ޔުވެންޓަސްްގެ ތަހުތު ބާލުވައި، އިންޓައިން އިޓަލިއަން ލީގުގެ އެއްވަނަ ހޯދައިފި

އިންޓަމިލާނުން މި ސީޒަނުގައި ކުޅުނު މެޗެއްގެ ތެރެއިން: އިންޓައިން މިރޭ ވަނީ ލީގުގެ ތަށި ކަށަވަރު ކޮށްފައި --- ފޮޓޯ/އޭޕީ

އިޓަލިއަން ލީގުގައި އެންމެ ފަހުން ނުވަ އަހަރު ޗެމްޕިއަންކަން ހޯދި ޔުވެންޓަސްގެ ޑޮމިނެންސަށް ނިމުމެއް ގެނެސް ވާދަވެރި އިންޓަމިލާނުން މި ސީޒަނުގެ އެއްވަނަ ހޯދައިފި އެވެ.

ބާކީ ހަތަރު މެޗު އޮއްވައި ލީގު ޗެމްޕިއަންކަން އިންޓައަށް ކަށަވަރުވީ ލީގުގައި މިރޭ ދެވަނައިގައި އޮތް އެޓަލާންޓާ އާއި ސަސުއޯލޯ ބައްދަލުކުރި މެޗު އެއްވަރުވުމާ ގުޅިގެންނެވެ. އެޓަލަންޓާ އަށް ބާކީ ހަތަރު މެޗުން މޮޅުވެގެން ވެސް އިންޓައާ ހަމަނުކުރެވޭނެކަން ޔަގީންވުމާ ގުޅިގެންއިންޓައަށް އެއްވަނަ ޔަގީންވި އިރު މިއީ އެ ކުލަބުގެ ތާރީޚުގައި ލީގު ކާމިޔާބުކުރި 19 ވަނަ ފަހަރެވެ. އެ ޓީމުން އެންމެ ފަހުން ލީގު ކާމިޔާބުކުރީ 2009-2010 ވަނަ އަހަރުގެ ސީޒަނުގައި ހޯސޭ މޮރީނިއޯގެ އިރުޝާދުގެ ދަށުންނެވެ.

ލީގުގައި ބޮޑު ލީޑެއްގައި އޮތް އިންޓައިން ރޭ ވަނީ މިހާރު ރެލިގޭޝަނާ ހަނގުރާމަ ކުރަމުން އަންނަ ކްރޮޓޯނޭގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެހެން ކަމުން މޮޅުވާން މަޖުބޫރު މެޗުގައި މިރޭ އެޓަލާންޓާ އާއި ސަސުއޯލޯ ބައްދަލުކުރި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާތަކާ އެކު އިންޓަ އެއް ވަނައިގައި އޮތީ 34 މެޗުން 82 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް އެޓަލަންޓާ އާއި ތިން ވަނައިގައި އޮތް އޭސީ މިލާނަށް ލިބިފައިވަނީ 34 މެޗުން 69 ޕޮއިންޓެވެ.

ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ޔުވެންޓަސްއަށް މިއީ ލީގު ގެެއްލުނު ފުރަތަމަ ފަހަރެވެ. އެގޮތުން ޔުވެންޓަސް ނޫން ޓީމަކުން އެންމެ ފަހުން އިޓާލިއަން ލީގުގެ ތަށި އުފުލާލީ 2010-2011 ވަަނަ އަހަރުގެ ސީޒަނުގައި އޭސީ މިލާނުންނެވެ. އެއަށްފަހު ޔުވެންޓަސްއަށް ލީގު ހޯދައިދިން ކޯޗު އެންޓޯނިއޯ އަކީ މިފަހަރު އިންޓައަށް ތަށި ލިބޭ އިރު ވެސް ޓީމުގެ ހެޑް ކޯޗެވެ.

comment ކޮމެންޓް