ކުޑަކުދިންނަށް ޖިންސީ ގޯނާ ކޮށްފައިވާ މީހަކަށް ވަކިކަހަލަ ވަޒީފާއެއް ނުލިބޭގޮތް ހަދަނީ

އިސްލާހު ހުށަހެޅުއްވި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިނިވަން މުއައްސަސާ ކޮމިޓީގެ ބައްދަލުވުމެއްގައި — ފޮޓޯ މަޖިލިސް

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ކުޑަކުދިންނަށް މުއާމަލާތް ކުރަން ޖެހޭ ވަޒީފާއެއް ނުލިބޭނެ ގޮތަށް ސިވިލް ސާވިސް ގާނޫނު ކޮމިޓީއިން އިސްލާހުކޮށްފި އެވެ.

ސިވިލް ސާވިސް ގާނޫނަށް އިސްލާހު ހުށަހެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އެވެ. ފުރަތަމަ އެ އިސްލާހު މަޖިލީހަށް ހުށަހެޅުއްވި އިރު ސިވިލް ސާވިސްގެ ވަޒީފާއަށް އައްޔަން ކުރުމުގެ ޝަރުތު ތަކަށް އެއްވެސް ބަދަލެއް ގެންނަން ހިމަނާފަ އެއް ނުވެ އެވެ.

ސިވިލް ސާވިސް ގާނޫނަށް ގެންނަ އިސްލާހު ތަކުގެ ބިލު ކޮމިޓީއިން ފާސްކޮށްފައިވާއިރު އެ ގާނޫނުގެ 41 ވަނަ މާއްދާއަށް އަކުރެއް އިތުރު ކުރުމަށް ވަނީ ނިންމާފަ އެވެ. އެ މާއްދާގައި ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ކުޑަކުދިންނާ މުއާމަލާތް ކުރަންޖެހޭ ވަޒީފާއެއް ދީގެން ނުވާނެ ކަމަށެވެ.

އެ ގާނޫނުގެ 41 ވަނަ މާއްދާގެ (ހ) ގެ ހަތަރުވަނަ ނަމްބަރުގައި ބުނެފައިވަނީ އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަން ޓެކުން، މަކަރާއި ހީލަތް ހެދުން އަދި ހިޔާނާތް ފަދަ ބޮޑުކުށެއް ކުރިކަން ވޭތުވެދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ސިވިލް ސާވިސްގެ ވަޒީފާ ނުލިބޭނެ ކަމަށެވެ.

ކޮމިޓީއިން އެ ގާނޫނުގެ 41 ވަނަ މާއްދާއަށް (ރ)ގެ ގޮތުގައި އަކުރެއް އިތުރު ކުރިއިރު ބުނެފައިވަނީ 41 ވަނަ މާއްދާގެ (ހ) ގެ ހަތަރުވަނަ ނަމްބަރުގައި އެހެން ބުނި ނަމަވެސް ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ކުށެއް ސާބިތުވެއްޖެ ނަމަ ކުޑަކުދިންނާ މުއާމަލާތް ކުރަން ޖެހޭ ވަޒީފާއެއް ދީގެން ނުވާނެ ކަމަށެވެ.

އެ އިސްލާހު ގެނައި ސަބަބެއް ކަމަށް ކޮމިޓީއިން ބުނެފައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ކުޑަކުދިންނާ ސީދާ ގޮތުން މުއާމަލާތް ކުރަން ޖެހޭ ވަޒީފާއެއް ދިނުމަކީ ރައްކާތެރި ގޮތަކަށް ނުވާނެތީ ކަމަށެވެ.

އެ އިސްލާހާއެކު ސިވިލް ސާވިސް ގާނޫނަށް ގެންނަ އިސްލާހުތަކަށް މާދަމާގެ މަޖިލީހުގެ ޖަލްސާގައި ވޯޓަށް އަހަން ވަނީ ތާވަލުކޮށްފަ އެވެ.

comment ކޮމެންޓް