އަނބިމީހާއަށް އަނިޔާކުރި މީހަކު 21،600 ރުފިޔާއިން ޖޫރިމަނާކޮށްފި

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެކި ދުވަސް މަތިން އަނބިމީހާއަށް އަނިޔާކޮށް މާރާމާރީ ހިންގި މީހަކު 21،600 ރުފިޔާ އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފި އެވެ.

މިދިޔަ މަހުގެ 29 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވާފައި ވަނީ ރ. އަތޮޅުގެ މީހަކަށެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލީ 28 ޖުލައި 2011 އިން ފެށިގެން 2012 އޭޕްރީލް މަހާ ހިސާބަށް، އޭނާގެ އޭރުގެ އަނބިމީހާއާ ދެމެދު އެކި ދުވަސް މަތިން ހިނގާފައިވާ ދެބަސްވުންތަކުގައި، އަނބިމީހާއަށް އަނިޔާކޮށް މާރާމާރީ ހިންގި ކަމުގެ ތުހުމަތުގަ އެވެ.

އެގޮތުން އަނބިމީހާގެ ގައިގެ އެކި ތަންތަނުގައި، އަތުންނާއި ފައިން ތަޅައި، މާރާމާރީ ހިންގާފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އެ މައްސަލާގައި އޭނާގެ މައްޗަށް އުފުލީ މާރާމާރީގެ ދައުވާ އެވެ. ޝަރީއަތުގައި ފިރިހެން މީހާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.

ދައުލަތުން ބުނެފައި ވަނީ، އަނބިމީހާއަށް އަނިޔާކޮށްފައި ވަނީ ދެމީހުން ކައިވެނިކޮށްގެން ހޭދަވި އަށް މަހެއްހާ ދުވަހުގެ ތެރޭގައި، އެކުގައި ވަގުތު ހޭދަކޮށް ވާހަކަ ދެއްކުމަށް އަންހެން މީހާ އެދުމުން ކަމަށެވެ. އެގޮތުން ގައިގައި ތަޅާ، އިސްތަށިގަނޑުގައި ހިފައި، ކޮއްޕާ، ފައިން ޖެހުމުގެ އިތުރުން ބަނޑުމައްޗަށް އަރައި ކަރުގައި ހިފާފައިވާ ކަަމަށް ވެސް އަންހެން މީހާ ބުނެފައިވެ އެވެ. އޭނާ ބުނީ ފިރިމީހާގެ އަނިޔާގެ ސަބަބުން އައިޖީއެމްއެޗް އިން އެތައް ފަހަރަކު ފަރުވާ ހޯދާފައިވާނެ ކަމަށެވެ.

އަންހެން މީހާއަށް އަނިޔާކުރާ މަންޒަރު ފެނުނު ބަޔަކު ވަނީ ޝަރީއަތުގައި ހެކިބަސް ދީފަ އެވެ. އަދި އަންހެން މީހާއަށް އަނިޔާކުރާ ވަގުތު، އެގޮތަށް ކަންތައް ނުކުރުމަށް އެދި އޭނާ ރޯ އަޑު އިވުނު މީހަކު ވެސް ވަނީ ހެކިބަސް ދީފަ އެވެ.

ދިފާއުގައި ހެކި ހުށަހަޅަން ބޭނުން ކަމަށް ފިރިހެން މީހާ ބުނި ނަމަވެސް، އެއްވެސް ހެއްކެއް އޭނާގެ ފަރާތުން ހުށަހަޅާފައެއް ނުވެ އެވެ.

އެހެންކަމުން، ހުށަހެޅިފައިވާ ހެއްކާއި ގަރީނާއަށް ބަލާއިރު، ފިރިހެން މީހާގެ މައްޗަށް އުފުލި މާރާމާރީގެ ދައުވާ، އެއްވެސް ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފަ އެވެ.

އަދި ކުށުގެ އުގޫބާތެއްގެ ގޮތުން، އޭނާ 21،600 ރުފިޔާ އިން ޖޫރިމަނާކޮށް، އެއް މަސް ދުވަހުގެ ތެރޭގައި އެ ފައިސާ މީރާއަށް ދެއްކުމަށް ވަނީ ހުކުމް ކޮށްފަ އެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ މިހާރު އަމަލުކުރާ ގާނޫނުލްއުގޫބާތުގެ ދަށުން އެ ކުށަށް ދެވޭ އަދަބަކީ ތިން މަހާއި 18 ދުވަހަށް ޖަލަށްލުން ކަމަށެވެ. ނަމަވެސް މިއީ އޭނާގެ މައްޗަށް ކުށެއް ސާބިތުވާ ފުރަތަމަ ފަހަރު ކަމަށް ވެފައި، އޭނާ އަކީ ވަޒީފާ އަދާކުރާ މީހަކަށް ވާތީ، އަދަބުގެ ބާވަތް ޖޫރިމަނާ އަށް ބަދަލު ކުރީ ކަމަށެވެ.

ގާނޫނުލްއުގޫބާތުގައި މި ކުށަށް ކަނޑައަޅާފައި އޮންނަ އަދަބަކީ، 200 ރުފިޔާ އިން ޖޫރިމަނާ ކުރުން، ހަ މަސް ދުވަހަށް އަރުވާލުން، ހަ މަސް ދުވަހަށް ޖަލަށް ލުން ނުވަތަ ހަ މަސް ދުވަހަށް ގޭ ބަންދު ކުރުމެވެ.

ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރު އަހްމަދު ޝަފީއު ވިދާޅުވީ އެ މައްސަލައިގައި ދައުލަތުން އެދުނީ ޖަލު ހުކުމަކަށް ކަމަށެވެ. ނަމަވެސް ޖަލު ހުކުމާ އެއްވަރުގެ އެހެން އަދަބެއް ކުށްވެރިޔާއަށް ދިނުމަކީ ހަމައެކަނި ކޯޓަށް ލިބިގެންވާ ބާރެއްކަން ޕީޖީ އޮފީހުން ފާހަގަކުރި އެވެ.

މި މައްސަލައިގައި ކުށް ސާބިތުވި މީހާއަށް ލިބޭ އަދަބަކީ ތިން މަހާއި 18 ދުވަހަށް ޖަލަށް ލުމެވެ. ނަމަވެސް އޭނާ ޖަލަށް ލުމުގެ ބަދަލުގައި، ޖޫރިމަނާ ކުރުމަކީ އެންމެ މަސްލަހަތު ހުރި ގޮތް ކަމަށް ޝަރީއަތަަށް ގަބޫލުކުރެވި، ޖަލު ހުކުމްގެ މުއްދަތު ޖޫރިމަނާއަށް ބަދަލުކުރުމުން އޭނާގެ މައްޗަށް ކަނޑައެޅޭނީ 21،600 ރުފިޔާ އިން ޖޫރިމަނާކުރުން ކަމަށް ހުކުމްގައިވެ އެވެ.

comment ކޮމެންޓް