ރަންދީރު ކަޕޫރު އައިސީޔޫގައި

ރަންދީރު ކަޕޫރު---

ބޮލީވުޑްގެ އެކްޓަރު ރަންދީރު ކަޕޫރަށް ކޮވިޑް19 ޖެހި އައިސީޔޫގައި ފަރުވާދޭން ފަށައިފި އެވެ.

ރަންދީރު ކަޕޫރަށް ކޮވިޑްޖެހިގެން މިދިޔަ ހަފްތާގައި ވަނީ ހޮސްޕިޓަލުގަައި އެޑްމިޓްކޮށްފަ އެވެ. އޭނާ އައިސީޔޫއަށް ބަދަލުކުރީ ހަދަން ޖެހޭ އިތުރު ޓެސްޓުތަކެއް ހެދުމަށްކަމަށް ޚަބަރުތައް ބުނެ އެވެ. އައިސީޔޫ އަށް ރަންދީރު ބަދަލުކުރިއިރު އޭނާގެ ހާލު ސްޓޭބަލް ކަމަށާއި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ދުވަސްކޮޅަކަށް އޭނާއަށް ފަރުވާދޭނެ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

ރަންދީރު އަކީ ކުރީގެ މަޝްހޫރު އެކްޓަރު ރާޖް ކަޕޫރުގެ ދޮށީ ފިރިހެން ދަރިފުޅެވެ. ރަންދީރުގެ ހަގަށް ތިބޭ ދެ ފިރިހެނުން ކަމަށްވާ އެކްޓާރު ރިޝީ ކަޕޫރު އާ ރާޖީވް ކަޕޫރު ވަނީ ދާދިފަހުން މަރުވެފަ އެވެ.

މީގެ ކުރިން ރަންދީރު ދިން އިންޓަވިއުއެއްގައި ބުނީ ބޮލީވުޑްގެ ކާމިޔާބު ބަތަލާއިން ތެރޭ ހިމެނޭ ކަރީނާ ކަޕޫރު އަދި ކަރިޝްމާ ކަޕޫރުގެ ބައްޕަ ރަންދީރު އަށް ކޮވިޑް ޖެހުނު ގޮތެއްވެސް ނޭނގޭ ކަމަށާއި އޭނާ އާއެކު ފަސް ސްޓާފުން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އެ އެންމެންނަށް ވެސް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

comment ކޮމެންޓް