ތިކިތާނަ ބަހުސުގެ ޕޯޑިޔަމުން، އަޅުގަނޑުގެ ރައުޔު 4

ފަތްތޫރަތަކެއް-- އެކެޑަމީއިން ވަނީ އެޕްލިކޭޝަނެއް ހަދަން ނިންމާފަ--

އަރިމަތީ ސުރުޚީ ނަންބަރު 3 ގެ ދަށުން ދެއްކި ވާހަކަތަކުގައި، ތިކިތާނަ އަކުރުތަކުގެ އަޑުތައް – މަދު އިސްތިސްނާތަކަކާ އެކު ވިޔަސް – ދިވެހި ވެފައި ވާ ކަމަށް ވާނީ ދެންނެވިފައެވެ. އެ ސަބަބަށް ޓަކައި، އެ އަޑުތައް ލިޔާ ދިވެހި އަކުރުތަކަކީ ވެސް ދިވެހި ވެފައި ވާ، ދިވެހި އަލިފުބާގެ އަކުރުތަކެއް ކަމަށް ބަލައިގަތުމަކީ އިލްމީ ހަމަތައް ނިޔާ ކުރާ ގޮތް ކަމަށް ވެސް ވާނީ ދެންނެވިފައެވެ. މި ބައިގައި އަޅުގަނޑު ބަލައިލާނީ، ޢަރަތްބާއި އުރްދޫ ފަދަ ބަސްބަހުން ދިވެހި ބަހަށް ލޯނު ކުރެވިފައި ވާ ލަފުޒުތައް ތާނަ އަކުރުތަކުން ލިޔުމުގައި ތަބާ ވާން ވާނޭ ކަމަށް އަޅުގަނޑަށް ފެންނަ އެންމެ މުހިއްމު ބައެއް ހަމަތަކަށެވެ.

4.1 ތިކިތާނަ ބޭނުން ނުކޮށް ލިޔާން ވީ ލަފުޒުތަކެއް

ޢަރަތްބާއި އުރްދޫ ފަދަ ބަސްބަހުން ދިވެއްސަށް އައިސްފައިވާ ލަފުޒުތަކުގެ ތެރޭގައި، އެ ލަފުޒުތަކެއްގެ ކިޔުމާއި ލިޔުން މުސްކުޅި ޒަމާނުއްސުރެ ތިކިތާނަ އަޑުތައް ނުހިމެނޭ އަދި ލިޔުމުގައި ތިކިތާނަ އަކުރުތައް ބޭނުން ކުރާން ނުޖެހޭ ވަކި ގޮތްތަކަކަށް މުޅީން ހަމަޖެހި އިސްތިގުރާރު ވެފައި ހުރި ލަފުޒުތަކެއް ހުރެއެވެ. އެފަދަ ލަފުޒުތައް ދިވެހި ލިޔުންތަކުގައި ބޭނުން ކުރާ އިރު، އެ ލަފުޒުތަކުގެ ބިދޭސީ އަސްލުތަކުގެ އަޑަށް ތަބާ ވެވޭ ގޮތަށް ތިކިތާނަ ބޭނުން ކުރުމަކީ ގޯހެއް ކަމާއި، އެއީ ދިވެހި ބަހުގެ ހަމަ ނޫންކަމާ މެދު ދިވެހި ބަހުގެ އިލްމިއްޔާ ވަނީ އިއްތިފާގު ވެފައެވެ.

މި ދަންނަވާ ފަދަ ލަފުޒުތަކުގެ ބައެއް މިސާލުތައް، ތިރީގައި ވާ ތާވަލު 4.1.1 ގައި އެވަނީއެވެ.

ތިކިތާނަ އަކުރުތައް އެންމެ ފުރަތަމަ ތައާރަފު ކުރެވުނު އިރު އޮތް ވިސްނުމަކީ ވެސް، މަތީގައި ދެންނެވުނު ފަދަ ލަފުޒުތައް، މުސްކުޅި ޒަމާނުއްސުރެ ދިވެހި ވެފައި ހުރި އަދި ދިވެހީން ވާހަކަ ދެއްކުމާއި ލިޔުމުގައި ބޭނުން ކުރަމުން އައި ގޮތަށް ލިޔުމެވެ. އެ ލަފުޒުތައް ލިޔުމުގައި، ޢަރަބި ނުވަތަ އުރްދޫ އަސްލު ލަފުޒުގެ އަޑުތަކަށް ތަބާ ވާން ނުޖެހޭ ގޮތަށް އޮތުމެވެ. މި ވާހަކަ، ތިކިތާނަ ތައާރަފު ކުރެއްވުމަށް ޓަކައި ވުޒާރަތުލް މަޢާރިފުން 1957 ގައި ނެރުއްވި އިއުލާނުގައި ހިމެނޭ އުސޫލުގެ 1 ވަނަ ނަންބަރުގައި ސަރީހަ އިބާރާތުން ވިދާޅުވެފައި އޮވެއެވެ. މި ލަފުޒުތައް ލިޔާން ވާނީ، ޢަރަބި އަސްލު ލަފުޒުގެ އަޑުތަކަށް ތަބާ ވެގެންނޭ ވިދާޅުވާ ދިވެހި އެއްވެސް ބަސްވާރަކު ހުންނެވި ކަމެއް އަޅުގަނޑަކަށް އެނގިފައެއް ނެތެވެ. ތިކިތާނަ އަކުރުތައް ދޫ ކޮށްނުލައި ހެޔޮ ގޮތުގައި ބޭނުން ކުރުމަށް ވަކާލާތު ކުރައްވައި އެންމެ ތަފްސީލުކޮށް ދިވެހި ބަހުން ލިޔުއްވި ބެއިފުޅަކީ ޝައިޚް ޙުސައިން ޢަބްދުއްރަޙްމާން ކަމަށް ވުން އެކަށީގެން ވެއެވެ. އޭނާ ވެސް ވިދާޅުވެފައި ވަނީ ޢަރަތްބާއި އުރްދޫ ފަދަ ބިދޭސީ ބަސްބަހުން ދިވެއްސަށް އައިސްފައިވާ ލަފުޒުތަކުގެ ތެރެއިން އެ ލަފުޒުތަކެއްގެ ކިޔުމާއި ލިޔުން މުސްކުޅި ޒަމާނުއްސުރެ ތިކި ޖަހާން ނުޖެހޭ ވަކި ގޮތްތަކަކަށް މުޅީން ހަމަޖެހި އިސްތިގުރާރު ވެފައި ހުރި ލަފުޒުތައް ލިޔުމުގައި ތިކިތާނަ ބޭނުން ކުރާކަށް ނުޖެހޭ ކަމަށެވެ. ކުރީން ވެސް އެ ކަރުދާހަކަށް އިޝާރާތް ކުރެވުނު ތިކިތެޅި ތާނަތޯ؟ ނުވަތަ ތިކިޖެހި ތާނަތޯ؟ މި ކަރުދާހުގައި އޭނާ ލިޔުއްވައިފައި އޮވެއެވެ.

"ތާނައިގެ ތިކި ޖެހި އަކުރުތަކުގެ ނުވަތަ "ތިކިތެޅި ތާނަ" އިގެ ބޭނުން ކުރުމަކީ އެތައް ޒަމާނަކުއްސުރެން ފެށިގެން ދިވެހި ބަހުގައި އިސްތިޢުމާލު ކުރެވެމުން އަންނަ، އެ ލަފުޒުތަކުގެ ޢަރަބި އަސްލު ގެއްލި، ޚާލިޞް ދިވެހި ކުލައަކުން ކުލަ ޖެހިފައި ވާ ލަފުޒުތައް އެގޮތަށް ލިޔުން ހުއްޓައިލައި ޢަރަބި އަސްލަށް އަނބުރައިލާން މަޖުބޫރު ވުމެއް ނޫނެވެ. އާދެ! ގަމީސް قميص އަށް، ތާކިހާ طاقية އަށް، އަތަރު عطر އަށް، ނަދުރު نذر އަށް، އަދި ކަރުދާސް قرطاس އަށް ބަދަލު ކުރާކަށް ވެސް ނުޖެހެއެވެ. އަދި ބަދަލު ކޮށްގެން ވެސް ނުވާނެއެވެ. އެއީ އޭގެ ޢަރަބި އަސްލު ގެއްލި އެ ލަފުޒުތަކަށް ބަދަލުތަކެއް އައިސް އެހެން ގޮތަކަށް ބޭނުން ކުރެވެމުން އަންނަތާ އެތައް ގަރުނެއް ނުވަތަ އެތައް ޖީލުތަކެއް ފާއިތު ވެގޮސްފައި ވުމާ އެކު ކުރީގެ އަސްލު ގޮތަށް ބޭނުން ކޮށްފި ނަމަ މީހުންނަށް ނޭނގޭނޭތީއެވެ."

ތިކިތާނަ އާ ދެކޮޅު ބެއިފުޅުން (މި ދަންނަވަނީ އެ ވިސްނުމުގެ ހުރިހައި ބެއިފުޅުންގެ ވާހަކައެއް ނޫނެވެ) ތިކިތާނަ ބޭނުން ކުރުމަށް ތާއީދު ކުރައްވާ ބެއިފުޅުންނަށް ދެއްވާ ރައްދެއްގެ ގޮތުގައި ވަރަށް އާއްމުކޮށް ދައްކަވާ ވާހަކައެއް އޮވެއެވެ. އެއީ "ޢަރަބި ނުވަތަ އުރްދޫ ފަދަ ބަހުން ދިވެހި ބަހަށް އައިސްފައި ވާ ލަފުޒުތައް ލިޔާން ވާނީ އެ ލަފުޒުތަކުގެ އަސްލު އަޑުތައް ފެންނަ ގޮތަށް ތިކިތާނަ ބޭނުން ކޮށްގެން ކަމަށް ކަލޭމެން ގަބޫލު ކުރާ އިރު، ގަމީސް، ކަރުދާސް، ކަތީބު، ތާކިހާ މި ލަފުޒުތަކުގައި ކަލޭމެން ތިކި ނުޖަހަނީ ކީއްވެގެން ހެއްޔޭ، އެއީ ހެއްވާ ކަމެއް ނޫން ހެއްޔޭ؟" މިއެވެ.

މިއީ މަންތިގީ (logical) ގޮތުންނާއި އިލްމީ ގޮތުން ސައްހަ އަދި ރަނގަޅު ވާހަކައެއް ނޫނެވެ. މި ވާހަކައިން ދޭހަ ވަނީ، މި ވާހަކަ ދައްކަވާ ބެއިފުޅުންނަށް ތިކިތާނަ އަށް ތާއީދު ކުރައްވާ ބެއިފުޅުންގެ މައުގިފާއި ވިސްނުންފުޅާއި ބަސްފުޅު ފުރިހަމަޔަށް ދޭހަ ނުކުރެއްވެވޭ ކަމެވެ. ހަގީގަތުގައި، މިއީ އެއްވެސް ކަހަލަ އިލްމީ އަސާސަކާ (academic basis) ނުލައި ނެރުއްވާ ސަޖާލީ (polemical) ގެރިޒުވާބެކެވެ. ކަންފަސޭހަ ކޮށްލައްވައިގެން ދެއްވާ، އިލްމީ ބުރަދަނެއް (academic weight and value) ނެތް ރައްދެކެވެ. މަންތިގީ (logical) އަދި އަގުލީ (rational) އެއްވެސް ބުންޔާދެއް ނެތް ވާހަކައެއް މެއެވެ. އެހެނީ، ތިކިތާނަ އަށް ތާއީދު ކުރައްވާ ބެއިފުޅުން ވަނީ އެންމެ ފުރަތަމަ ފިޔަވަޅާ އެކުގައި ވެސް އެ ބެއިފުޅުންގެ މައުގިފާއި ވިސްނުންފުޅު ސާފު ކޮށްދެއްވައި، މުސްކުޅި ޒަމާނުއްސުރެ ތިކި ޖަހާން ނުޖެހޭ ގޮތަށް ދިވެހި ވެފައި ހުރި ޢަރަބި ނުވަތަ އުރްދޫ ލަފުޒުތަކަކީ، ޚުދު އެ ބެއިފުޅުން ވެސް ތިކި ޖެހުމުން އިސްތިސްނާ ކުރައްވާ ގިންތިއެއް ކަމަށް ވިދާޅުވެ، [ގަމީސް]، [ކަރުދާސް]، [ކަތީބު]، އަދި [ތާކިހާ] ފަދަ ލަފުޒުތަކުން މިސާލު ދައްކަވައިގެން އެ ބެއިފުޅުންގެ މައުގިފު އިލްމީ ގޮތުން ޝަރަހަ ކޮށްދެއްވައި، އެ މައުގިފުގެ ސަބަބުތައް ވެސް ބަޔާން ކޮށްދެއްވައިފައެވެ. ޢަރަބި ބަހުން ދިވެހި ބަހަށް އައިސްފައި ވާ ހަމަ ކޮންމެ ލަފުޒެއް ލިޔާން ވާނީ ތިކި ޖަހައިގެނޭ، މިހެނެއް އެ ބެއިފުޅުން ވިދާޅެއް ނުވެއެވެ. ވީމާ، އެ ބެއިފުޅުން އެފަދަ ވިސްނުންފުޅެއް ގެންގުޅުއްވާ ކަމަށް ހަދައިގެން އެ ބެއިފުޅުންނަށް ފާޑު ކިޔައި ރައްދު ދިނުމަކީ، މަންތިގީ މުޣާލަތާތަކުގެ (logical fallacies) ތެރެއިން [strawman argument] ގެ ނަމުން ސިފަ ކުރެވޭ މުޣާލަތާގެ ގިންތިއަށް ފެތޭ ޒުވާބެކެވެ. އެއީ ބަހުސެއްގައި ތިމާގެ ދެކޮޅުވެރިޔާ ބަލި ކޮށްލުމަށް ޓަކައި، އޭނާ ނުބުނާ އެއްޗެއް ނުވަތަ އޭނާ ނުނަގާ މައުގިފެއް ނުވަތަ އޭނާ ނުގެންގުޅޭ ވިސްނުމެއް އޭނާއަށް ނިސްބަތް ކޮށްފައި، ދެން އެ އެއްޗަކަށް/މައުގިފަކަށް/ވިސްނުމަކަށް ހަމަލަ ދޭ ދިނުމެވެ. އޭނާގެ ހަގީގީ މައުގިފާއި ވިސްނުމަށް ނުވަތަ ވާހަކައަށް ޖަވާބު ދޭން ނޭނގޭތީ، ނުވަތަ ދޭނޭ ޖަވާބެއް ނެތުމުންނެވެ. މި ތަނުގައި ތިކިތާނަ އާ ދެކޮޅު ބެއިފުޅުން އެންމެ ފުރަތަމަ ޢަރަބި ބަހުން ފާއިތު ވެދިޔަހައި ޒަމާންތަކެއްގައި ދިވެހި ބަހަށް ވަދެފައި ހުރި ހުރިހައި ލަފުޒުތަކެއް، ދިވެހީން އެ ލަފުޒުތައް ކިޔާ ގޮތަށް ބެލުމެއް ނެތި ޢަރަބި އަޑު ފެންނާނޭ ގޮތަށް ތިކިތާނަ ބޭނުން ކޮށްގެން ލިޔާން ޖެހޭ ކަމަށް ބުނާ "ދެކޮޅުވެރިޔަކު" އެ ބެއިފުޅުންގެ ޚިޔާލުފުޅުގައި އުފައްދަވަނީއެވެ. ދެން އެ ޚިޔާލީ "ދެކޮޅުވެރިޔާ" އާ ދިމާޔަށް ރައްދުގެ ހަމަލާތައް ދެއްވަނީއެވެ.

މި ނުކުތާގެ ޚުލާސާގެ ގޮތުގައި ދަންނަވަމެވެ. ޢަރަތްބާއި އުރްދޫ ފަދަ ބަސްބަހުން ދިވެއްސަށް އައިސްފައިވާ ލަފުޒުތަކުގެ ތެރެއިން އެ ލަފުޒުތަކެއްގެ ކިޔުމާއި ލިޔުން މުސްކުޅި ޒަމާނުއްސުރެ ތިކި ޖަހާން ނުޖެހޭ ވަކި ގޮތްތަކަކަށް މުޅީން ހަމަޖެހި އިސްތިގުރާރު ވެފައި ހުރި ލަފުޒުތައް ލިޔާން ވާނީ ތިކިތާނަ ބޭނުން ނުކޮށެވެ.

4.2 ޢަރަބި އަޑުތަކަށް ތަބާ ވާން ވީ ލަފުޒުތަކެއް

ދެވަނަޔަށް އަޅުގަނޑު ފާހަގަ ކޮށްލާން ބޭނުން ވަނީ، އެ ލަފުޒުތަކެއްގެ އަސްލު ޢަރަބި ގޮތް ގެއްލުވައިނުލައި، ކިޔުން ވެސް އަދި ލިޔުން ވެސް ޢަރަބި އަސްލާ އެއްގޮތަށް ބޭއްވުން މުހިއްމު ކަމަށް ފެންނަ ލަފުޒުތަކެއް އެބަހުރިކަމެވެ. ހަމައެކަނި ޢަރަބި ލަފުޒުތަކެއް ނޫނެވެ. އުރްދޫ، ފާރިސީ، އަދި އިނގިރޭސި ފަދަ އެހެނިހެން ބިދޭސީ ބަސްބަހުގެ ލަފުޒުތަކުގެ ތެރޭގައި ވެސް، އެ ލަފުޒުތަކެއް ދިވެހި ބަހަށް ލޯނު ކުރާ ހާލަތުގައި އެ ލަފުޒުތަކުގެ އަސްލު ގެއްލުވައިނުލައި ބަލައިގަތުން މުހިއްމު ލަފުޒުތައް ހުންނާނެއެވެ. އަޅުގަނޑުމެންގެ އަލިފުބާއަށް އިތުރު ވެފައި ވާ ތިކިތާނަ އަކުރުތަކަކީ އެފަދަ ލަފުޒުތައް ދިވެހި އަކުރުން ލިޔުމަށް ޓަކައި އަޅުގަނޑުމެންގެ ލިބިފައި ވާ އަގު ނުކުރެވޭ ފަދަ ވަސީލަތެއްކަން ކަށަވަރެވެ.

ތިރީގައި މި ދަންނަވަނީ މި ގޮތުން، އަޅުގަނޑުމެންގެ ބަހުން އެ ލަފުޒުތަކެއް ލިޔެކިޔުމުގައި ވެސް، އެ ލަފުޒުތަކެއްގެ އަސްލު ގެއްލުވައިލައިގެން ނުވާނޭ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ ލަފުޒުތަކުގެ ގިންތިތަކެވެ. މި ގިންތިތަކުގެ އިތުރުން ވެސް، މި ލިސްޓަށް އިތުރު ކުރެވިދާނޭ ގިންތިތަކެއް ހުރެދާނެއެވެ. އަޅުގަނޑުގެ މަގުސަދަކީ މައިގަނޑު ގިންތިތައް ފާހަގަ ކޮށްލުމެވެ.

1. ޚާއްސަ ނަންތައް (proper nouns)

ޢަރަބި ޚާއްސަ ނަންތައް، އަދި އާއްމު ގޮތެއްގައި އެހެނިހެން ބަސްބަހުގެ ވެސް ޚާއްސަ ނަންތައް އަޅުގަނޑުމެންގެ ބަހަށް ބަލައިގަންނާން ވާނީ، ވީ ވަރަކުން، އެ ނަންތަކުގެ އަސްލާ އެއްގޮތަށް ކަމަށް ގަބޫލު ކުރެވެއެވެ. ކިޔުމާއި ލިޔުމުގައި ވެސް މެއެވެ. މިސާލަކަށް، ކީރިތި ﷲ ސުބްޙާނަހޫ ވަތަޢާލާގެ ބަރަކާތްތެރި އިސްމުފުޅުތަކާއި، ރަސޫލުންނާއި ނަބީ ބެއިކަލުންގެ ނަންފުޅުތަކާއި، ރަސޫލުންނާއި ނަބީންގެ އާލުންނާއި އަޞްޙާބުންގެ ނަންފުޅުތަކާއި، ކީރިތި ޤުރްއާނުގެ ސޫރަތްތަކުގެ ނަންތަކާއި، އިސްލާމީ ކަލަންޑަރުގެ މައްސަރުތަކުގެ ނަންތަކާއި، މީހުންނަށް ކިޔާ ޢަރަބި ނަންތަކާއި، ގައުމުތަކަށާއި ރަށްރަށަށް ކިޔާ ޚާއްސަ ނަންތަކެވެ.

މިހެން ދެންނެވިޔަސް، ޒަމާނުއްސުރެ ދިވެހި އަމިއްލަ ގޮތްގޮތަށް ކިޔައިފައި ހުރި ނަންތައް ބަދަލު ކުރާން އުޅުމުގެ ޒަރޫރަތެއް އޮތް ކަމަށް ނުފެންނާތީ، އަދި އެފަދަ ނަންތައް ދޫ ކޮށްލުމަކީ ބަހުގެ މާޒީ އާއި ބަހުގެ މިއަދާ ގުޅުން ކެނޑިގެން ހިނގައިދާނޭ ކަމެއް ކަމަށް ވާތީ، އެ ނަންތައް ހަމަ މުސްކުޅި ގޮތަށް ބޭނުން ކުރުމަކީ ރަނގަޅު ގޮތެވެ. މިސާލަކީ، [ސިޔާމު]، [ކޮޅުނބު]، [ސުއްކަތުރާ]، [ވިލާތް] [އިނގިރޭސި ވިލާތް]، [އަބޫދާބީ]، [ބުންބާ]، [ލަންދޭސީ ވިލާތް]، [ރޫސީ ވިލާތް]، [ބަންގާޅު]، [އަސޭކަރަ]، އަދި [ފަރަންސޭސި ވިލާތް] ފަދަ ނަންތަކެވެ. ކޮންމެ އާއްމު އުސޫލަކަށް ވެސް އިސްތިސްނާ ހުރުމަކީ ދުނިޔޭގެ އާދަކަން، މި މަހައްލުގައި ތަކުރާރުކޮށް ފާހަގަ ކުރަމެވެ.

ބިދޭސީ ބަސްބަހުގެ ޚާއްސަ ނަންތައް ލޯނު އުސޫލުން ބަލައިގަންނަ އިރު، އެ ނަންތަކުގެ އަސްލު އޮޅުވައިލައި، ތިމާމެންގެ ބަހުގެ އަޑުތަކަށް ފުރޮޅައިލައި ބަދަލު ކުރުމަކީ ވަރަށް ގިނަ ބަސްބަހުގައި އާއްމުކޮށް ކުރެވޭ ކަމެކެވެ. މިކަން ކުރެވޭ މައިގަނޑު އެއް ސަބަބަކީ، ބަލައިގަނެވޭ ބިދޭސީ ނަމުގެ ބައެއް އަޑުތައް، ލޯނު އުސޫލުން ލަފުޒު ލިބިގަންނަ ބަހުގައި ނެތުމެވެ. އަނެއް ސަބަބަކީ، ބިދޭސީ ނަމުގެ އަޑުތަކުގެ ތަރުތީބު، ލޯނު އުސޫލުން ލަފުޒު ލިބިގަންނަ ބަހުގައި ލަފުޒުތަކުގައި އަޑުތައް ތަރުތީބު ވާ ގޮތުގެ ހަމަތަކާ (phonotactics) ތަފާތު ވުމެވެ. މި ސަބަބުތަކަށް ޓަކައި، ބިދޭސީ ޚާއްސަ ނަންތައް ލޯނު ކުރާ އިރު ވެސް، ލަފުޒަށް ބަދަލު ގެނައުމަކީ ބައެއް ހާލަތުތަކުގައި ކުރާން ޖެހޭ ވެސް ކަމެކެވެ. ނަމަވެސް، ކުރީން ވެސް އަޅުގަނޑު ދެންނެވި ފަދައިން، ޚާއްސަ ނަންތައް ލޯނު ކުރުމުގައި، ވީ ވަރަކުން، އަސްލު ލަފުޒު އޮތް ގޮތަށް ބަލައިގަތުން މުހިއްމު ވާ ސަބަބުތަކެއް ވެސް ވެއެވެ. ޚާއްސަ ނަންތައް ލޯނު ކުރުމުގައި އެ ލަފުޒުތައް އެގޮތް މިގޮތަށް އޮޅުވައި އަސްލު ބަދަލު ކޮށްލުމުގެ ސަބަބުން ތާރީޚީ ހަގީގަތްތަކަށް ހިޔަނި އެޅޭ ހާލަތު އައުމެވެ. އިލްމީ ގޮތުން ބޮޑެތި އޮޅުންބޮޅުންތައް މެދުވެރި ވާތަން އައުމެވެ. އިލްމީ މައިދާނުގައި ބޭކާރު އަދި ކޫސަނި ބަހުސުތަކަށް ދޮރު ހުޅުވޭ ގޮތް ވުމެވެ. މި ދަންނަވާ އެއްޗެއް، މިސާލުތަކަކުން ތަފްސީލު ކޮށްލެވޭތޯ ބަލާނަމެވެ.

ޢަރަބި ބަހާއި އުރްދޫ ބަހުން ލިޔެފައި ހުންނަ އިސްލާމީ ތާރީޚުގެ ފޮތްތަކުގައި، ބިޒަންތީނީ އަންބަރާތޫރިއްޔާ (Byzantine Empire) އާއި، ޞަލީބީންނާއި، މުސްލިމް ސްޕޭނުގެ ވާހަކަތައް ލިޔެފައި ހުންނަ އިރު، ޔޫރަޕު މީހުންނާއި ތަންތަނުގެ ނަންތައް ވަރަށް ގިނަ ފަހަރު ހުންނަނީ ޢަރަބި/އުރްދޫ ބަހުގެ އަޑުތަކަށް ފުރޮޅައިލައިފައެވެ. މިހެން ހެދުމުން، މަދު ފަހަރުފަހަރު ނަމަވެސް ދިމާ ވާ ގޮތަކީ، ޢަރަބި/އުރްދޫ ބަހުގައި އެބުނާ ނަމެއްގެ އަސްލު ގޮތަކީ ކޮބައިކަން ބަލައިލާން ބޭނުން ވެގެން އުޅޭ މީހަކަށް އެކަން ނޭނގިގެން، އޮޅުން ފިލުވުމަށް ޓަކައި އެތައް ވަގުތެއް ހޭދަ ކޮށް، އެތައް ފޮތެއްގެ އެތައް ސަފުހާތަކެއް ހާވާން ޖެހޭ ގޮތް ވުމެވެ.

ދެވަނަ މިސާލަކީ، ޔަހޫދީންނާއި ނަސާރާއިން އެއުރެންގެ މުގައްދަސް ފޮތްތައް އެއް ބަހުން އަނެއް ބަހަށް ތަރުޖަމާ ކުރުމުގައި، ތަރުޖަމާ ވެވޭ ބަހުގެ އަޑުތަކަށް ފެއްތުމަށް ޓަކައި ޚާއްސަ ނަންތައް އެގޮތް މިގޮތަށް ފުރޮޅައި ބަދަލު ކުރުމާއި، ޚާއްސަ ނަންތައް ތަރުޖަމާ ކުރުން ފަދަ ކަންކަން ކުރުމުގެ ސަބަބުން، ދިމާ ވެފައި ވާ ބޮޑެތި މައްސަލަތަކެވެ. މިފަދަ ބަދަލުތައް، ޢިބްރީ ބަހުން އޮތް ޢަހުދުލް ޤަދީމާއި، އާރާމީ ބަހުން އޮތް ޢަހުދުލް ޖަދީދު މުސްކުޅި ގިރީކު ބަހަށާއި ލެޓިން ބަހަށް ބަދަލު ކުރެވުނު އިރު، އަދި މުސްކުޅި ގިރީކާއި ލެޓިން ބަހުން ހުރި ތަރުޖަމާތައް އިނގިރޭސި ފަދަ ބަސްބަހަށް ތަރުޖަމާ ކުރެވުނު އިރު ވެސް ގެނެވިފައި ވެއެވެ.

އެގޮތުން ބަދަލު ގެނެސްފައި ވާ އެންމެ މަޝްހޫރު ނަމަކީ ޢިބްރީ އަދި/ނުވަތަ އާރާމީ ބަހުގެ ޚާއްސަ ނަމެއް ކަމަށް ވާ [ישוע – ޔެޝުއާ] އެވެ. ގިރީކު ބަހުގައި /ޝ/ މި އަޑު ނޯންނާތީ، ޢަހުދުލް ޖަދީދު ގިރީކު ބަހަށް ތަރުޖަމާ ކުރެވުނު އިރު، އެކަން ކުރި މީހުން މި ނަން [Iesus – ޔެސޫސް] އަށް ބަދަލު ކުރިއެވެ. ގިރީކު ބަހުގައި މުޒައްކަރު ނަންތައް ހުންނަ ގޮތަށް މި ނަން ފެއްތުމަށް ޓަކައި، އަސްލު ނަމުގެ ފަހަތުގައި ނެތް /ސ/ އެއް ވެސް އިތުރު ކޮށްގެނެވެ. މީލާދީން 1600 ގެ ތެރޭގައި ޢަހުދުލް ޖަދީދު އިނގިރޭސި ބަހަށް ތަރުޖަމާ ކުރެވުނު އިރު، މި ނަން [Jesus] އަށް ބަދަލު ވިއެވެ. މިއަދު، ދުނިޔޭގެ ގިނަ މީސްތަކުން ޢީސާ ޢަލައިހިއްސަލާމަށް ކިޔާ ނަމަކީ އެކަލޭގެފާނު ދުވަހަކު ތަސައްވުރު ވެސް ނުކުރައްވާ ނަމެކެވެ!

ޔަހޫދީންނާއި ނަޞާރާއިން އޮޅުވައިލި އެންމެ މުހިއްމު ޚާއްސަ ނަމަކީ، ޢަހްދުލް ޖަދީދުގެ [John] އެވެ ކިޔޭ ފޮތުގެ 14 ވަނަ ބާބުގެ 16 ވަނަ އާޔަތުގައި އޮތް [އަޙްމަދު] މި ނަމެވެ. ގިރީކު ބަހަށް ޢަހްދުލް ޖަދީދު ތަރުޖަމާ ކުރި މީހުން މި ނަން ވެސް [އަޙްމަދު] މި ނަމުގެ މާނައާ ގާތް މާނައެއް އޮންނަ ގިރީކު ލަފުޒެއް ކަމަށް ވާ [paráklētos] އަށް ތަރުޖަމާ ކޮށްލީއެވެ. އިނގިރޭސި ތަރުޖަމާތަކުގައި މި ނަން ހުންނަނީ [Comforter] އާއި [Consoler] އާއި [Advocate] ފަދަ ލަފުޒުތަކަށް ތަރުޖަމާ ކޮށްފައެވެ.

މިފަދަ ގޮތްގޮތަށް ޚާއްސަ ނަންތައް ފުރޮޅައި، އަނބުރައި، ތަރުޖަމާ ކޮށް، ބަދަލު ކުރުމުގެ ސަބަބުން އަރާ އޮޅުންތަކުގެ ވާހަކަ ކޮންމެހެން ތަފްސީލީ ގޮތެއްގައި މި މަހައްލުގައި ދެއްކުމުގެ ބޭނުމެއް ނެތެވެ. ހަމައެކަނި ތަކުރާރުކޮށް ދަންނަވައިލާނީ، އެއީ އިލްމީ ގޮތުން ވަރަށް ބޮޑެތި އޮޅުންބޮޅުމަށް ދޮރު ހުޅުވޭ ކަމެއް ކަމަށެވެ. އަޅުގަނޑު ވެސް އެއްބަހެވެ. އަޅުގަނޑުމެން ދިވެހީންނަކަށް ވެސް، އަޅުގަނޑުމެންގެ ބަހުގައި ބޭނުން ކުރާން ޖެހޭ ހުރިހައި ބިދޭސީ ޚާއްސަ ނަންތައް އެ ނަންތަކުގެ އަސްލާ އެއްގޮތަށް ބޭނުމެއް ނުކުރެވޭނެއެވެ. ނަމަވެސް، އަސްލާ އެއްގޮތަށް އަޅުގަނޑުމެންނަށް ކިޔޭ ނަންތައް އަސްލާ އެއްގޮތަށް ކިޔުމާއި ލިޔުމަކީ ކަނޑައެޅިގެން ފެންނާން އޮތް ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ދެކެމެވެ. އަދިވެސް އެއް ވާހަކައެއް ދަންނަވައިލާނަމެވެ. ޢަރަބި ބަހުގެ ޚާއްސަ ނަންތައް ފަދަ ލަފުޒުތައް، އެ ލަފުޒުތަކުގެ އަސްލާ އެއްގޮތަށް ދިވެހި ކުރުމަށް ވިސްނެވުމާއި، އެކަމަށް ޓަކައި އައު އަކުރުތަކެއް ދިވެހި އަލިފުބާގެ ތެރެއަށް އިތުރު ކުރެއްވުމަށް މުސްކުޅި ޒަމާނުގައި އަޅުގަނޑުމެންގެ ކާބަފައިން ނިންމެވި ނިންމެވުމަކީ، އެ ބެއިފުޅުންގެ ވިސްނުންފުޅުގެ އިލްމީ އޮށްޓަރު ހެޔޮކަން ކަމުގެ ހެއްކެއް ކަމަށް މެނުވީ އަޅުގަނޑު ނުދެކެމެވެ.

2. އިސްލާމް ދީނުގެ އިލްމީ އިސްތިލާހުތައް

އިސްލާމް ދީނުގެ އިލްމީ އަދި ދީނީ އިސްތިލާހުތަކުގެ ތެރެއިން، މުސްކުޅި ޒަމާނުއްސުރެ ވަކި ގޮތަކަށް ދިވެހި ވެ އިސްތިގުރާރު ވެފައި ވާ [ސުންނަތް] އާއި [އީދު] އާއި [ޞަދަގާތް] ފަދަ ލަފުޒުތައް ފިޔަވައި އެހެން ލަފުޒުތައް ވެސް، ދިވެހި ބަހުގައި ބޭނުން ކުރާން ވާނީ، އެ ލަފުޒުތަކުގެ ޢަރަބި އަސްލު ނުގެއްލޭ ގޮތަށް ކަމަށް އަޅުގަނޑު ދެކެމެވެ.

މިސާލަކީ، [ލައުޙުލް މަޙްފޫޡް]، [މުޢައްޥިޛަތައިނި]، [ޢިބާދާތު]، [އުޞޫލުލް ފިޤްހު]، [އަޙްކާމުއް ޝަރްޢިއްޔާ]، [ޝަރީޢަތް]، [ތަވާޟުޢުވެރިކަން]، [ޠަރީޤާ]، އަދި [ތަޤުވާވެރިކަން] ފަދަ ލަފުޒުތަކެވެ. އަދި ﷲ ސުބުޙާނަހޫ ވަތަޢާލާގެ އިސްމުފުޅާ އެކު އަޅުގަނޑުމެން ކިޔައިއުޅޭ [ސުބްޙާނަހޫ ވަތަޢާލާ] އާއި [ޢައްޒަ ވަޖައްލަ] ފަދަ ތަޢުޡީމާއި ތަމްޖީދާއި ތަންޒީހާއި ތަސްބީޙްގެ އިބާރާތްތަކާއި، ރަސޫލު ބެއިކަލުންނާއި އަޞްޙާބުންގެ ނަންފުޅުތަކާ އެކު އަޅުގަނޑުމެން ކިޔާ [ޢަލައިހިއް ޞަލާތު ވައްސަލާމް] އާއި [ރަޟިޔައްﷲ ޢަންހު] ފަދަ ޞަލަވާތާއި ސަލާމާއި ދުޢާގެ އިބާރާތްތަކެވެ.

3. ދިވެހި މުސްކުޅި ލަގަބުތައް

އިހުޒަމާނުގައި، ދިވެހީންގެ ތެރޭގައި ހުރި މުސްކުޅި ލަގަބުތަކަކީ އަޅުގަނޑުމެންގެ ތަރިކައިގެ ތެރޭގައި ހިމެނޭ މުހިއްމު ބައެއް ކަމަށް ވާ ހިނދު، އެ ލަގަބުތައް މިއަދު ވެސް ކިޔާން އަދި ލިޔާން ވާނީ ކާބަފައިން އެ ލަގަބުތައް ބޭނުންފުޅު ކުރެއްވެވި ގޮތަށް ކަމަށް އަޅުގަނޑު ދެކެމެވެ. ވީމާ، ފަޟީލަތުއް ޝައިޚް، އަލްޤާޟީ، އަލްޙާޖީ، އަލްޙާއްޖު، ޞާޙިބުއް ސަޢާދާ، ޞާޙިބުލް ފަޚާމާ، އަދި އައްސުލްޠާނުލް ޣާޒީ ފަދަ ލަގަބުތައް ލިޔުމުގައި، އިހުގައި އެ ލަގަބުތައް ލިޔެކިޔައި އުޅޭ ގޮތަށް އެއްވެސް ބަދަލެއް ގެންނާކަށެއް ނުފެނެއެވެ.

4. ބައެއް ކަހަލަ ޚާއްސަ ލަފުޒުތައް

ފިކުރީ، އިލްމީ އަދި ފަންނީ ފުރަވަސާނައިގައި އާލަމީ ލަފުޒުތަކެއްގެ ގޮތުގައި ބަލައިގަނެވޭ، ނުވަތަ ވަކި ސަގާފަތަކާ އެ ލަފުޒު ގުޅިފައި ވާލެއް ބޮޑުކަމުން އެ ސަގާފަތެއްގައި އެ ލަފުޒެއްބޭނުން ކުރެވޭ ގޮތަށް ބޭނުން ކުރުން މުހިއްމު ވާ ލަފުޒުތަކާއި އިސްތިލާހުތަކުގެ ތެރެއިން، އެ ލަފުޒުތަކަކަށް މުސްކުޅި ދިވެހި ލަފުޒުތަކެއް ނެތް، އަދި އެ ލަފުޒުތަކަށް މައް ދިވެހި ލަފުޒުތަކެއް އުފެއްދުމުގެ ޒަރޫރަތެއް ނުވަތަ އަހައްމިއްޔަތެއް ވިޔަސް ނެތް ލަފުޒުތައް، ދިވެހި ބަހުގައި ވެސް އެ ލަފުޒުތަކުގެ އަސްލާ އެއްގޮތަށް ބޭނުން ކުރުން މުހިއްމު ކަމަށް އަޅުގަނޑު ގަބޫލު ކުރަމެވެ. އަޅުގަނޑުގެ ނަޒަރުގައި މިފަދަ ލަފުޒުތައް ދިވެހި ބަހުގެ ލިޔުންތަކުގައި ލިޔާ އިރު، އެ ލަފުޒުތަކުގެ އަސްލު އަޑުތައް ރައްކައުތެރި ކުރުމަށް ޓަކައި ތިކިތާނަ ބޭނުން ކުރުމުގެ އިތުރުން، ދިވެހި ބަހުގެ ކިޔުމާއި ލިޔުމުގެ އެހެން ގަވާއިދުތަކުން ވެސް އެ ލަފުޒުތައް އިސްތިސްނާ ކޮށްގެން، އެ ލަފުޒުތަކުގެ އަސްލު އަޑު ނެރެވޭނޭ ގޮތަށް ލިޔާން ވާނެއެވެ. މިސާލަކަށް، [ބޫޜްވާ – bourgeois]، [ވެކްސިން – vaccine]، [ވައިފައި – Wi-Fi]، [ރޮކް އެން ރޯލް – rock n roll]، އަދި [ޙުއްމުޞް – حُمُّص] ފަދަ ލަފުޒުތަކެވެ.

4.3 އާއްމު ގަވާއިދު

އިސް ވެ ދެކެވުނު ވާހަކައިގައި، ތިކިތާނަ ބޭނުން ނުކޮށް މުސްކުޅި ދިވެހި ގޮތަށް ކިޔާން އަދި ލިޔާން ވީ ލަފުޒުތަކަކާއި، އެ ލަފުޒުތަކެއްގެ އަސްލު އަޑުތައް ގެއްލުވައިނުލައި އަޅުގަނޑުމެންގެ ބަހަށް ބަލައިގަނެ އަދި ލިޔާން ވީ ލަފުޒުތަކެއްގެ ވާހަކަ ދެންނެވިއްޖެއެވެ. މި ދެންނެވި އިސްތިސްނާ ދެ ގިންތި ފިޔަވައި، އެހެން ކޮންމެ ބިދޭސީ ލަފުޒެއް ވެސް ދިވެހި ލިޔުމުން ލިޔާން ވާނީ، އެ ލަފުޒެއް ދިވެހި ބަހަށް ލޯނު ކުރެވި، ބަލައިގަނެވުނު ގޮތަކަށެވެ. ޔައުނީ، ދިވެހި ބަހުގެ އަހުލުވެރީން އެ ލަފުޒެއް ކިޔާ ގޮތަށެވެ. އެ ލަފުޒެއްގެ އަޑުތައް އަދާ ކުރާ، އަދި އެ ލަފުޒެއް މާނަ ކުރާ ގޮތަކަށެވެ. ބިދޭސީ ލަފުޒުތައް ދިވެހި ބަހަށް ލޯނު އުސޫލުން ބަލައިގަތުމުގައި އަޅުގަނޑުމެން ތަބާ ވާން ޖެހޭ އާއްމު ގަވާއިދަކީ ނުވަތަ އުސޫލަކީ، އަޅުގަނޑުގެ ނަޒަރުގައި، މިއެވެ. ތިރީގައި ވާ ނުކުތާތަކުން މި ދަންނަވަނީ މި ވިސްނުން ބިނާ ކުރާ އަސާސްތަކަކީ ކޮބައިކަމެވެ.

1. އަރިމަތީ ސުރުޚީ ނަންބަރު 3 ގެ ދަށުން ދެކެވުނު ވާހަކައިގައި ސާފުކޮށް ދެންނެވުނު ފަދައިން، ބަހުގެ އަސްލަކީ ވާހަކަ ދެއްކުމެވެ. ލިޔުން ނުވަތަ އިމްލާއިއްޔަތަކީ ދައްކާ ވާހަކައިގެ ޒަރީއާއިން ކުރެވޭ މުއާސަލާތާއި، ފައުޅު ކުރެވޭ ޝުއޫރުތަކާއި ފިކުރުތަކާއި ޖަޒުބާތުތައް ފަދަ އެއްޗެތި ފަހުން ފެންނާނެ ގޮތަށް ރިކޯޑު ކުރުމަށް ޓަކައި ގެންގުޅެވޭ އާލަތެކެވެ. އެހެންކަމުން، އަސްލަށް ތަބައަ ވުން ކަމަށް ވާނީ، ވާހަކަ ދައްކާ ގޮތަށް ލިޔުމެވެ. ލަފުޒުތައް ވެސް، ބަހުގެ އަހުލުވެރީން އެ ލަފުޒުތައް ކިޔައިއުޅޭ ގޮތަށް ލިޔުމެވެ. ކަން މިހެން އޮތް އިރު، އިސްތިސްނާތަކެއް ހުރި ކަމަށް ވިޔަސް، އާއްމު އުސޫލެއްގެ ގޮތުން ލަފުޒުތައް ލިޔާން ވާނީ ބަހުގެ އަހުލުވެރީން އެ ލަފުޒުތައް ކިޔާ ގޮތަށް ކަމަށް ގަބޫލު ކުރާން ޖެހެއެވެ. މި ތަނުގައި ބަހުގެ އަހުލުވެރީންނޭ މި ދަންނަވަނީ، ރީތިކޮށް ބަހުން ވާހަކަ ދައްކާ މީހުންގެ ވާހަކައެވެ. ތިރީގައި ވާ 3 ވަނަ ނުކުތާ ބައްލަވާށެވެ!

2. އެނގިވަޑައިގަންނަވާނޭ ފަދައިން، ބިދޭސީ ބަސްބަހުން ލޯނު ލަފުޒު ބަލައިގަނެ އަމިއްލަ ކުރުމަކީ، ބަހެއްގެ ބަސް ކޮށާރު (lexicon) މުއްސަނދި ވާ އެންމެ މުހިއްމު އެއް ގޮތެވެ. ދުނިޔޭގެ ބޮޑެތި ހުރިހައި ބަސްބަހަކީ ވެސް މި ގޮތުން، އެހެނިހެން ބަސްބަހުން ލިބިގަތް ލޯނު ލަފުޒުތަކުގެ ވަސީލަތުން ބަސް ކޮށާރު މުއްސަނދި ވެފައި ވާ ބަސްތަކެވެ. އެންމެ ރަނގަޅު މިސާލަކީ ދުނިޔޭގެ ލިންގުއާ ފްރާންކާ ކަމަށް މިއަދު ވެފައި ވާ އިނގިރޭސި ބަހެވެ. އިނގިރޭސި ބަހުގެ ބަސް ކޮށާރު މުއްސަނދި ވެފައި ވަނީ ފަރަންސޭސި ބަހާއި، ލެޓިން ބަހާއި، ގިރީކު ބަސް ފަދަ އެތައް ބަސްތަކަކުން އެތައް ހާސް ލަފުޒެއް އެ ބަހުގެ ބަސް ކޮށާރަށް ވަނުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. ޢަރަބި ބަހުން ވެސް އިނގިރޭސި ބަހަށް ގިނަ އަދަދެއްގެ ލަފުޒުތައް ލޯނު ކުރެވިފައި ވެއެވެ. އޭގެ ތެރޭގައި [algebra]، [lemon]، [admiral]، [zero]، [algorithm]، [cotton]، [arsenal]، [coffee]، [sherbet]، [alchemy]، [amber]، [tariff]، [chiffon]، [alcohol]، [magazine] އަދި [elixir] ހިމެނެއެވެ.

3. ބަހަކަށް ބިދޭސީ ލަފުޒެއް ވަދެއްޖެޔޭ ބުނެވެނީ، އެ ބަހުގެ އަހުލުވެރީން ކުރެ އެ ބަހަކުން ސާފު އަދި ޚާލިސް ގޮތުގައި ވާހަކަ ދައްކާ މީސްތަކުންގެ އިސްތިއުމާލުގައި، އެކަށީގެން ވާ ފަދަ ފުޅާ ދާއިރާއެއްގައި، އެ ލަފުޒެއް އާއްމު ވުމަށެވެ. އެ ބަހަކުން ބަހުގެ ގަވާއިދުތަކާއި ހަމަތަކާ އެއްގޮތަށް، ރީތިކޮށް ވާހަކަ ދައްކާ މީހުން ކުރެ ގިނަ އަދަދެއްގެ މީހުން އެ ލަފުޒެއް ބޭނުން ކުރުން އާދަ ވެ އާއްމު ވުމަށެވެ. އެ ބަހެއްގެ ތައުލީމުޔާފުތާ، ނުވަތަ އެންމެ ކުޑަމިނުން ހެއިލުންތެރި، މީސްތަކުންގެ ތެރޭގައި އެ ލަފުޒެއްގެ ބީރައްޓެހިކަން ކެނޑިގެން ދާ ދިޔުމަށެވެ. އެ ލަފުޒަކީ ވަކި ޚާއްސަ އިލްމީ ނުވަތަ ފަންނީ ދާއިރާއެއްގެ ލަފުޒެއް ނަމަ، އެ ދާއިރާއެއްގެ އަހުލުވެރީންގެ އިސްތިއުމާލުގައި އެ ލަފުޒެއް އާއްމު ވެ "ގޭ ކުއްޖެއްގެ" ގޮތުގައި ބަލައިގަނެވުމަށެވެ.

4. ލަފުޒެއްގައި ހިމެނެނީ އަޑުތަކަކާއި ފިލިތަކެކެވެ. ލަފުޒެއްގައި ހިމެނޭ ކޮންމެ ވަކި އަޑަކަށް ބަހަވިއްޔާތުގެ އިލްމުވެރީން އިނގިރޭސި ބަހުން ކިޔުއްވާ ނަމަކީ [segment] އެވެ. މިސާލަކަށް، ޢަރަބި ލަފުޒެއް ކަމަށް ވާ [أخلاق] ގައި ހިމެނެނީ ހަތަރު އަޑެވެ. އާދެ، ހަތަރު ސެގްމަންޓެވެ. /أ/، /خ/، /لا/، އަދި /ق/ މި ހަތަރު ސެގްމަންޓެވެ. ފިލި ޖެހިފައި ވާ އަޑެއްގައި ވިއްޔާ ފިއްޔަކީ ވެސް އެ އަޑުގެ ސެގްމަންޓްގެ ބައެކެވެ.

ދެން ފަހެ، ބަހެއްގެ ލަފުޒެއް، އެހެން ބަހަކަށް ލޯނު ކުރެވިގެން ބަލައިގަނެވޭ އިރު، އެ ލަފުޒު ބަލައިގަނެވެނީ މައިގަނޑު ދެ ގޮތެއްގެ ތެރެއިން ގޮތަކަށެވެ.

ފުރަތަމަ ގޮތަކީ، އެ ލަފުޒުގެ ސެގްމަންޓްތައް ހުރި ގޮތަށް، ލަފުޒަށް އެއްވެސް ކަހަލަ ބަދަލެއް ނުގެނެސް ބަލައިގަތުމެވެ. މިސާލަކީ، ޢަރަބި ބަހުން ދިވެހި ބަހަށް އައިސްފައި ވާ [هلاك - ހަލާކު] މި ލަފުޒެވެ. އަދި އިނގިރޭސި ބަހުން ދިވެހި ބަހަށް ލޯނު ކުރެވިފައި ވާ [coffee - ކޮފީ] މި ލަފުޒެވެ. މި ގޮތަށް، ބިދޭސީ ލަފުޒު ހަމަ އޮތް ގޮތަށް ބަލައިގަނެވެނީ، ބިދޭސީ ލަފުޒުގެ އަޑުތައް – ސެގްމަންޓްސް – ލޯނު ކުރާ ބަހުގައި ވެސް ހުރެފައި، ލަފުޒު ލޯނު ކުރެވޭ ހާލަތާއި، ލޯނު ކުރެވޭ ތަނާއި، ލޯނު ކުރާ ބަހުގައި އެ ބިދޭސީ ލަފުޒު ފުރަތަމަ ބޭނުން ކުރާން ފަށާ މީހުން ފަދަ އަވާމިލުތައް ހިނގާ ގޮތުންނެވެ.

ދެވަނަ ގޮތަކީ، ބިދޭސީ ލަފުޒުގެ ސެގްމަންޓްތަކަށް އެކިއެކި ގޮތްގޮތަށް ބަދަލު ގެނެވިގެން، ލަފުޒު ލޯނު ކުރެވުމެވެ. މި އުސޫލުން ލަފުޒު ބަލައިގަނެވޭ މައިގަނޑު އެއް ސަބަބަކީ، ބިދޭސީ ލަފުޒުގެ ސެގްމަންޓެއް ނުވަތަ ސެގްމަންޓްތަކެއްގެ އަޑު، ލަފުޒު ލިބިގަންނަ ބަހުގައި ނެތުމެވެ. މިސާލަކީ މީލާދީން 1600 ގެ އަހަރުތަކުގެ ތެރޭގައި ފަރަންސޭސި ބަހުން އިނގިރޭސި ބަހަށް ލޯނު އުސޫލުން ލިބިގަނެވުނު [cabaret] މި ލަފުޒެވެ. ފަރަންސޭސި ބަހުން މި ލަފުޒު ކިޔަނީ [ކެބަޣޭ] މި ގޮތަށެވެ. ފަރަންސޭސި އަސްލުގެ ތިންވަނަ ސެގްމަންޓްގެ އަޑު ކަމަށް ވާ /ޣ/ އިނގިރޭސި ބަހުގައި ނޯންނާތީ، މި ލަފުޒު އިނގިރޭސި ބަހަށް ބަލައިގަނެވުނީ އެ ސެގްމަންޓް އިނގިރޭސި /r/ އަކަށް ފުރޮޅައިލައިގެން، [ކެބަރެއި] މި ކަހަލަ ގޮތަކަށެވެ. މި މަޒުމޫނުގެ އިސް ވެދިޔަ އަރިމަތީ ސުރުޚީ ނަންބަރު 3 ގެ ދަށުގައި ދެކެވުނު ވާހަކައިގައި ދެންނެވި ފަދައިން، ބައެއް ފަހަރުފަހަރު ބިދޭސީ ލަފުޒުތަކުގައި ހިމެނޭ ބިދޭސީ އަޑުތައް ވެސް ލަފުޒާ އެކު ބަހެއްގެ ތެރެޔަށް ވަދެއެވެ. ތިކިތާނަ އަޑުތަކޭ މި ކިޔާ އަޑުތައް ޢަރަބި ބަހުން ދިވެހި ބަހަށް ވަން ގޮތަށެވެ. ނަމަވެސް، އެއީ މަދުން ވާ ކަމެކެވެ. އާއްމު ގޮތެއްގައި، ބިދޭސީ ލަފުޒުގައި ހުންނަ ބިދޭސީ އަޑުތައް، ލަފުޒު ލިބިގަންނަ ބަހެއްގެ އަމިއްލަ އަޑުތަކަށް ފުރޮޅައިލެވެނީއެވެ. ލޯނު އުސޫލުން ބަލައިގަނެވޭ ބިދޭސީ ލަފުޒެއްގެ ސެގްމަންޓްތަކަށް ބަދަލު ގެނެވޭ މައިގަނޑު އަނެއް ސަބަބަކީ، ބިދޭސީ ލަފުޒުގެ އަޑުތަރުތީބު، ލަފުޒު ލިބިގަންނަ ބަހުގައި ލަފުޒުތަކުގައި އަޑުތައް ތަރުތީބު ވާ ގޮތާ (phonotactics) ޚިލާފު ވުމެވެ.

5. ބިދޭސީ ބަހަކުން ލޯނު ކުރެވޭ ލަފުޒުތަކަށް ގެނެވޭ ހަމައެކަނި ބަދަލަކީ އެ ލަފުޒެއްގައި ހިމެނޭ ބިދޭސީ އަޑުތައް، ލޯނު ކުރާ ބަހުގެ އަޑުތަކަށް ފުރޮޅުމެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ބައެއް ފަހަރު ބިދޭސީ އަސްލުގެ ބައެއް ސެގްމަންޓްތައް މުޅީން ދޫ ކޮށްލެވި، ބައެއް ސެގްމަންޓްތައް އިތުރު ކުރެވިފައި ވެސް ހުރެއެވެ. ހަމަ އެހެންމެ، އާއްމު ގޮތެއްގައި ބަހަކަށް ބިދޭސީ ލަފުޒުތައް ބަލައިގަނެވެނީ، އެ ބިދޭސީ ލަފުޒުގެ ކޮންމެވެސް އެއް މާނައަކާ އެކުގައި ކަމަށް ވިޔަސް، އެ ލަފުޒުގެ ހުރިހައި މާނަތަކެއް، ނުވަތަ ބިދޭސީ ބަހުގައި އެ ލަފުޒަށް ލިބިގެން ވާ މާނައާ މުޅީން ތަފާތު މާނައެއްގައި ވެސް ލަފުޒެއް ލޯނު ކުރެވިދާނެއެވެ. ތިރީގައި ވާ މިސާލުތަކުން، މި ދެންނެވި ނުކުތާތަކުގެ ތެދުކަން ފެނިވަޑައިގަންނަވާނެއެވެ.

މިސާލު 1 – ޢަރަބި ލަފުޒެއް ކަމަށް ވާ [الجبر‎] މި ލަފުޒު އިނގިރޭސި ބަހަށް ވަނީ [algebra] މި ގޮތަށެވެ. ޢަރަބި ލަފުޒުގެ ކުރިޔަށް އޮންނަ، އެ ލަފުޒުގެ ބަޔަކަށް ނުވާ، ޢަރަބި [definite article] ގެ ދައުރު އަދާ ކުރާ [ال] ވެސް އިނގިރޭސި ބަހުގެ ލަފުޒުގެ ސެގްމަންޓެއްގެ ގޮތުގައި ބަލައިގަނެވިގެންނެވެ. އިނގިރޭސި ލަފުޒަކަށް ވުމަށް ފަހު، އެ ލަފުޒުގައި އޮންނަ [al] އަކީ ވަކި މާނައެއް ދޭހަ ވާ، ލަފުޒާ ގުޅުމެއް ނެތް އަދި ގްރެމެޓިކަލް ފަންކްޝަނެއް އަދާ ކުރާ ވަކި ބައެއް ކަމަށާއި، އެއީ ޢަރަބި އަސްލު ލަފުޒުގެ ސެގްމަންޓެއް ނޫން ކަމަށް، ޢަރަބި ބަހުގެ ގަވާއިދުން ހެކި ދައްކައިގެން ބަޔަކު ވާހަކައެއް ނުދައްކައެވެ. "އަސްލު ގޮތަކީ ޖެބްރާއޭ، އަލް އަކީ މުޅީން އެހެން އެއްޗެކޭ، ވީމާ ލަފުޒު އިނގިރޭސި ކުރާން ވާނީ [ޖެބްރާ] މި ގޮތަށޭ" މިހެނެއް ނުބުނެއެވެ. އިނގިރޭސި އިސްތިއުމާލަށް ލަފުޒު އައި ގޮތަކީ އިނގިރޭސި ގޮތް ކަމަށް ބަލައިގަތީއެވެ.

މިސާލު 2 – [عين] އަކީ ޢަރަބި ލަފުޒެކެވެ. ޢަރަބި ބަހުގައި މި ލަފުޒުގެ މާނައަކީ [ލޯ] އެވެ. މި ލަފުޒު ދިވެހި ބަހަށް ބަލައިގަނެވުނީ، ލަފުޒުގެ ފުރަތަމަ ސެގްމަންޓް – ޢަރަބި /ع/ – މުސްކުޅި ދިވެހީގެ /އ/ އަށް ބަދަލު ވެފައި، އަދި ލަފުޒުގެ މާނަ ވެސް މުޅީން ބަދަލު ވެގެންނެވެ. ދިވެހި ވެފައި ވާ [އައިނު] މި ލަފުޒުގެ މާނައަކީ ލޮލެއް ނޫނެވެ. [ލޮލުގައި އެޅުމަށްޓަކައި ދެ ގަނޑު ބިއްލޫރި ހަރުކޮށްފައި އޮންނަ ދުންޏެއް] މިއެވެ.

މިސާލު 3 – ތިންވަނަޔަށް އަޅުގަނޑު އިޝާރާތް ކޮށްލާނީ ދިވެހި ބަހުގެ އައްޑޫ ބަހުރުވަޔަށް އިނގިރޭސި ބަހުން ވަން ލަފުޒަކަށެވެ. ލަފުޒުގެ އަސްލަކީ [sandwich] މިއެވެ. ދިވެހީން އެ ލަފުޒު ދިވެހި ކުރީ [ސާމުޖީ] މިހެންނެވެ. ބައެއް ސެގްމަންޓްތައް ބަދަލު ކޮށްގެން، ބައެއް ސެގްމަންޓްތައް ވައްޓައިލައިގެން، އަސްލު ލަފުޒުގައި ނެތް ދެ ސެގްމަންޓް ވެސް ލަފުޒަށް ލައިގެންނެވެ.

މިސާލު 4 – ހަތަރުވަނަ ލަފުޒަކީ އަޅުގަނޑުމެންގެ ހުރިހައި ބަހުރުވައެއްގައި ވެސް ބޭނުން ކުރާ ލަފުޒެއް ކަމަށް ވާ [މަނަވަރު] މިއެވެ. މިއީ އިނގިރޭސި ލަފުޒެއް ކަމަށް ވާ [man-of-war – މޭން-އޮވް-ޥޯރ] ގެ ދިވެހި ކުރުމެކެވެ. އަސްލު ލަފުޒުގެ ސެގްމަންޓްތަކަށް ގެނެވިފައި ވާ ބަދަލު ބައްލަވާށެވެ!

މިސާލު 5 – ފަސްވަނަ މިސާލަކީ ޢަރަބި ބަހުން ދިވެހި ބަހަށް ލޯނު ކުރެވިފައި ވާ [استثناء] މިއެވެ. ޢަރަބި ލަފުޒު ކިޔާ ގޮތް ދިވެހީން ލިޔެވޭނީ [އިސްތިޘްނާއު] މި ގޮތަށެވެ. ނަމަވެސް މި ލަފުޒު ދިވެހި ވެފައި ވަނީ، ހަތަރު ވަނަ ސެގްމަންޓް ކަމަށް ވާ /ޘ/ ދިވެހި ބަހުގެ މުސްކުޅި އަޑެއް ކަމަށް ވާ /ސ/ އަށް ބަދަލު ވެގެން، ޢަރަބި އަސްލުގެ އެންމެ ފަހުގެ ސެގްމަންޓް ކަމަށް ވާ [ހަމްޒާ] މުޅީން ދޫ ކޮށްލެވިގެން، [އިސްތިސްނާ] މި ގޮތަށެވެ.

މިސާލު 6 – އަޅުގަނޑުމެން ވަރަށް އާއްމުކޮށް ބޭނުން ކުރާ ދިވެހި ލަފުޒެއް ކަމަށް ވާ [ކާރު] ދިވެހި ވެފައި ވަނީ އެ ލަފުޒުގެ އިނގިރޭސި އަސްލުގެ ފުރަތަމަ އަޑު - /k/ - އޮތް ގޮތަށް ދިވެހި ބަހަށް ބަލައިގަނެވިފައި، ދެން އޮންނަ [R-controlled Vowel Sound] ދިވެހި މުސްކުޅި އަޑެއް ކަމަށް ވާ /ރ/ އަށް ބަދަލު ވެ އެ /ރ/ ގައި އުބުފިލި ޖެހިގެންނެވެ.

މިސާލު 7 – ޢަރަބި ބަހުން ދިވެހި ބަހަށް އައިސްފައި އޮތް އެހެން ލަފުޒަކަށް ބަލަންޏާ، ޢަރަބި އަސްލުގައި އޮންނަނީ /ޙަޔާއު – حياء/ މި ގޮތަށެވެ. ދިވެހި ވެފައި ވަނީ /ހަޔާތް/ މި ގޮތަށެވެ.

ތިރީގައި ވާ ތާވަލުގައި އެވަނީ އަސްލު ލަފުޒުގެ އަޑު ސެގްމަންޓްތަކަށް ބަދަލު އައިސްގެން ދިވެހި ވެފައި ވާ ލަފުޒުތަކުގެ އިތުރު މިސާލުތަކެވެ.

1. ލޯނު އުސޫލުން ބަހަކަށް ލަފުޒު ބަލައިގަނެވޭ އިރު، ބިދޭސީ ލަފުޒުގެ އަޑުތަކަށް ނުވަތަ ސެގްމަންޓްތަކަށް ބަދަލު ގެނެވެނީ، ކޮންމެހެން އެ ސެގްމަންޓްތަކުގެ އަޑުތައް ލަފުޒު ލިބިގަންނަ ބަހުގައި ނުހުންނަ ހާލަތުގައި އެކަންޏެއް ނޫނެވެ. މިސާލަކަށް، ޢަރަބި ލަފުޒެއް ކަމަށް ވާ [سكّر] އިނގިރޭސި ބަހަށް ލޯނު ކުރެވިފައި ވަނީ [sugar] މި ގޮތަށެވެ. ތިޔަ ފެނިވަޑައިގަންނަވާ ފަދައިން، ޢަރަބި ލަފުޒުގެ ދެވަނަ ސެގްމަންޓް ކަމަށް ވާ /ك/ އޮންނަނީ އިނގިރޭސި ލަފުޒުގައި /g/ އަކަށް ފުރޮޅިފައެވެ. އިނގިރޭސި ބަހުގައި ޢަރަބި /ك/ މި އަޑާ އެއްފަދަ އަޑެއް ނެތިގެނެއް ނޫނެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އިނގިރޭސި ބަހުގެ /k/ އަކީ ޢަރަބި ބަހުގެ /ك/ އާ އެއް އަޑެކެވެ. އެހެން ކަމާ އެކުގައި މެ، ލަފުޒު އިނގިރޭސި ބަހަށް ލޯނު ކުރެވުނު އިރު އެ ސެގްމަންޓް ބަދަލު ވެގެން ދިޔައީއެވެ. ދިވެހި ބަހުން މިސާލެއް ދަންނަވަންޏާ، އުރްދޫ ލަފުޒެއް ކަމަށް ވާ [عام] ދިވެހި ބަހަށް އައި އިރު، /ޢ/ މި އަޑު ތިކިތާނަ އަޑެއްގެ ގޮތުގައި ދިވެހި ވެފައި އޮތުމާ އެކުގައިމެ، މި ލަފުޒު ދިވެހި ވީ /ޢ/ މުސްކުޅި ދިވެހީގެ /އ/ މި އަޑަށް ބަދަލު ވެގެން، [އާއްމު] މި ގޮތަށެވެ. ޢަރަބި ލަފުޒެއް ކަމަށް ވާ [حاضر] ގެ ތިން ސެގްމަންޓަކީ ވެސް ދިވެހި ބަހުގައި ހުރި އަޑުތައް ކަމަށް ވިޔަސް، މި ލަފުޒު ދިވެހި ވެފައި ވަނީ ފުރަތަމަ ދެ ސެގްމަންޓް މުސްކުޅި ދިވެހި އަޑުތަކަށް ފުރޮޅިގެން، [ހާޒިރު] މި ގޮތަށެވެ.

2. ޢަރަބި ފަދަ ބަސްބަހުން ދިވެހި ބަހަށް ލަފުޒު ލޯނު ކުރެވޭ އިރު، ބަލައިގަނެވޭ ލަފުޒުގެ އެއް ސެގްމަންޓް ދިވެހި މުސްކުޅި އަޑުތަކުގެ ތެރެއިން އަޑަކަށް ބަދަލު ވެފައި، އެހެން ސެގްމަންޓްތައް ހަމަ ހުރި ގޮތަށް ހުންނަތަން ވެސް އާދެއެވެ. މިސާލަކަށް، ޢަރަބި ލަފުޒެއް ކަމަށް ވާ [خصيلة] ދިވެހި ވެފައި ވަނީ، އަޅުގަނޑަށް ފެންނަ ގޮތުގައި [ޚަސީލަތް] މި ގޮތަށެވެ. އާދެ، ލަފުޒުގެ ފުރަތަމަ ސެގްމަންޓާއި، ތިންވަނަ ސެގްމަންޓް އޮތް ގޮތަށް، އަދި ދެވަނަ ސެގްމަންޓް ކަމަށް ވާ /ص/ ދިވެހި ބަހުގެ މުސްކުޅި އަޑެއް ކަމަށް ވާ /ސ/ އަށް ބަދަލު ވެގެންނެވެ. އަނެއް މިސާލަކީ، ޢަރަބި ލަފުޒެއް ކަމަށް ވާ [خاصّ] އެވެ. މި ލަފުޒު ދިވެހި ވެފައި ވަނީ، ފުރަތަމަ ސެގްމަންޓް ކަމަށް ވާ /خا/ އޮތް ގޮތަށް އޮވެފައި، ފަހު ސެގްމަންޓް ކަމަށް ވާ /ص/ ދިވެހި /ސ/ އަށް ބަދަލު ވެގެންނެވެ. ތިންވަނަ މިސާލަކީ ޢަރަބި ލަފުޒެއް ކަމަށް ވާ [أخلاق] އެވެ. މި ލަފުޒު ދިވެހި ވެފައި ވަނީ ފުރަތަމަ ތިން ސެގްމަންޓް ޢަރަބި އަސްލާ އެއްގޮތަށް، އެކަމަކު އެންމެ ފަހު ސެގްމަންޓް - /ق/ - ދިވެހި /ގ/ އަށް ފުރޮޅިގެންނެވެ. މި ދެންނެވި މިސާލުތަކާ ގުޅިގެން، ފާހަގަ ކޮށްލާން ޖެހޭ އެންމެ މުހިއްމު އެއް ކަމަކީ، މި ތިން ލަފުޒުގައިމެ، ދޫ ކޮށްލެވުނު އަޑަކީ، މިހާރު ދިވެހި ވެފައި ވާ ދިވެހި އަޑެއް ކަމެވެ. ފުރަތަމަ އަދި ދެވަނަ ލަފުޒުގައި، /ޞ/ މި އަޑެވެ. ތިންވަނަ މިސާލުގައި، /ޤ/ މި އަޑެވެ.

މި ނުކުތާގެ މައްޗަށް އަޅުގަނޑުމެން ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ އެހެން ސަބަބެއް ވެސް އެބައޮތެވެ. އެއީ، ޢަރަބި އަސްލުން ދިވެހި ވެފައި ހުރި ލަފުޒުތައް ލިޔާނޭ ގޮތުގެ ވާހަކަ ދެކެވޭ އިރު، "ލަފުޒުގެ އަސްލުގައި ތިކިތާނަ އަޑެއް އޮންނަ އެއް ތަނެއްގައި ތިކިތާނަ ބޭނުން ކުރިއްޔާ، އަނެއް ތަނެއްގައި ވެސް ތިކިތާނަ ބޭނުން ކުރާން ވާނެޔޭ" މި ޒުވާބު އިވޭލެއް އާއްމު ކަމެވެ. އާދެ، [އަޚްލާގު] ފަދަ ލަފުޒުތަކުގައި، /ޚ/ ބޭނުން ކޮށްފިއްޔާ، /ޤ/ ގައި ވެސް ތިކި ޖަހާން ޖެހޭނެޔޭ، މި ވިސްނުމެވެ. ތިކިތާނަ ބޭނުން ކުރަނިވިއްޔާ، ލިޔާން ވާނީ [އަޚްލާޤް] މި ގޮތަށޭ ބުނެވޭ ބުނުމެވެ.

އަޅުގަނޑަށް ފެންނަ ގޮތުގައި މިއީ ގޯސް ވިސްނުމެކެވެ. މި ވިސްނުން ގެންގުޅެވެނީ، ލަފުޒު ދިވެހި ވުމަށް ފަހުގައި ވެސް، ލަފުޒު ދިވެހި ވެފައި އޮތް ގޮތަށް ބެލުމެއް ނެތި، އެ ލަފުޒު ލިޔާން ވީ ގޮތުގެ ހަމަ ކަނޑައެޅުމަށް ޓަކައި ލަފުޒުގެ ބިދޭސީ އަސްލާ ދިމާޔަށް ބެލޭ ގޮތް ވާތީއެވެ. ނަމަވެސް، މިއީ އަޅުގަނޑުމެން ވިސްނާން ވީ ގޮތް ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވެއެވެ. ބަހަވިއްޔާތުގެ އިލްމުގެ އުސޫލުތަކުގެ އަލީގައި އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި، ބިދޭސީ ލަފުޒެއް ލޯނު އުސޫލުން ލިބިގަނެ ބަލައިގަންނަ ބަހުގެ ދޮރޯށީން އެތެރެ ވުމަށް ފަހު، އެ ލަފުޒު ތަލައްފުޒު ކުރުމާއި (articulation)، ފުރޮޅުމާއި (derivation)، މާނަ ކުރުމާއި (semantics)، އިމްލާ ކުރުމުގެ (orthography and spelling) ކަންކަމުގައި އެ ލަފުޒު "ހަދިޔާ ކުރި" ބަހުގެ އެއްވެސް ދައުރެއް ނުއޮންނާނެއެވެ. އެ ހިސާބުން އެ ލަފުޒުގެ މައްޗަށް ހިނގާނީ ލަފުޒު ބަލައިގަތް ބަހުގެ ބަހަވީ ހަމަތަކާއި ގަވާއިދުތަކެވެ. އެހެން ނޫނިއްޔާ، އެ ލަފުޒު ވާނީ މޮހޮނަށް ލިބުނު އޮޑިޔަކަށެވެ. ގޭގައި އުޅުނަސް، ބޭރު ކުއްޖަކަށެވެ. އިސް ވެ ދެންނެވުނު 6 ނުކުތާއިން ސާފު ވެގެން ދިޔަ ފަދައިން، ބަހަކަށް ބިދޭސީ ލަފުޒެއް ވަންނަނީ ނުވަތަ ލޯނު ކުރެވެނީ އެކި ގޮތްގޮތަށެވެ. ބައެއް ހާލަތުތަކުގައި، އެ ލަފުޒެއްގެ އަސްލު އަޑު ސެގްމަންޓްތަކާ އެކުގައެވެ. ބައެއް ފަހަރު، ބިދޭސީ ލަފުޒުގެ ބައެއް އަޑު ސެގްމަންޓްތައް، ނުވަތަ ހުރިހައި އަޑު ސެގްމަންޓްތަކެއް ބަދަލު ވެގެންނެވެ. ބައެއް ފަހަރު ބިދޭސީ އަސްލުގެ ބައެއް އަޑު ސެގްމަންޓްތައް ވައްޓައިލެވި، ބައެއް ފަހަރު އެ ލަފުޒަށް މުޅީން އައު އަޑު ސެގްމަންޓްތައް އިތުރު ކުރެވިގެންނެވެ. މިއިން ކޮންމެ ހާލަތެއްގައި މެ، ބަހަކަށް ވަންނަ ބިދޭސީ ލަފުޒެއް އެ ބަހެއްގެ ރަދީފުގައި ލިޔެވޭން ވާނީ، އެ ބަހެއްގެ އަހުލުވެރީން އެ ލަފުޒު ބަލައިގަތް ގޮތަކަށެވެ. ޔައުނީ، އެމީހުން އެ ލަފުޒުގެ އަޑުތައް އަދާ ކުރާ، އެ ލަފުޒު ކިޔާ، އަދި އެ ލަފުޒު މާނަ ކުރާ ގޮތަކަށެވެ. ޢަރަބި ލަފުޒެއް ވިޔަސް، ނުވަތަ އެހެން ބަހެއްގެ ލަފުޒެއް ވިޔަސް، ދިވެހި ބަހަށް ވަނުމަށް ފަހު، ދިވެހީން އެ ލަފުޒު ކިޔައި އަދި މާނަ ކުރާ ގޮތް ދޫ ކޮށްލައިފައި، ލަފުޒުގެ އަސްލު ބިދޭސީ ގޮތަކީ އަޅުގަނޑުމެން ލިޔާން ޖެހޭ ގޮތް ކަމަށް، އަދި އަޅުގަނޑުމެންގެ ރަދީފުގައި އެ ލަފުޒެއް އެންޓްރީ ކުރާން ޖެހޭ ގޮތް ކަމަށް ބުނެވޭނޭ ގޮތަކީ ފަހެ ކޮބައިތޯއެވެ؟ އޮޅުމެއް ނެތް ގޮތުގައި، މިފަދަ ލަފުޒުތައް ދިވެހި ވެފައި ވާ ގޮތަށް ފުރަގަސް ދީ، އެ ލަފުޒުތައް ރަދީފުގައްޔާއި ލިޔުންތަކުގައި ބިދޭސީ ސޫރައިގައި، ޓްރާންޒްލިޓަރޭޓް ކޮށްގެން ލިޔުމަކީ، ތިކިތާނަ އަކުރުތަކާ ދެކޮޅަށް ވަކާލާތު ކުރައްވާ ބެއިބެއިފުޅުން ވިދާޅުވާ އެއް ވާހަކައެއްގައި އޮންނަ ފަދައިން، އެ ލަފުޒު ދިވެހި ވެއްޖެ ކަމަށް ފާޑަކަށް އިންކާރު ކުރުމެއް ކަމަށް މެނުވީ ނުފެނެއެވެ.

ޚުލާސާ ގޮތެއްގައި ދަންނަވަނީވިއްޔާ، ބިދޭސީ ލަފުޒެއް ދިވެހި [phonetics] އާއި ދިވެހި [phonotactics] ގެ އުސޫލުތަކުގެ ތެރެއިން ދިވެހި ވެއްޖެ ހާލަތެއްގައި، އެ ލަފުޒެއް ދިވެހި ރަދީފަށް ލުމާއި ދިވެހި ލިޔުންތަކުގައި ބޭނުން ކުރުމުގައި އަޅުގަނޑުމެން އާއްމު ގަވާއިދެއްގެ ގޮތުގައި ތަބާ ވާން ވާ ގޮތަކީ، ދިވެހި ބަހުން ރީތިކޮށް ވާހަކަ ދައްކާ މައް ދިވެހީން އެމީހުންގެ ވާހަކަ ދެއްކުމުގައި އެ ލަފުޒެއް ދިވެހި ކޮށްގެން ކިޔާ ގޮތަކަށް ލިޔުމުގެ އުސޫލެވެ. އެ ލަފުޒުގެ ބިދޭސީ އަސްލަށް ތަބައަ ވެގެން، ބިދޭސީ ލަފުޒުގެ އަޑު ސެގްމަންޓްތައް ފެންނާނޭ ގޮތަށް [transliterate] ކުރުމުގެ އުސޫލެއް ނޫނެވެ.

4.4 ވިސްނާން ޖެހޭ ކަމެއް

އިސް ވެ ދެންނެވި ވާހަކަތަކުގެ ތެރޭގައި، ޢަރަތްބާއި އުރްދޫ ފަދަ ބަސްބަހުން ދިވެއްސަށް އައިސްފައިވާ ލަފުޒުތަކުގެ ތެރެއިން އެ ލަފުޒުތަކެއްގެ ކިޔުމާއި ލިޔުން މުސްކުޅި ޒަމާނުއްސުރެ ތިކި ޖަހާން ނުޖެހޭ ވަކި ގޮތްތަކަކަށް މުޅީން ހަމަޖެހި އިސްތިގުރާރު ވެފައި ހުރި ލަފުޒުތަކެއްގެ ވާހަކަ އާއި، ކޮންމެހެން ވެސް އެ ލަފުޒުތަކެއްގެ އަސްލު ނުގެއްލޭ ގޮތަށް ތިކިތާނަ ބޭނުން ކޮށްގެން ލިޔާން ވީ ލަފުޒުތަކެއްގެ ވާހަކަ އަޅުގަނޑު ދަންނަވައިފީމެވެ. އަދި މި ދެ ގިންތިއަށް ނުވަންނަ ލަފުޒުތައް ހިމެނޭ ތިންވަނަ ގިންތިއެއްގެ ވާހަކަ ވެސް ދަންނަވައިފީމެވެ. ސުވާލަކީ، ލަފުޒެއް ފެތެނީ މި ގިންތިތަކުގެ ތެރެއިން ކޮން ގިންތިއަކަށްތޯ ކަނޑައަޅާނީ ކާކު ހެއްޔޭ، އަދި އެ ލަފުޒުތައް ބަހުގެ އަހުލުވެރީންނަށް ބުނެދޭނީ ކާކު ހެއްޔޭ، މިއެވެ.

މި ސުވާލަށް ތަފްސީލީ ޖަވާބެއް ދިނުމަކީ މި މަޒުމޫނުގެ މަގުސަދެއް ނޫނެވެ. ނަމަވެސް، އެ ޖަވާބާ ދިމާޔަށް އަވަސް އިޝާރާތެއް ކޮށްލުން މުހިއްމު ކަމަށް އަޅުގަނޑު ދެކެމެވެ. ޝައްކެއް ނެތް ގޮތުގައި، ދިވެހި ބަހަށް ވަންނަ ލަފުޒުތަކުގެ ލިޔަކުރާއި މާނަ އާއި ސަރުފީ ސިފަތަކާ މެދު ގޮތް ކަނޑައަޅާނީ، ދިވެހި ބަހުގެ އަހުލުވެރީންގެ އިސްތިއުމާލާއި އިލްމީ ހަމަތަކަށް ރިއާޔަތް ކުރުމާ އެކު، ދިވެހި ބަހުގެ އިލްމިއްޔާގެ އިސް ބެއިފުޅުންގެ މައްޗަށް އެކުލެވޭ ކިޔާންތަކެވެ. ދިވެހި ބަހުގެ އެކަޑަމީ އާއި، ދިވެހި ބަހުގެ އެކަޑަމީގެ ބަސްކޮމިޓީ އާއި، ދިވެހި ބަހުގެ އެކަޑަމީގެ ގަވާއިދު ކޮމިޓީންނެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރުސިޓީގެ ދިވެހި ބަހާ ބެހޭ ކުއްލިއްޔާތަކުންނެވެ. އެ ތަންތަނުގައި ތިއްބަވާ، ގައުމެއްގެ ބަހުގެ ކަންކަމުގައި ބަސް ވިދާޅުވެވޭ ފެންވަރުގެ ބޮޑެތި އިލްމުވެރީންނެވެ. އެ ބެއިބެއިފުޅުން، ދިވެހި ބަހުގެ ރަދީފާއި، ދިވެހި ބަހުގެ ގަވާއިދު ފޮތްތަކާއި، ދަރިވަރުންނަށް ދިވެހި ބަސް ކިޔަވައި ދޭ ފޮތްތަކުގައި، ބަހުގެ ހަމަތަކާއި ގަވާއިދުތައް ހަރުދަނާ ގޮތެއްގައި ލިޔުއްވީމާ، އާއްމުންނަށް އޮންނާނީ އެ ކަންތައްތައް ސާފު ވެ އެނގިފައެވެ. އެ ފޮތްފޮތުން، ތިކި އޮންނާނީ ކޮން ލަފުޒެއްގައި ކިހިނެއްކަން އެނގޭނެއެވެ. އަދި މިހާރު ދިވެހީންނަށް މުޅީން އޮޅިބޮޅިފައި ހުރި ބަހުގެ އެހެނިހެން ހަމަތައް ވެސް އޮޅުން ފިލައިގެން ދާނެއެވެ. މަދަރުސާތަކުގައި އެ ފޮތްފޮތް ބޭނުން ކޮށްގެން ހެޔޮ ގޮތުގައި ދިވެހި ބަސް ކިޔަވައިދެވެންޏާ، އެ މަދަރުސާތަކުން ކިޔަވައިގެން ނުކުންނަ ކުދީން ލިޔުންތެރީން ނުވަތަ ނޫސްވެރީންގެ ގޮތުގައި ގަލަމުގައި ހިފައިފައި ރީތިކޮށް ލިޔާނެއެވެ. މިހާރު އަޅުގަނޑުމެންނަށް މި ފެންނަ މައްސަލަތަކުގެ އަސްލަކީ އަދި ސަބަބަކީ އެތައް ޖީލަކަށް ބަސް ކިޔަވައިނުދެވުމުގެ ނުބައި ނަތީޖާއެވެ.

މި ވާހަކަ މިހެން ދަންނަވާ އިރު، ދިވެހި ބަހުގެ އެކަޑަމީއެއް ހުރެގެން ނުވާނެޔޭ، ކޮން ދިވެހި ބަސް ކޮމިޓީއެއް ހެއްޔޭ، ބަހަކީ މީހުންގެ އެއްޗެކޭ، މި ބާވަތުގެ ދެއުޅިއެއް ނުވާ އަދި ވަކަރުގޭ ބުއްދީގެ ވާހަކަތައް ދައްކާ މީހުން ވެސް އުޅޭކަން އަޅުގަނޑު ހަނދާން ނައްތައެއްނުލަމެވެ. މިއީ ކޮންމެ ގައުމެއްގައި، ކޮންމެ ބައެއްގެ ތެރޭގައި ވެސް އުޅޭ އެއްޗެކެވެ. އާދެ، ކޮންމެ އެއްޗެއްގެ ވެސް އަމިއްލަ ޒާތުން ނުވަތަ އަމިއްލަ ޖިސްމުން، އެ އެއްޗެއް ހަލާކު ކޮށް ފަނާ ކުރާނޭ ވިހަތަކާއި ޚަތުރާތައް އުފަން ވުމަކީ، ދުނިޔޭގެ ތަބީއަތެވެ. އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންނަށް ޓަކައި ކަނޑައެޅުއްވި އިމްތިހާނުގެ ބައެކެވެ. ދިރޭ އަދި ކާމިޔާބު ގައުމުތަކަކީ، އެ ވިހަތަކާއި ޚަތުރާތަކާ މެދު އަމަލު ކުރާން ވީ ގޮތް ދަނެގަންނަ ގައުމުތަކެވެ. އެ ގޮތަކީ، އެމީހުންނަށް އޯގާވެރި ގޮތުގައި ނަސޭހަތްތެރި ވެ، އެމީހުންގެ ކަންފަތްތަކާ ހަމަޔަށް ހެޔޮބަސް ގެންގޮސްދިނުމަށް ފަހު ވެސް އެމީހުން ގޯހުގައި ދެމިތިބިއްޔާ، އެމީހުން ދައްކާނޭ ވާހަކަތަކެއް ދައްކާން އެމީހުން ދޫ ކޮށްލުމެވެ. އެ ވާހަކަތަކާ މެދު އަޅައިނުލުމެވެ. އިވޭ ކަމަށް ވެސް ނުހެދުމެވެ. އެމީހުންގެ ވާހަކަތަކާ މެދު ރުޅި ވެސް ނައުމެވެ. ދެރަ ވެސް ނުވުމެވެ. އެމީހުންނަށް ފުރަގަސް ދީފައި، ގައުމުގައި ތިބޭ އިލްމާއި ބުއްދި އާއި ރިވެތި އަޚްލާގާއި އިހުސާންތެރިކަމުގެ އަހުލުވެރީންގެ ފަހަތުގައި، ގައުމު ސާބިތު ވެ އޮތުމެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް