ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ފަސް ބޯޓެއް ހިފަހައްޓައިފި

މީގެކުރިން އެމްއެންޑިއެފް ކޯސްޓްގާޑުން އަތުލައިގަތް މަސް ބޯޓެއް -- ފޮޓޯ/ އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ބޭރުގެ ފަސް މަސް ބޯޓެއް މިއަދު ހިފަހައްޓައިފި އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބޯޓުތައް ފެނުނީ އެމްއެންޑީއެފް ކޯސްޓްގާޑު ޝިޕް ހުރަވީގެ ޕެޓްރޯލް ދަތުރެއްގެ ތެރެއިން ކަމަށެވެ.

އެ ބޯޓުތައް ފެނުނީ ވ. އަތޮޅާ ދިމާ އިރުން އެކްސްކްލޫސިވް އިކޮނޮމިކް ޒޯންގެ 30 ނޯޓިކަލް މޭލު އެތެރެއިން ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެ ބޯޓުތައް ހިފަހައްޓައި މިހާރު ވަނީ ހުރަވީގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު، މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ އެއިން ކޮންމެ ބޯޓެއްގައި ހަ މީހުން ތިބި ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ނަމަވެސް ހިފަހައްޓާފައިވަނީ ކޮން ގައުމެއްގެ ބޯޓުތަކެއް ކަން އަދި ސާފެއް ނުވެ އެވެ.

ހުރަވީގެ ބެލުމުގެ ދަށުން އެ ބޯޓުތައް މާލެ ގެނައުމަށް މިހާރު ދަތުރު ފަށާފައިވާ ކަމަށާއި، މާލެ އާދެވޭނެ ކަމަށް ބެލެވެނީ މާދަމާ މެންދުރު ފަހުގެ ވަގުތެއްގައި ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން މި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް