ބާރުގެ ބޭނުންކޮށް މުޒާހަރާ ރޫޅާލި ފުލުހުން މަސްއޫލިއްޔަތު ތަކުން ދުރުކޮށްފި

މެއި 1، 2021: ވަޒީފާގެ މާހައުލުގައި ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލުމަށް ޒުވާނުންތަކެއް މާލޭގައި ކުރި މުޒާހަރާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ވަޒީފާގެ މާހައުލުގައި ކުރާ ޖިންސީ ގޯނާއާ ދެކޮޅަށް އަޑުއުފުލުމަށް ރޭ ޒުވާނުންތަކެއް މާލޭގައި ކުރި މުޒާހަރާ ރޫޅާލުމުގައި ހަރަކާތްތެރިވި ފުލުހުން ނަހަމަ ބާރުގެ ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، ފްރޮންޓް ލައިން ޕޮލިސިންގެ މަސްއޫލިއްޔަތުތަކުން އެ ފުލުހުން ދުރުކޮށްފި އެވެ.

ރޭގެ މުޒާހަރާ ރޫޅާލުމަށް ފުލުހުން ވަނީ ބާރުގެ ބޭނުން ކޮށްފަ އެވެ. އަދިމުޒާހަރާގެ ބައިވެރިންގެ މޫނަށް އަމާޒުކޮށް، ކްލޯޒް ރޭންޖުގައި ފުލުހުން ޕެޕާ ސްޕްރޭ ވެސް ވަނީ ޖަހައިފަ އެވެ. މުޒާހަރާގައި ފުލުހުންގެ ފަރާތުން ލިބިފައިވާ އަނިޔާ ފެންނަ ވީޑިއޯތައް ވެސް ސޯޝަލް މީޑިއާގައި ވަނީ އާންމުކޮށްފަ އެވެ.

ރޭގެ މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރިގޮތާ މެދު އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވަނިކޮށް މުޒާހަރާ ރޫޅާލުމުގައި ފުލުހުން އަމަލުކުރި ގޮތް ތަހުގީގު ކުރުމަށް މަސައްކަތް ފަށާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މިއަދު ވިދާޅުވެފަ އެވެ.

ފުލުހުން ބުނީ އެއްވުންތައް ކޮންޓްރޯލް ކުރަން ހަރަކާތްތެރިވާ ފުލުހުން އަމަލުކުރާ ގޮތާ ގުޅޭ ގޮތުން ހުށަހެޅޭ ޝަކުވާތައް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ބަލައި، އުސޫލުތަކާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިވާ ނަމަ އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.

އަދި ރޭގެ މުޒާހަރާގައި ފުލުހުން ބާރުގެ ބޭނުން ކޮށްފައިވާ ގޮތް، ހާއްސަ އިސްކަމެއް ދީގެން ޕްރޮފެޝަނަލް ސްޓޭންޑަޑް ކޮމާންޑުންނާއި ޔޫސް އޮފް ފޯސް ރިވިއު ކޮމެޓީން ބަލަން ފަށާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ ކޮމިޓީން މައްސަލަ ބަލައި ގޮތެއް ނިމެންދެން ފްރޮންޓް ލައިން ޕޮލިސިންގެ މަސްއޫލިއްޔަތުތަކުން އެ ފުލުހުން މިހާރު ދުރުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް