވެ. ގާތްގަނޑަކަށް ބައިގަޑިއެއްހާ އިރު ފަހުން ޖަމީލާ ހޭ އަރައިފިއެވެ. ފުރަތަމަ ވެސް އޭނާއަށް އިވުނީ ގޭތެރޭގައި ޖަހާފައިވާ ޤުރުއާނުގެ އަޑެވެ. އެއަށްފަހު މީހުންގެ ރުއިމުގެ އަޑެވެ.

ޖަމީލާ އެނދުން ފުންމައިގެން ބޭރުގޭތެރެއަށް ނުކުތްއިރު އޭނާގެ ލޯބިވާ ފިރިމީހާ، އަދި އޭނާ ދެލޯނޭދި އެދޭ ދަރިފުޅުގެ ބައްޕަ މިއޮތީ ޙަރަމަށް ދެއަތް އަރުވާފައި ގައިމަތީގައި ފޮތިގަނޑެއް އަޅާފައި ރީތިކޮށް ބާއްވާފައެވެ. އެހަށިގަނޑުގައި އެއްވެސް ޙަރަކާތެއް ނެތެވެ. ވިންދެއް ނެތެވެ. ނޭފަތުކުރީގައި އަތްޖައްސާލި އިރު ނޭވައެއް ނުލައެވެ. އެ ހަށިގަނޑުގައި ދިރުމެއް ނެތެވެ. އަނެއްކާ ވެސް ޖަމީލާ ބަޑިފަޅައިގެން ހިނގައްޖެއެވެ. އުސްމާނުގެ ފުރާނަ ނެތް ހަށިގަނޑުގައި އޮޅުލައިގަނެފައި ބާރުބާރަށް ރޯން ފަށައިފިއެވެ. އެވަގުތު މީހުން އައިސް އޭނާ އުސްމާނުގެ ޤަބުރާއި ދުރުކުރުވިއެވެ. އަދި އޯގާތެރިކަމާއެކު ޖަމީލާއަށް ނަޞޭޙަތްތެރިވާން ފެށިއެވެ.

ޖަމީލާއެވެ. އަހަރެމެންނަށް މިއަދު ޖަމީލާގެ ހިތުގައި އަޅާނޭ ވޭނާއި ކުރާނޭ އަސަރު އިޙުސާސް ކުރެވެއެވެ. އެކަމަކު ވެސް ވިސްނާލަ ބަލާށެވެ. އެއްވެސް އިންސާނަކު އަބަދު ދިރި ދުނިޔޭގައި ނުހުންނާނެއެވެ. އިންސާނަކު ދުނިޔެއަށް އައުމަށްފަހު އެންމެ ގާތްވާނީ ދިޔުމެވެ. އެކަމަށް ވަކި ޢުމުރެއް ވަކި ވަގުތެއް ނޯވެއެވެ. މުސްކުޅިއެއް، ޒުވާނެއް، ކުޑަކުއްޖެއް، ބޮޑުމީހެއް، ކަނޑައެޅިފައެއް ނޯވެއެވެ. އެމީހެއްގެ އަޖަލު ހަމަވުމުން ހިތް އެދުނަސް ނޭދުނަސް ވަގުތުން، އެ ދާއިމީ ދަތުރު ފުރަން ޖެހެއެވެ. އަހަރެމެން އިންސާނުންނަށް މާތްﷲގެ މިންވަރު ފުޅަށް ރުހުން ނޫންގޮތެއް ނޯވެއެވެ. އެހެނީ ފުރާނައަކީ މާތްﷲގެ މިލްކެކެވެ. އަހަރެމެންގެ މިލްކެއް އަހަރެމެން ގެންދިޔައިމާ އަނެއްމީހާ އެކަމާ ކުރާނޭ ކަމެއް އޮންނާނޭ ހެއެޔެވެ؟ ހަމަ އެ ބީދައިން އަހަރެމެން ކިތަންމެ ލޯބިވާ މީހެއްކަމުގައި ވިޔަސް އެމީހެއްގެ ފުރާނައިގެ މިލްކުވެރި ފަރާތަކީ ހަމަ މާތްﷲ އެވެ. އެ އިލާހު އެއިލާހަށް މިލްކުވެ ވޮޑިގެންވާ އެއްޗެއް ގެންދެވީމާ އެކަމާ އަހަރެމެން އަޅުތަކުންނަށް ކުރެވޭނީ ކީއްހެއްޔެވެ. އެއްވެސް ކަމެއް ނުކުރެވޭނެއެވެ. އަހަރެމެންނަށް އޮތީ އެ ކަލާނގެއާ ވަކީލުކޮށް ޙަމްދާ ޝުކުރު ކުރުމެވެ.

ތިމާގެ މީހުންނާ އެކުވެރި ރަޙުމަތްތެރިންގެ ނަޞޭޙަތްތަކުން ކޮންމެ ވެސް ވަރެއްގެ ހަމަޖެހުމެއް ޖަމީލާއަށް ލިބުނު ކަހަލައެވެ. ކުރިން ރޮމުން އައި ރުއިން ކޮންމެވެސް ވަރަކަށް މަޑުވެއްޖެއެވެ. ނަމަވެސް އެ ގިސްލުމަކަށް އެއްވެސް ހުއްޓުމެއް އައެކޭ ނުބުނެވޭނެއެވެ. ޖަމީލާ އިނީ ގަބުވެފައެވެ. ހުއްޓިފައެވެ. އޭނާގެ ކުޑަދަރި ފުޅު އުރާލައިގެން މެދު ގޭތެރޭގެ އެއްކަނެއްގައި ހުރި ފިލާގޮނޑިއެއްގައި އިށީނދެލައިގެންނެވެ.

ޢުސްމާނު ހިނަވައި ކަފުންކޮށް މޫނުދެކެން އައިހާ ބައަކަށ މޫނުދައްކައި ނިމިއްޖެއެވެ. އެންމެފަހުން ސަންދޯކު އެޅުމަށްޓަކައި ޖަމީލާއާއި ކުޑަ ދަރިފުޅަށް އުސްމާނުގެ މޫނުދެއްކުމަށް ޓަކައި އެދެމައިން ގެންދެވިއްޖެއެވެ. އެއަށް ފަހު އުސްމާނުގެ މޫނު އެޅުމާއެކު ޖަމީލާ ކުއްލި ހަޅޭކަކާއެކު އަނބުރައިގެން ވެއްޓިއްޖެއެވެ. ކައިރީގައި ތިބި ދެމީހަކު ހިފަހައްޓަން ކުރި މަސައްކަތް ވެސް ވީ ބޭކާރެވެ. ޖަމީލާ އެދިޔަ ގޮތަށް ގޮސް ޖެހުނީ އުސްމާނުގެ ފުރާނަ ނެތް ހަށިގަނޑުގެ މައްޗަށް ހުރަހަށެވެ.

އެމީހުން ޖަމީލާގެ ހަށިގަނޑުގައި އަތްލި އިރަކު ވިންދެއް ނުޖަހައެވެ. އަވަސް އަވަހަށް ޖަމީލާ އެނދުމަތީގައި ބާއްވާފައި އެކި މީހުން އެކި ކަންތައް ކުރަން ފެށިއެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. އެއްވެސް ބޭހަކުން ފަރުވާއަކުން އިންސާނާގެ މަރެއް ނުހިފެހެއްޓެއެވެ. އެއީ ތަޤުދީރުގެ ނިޔާއެވެ. އެއްވެސް ތަދުބީރަކުން އެނިޔާއެއް ބަދަލެއް ނުކުރެވެއެވެ.

އުސްމާނާއެކު ޖަމީލާގެ ފުރާނަވެސް އޭގެވެރިފަރާތުން ގެންދެވީއެވެ. ހީވަނީ އެދެމިހުންގެ ލޯބީގައި ކޮށްފައިވާ ވަޢުދަކާ އެއްގޮތަށް އުސްމާނު ނެތް ދުނިޔެއެއްގައި ނޫޅެންވެގެން ޖަމީލާ ވެސް މި ދުނިޔެއާ އަލްވަދާޢު ކީހެންނެވެ. އެ ދެމީހުންގެ ލޯބީގެ ނިޝާން ކަމުގައިވާ ތުއްތުދަރިފުޅު ވެސް އެކަނިވެރި ކޮށްފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު