ހަތަރު ގަޑިއިރު ކުރިން ވެކްސިން ކިއު ހަދައިފި، ރޯދަ ވީއްލުންވެސް މިތާ

ވެކްސިން ކިއުލައިންގައި ތިބި މީހުން ރޯދަ ވީއްލަނީ --- ސަން ފޮޓޯ

އޭރު ގަޑިން ހަވީރު ފަހެއް ޖަހަނީ އެވެ. ސޯޝަލް ސެންޓަރު ކައިރީ އޮތީ ދިގު ކިއު އެކެވެ. އެ ކިއު ރަސްފަންނު ޕެވިލިއަންނާ ހަމަޔަށް ގާތްގަނޑަކަށް އަރަ އެވެ. އެ ކިއުގައި ތިބީ ހުސް ބިދޭސީންނެވެ. ސޯސަލް ސެންޓަރުގެ އަނެއް ފަރާތުގައި އޮތީ ދިވެހިންގެ ކިއު އެވެ. އެ ކިއު ތަންކޮޅެއް ކުޑަ އެވެ. އެކަމަކު އެ ކިއުގައި ވެސް ފުދޭ ވަރަކަށް މީހުން ތިއްބެވެ. އަދި ވަގުތު ދިޔަހެން އިތުރު މީހުން ދިޔައީ ކިއުއާ ގުޅެމުންނެވެ. އެ ހިސާބުން މިވާ ގޮތެއް ބެލުމުގެ ޝައުގުވެރިކަން އުފެއްދިއްޖެ އެވެ.

އެ ސަރަހައްދުގައި ތިބި މީހުންނާ ވާހަކަ ދައްކާލުމުން އެނގުނީ އެއީ ވެކްސިން ހުސްވެދާނެ ކަމުގެ ބިރަށް ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ކިއު ހަދައިގެން ތިބި މީހުން ކަމެވެ. ވެކްސިން ޖަހަން ފަށަނީ ރޭގަނޑު 9:00ގަ އެވެ. އޭގެ އެތައް ގަޑިއިރެއް ކުރިން އެ މީހުން ކިއުއަށް އެރީ ވެކްސިން ޖެހުމުގެ ފުރުސަތު އަވަހަށް ހޯދާށެވެ.

"ވެކްސިން ހުސްވާ ހަބަރު ލިބެނީ. އެހެންވެ މިތަނަށް އަންނަނީ ފޯ ތާޓީގައި،" ކިއުލައިންގެ އެންމެ ކުރީގައި ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް ހުރި އޮމްރުއްސަލާމް ބުންޏެވެ.

ދިވެހިން ތިބި ކިއުގައި 10 ވަރަކަށް މީހުން ފުރަތަމަ ތިބި ނަމަވެސް ބިދޭސީ ކިއުލައިންގައި ގާތްގަނޑަކަށް 100އެއްހާ މީހުން ތިބޭނެ ކަން ޔަގީނެވެ. ރޯދަ ވީއްލާ ވަގުތާ ގާތްވާ ވަރަކަށް އެ ކިއު ދިޔައީ އިތުރަށް ދިގު ވަމުންނެވެ. ދިވެހި ކިއުލަން އައިޖީއެމްއެޗް ހުންނަ "ކަނބާ އައިސާ ރަނި ހިނގުމާ" އޮތީ އަރާ ހަމަވެފަ އެވެ. އެތަނުގައި ތިބި އެއްވެސް މީހަކު ހުރީ ވެކްސިން ނުޖަހާ ކިއު ދޫކޮށްލާފައި ދާ ގޮތަކަށް ނޫނެވެ. ކިއުގައި ހުރި ކޮންމެ މީހަކު ވެސް ބޭނުންވީ ވީހާލެއްގައި ވެގެން ވެސް ވެކްސިން ޖަހައިގެން ގެއަށް ދާންށެވެ.

ހަވީރު ގަޑީ ވެކްސިން ކިއުލައިންގައި މީހުން މަޑުކޮށްލައިގެން --- ސަން ފޮޓޯ

ކިއުގައި ތިބި ގިނަ މީހުން ތިބީ ރޯދަ ވީއްލަން ފެންފުޅި ފަދަ ތަކެތި ހިފައިގެންނެވެ. އަދި ކިއުގައި ތިބި މީހުން ރޯދަ ވީއްލުމަށް އެ ސަރަހައްދުގައި ބައެއް މީހުން ކާނާ ވެސް ބަހަމުން ދިޔަ އެވެ. ފެނާއި އޮރެންޖާއި އާފަލު ފަދަ ތަކެތި ބެހި އެވެ. އެކަން ކުރީ ސޮދަގާތް ކުރުމުގެ ގޮތުން ހެޔޮ އެދޭ ފަރާތްތަކެވެ.

ބަންގީގެ އަޑާ އެކު އެންމެންހެން ރޯދަ ވީއްލަން ފަށައިފި އެވެ. ބިދޭސީން ހައްޓަކު ހެޔެއް ނެތެވެ. ކިއުގެ ހުރި ހިސާބަކުން ޕޭމަންޓު މަތީ އިށީންދެ ގުރޫޕް ހަދާފައި ބޮޑެތި ޖޫސް ފުޅިތައް ތުމުގައި ޖަހައި ދަމާލައިފި އެވެ. އަނެއް މީހުން ކަނދުރާއި ފެނުން ރޯދަ ވީއްލަމުން ގެންދިޔަ އެވެ. ދިވެހިން ރޯދަ ވީއްލަމުން ގެންދިޔައީ އެ މީހަކު ގެނައި ތަކެތިން ދުރު ދުރުގައި ތިބެގެންނެވެ.

އިންޑިއާގެ ކޮވިޑް ހާލަތު ގޯސްވެ، އެގައުމުން ވެކްސިން އެހެން ގައުމުތަކަށް ބޭރުކުރުން ހުއްޓާލުމާއެކު ރާއްޖެއަށްވެސް ވަނީ ވެކްސިން ލިބުމުގައި ދަތިތަކެއް ކުރިމަތިވެފަ އެވެ. އެއާއެކު އެޗްޕީއޭއިން ވަނީ އޮންލައިންކޮށް ކިއު ނަމްބަރު ދޫކުރުން ހުއްޓާލާފަ އެވެ. އަދި ވެކްސިން ސްޓޮކް ހުރި މިންވަރު ވެސް އެޗްޕީއޭއިން ވަނީ ސިއްރުކޮށްފަ އެވެ. ސުވާލުކޮށްކޮށް ވެސް އެކަމަށް ޖަވާބެއް ނުދެ އެވެ. މިހާރު ކޮވިޝީލްޑު ވެކްސިންގެ ދެވަނަ ޑޯޒް ޖަހަނީ ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްގެންނެވެ. މާލޭގައި އެންމެ ސެންޓަރެއްގައި ކޮވިޝީލްޑުގެ ދެވަނަ ޑޯޒް ޖަހަމުން އަންނަ އިރު ރެއަކަށް ދޫކުރަނީ ގާތްގަނޑަކަށް ހާހެއްހާ ނަމްބަރެވެ. މީހުން މިހާރު ކުރިޔާލާ، ހަތަރު ފަސްގަޑިއިރު ކުރިން ކިޔު ޖެހެނީ މި ސަބަބުތައް ހުރީމަ އެވެ.

މި ދިގު ކިއުއާ އެކު މީހުންގެ ޝަކުވާތައް ވެސް އޮހެން ފަށައިފި އެވެ. ކިއުގައި ހުރި ދިވެސެއްގެ ޝަކުވާއަކަށްވީ މި ރޯދަ މަހު ވެކްސިން ޖެހުން ބޮޑު ތަކުލީފަކަށް ވުމެވެ. ރޯދަ ވީއްލުން ވެސް އެ މީހުން ހަމަޖައްސަން ޖެހެނީ ކިއުގައި ހުރެ އެވެ. އޭނާ ބުނި ގޮތުގައި އެއަށް ވުރެ ފަސޭހަ އިންތިޒާމެއް ސަރުކާރުން ހަމަޖައްސަން ޖެހޭނެ އެވެ. އަދި ހަމަޖެއްސޭނެ އެވެ.

"ވެކްސިން ޖެހުން ބޮޑު ތުރާލަކަށް މި ވަނީ. މިއަށް ވުރެ ލުއި ގޮތެއް ސަރުކާރަށް ހޯދައިދެވެން ވާނެ،" ކިއުގައި ރޯދަ ވީއްލަން ހުރި ދިވެއްސަކު ޝަކުވާ ކުރި އެވެ.

ހަގީގަތުގައި ވެސް ރޯދަ މަހެއްގެ ދުވާލު ދިގު ކިއުއެއްގައި ހުންނަން ޖެހުމަކީ އެއްވެސް އިންސާނަކަށް ފަސޭހަ ކަމަކަށް ނުވާނެ އެވެ. އެއީ ބަޔަކު ގަނަ ތެޅުވުން ނޫން ދެވަނަ ދެކަމެއް ނޫނެވެ. އަދި ކޮވިޑުގ ނަމްބަރުތައް ގިނަވަމުން ދާ މި ދަނޑިވަޅުގައި ގައިދުރުކަމެއް ނެތި ކިއު ހަދަން މަޖުބޫރު ކުރުވުމަކީ އަދި މާ ހިތާމަ ހުރި މަންޒަރެކެވެ.

ކިއުލައިންގައި ތިބި މީހުން ރޯދަ ވީއްލުން: ހަވީރު 4:30އިން ފެށިގެން އެ ސަރަހައްދުގައި ކިއުލައިންތައް އޮތީ ދަމާލާފައި ---

ވެކްސިން ޖެހުމަށް ފަސޭހަ އިންތިޒާމެއް ހަމަނުޖެއްސޭ ތާންގައި އެޗްޕީއޭއިން ދޭން ހަމަ އެކަނި ޔަގީން ކަމަކީ ވެކްސިން ޕްރްގްރާމް މެދު ނުކެނޑި ކުރިއަށްދާނެ ކަމެވެ. ހުރިހާ ރައްޔިތުންނަށްވެސް ވެކްސިން ލިބޭނެ ކަމެވެ. އެކަމަކު ކިއުގައި އެތައް ގަޑިއިރެއް ތިބެން ޖެހޭ އާންމުންގެ ހިތަށް އެ ކަމުން އެއްވެސް ހިތްހަމަ ޖެހުމެއް ހަގީގަތުގައި ލިބޭނެ ހެއްޔެވެ؟

އެޗްޕީއޭ އިން މިރޭ ބުނީ، ސޯޝަލް ސެންޓަރުން މިރޭ ދޫކުރާނީ 1،000 ނަންބަރު ކަމަށެވެ. އަދި ހުޅުމާލޭ ވެކްސިން ސެންޓަރުން ދޫކުރުމަށް ހަމަޖެހިފައި ވަނީ 250 އެވެ.

ހެލްތް މިނިސްޓަރު އަހްމަދު ނަސީމް އިއްޔެ ވިދާޅުވީ، ރާއްޖެއިން ގަނެފައިވާ އެސްޓްރާޒެނެކާ ވެކްސިންގެ 700،000 ޑޯޒް އަންނަން ފަށާނީ އަންނަ މަހުގެ ތެރޭގައި ކަމަށެވެ.

މިހާރު ރާއްޖޭގައި ޖަހަމުން އަންނަނީ ތިން ވައްތަރެއްގެ ވެކްސިންނެެވެ. އެއީ ކޮވިޝީލްޑް، ފައިޒާ އަދި ސިނޯފާމް ވެކްސިންނެވެ.

މިހާތަނަށް ފުރަތަމަ ޑޯޒް 296،961 މީހަކަށް އަދި 102،589 މީހަކަށް ދެވަނަ ޑޯޒް ވަނީ ދީފަ އެވެ.

comment ކޮމެންޓް