ދެ ރައީސުންގެ ނަމްބަރު ސާފުކޮށްދިން ވޯޓެއް!

ރައީސް ސޯލިހާއި ރައީސް ނަޝީދު ހަފްލާއެއްގައި -- ފޮޓޯ/ ރައީސް އޮފީސް

އެމްޑީޕީގެ އެންމެ އިސްވެރިޔާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ ދެމެދު ސިޔާސީ ނުތަނަވަސްކަމާއި ކޯޅުން އުފެދިފައިވާ ކަމަށް އެ ދެބޭފުޅުން އެއްބަސް ނުވި ނަމަވެސް އެއީ މިހާރު ސިޔާސީ ހަގީގަތެކެވެ. ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ތެރޭގައި ދެ ފެކްޝަނެއް އުފެދި އަރައިރުން އޮތްކަން ދަލީލު ކުރާ އެތައް ކަމެއް މިފަހުން ހިނގަން ފަށައިފި އެވެ.

ޒަމާންވީ ދެ އެކުވެރިންގެ ދެމެދުގައި ލާފައިވާ ރެނދުގައި ނޭނގި އޮތް ކަމަކީ މިވަގުތު މަޖިލިސް ތެރޭގައި މެޖޯރިޓީ އޮތީ ކޮން ބޭފުޅަކަށް ކަމެވެ. ނަމަވެސް އިއްޔެ މަޖިލީހުގައި ނެގި، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ވޯޓުގެ ނަތީޖާއިން ބޮޑު މަންޒަރު ނިއުޅި ސިޔާސީ އެތައް ހަގީގަތެއްގެ ވާހަކަ ކިޔައި ދީފި އެވެ.

މީގެ އަހަރެއްހާ ދުވަސް ކުރިން މަޖިލީހަށް ހުށަހެޅި އެ ބިލު ދިރާސާ ކުރި، ރައީސް ނަޝީދުގެ ފުރިހަމަ ބާރު އޮންނަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީގެ އިއްތިފާގުން ފާސްކޮށްފައި އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދީ، އެ ހާލަތު ދެމެހެއްޓުމުގެ ބާރު މަޖިލީހުގެ އަތް މައްޗަށް ދޫކޮށްލާ ގޮތަށެވެ. އެގޮތުން ގާނޫނުއަސާސީގައި ބުނާ ކުއްލި ނުރައްލުގެ ހާލަތާއި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތަށް އެއް ދަރަޖައެއް ދިނުމަށް ކޮމީޓީން އޮތީ ފާސްކޮށްފަ އެވެ.

ގާނޫނުއަސާސީގެ ކުއްލި ނުރައްކަލުގެ ހާލަތާ އެއްގޮތްކޮށްފިނަމަ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާތާ 48 ގަޑިއިރު ތެރޭ މަޖިލީހަށް ހުށަހަޅަން ޖެހެ އެވެ. އެއާއެކު އެ ހާލަތު އުވާލުމާއި ދެމެހެއްޓުމުގެ ބާރު އޮންނާނީ މަޖިލީހަށެވެ. މިއީ ރައީސް ނަޝީދަށް ތާއީދު ކުރައްވާ މެންބަރުން އަބަދުވެސް ތާއީދު ކުރެއްވި ގޮތެވެ.

ރައީސް ސޯލިހް ސިއްހަތާ ބެހޭ ވަޒީރު ނަސީމްއަށް މަގާމުގެ ފަތްކޮޅު ދެއްވަނީ: މިހާރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު އޮންނަނީ ސިއްހަތާ ބެހޭ ވަޒީރަށް --- ފޮޓޯ/ ރައީސް އޮފީސް

އާއްމު ސިއްހަތުގެ ގާނޫނު މިހާރު އޮންނަ ގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަނީ ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތުގެ ލަފާގެ މަތިން ސިއްހަތާ ބެހޭ ވަޒީރެެވެ. އަދި އެކަމުގައި މަޖިލީހުގެ އެއްވެސް ދައުރެއް ނޯވެ އެވެ. އެހެން ކަމުން މިހާރު ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށްވެސް އަދި އިއުލާންކޮށްފައިވާ އެ ހާލަތުގެ މުއްދަތު އިތުރުކުރުމަށް މަޖިލީހުގެ ބަހެއް ހޯދާކަށް ނުޖެހެ އެވެ. އެއީ މަޖިލީހާ ބެހޭ ކަމެއް ނޫނެވެ.

ދެ ރައީސުންގެ ވިސްނުން ދެކަފިވި މައްސަލައެއް!

ރައީސް ސޯލިހާއި ރައީސް ނަޝިދު: ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ބާރުތައް މަޖިލީހަށް ނެގުމާ މެދު ދެ ރައީސުންގެ ހިޔާލު ތަފާތު -- ފޮޓޯ/ އެމްޑީޕީ

ޖުޑީޝަރީ ކޮމިޓީން ބިލު ދިރާސާ ކުރުމުގެ މަރުހަލާގައި ދައުލަތުގެ ބަންޑާރަނައިބު އޮފީހުގެ ބޭފުޅުން ކޮމިޓީގައި ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ދިނުމަކީ އޮތުމަކީ ގާނޫނުއަސާސީއާ ހިލާފުކަމެއް ނޫން ކަމަށެވެ. ނަމަވެސް އެ ހާލަތު ދެމެހެއްޓުމާއި އުވާލުމުގެ ބާރު މަޖިލީހަށް ދިނުމަށް އެ އޮފީހުން އިއުތިރާޒު ކުރެ އެވެ. މިކަމުން ދޭހަކޮށްދެނީ މިއީ ސީދާ ރައީސް ސޯލިހާއި މުޅި ސަރުކާރުގެ ވިސްނުން އެއްގޮތް ކަމެވެ. ބަންޑާރަ ނައިބުގެ އޮފީހުން ހިފެހެއްޓީ ރައީސް ސޯލިހުގެ ވިސްނުންކަން އެއީ ދެބަސް ވެވެން ނެތް ހަގީގަތެވެ.

މިކަމަށް ބާރު ލިބޭ އަނެއް ކަމަކީ ކޮވިޑުގެ ނުރައްކާ ފެށުނީއްސުރެ ތަކުރާރުކޮށް ރައީސް ވިދާޅުވަމުން ގެންދެވީ، ސިއްހީ ކަންކަމުގައި އެންމެ އިސްބަސްވެސް އަދި ފަހުބަސްވެސް ބުނާނީ ސިއްހީ މާހިރުން ކަމަށްވުމެވެ. އެކަމުގައި ސިޔާސީ ފަރާްތްތަކަށް އޮތް ދައުރަކީ އެބޭފުޅުން ލަފާތަކަށް ބޯލަބައި އެކަންކަން ރަނުން ރަނަށް ތަންފީޒު ކުރުން ކަމަށް ރައީސް ގަބޫލު ކުރައްވަ އެވެ.

މާޗު 25، 2020: ކޮވިޑާ ގުޅިގެން ރައީސް ބެއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ރައީސް ވިދާޅުވެފައިވަނީ، ސިއްހީ ކަންކަމުގައި އެންމެ އިސްބަސްވެސް އަދި ފަހުބަސްވެސް ބުނާނީ ސިއްހީ މާހިރުން ކަމަށް --- ފޮޓޯ/ ރައީސް އޮފީސް

ރާއްޖޭގައި އިއުލާން ކޮށްފައި އޮތް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅޭ ބަހުސް މަޖިލިސް ތެރޭގައި ހޫނުވެ ހިނގަން ފެށުމުން އެ ބަހުސްގައި ރައީސް ސޯލިހަށް ވަފާތެރި މެމްބަރުން ނެންގެވީ މަޖިލީހަށް އެ ބާރު ދިނުމާ ދެކޮޅު ހިޔާލެވެ. އެހެން ކަމުން އެކަމުގައި ރައީސް ސޯލީހްގެ ސްޓޭންޑް ވަރަށް ސާފެ އެވެ. ކުރު ގޮތަކަށް ބުނާ ނަމަ ސަރުކާރުން ބޭނުންވީ، މަޖިލީހަށް އެ ބާރު ނުދިނުމަށެވެ. މިހާރުވެސް އޮތް ގޮތަށް އެކަން އެގޮތުގައި ބާއްވާށެވެ.

މަޖިލީހުގައި އިއްޔެ ރައީސް ނަޝީދު އަމަލުތައް ބެހެއްޓެވި ގޮތުން މިކަމުގައި އެމަނިކުފާނުގެ ވިސްނުން ވަރަށް ސާފެވެ؛ އެމަނިކުފާނު ބޭނުންފުޅުވީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ދެމެހެއްޓުމުގެ ބާރު މަޖިލީހަށް ނެގުމަށެވެ.

ކޮމިޓީގައި ބަންޑާރަނައިބު އޮފީހުން އެކަމާ ގުޅިގެން ދިން ލަފައަށްވެސް އިއްޔެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ނުސީދާކޮށް ފާޑުވިދާޅުވެފަ އެވެ. ރައީސް ނަޝީދު ވިދާޅުވީ، މަޖިލީހަށް ބަންޑާރަނައިބުގެ ލަފާ ބޭނުން ނުވާ ކަމަށެވެ.

"ތަކުރާރުކޮށް އަޅުގަނޑު ދަންނަވާފައިވާނެ، ބަންޑާރަ ނައިބު މިތަނަށް ގެންނަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނޭ. ގާނޫނީ ލަފާ މި ތަނަށް މީހަކު ދެންޏާވެސް ދޭން އެ ހުރީ [މަޖިލީހުގެ] ކައުންސެލް ޖެނެރަލް. ކަމާ ނުބެހޭ ބޭފުޅުން މިތަނަށް ގެނެންނެވީމާ ކަމާ ނުބެހޭ ވާހަކަ ވެސް އެ ބޭފުޅުން ދައްކަވާނެ،" ބަހުސް ތެރެއިން މެމްބަރަކު ބަންޑާނައިބު އޮފީހުގެ ލަފައާ ގުޅޭ ގޮތުން ވާހަކަ ދެއްކެވުމުން ރައީސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު: އެމަނިކުފާނު ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާ ގުޅިގެން ބަންޑާރަނައިބު އޮފީހުން ދިން ލަފައަށް ނުސީދާކޮށް ފާޑުވިދާޅުވެފައި --- ފޮޓޯ/ މަޖިލިސް

އޭގެ އިތުރުންވެސް ރައީސް ނަޝީދު ވަނީ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފައިވާ ގޮތަށް ތާއީދުކުރާކަން ދޭހަވާ ގޮތަށް ވާހަކަ ދައްކަވާފަ އެވެ. އެހެން ކަމުން މި މައްސަލައިގައި ދެ ރައީސުންގެ ހިޔާލު ދެކަފިވެފައިވާކަން ވަރަށް ރަނގަޅަށް އެނގެ އެވެ.

އެމްޑީޕީގެ ބޮޑު އަގުލަބިއްޔަތެއް މަޖިލީހުގައި އޮތް ނަމަވެސް، އެބާރު މަޖިލީހަށް ދޭން ސަރުކާރުން ބޭނުން ނުވީ، ސަރުކާރުން މަޖިލީހަށް އިތުބާރު ނުކުރާތީ ކަމަށް ވެސް ބުނުމުގެ ޖާގަ އެބަ އޮތެވެ. އެއީ ވެސް އިއްޔެގެ ވޯޓުގެ ނަތީޖާއިން ނެގި ދާނެ މާނައެކެވެ.

އެމްޑީޕީ ޕީޖީ ތެރޭ އަރައިރުން، ގޮތެއް ނުނިމުނު!

ޖުޑީޝަރީ ކޮމިޓީން ނިންމި ގޮތަށް ބިލު ފާސްކުރުމާ ގުޅޭ ގޮތުން އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގައިވެސް ޖަލްސާގެ ކުރިން މަޝްވަރާ ކުރި އެވެ. އެހެން ނަމަވެސް އެމްޑީޕީ މެމްބަރުންގެ މެދުގައި ހިޔާލުތަފާތުވެ، އެކަމުގައި ގޮތެއް ނުނިމުނެވެ. އެއާއެކު، ނިމުނީ އެ ވޯޓު ފްރީ ވިޕަކަށް ބަދަލުވެެގެންނެވެ. އަދި އެމްޑީޕީ ކޮންމެ މެމްބަރަކަށްވެސް އެ މެމްބަރަކު ބޭނުން ގޮތަކަށް ވޯޓު އެ މައްސަލައިގައި ވޯޓު ދިނުމަށް ދޫކޮށްލި އެވެ.

ޖުޑީޝަރީ ކޮމިޓީ ރިޕޯޓުގެ ބަހުސްގެ ވަގުތުގައި ރައީސް ނަޝީދަށް ތާއިދު ކުރާ މެމްބަރުން ވަރަށް ފޯރިއާއެކު އެ ބިލަށް ވާހަކަ ދެއްކެވި އެވެ. އެ މެމްބަރުންގެ ވިސްނުމުގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ސިއްހީ ވަޒީރު އިއުލާން ކުރުމަކީ ގާނޫނުއަސާސީއާ ތައާރުޒުވާ ކަމެކެވެ. އެެގޮތުން އެ ހާލަތު ވާން ޖެހޭނީ ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނާ ކުއްލި ނުރައްކަލުގެ ހާލަތާ އެއްގޮތަށް އިއުލާން ކުރަންޖެހޭ ހާލަތެއްގެ ގޮތުގައި އެ މެމްބަރުން ވަކާލާތު ކުރެއްވި އެވެ.

އާންމު ރައްޔިތުންގެ މިނިވަންކަމާ ގުޅޭ އެފަދަ ކަމެއްގައި ގޮތެއް ނިންމަވަން ޖެހޭނީ ރައީސުލްޖުމްހޫރިއްޔާ ކަމަށާއި އެކަމުގައި ރައްޔިތުން އިންތިހާބުކޮށްފައިވާ ރައްޔިތުންގެ މަންދޫބުންގެ ބަސް އޮންނަން ޖެހޭނެ ކަމަށް އެ މެމްބަރުން އަޑުހަރުކޮށް ވިދާޅުވި އެވެ.

ގާނޫނުއަސާސީގެ 253 ވަނަ މާއްދާގައި ބުނާ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރާ ކުއްލި ނުރައްކަލުގެ ހާލަތު އަންނަނީ ފަސް ހާލަތެއްގަ އެވެ. އޭގެ ތެރެއިން އެއް ހާލަތަކީ، ނުރައްކާތެރި ބަލިމަޑުކަމެއްގެ ކުރިމަތިވާ ހާލަތެވެ. ރައީސް ނަޝީދަށް ތާއީދު ކުރެއްވި މެންބަރުންގެ ވާހަކަ މުޅިން ވެސް ބިނާ ކުރީ ކޮވިޑްގެ މި ހާލަތަކީ އެފަދަ ހާލަތެއް ކަމަށް މާނަކުރައްވަމުންނެވެ. ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް އެގޮތަށް ލިޔެފައި ވަނިކޮށް، އޭގެ ކުރިއަށް "ސިއްހީ" އެ ބަސް ބޭނުންކޮށްގެން އެތަށް ހައްގުތަކެއް ނިގުޅައިގަންނަ ގޮތަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަޒީރަކު އިއުލާން ކުރުމަކީ އެ މެމްބަރުންގެ ކަންބޮޑުވުމެކެވެ. އަދި އެއީ ގާނޫނު އަސާސީގެ ރޫހާ މުޅީން ހިލާފު އުސޫލެއް ކަމަށް އެ މެންބަރުން ދެކެވަޑައިގެންނެވި އެވެ.

"[ގާނޫނުއަސާސީގެ ކުއްލި ނުރައްކަލުގެ] ހާލަތުގެ ތެރެއިން އެއް ހާލަތެއް އެއީ، ގުދުރަތީ ކާރިސާއެއް މެދުވެރިވުން. ގުދުރަތީ ކާރިސިއާއެއް މެދުވެރިވީމާ ޑިޒސްޓާގެ ކުއްލި ނުރައްކަލުގެ ހާލަތު ކަމަށް ގާނޫނެއް ހަދާފައި ޑިފެންސް މިނިސްޓަރަށް އިއުލާންކުރުމުގެ ފުރުސަތެއް ނުދެވޭނެ،" ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފު އެ ބިލުގެ ބަހުސްގެ ތެރެއިން ވިދާޅުވި އެވެ.

އިއްޔެގެ ޖަލްސާގައި ހަސަން ލަތިފު ވާހަކަ ދައްކަަވަނީ: އޭނާ ވިދާޅުވީ، ވަޒީރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުުުރުމުގެ ބާރު އޮތުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް --- ފޮޓޯ/ މަޖިލިސް

ރައީސް ނަޝީދުގެ ވަކީލުކަންވެސް ކުރެއްވި ހަސަން ލަތީފު ވިދާޅުވީ، ރައީސުލްޖުހޫރިއްޔާއަށް ގާނޫނުއަސާސީން ލިބިދީފައިވާ ބާރެއް، މަޖިލީހުން ހަދާ ގާނޫނަކުން ވަޒީރަށް ދެވިގެން ނުވާނެ ކަމަށެވެ. ބިލު ދިރާސާ ކުރި ކޮމިޓީގެ މުގައްރިރު އަދި މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީވެސް ވިދާޅުވީ، އެއީ ގާނޫނު އަސާސީ ދަންނަ ހަމައެއް ނޫން ކަމަށެވެ.

"ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވައްތަރު އެކެއް، އެ އިއުލާންކުރާނީ ވަޒީރޭ. ސިއްހީ ކުއްލި ހާލަތުގެ ވައްތަރު ދޭއް، އިއުލާންކުރާނީ ރައީސުލްޖުމްހޫރިއްޔާއޭ. ސިއްހީ ކުއްލި ހާލަތުގެ ތިނެއް، އިއުލާންކުރާނީ ރަސްގެފާނޭ. ސިއްހީ ކުއްލި ހާލަތުގެ ހަތަރެއް، އިއުލާންކުރައްވާނީ ވެމްކޯއޭ. މިހެން ގާނޫނުއަސީސީ ނުދަނޭ،" އިންތި ވިދާޅުވި އެވެ.

އެ ބަހުސް އިތުރަށް ހޫނުވީ، ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމްގެ ބަހުގެ ހަމަލާތައް ނުސީދާކޮށް، ރައީސް ސޯލިހްގެ ފެކްޝަންގެ މެންބަރުންނަށް ރައްދު ކުރުމާއެކު އެވެ. އެމްޑީޕީ ޕީޖީގައި ނަގާ ވޯޓުތަކަށް ސަރުކާރުން އެކި ގޮތްގޮތުން ނުފޫޒު ފޯރުވަމުން ދާ ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ.

"އެޖެންޑާ19 ތަފާތުވާނޭ، ނަޒާހަތްތެރިވާނޭ، ޖަވާބުދާރީކުރަވަނިވި ދައުލަތެއް އަޅުގަނޑުމެން ގާއިމްކުރާނަމޭ ކިޔައިގެން އައިސް މިތާ ތިބޭއިރު މިއަދު އަޅު ގަނޑުމެންގެ ޒަމީރުގެ އަގަކީ ކުންފުންޏެއްގެ ބިޑެއްތޯ؟ އިއްޒަތްތެރި ރައީސް؛ މިއަދު އަޅުަގނޑުމެންގެ ޒަމީރުގެ އަގަކީ އާއިލާ މީހަކަށް އެމްބަސީއަކަން ދޭ ވަޒީފއެއްތޯ؟ އަޅުގަނޑުމެންގެ ޒަމީރުގެ އަގަކީ މިއަދު ކޮބައިތޯ؟،" މީކާއިލްގެ ހިތުގައި ހުރި ސުވާލުތައް ފަތިފައްޗަށް އަމުނާލި އެވެ.

އިއްޔެގެ މަޖިލިސް ބަހުސްގައި މީކައިލް ވާހަކަ ދައްކަވަނީ: ޕީޖީގެ ވޯޓަށް ނުފޫޒު ފޯރުވާކަމަށް އޭނާ ތުހުމަތު ކުރޭ --- ފޮޓޯ/ މަޖިލިސް

"އަންނަ އެންމެ ފޯނުކޯލަކުން، ބުނެލާ އެންމެ ބަހަކުން ޕީޖީގެ ބައްދަލުވުންތަކުގެ ވޯޓުގެ އަދަދުތައް ބަދަލުވެގެންދާއިރު އިއްޒަތްތެރި ރައީސް އަޅުގަނޑުމެން ބަލާކަށް ނުތިބޭނަން،" މީކާއިލް ވިދާޅުވި އެވެ.

"ގައުމީ މަޖިލީހާއި ޕީޖީއަށް ތަފާތު ހިސާބުތަކުން ނޫފޫޒު ފޯރުވަމުން ގެންދޭ،"

މީކާއީލްގެ ހިތުގެ އެންމެ ފުންމިނުން ތިލަވި ޖަޒުބާތުގެ ވާހަކަތަކުން ޔަގީންވީ އެމްޑީޕީގެ މަޖިލިސް މެންބަރުން ވެސް ދެ ފަޅިއަކަށް ބެހި ހަގީގަތުގައި ވެސް ދެ ފެކްޝަނެއް އުފެދިފައިވާ ކަމެވެ. އަދި ރައީސް ސޯލިހާއި ނަޝީދުގެ ފެކްޝަންގެ ދެމެދުގެ ހަނގުރާމަ ދުވަހެއް ދުވަހަކަށް ބޮޑުވަމުންދާ ކަމެވެ.

އެ ހޫނުގަނޑަށްފަހު ވޯޓަށް އެހުމާ ހަމައިން ފުނަދޫ ދާއިރާގެ މެމްމެބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވީ، ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފައިވާ ދެ މާއްދާއެއް އުނިކުރިމަށެވެ. އެ ދެ މާއްދާއަކީ، ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ ޒިންމާތައް ރައިސުލްޖުމްހޫރިއްޔާ އަށާއި މަޖިލީހަށް ދިނުމާ ގުޅޭ ދެ މައްދާ އެވެ. އެ ހުށަހަޅުންތަކަށް ތާއީދު ކުރެއްވީ، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމެވެ.

ފުނަދޫ ދާއިރާގެ މެމްބަރު ޝާހިދާއި މީދޫ ދާއިރާ މެމްބަރު ރޮަޒައިނާ ---

ބަހުސްގައިވެސް ރައީސް ސޯލިހްގެ ވިސްނުމާ އެއްގޮތަށް ވާހަކަ ދެއްކެވި ހަމައެކަނި ދެ މެމްބަރުންނަކީ އެއީ އެވެ. އެހެން މެމްބަރުން ތިއްބެވީ މަޖިލިސް ރައީސްގެ ކުރިފުޅު މަތީ، ބަސް ނުބުނެ އެވެ. އެ މެމްބަރުން އެކަން ދެއްކެވީ ވޯޓުންނެވެ.

އެ ދެ މެމްބަރުންވެސް ގަބޫލު ކުރެއްވި ގޮތުގައި، ވަޒީރު އިއުލާން ކުރައްވައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތާއި ގާނޫނުއަސާސީން ބާރު ލިބިގެން ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރައްވާ ކުއްލި ނުރައްކަލުގެ ހާލަތު ތަފާތު ދެ ހާލަތެކެވެ. އަދި އެއީ، ގާނޫނުއަސާސީއާ ހިލާފު ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުން ވެސް ހަމަ ވިދާޅުވެފައިވަނީ މިއީ އެ ހާލަތެއް ނޫން ކަމަށް. ގާނޫނުއަސީސީގެ 253ވަނަ މާއްދާގައި ހިފެހެއްޓިފައިވާ ހުރިހާ ހައްގުތަކެއް މި ގާނޫނުގެ ދަށަކަން ހިފެހެއްޓިގެން ނުދޭ. މިއީ އެގްޒެކްޓިވް ޕަވާއެއްގެ ދަށަން ހަގީގަތުގައި މިނިސްޓަރަށް ދެވިފައިވާ ބާރެއް. ރައީސުލްޖމްހޫރިއްޔާ ބޭނުން އިރެއްގައި މި ބާރު ނަގައިގަތުމުގެ ބާރުވެސް އެބަ އޮވޭ،" ރައީސް ނަޝީދުގެ ވިސްނުމާ ދެކޮޅަށް ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވި އެވެ.

ބޮޑު މަންޒަރު: މަޖިލީހުގައި ރައީސް ސޯލިހްގެ މެޖޯރިޓީ

މެމްބަރު ޝާހިދު ހުށަހެއްޅުއްވި އިސްލާހަށް ނެގުނު ވޯޓުގެ ނަތީޖާ --

ފުނަދޫ ދާއިރާގެ މެމްބަރުންގެ ހުށަހެޅުންތަކަށް ވޯޓަށް ނޭހުމަށްވެސް ކޮންމެވެސް ވަރަކަށް ރައީސް ނަޝީދު މަސައްކަތް ކުރެއްވި އެވެ. އެއީ، އެ މެމްބަރުންގެ ހުށަހެޅުމަކީ، ކޮމީޓިން ފާސްކޮށްފައިވާ ހުށަހެޅުމާ މުޅިން ހިލާފަށް ހުށަހެޅި އިސްލާހެއް ކަމުން، މަޖިލިސް ގަވައިދު ބުނާ ގޮތުން އެ ހުށަހެޅުން ބަލައި ނުގަނެވޭނެ ކަމަށް އެމްޑީޕީގެ ބައެއް މެމްބަރުން ބުނަމުންދިޔަ އެވެ. އޭގެ އިތުުރުން އެއީ ގާނޫނުއަސާސީއާ ހިލާފު ހުށަހެޅުންތަކެއް ކަމަށްވެސް ބައެއް މެމްބަރުން އަޑުއުފުލަމުން ދިޔަ އެވެ.

އެހެން ނަމަވެސް ރައީސް ނަޝީދު އެންމެ ފަހުން ނިންމެވީ، އެ ހުށަހަޅުންތަކަށް ވޯޓަށް އެހުމަށެވެ. ދެ ހުށަހެޅުން ފާސް ކުރުމަށް 37 މެމްބަރުން ވޯޓު ދެއްވި އެވެ. ރައީސް ނަޝިދުގެ ވިސްނުމާ އެއްގޮތަށް، އެ ހުށަހެޅުންތަކާ ދެކޮޅަށް 31 މެމްބަރަކު ވޯޓު ދެއްވި އެވެ. މި ވޯޓުން މި ފެނުނީ މަޖިލީހުގައި އޮތް ދެ ރައީސުންގެ ނަމްބަރު ކަމަށް ބުނެވިދާނެ އެވެ. އިއްޔެގެ ވޯޓުން އެ މާނަ ނަގާ ނަމަ އެމްޑީޕީ ތެރޭ އޮތް ރައީސް ސޯލިހުގެ ފެކްޝަނާއި ނަޝީދުގެ ފެކްޝަންގެ މެދުގައި ހިޔާލު ތަފާތުވި މި މައްސަލައިން މި ކުރި ހޯއްދެވީ ރައީސް ސޯލިހެވެ. ވޯޓުގެ ނަތީޖާއިން ސިޔާސީ ހިސާބެއް ޖަހާ ނަމަ އެމަނިކުފާނުގެ ބާރު މަޖިލީހުގައި ގަދައީ ކަމަށް ބުނެވިދާނެ އެވެ. އެކަމަކު ރައީސް ސޯލިހަށް ވެސް މާ ބޮޑު އަގުލަބިއްޔަތެއް އޮތް މަންޒަރެއް ވެސް ނުފެނުނެވެ. ރައީސްއަށް އިއްޔެ މޮޅުވެވުނީ ހަ ވޯޓުގެ ހަނި އަގުލަބިއްޔަތަކުންނެވެ.

އެ ނަމްބަރާ އެކުވެސް ރައީސް ނަޝީދުގެ ލައިނުން ވާހަކަ ދައްކަވާ މެންބަރުން އެ ބޭފުޅުންގެ ފަޅި ބަލިވީ ކަމަކަށް ގަބޫލެއް ނުކުރައްވަ އެވެ. އަދި ރައީސް ނަޝީދަށް ތާއީދު ކުޑައީ ކަމަކަށް ވެސް ގަބޫލެއް ނުކުރައްވަ އެވެ. ރައީސް ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ މެމްބަރަކު "ސަން"އަށް ވިދާޅުވި އެ ވޯޓުން ދެ ރައީސުންގެ ހަގީގީ ނަންބަރު އަދި ސާފެއް ނުވެ އެވެ. އެ މެންބަރުން ގަބޫލު ކުރައްވާ ގޮތުގައި އެއީ އަދި ސިޔާސީ ހިސާބެއް ޖަހައި މަންޒަރެއް ކުރަހަން ހަނި ނަމްބަރެކެވެ. ސަބަބެއް ކަމަށް އޭނާ ވިދާޅުވީ ނަޝީދު ވަކާލާތު ކުރެއްވި ގޮތާ ދެކޮޅަށް އިއްޔެ ކަންކަން ފާސްވީ އަމިއްލަ މެމްބަރުންގެ ވޯޓާއެކު ކަމުގައި ވާތީ އެވެ.

ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރަކު ވިދާޅުވީ، އެ ވޯޓު ރައީސް ސޯލިހުގެ ވިސްނުމާ އެއްގޮތަށް ފާސްވީއިރު އެ ފެނުނީ އަދި އެ ފެކްޝަންގެ އަސްލު ނަމްބަރު ނޫން ކަމަށެވެ. އެ ފަޅީގެ ނަންބަރުތައް އެއަށްވުރެ ގިނަ ވާނެ ކަމަށް އެ މެންބަރު ވިދާޅުވި އެވެ.

"ބައެއް މެމްބަރުން ކޮވިޑް ޖެހިގެން ނާދެވޭ. އެހެން މެމްބަރުން ވޯޓުގެ ގަޑި އޮޅިގެން، ނަމާދަށް ދިޔަ ވަގުތާ ދިމާވީ، އަދި އެއީ ހަގީގީ ނަންބަރެއް ނޫން،" ނަން ނުޖެހުމަށް ޝަރުތުކޮށް ރައީސް ސޯލިހްގެ ވިސްނުމާ އެއްގޮތަށް ވޯޓު ދިން މެމްބަރަކު ވިދާޅުވި އެވެ.

"އެއަށް ވުރެ ރައީސް ސޯލިހުގެ ތާއީދު މަޖިލިސް މެންބަރުންގެ މެދުގައި މާ ބޮޑު،"

އިއްޔެ މަޖިލިސް ޖަލްސާގައި އެހެން މަންޒަރެއް ވެސް ފެނުނެވެ. އިދިކޮޅު މެންބަރުން ނެންގެވީ ރައީސް ނަޝީދުގެ ފަޅި އެވެ. ރައީސް ނަޝީދުގެ ވިސްނުމާ އެއްގޮތަށް އިދިކޮޅު ޕީޕީއެމް/ ޕިއެންސީގެ މެމްބަރުންވެސް ވޯޓު ދެއްވި އެެވެ. ބަހުސްގައިވެސް އެ މެމްބަރުން ވަކާލާތު ކުރެއްވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނެގެހެއްޓުމުގެ ބާރު މަޖިލީހަށް ނަގާށެވެ. އެހެން ވީމާ އިދިކޮޅު މެންބަރުން ރައީސް ނަޝީދަށް ކިޔަމަން ކުރެވޭނެ ކަމަށް ބުނުމުގެ ކޮންމެވެސް ފުރުސަތެއް އޮތް މަންޒަރު އެބަ ފެނެ އެވެ.

ފުނަދޫ ދާއިރާގެ މެމްބަރުގެ އިސްލާހުތަކާއެކު މުޅި ބިލު މަޖިލީހުން ފާސްވީ 39 މެމްބަރުންގެ ވޯޓާއެކު އެވެ. ބިލާ ދެކޮޅަށް ވޯޓު ދެއްވީ 29 މެމްބަރުންނެވެ. ވަކި ކޮޅަކަށް އެއް މެމްބަރަކު ވޯޓު ނުދެއްވަ އެވެ.

އިއްޔެ މަޖިލީހުގައި ނެގި ވޯޓުން ސިޔާސީ ތިން ހަގީގަތެއް ބުނެދެ އެވެ. ފުރަތަމަ ހަގީގަތަކީ އެމްޑީޕީގެ މަޖިލިސް މެންބަރުން ރަނގަޅަށް ދެ ފަޅިއަކަށް ބެހި ބައިވެއްޖެ ކަމެވެ. އެއްކޮޅުގައި އޮތީ ރައީސް ނަޝީދުގެ ފެކްޝަނެވެ. އަނެއް ކޮޅުގައި ރައީސް ސޯލިހުގެ ފެކްޝަނެވެ. އެ ރެނދު އެމްޑީޕީގެ ހުރިހާ ފަށަލަތަކެއްގައި ވެސް މިހާރުލައިފިކަން ޔަގީނެވެ. ދެވަނަ ހަގީގަތަކީ ދެ ރައީސުންގެ ޕަވަބޭސް މަޖިލީހުގައި ބެހިފައިވާ ގޮތުގެ ހިސާބެއް މި ވޯޓާ އެކު ޖެހިގެން ދިޔުމެވެ. ތިން ވަނަ ސިޔާސީ ހަގީގަތަކީ މަޖިލީހުގައި އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތަސް ރައީސް ސޯލިހު މަޖިލީހަށް އިތުބާރު ކުރާ ކަމާ މެދު ސުވާލު އުފައްދަން ޖާގަ ލިބުމެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ފުރޮޅާލުމުގެ މަގަށް ރައީސް ނަޝީދު މަސައްކަތް ކުރައްވާއިރު މި ވޯޓު އެމަނިކުފާނަށް ވަރަށް މުހިންމު ނަމްބަރަކަށް ވާނެ އެވެ. އެއީ އެކަމަށް މަޖިލީހުގެ ތެރެއިން ވެސް އެމަނިކުފާނު ތާއީދު ހޯއްދަވަން ޖެހޭނެތީ އެވެ. މަޖިލީހުގެ ތެރޭގައި ސިޔާސީ ކުޅިބައި މި ވަގުތަށް އެތުރިފައި އޮތް ގޮތް އެންމެ ވޯޓަކުން ބުނެދީ ސާފުކޮށްދީފި އެވެ. އެންމެ ވޯޓަކުން މި ކުރަހައި ދިނީ މިވަގުތުގެ ސިޔާސީ ހަގީގަތެވެ.

comment ކޮމެންޓް