މޫނު ބުރުގާ މަނާ ކުރަން ލަންކާގެ ކެބިނެޓުން ރުހުން ދީފި

ލަންކާގެ ކެބިނެޓުން ވަނީ މޫނު ބުރުގާ މަނާ ކުރަން ރުހުން ދީފައި -- ފޮޓޯ: އޭޕީ

ދިއްލީ (އޭޕްރިލް 28): ސްރީލަންކާގައި މޫނު ބުރުގާ އެޅުން މަނާ ކުރަން އެގައުމުގެ ކެބިނެޓުން ރުުހުން ދީފި އެވެ.

ލަންކާގެ އާއްމު ތަންތަނުގައި މޫނު ފޮރުވުމަކީ މަނާ ކަމަކަށް ހެދުމަށް މިދިޔަ މަހު ކެބިނެޓަށް ޕްރޮޕޯޒަލްއެއް ހުށަހެޅުއްވި ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ސަރަތު ވީރަސެކަރަ ވިދާޅުވި ގޮތުގައި ކެބިނެޓުން އެ ޕްރޮޕޯޒަލްއަށް ރުހުން ދިނީ އިއްޔެ ބޭއްވި ބައްދަލުވުމެއްގަ އެވެ.

އެ ނިންމުން ދެން ގާނޫނަކަށް ހެދުމަށް އެޓާނީ ޖެނެރަލްއަށާއި ޕާލިމެންޓަށް ފޮނުވާނެ އެވެ. އަދި އެގައުމުގެ ޕާލިމެންޓުގެ އަގުލަބިއްޔަތު އޮތީ ސަރުކާރަށް ކަމުން، އެ ބިލް ފާސް ކުރުން އެކަށީގެންވެ އެވެ.

ލަންކާ ކެބިނެޓުގެ އެ ނިންމުމަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ފާޑު ކިޔާފަ އެވެ. އަދި އެފަދަ ގާނޫނެއް ތަންފީޒުކޮށްފި ނަމަ މާސްކާއި ހެލްމެޓު އެޅުންވެސް މަނާ ވާނެތޯ ސުވާލު އުފައްދާފަ އެވެ.

ވީރަސެކަރަ ވަނީ މޫނު ބުރުގާ އަކީ "ދީނީ ގޮތުން ހައްދު ފަހަނަ އަޅާފައި ވުމުގެ" ރަމްޒެއް ކަމަށް ސިފަ ކުރައްވާފަ އެވެ. އަދި މޫނު ބުރުގާ މަނާ ކުރަމަކީ ގައުމީ ސަލާމަތާ ގުޅުން ހުރި ކަމެއް ކަމަށްވެސް ވިދާޅުވެފަ އެވެ.

މިދިޔަ މަހު ލަންކާގެ ސަރުކާރުން ވަނީ މޫނު ބުރުގާ އެޅުން މަނާ ކުރުމަކީ ސީރިއަސް ނިންމުމެއް ކަމަށާއި އެކަމަށް މީހުންގެ ލަފަޔާއި އެއްބަސްވުން ބޭނުން ވާނެ ކަމަށް ބުނެފަ އެވެ. ނަމަވެސް ސަރުކާރުން ހޯދާނެ ލަފަޔަކާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ދީފައި ނުވެ އެވެ.

ލަންކާގައި 21 އޭޕްރިލް 2019އިގައި ފައްޅިތަކާއި ހޮޓާތަކަށް އަމާޒުކޮށް ދިން ހަމަލާތަކަށް ފަހު ވެސް އެގައުމުން ދުވަސްކޮޅަކަށް މޫނު ބުރުގާ އެޅުން މަނާ ކުރި އެވެ.

ލަންކާގެ ސަލާމަތީ ބާރުތަކުން ބުނި ގޮތުގައި 250 އަށް ވުރެ ގިނަ މީހުން މަރުވި އެ ހަމަލާތައް ދިނީ އިސްލާމިކް ސްޓޭޓް (އައިއެސް)އާ ގުޅުން ހުރި އެގައުމުގެ ދެ ޓެރަރިސްޓު ޖަމާއަތެއް ކަމަށްވާ ނެޝަނަލް ތައުހީތު ޖަމާއަތާއި ޖަމާއަތީ މިއްލަތު އިބްރާހިމް ގުޅިގެން ބޭރުގެ އެހީއާ އެކުގައެވެ.

ލަންކާގެ 22 މިލިއަން މީހުންގެ އާބާދީގެ ތެރެއިން ނުވަ ޕަސެންޓަކީ މުސްލިމުންނެވެ. އަދި 70 ޕަސެންޓަށް ވުރެ ބޮޑު ބަޔަކީ ބުޑިސްޓުންނެވެ.

comment ކޮމެންޓް