އިންޑިއާ ޓޫރިސްޓުން އައުން މަދުވެ ރަޝިއާ މާކެޓް އެއްވަނަ އަށް

ފަތުރުވެރިންތަކެއް ވީއައިއޭގައި --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރާއްޖެ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ އިންޑިއާގައި ކޮވިޑް19ގެ ހާލަތު ގޯސްވެ އެ ގައުމުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން މަދުވެއްޖެ އެވެ. މިއާ އެކު ރާއްޖޭގެ އެއްވަނަ މާކެޓުގެ ގޮތުގައި އޮތް އިންޑިއާ ދެވަނަ އަށް ވެއްޓި އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމަކަށް އަނެއްކާ ވެސް ރަޝިއާ ވަނީ ވެފަ އެވެ.

އިންޑިއާގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރޭތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭ މީހުން ދިއިއުޅޭ ރަށްރަށުގައި ހިންގާ ޓޫރިސްޓު ފެސިލިޓީތަކަށް އިންޑިއާ ފަތުރުވެރިން ގެނައުން ވަނީ މަނާކޮށްފަ އެވެ. ނަމަވެސް ރިސޯޓުތަކާއި ސަފާރީތަކަށް އިންޑިއާ ފަތުރުވެރިންނަށް އާދެވޭނެ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާ އިރު މި މެއި މަހުގެ ފުރަތަމަ ދެ ދުވަހުގެ ތެރޭގައި 7،212 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. އެ ދުވަހާ ހަމައަށް އަހަރުގެ ތެރޭ ޖުމްލަ 396،982 ފަތުރުވެރިން ވަނީ އައިސްފަ އެވެ.

އޭގެ ތެރެއިން 22.4 ޕަސެންޓް ފަތުރުވެރިން އައިސްފައި ވަނީ ރަޝިއާ އިންނެވެ. އަދި 21.9 ޕަސެންޓް ފަތުރުވެރިން އިންޑިއާ އިން އައިސްފައިވާ އިރު ޔޫކްރެއިން އިން 5.5 ޕަސެންޓް، ޖަރުމަނުން 5.2 ޕަސެންޓް އަދި ކަޒަކިސްތާނުން ހަތަރު ޕަސެންޓް މީހުން އައިސްފައި ވެއެވެ.

މިދިޔަ އޭޕްރީލް މަހުގެ ތެރޭ ރާއްޖެ ޒިޔާރަތްކުރީ 91،200 ފަތުރުވެރިންނެވެ. އޭގެ ކުރީ މާޗު މަހު 109،585 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

comment ކޮމެންޓް