އެޑްވަޓޯރިއަލް: ހައި ސްޕީޑް ފެރީ ނިޒާމުގެ 50 ޕަސެންޓު މުވައްޒަފުންނަކީ އަންހެން ދަރިންނަށް ހަދަމާ!

އެމްޓީސީސީގެ ފެރީ ހިދުމަތް -- ފޮޓޯ: އެމްޓީސީސީ

ކުދި ޖަޒީރާ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުޅޭ ރައްޔިތުން ފަސޭހަކަމާއެކު ގުޅުވާލަދޭ ވަސީލަތަކީ އެމްޓީސީސީގެ ދަތުރުފަތުރުގެ ވިއުގައޭ ބުނުން އެއީ ދޮގަކަށް ނުވާނެއެވެ. ދަތުރުފަތުރުގެ ހިދުމަތަކީ އެމްޓީސީސީގެ 40 އަހަރުގެ ދިގު ދަތުރުގެ ވަރަށް ކުރީކޮޅު ފެށިގެން ދިޔަ ހިދުމަތެކެވެ. ސަރުކާރުގެ މެރިން ޑިވިޒަން 1981 ވަނަ އަހަރު ހަވާލުކުރެވުމާއެކު ފެށުނު ލޯންޗު ދަތުރުގެ ހިދުމަތް ވިޔަފާރީގެ އުސޫލުން ކުންފުނީގެ ފުރަތަމަ އަހަރުގައި ވެސް ފޯރުކޮށްދެމުން ގެންދެވުނެވެ. މިހާރު އެމްޓީސީސީން ފޯރުކޮށްދެމުން ގެންދާ އާންމު ކަނޑު ދަތުރުފަތުރުގެ ހިދުމަތް ފެށުނީ 2001 ވަނަ އަހަރު މާލެ އާއި ވިލިނގިއްޔާ ދެމެދު ފެރީގެ ހިދުމަތް ތައާރަފު ކުރެވުނު ހިސާބުންނެވެ.

އަހަރުތައް ފާއިތުވަމުން ދިޔަވަރަކަށް އެމްޓީސީސީން ގެންދިޔައީ ރައްޔިތުންނަށް ދެމުން ގެންދާ ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރަމުންނެވެ. އެގޮތުން މިހާރު އެމްޓީސީސީއަކީ ތަނަވަސް ގިމަތަތައް މެދުވެރިކޮށް ޝެޑިއުލް ފެރީގެ ހިދުމަތްތައް ގްރޭޓަރ މާލެ ސަރަހައްދުގައި ފުޅާކޮށް ދެމުންގެންދާ ކުންފުންޏެކެވެ. އަދި ހަ ޒޯނަކަށް ބަހާލައިގެން، ރާއްޖޭގެ 18 އަތޮޅަކަށް އިތުބާރު ހުރި ފެރީގެ ހިދުމަތްތައް ކުންފުނިން ދަނީ ފޯރުކޮށްދެމުންނެވެ. ހަމައެހެންމެ ފަހުގެ އަހަރުތަކުގައި ތައާރަފު ކުރެވުނު ޕްރިމިއަމް އަދި އެކްސްޕްރެސް ހިދުމަތުގެ ސަބަބުން އާންމު ފެރީތަކަށް ވުރެ އަވަސް އަދި ތަނަވަސް ހިދުމަތްތަކެއް ހިޔާރުކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެން ދިޔަ އެވެ. ރާއްޖޭގެ އަތޮޅުތަކާއި ރަށްތަކުގެ ބޮޑުބައެއް ގުޅުވާލަދޭ އެމްޓީސީސީގެ ފެރީ ހިދުމަތަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ރައްޔިތުން، އެކި ބޭނުންތަކަށް ދަތުރުކުރުމަށާއި ކުރިއާލާ ރާވައިގެން އެއްތަނުން އަނެއްތަނަށް މުދާ ފޮނުވުމަށް ފުރުސަތު ހޯދައިދިން ހިދުމަތެކެވެ.

އެމްޓީސީސީގެ ފެރީ ހިދުމަތް -- ފޮޓޯ: އެމްޓީސީސީ

މަހުގެ މި ހިދުމަތް ބާއްޖަވެރި ފަތިހަކަށް އަލިވިލުނީ މިއަހަރުގެ ޖެނުއަރީ މަހުގެ 17 ވަނަ ދުވަހު ސަރުކާރުން "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހި އެމްޓީސީސީއާއި ހަވާލުކުރުމުންނެވެ. މަޝްރޫ މަޝްރޫ އަކީ ދިވެހިރާއްޖެ ހައި-ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ މަޝްރޫ އެކެވެ. ފެރީ ފެރީ ނިޒާމުން ލުއިފަސޭހަ އަވަސް ހ ިދުމަތެއް ދަތުރުކުރާ ފަރާތްތަކަށް ފޯރުކޮށްދެވޭނެ އެވެ. ދިވެހިރާއްޖޭގެ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި އެއްގޮތްވާ ގޮތުގެމަތިން، ރާއްޖޭގެ އެކި ރަށްރަށުގައި ދިރިއުޅޭ ރައްޔިތުން ގުޅުވާލާ، އެ ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް ފަސޭހަކަމާ އެކު ފޯރުކޮށްދެވޭނެ މަގު ފަހިވެގެންދާނެ އެވެ. މި މަޝްރޫއުއިން ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީގެ ދުވެލި ބާރުވެ، ސަރަހައްދީ ގޮތުން ރަށްތަކަށް ތަރައްގީ ލިބިގެން ދާނެ އެވެ. ހަ ޒޯނަކަށް ބަހާލައިގެން ސްޕީޑް ފެރީގެ ހިދުމަތް ފެށުމުގެ މަސައްކަތް އެކުންފުނިން ކުރަމުން އަންނައިރު މިއަހަރުގެ ނޮވެމްބަރުމަހު ފުރަތަމަ ޒޯންގެ ދަށުން އުތުރުގެ 3 އަތޮޅެއްގައި ސްޕީޑް ފެރީގެ ހިދުމަތް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ ޒޯނުގައި ހިމެނެނީ ހއ. އަތޮޅާއި ހދ. އަތޮޅާއި ށ. އަތޮޅެވެ. އަދި މި ހިދުމަތަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތް އެމްޓީސީސީން ދަނީ މިހާރު ކުރަމުންނެވެ. މިގޮތުން 70 ވަޒީފާގެ ފުރުސަތު މިހާރުވެސް ވަނީ ހުޅުވާލާފަ އެވެ. ފެރީގައި މަސައްކަތް ކުރާނޭ ކެޕްޓަނުންނާއި ފަޅުވެރިންގެ އިތުރުން އިދާރީ އެކިއެކި މަގާމުތަކުގައި މަސައްކަތް ކުރާނޭ އިންސާނީ ވަސީލަތް ތަރައްގީކުރުމުގެ މަސައްކަތް ކުންފުނިން އޮތީ މެކުހަށް ޖަހާފަ އެވެ.

ނަވާރަސަތޭކަ އަށްޑިހަ ވަނަ އަހަރު އުފެދުނު މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީއަކީ، ކުންފުނީގެ ތަރައްގީގެ ދަތުރުގައި ދިވެހި މުވައްޒަފުންގެ ހިއްސާ ބޮޑު ކުންފުންޏެކެވެ. ތަފާސް ހިސާބުތަކަށް ބަލާލާއިރު ކުންފުނީގައި މިހާރު ވަޒީފާ އަދާކުރާ 2000 މުވައްޒަފުންގެ ތެރެއިން 46.6 ޕަސެންޓު މުވައްޒަފުންނަކީ ދިވެހީންނެވެ. އެކުންފުނީގެ އަމާޒަކީ ކުންފުނީގެ މަސައްކަތްތަކުގައި ދިވެހި މުވައްޒަފުންގެ ބައިވެރިވުން އެއް އަހަރުން އަނެއް އަހަރަށް އިތުރުކުރުމެވެ. ވަކިން ހާއްސަކޮށް ކުންފުނީގެ ތަރައްގީގެ ދަތުރުގައި އަންހެން މުވައްޒަފުންގެ ބައިވެރިވުން އިތުރުކުރުމަކީ ކުންފުނިން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެކެވެ. ދިވެހި އަންހެން ކަނބަލުން ތަފާތު އެކި ދާއިރާތަކުގައި ފިރިހެނުންނާއި އެއްހަމައެއްގައި ފައިހަމަކުރަމުންދާތަން މިއަދުގެ މުޖުތަމައުއިން ދަނީ ފެންނަމުންނެވެ.

ދިވެހި އަންހެނުންނާއި މެދު ޒަމާނުއްސުރެ މުޖުތަމައުގައި ހުރި ބޯދާ ވިސްނުންތަކާއި، ނަޒަރިއްޔާ ބަދަލުކުރުމަށް އެކަނބަލުން ވަނީ ގުރުބާނީތަކެއް ވެފައެވެ. އެކަނބަލުންގެ މި ގުރުބާނީގެ ދަތުރުގައި އިސް ދައުރެއް އަދާކުރުމަށް އެމްޓީސީސީ އޮތީ އަތުކުރި އޮޅާލައިގެންނެވެ. އެކުންފުނިން އިއުލާނުކުރާ އެއްވެސް ވަޒީފާއަކީ ވަކި ޖިންސަކަށް އަމާޒުކޮށްގެން އިއުލާނުކުރާ ވަޒީފާތަކެއް ނޫނެވެ. ކަނބަލުންނަށް ވަޒީފާ އަދާކުރެވޭނީ ހަމައެކަނި މޭޒެއްގެދޮށުގައި އިނދެގެންނޭ ހީކުރެވުނު ޒަމާން މިހާރު ފަހަނައަޅާ ހިނގައްޖެއެވެ. ލޯންޗެއްގެ ކެޕްޓަނެއް ނުވަތަ ފަޅުވެރިއެއްގެ މަސައްކަތް އަންހެނަކަށް އަދާނުކުރެވެންވީ އެއްވެސް ސަބަބެއް އޮތްކަމަކަށް އެކުންފުނި ނުދެކެއެވެ. ބޭނުންވަނީ ހިތްވަރާއި ނުގުޑާފަދަ އަޒުމެކެވެ. ބޭނުންވަނީ އަމިއްލަ ނަފްސަށް ކުރާ އިތުބާރެވެ. ދުނިޔޭގެ އެހެނިހެން ކަންކޮޅުތަކެކޭ އެއްފަދައިން ރާއްޖެގައި ވެސް ވަކިކަހަލަ މަސައްކަތްތައް އަންހެނުން ކުރުމުގައި ގޮންޖެހުންތަކެއް ހުރިކަން ގަބޫލުކުރަމެވެ. ނަމަވެސް ގައުމެއް ބިނާކުރުމުގައި އަންހެނުންގެ ހިއްސާ އިތުރުވެ، އަދި ދެޖިންސުގެ ބައިވެރިވުން އެއް ހަމައެއްގައި ލިބުމުން ދިމިގްރާތީ ނިޒާމުގައި ހެޔޮވެރިކަމެއްގެ (ގުޑް ގަވަނަންސް) ސިފަ ޖެހި، މުޖުތަމައުގެ އިޖުތިމާއީ ހަމަޖެހުން ގާއިމުވެގެންދާނެއެވެ. އެމްޓީސީސީގެ އަމާޒަކީ މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި އަންހެނުން އާންމުކޮށް މަސައްކަތް ނުކުރާ ދާއިރާތަކުގައި އަންހެނުންގެ ހިއްސާ އިތުރުކޮށްދިނުމެވެ.

އެމްޓީސީސީއަކީ ދެ ޖިންސުގެ މުވައްޒަފުންނަށް ވެސް ވަޒީފާގައި ކުރިއަށް ދިއުމުގެ ހަމަހަމަ ފުރުސަތުތަކެއް ފޯރުކޮށްދޭ ކުންފުންޏެކެވެ.
މުވައްޒަފުން ހޯދުމާއި ތަމްރީނުކުރުން އަދި ދެވޭ އުޖޫރަ ކަނޑައެޅުމުގައި އެމްޓީސީސީ ގެންގުޅޭ ސިޔާސަތަކީ ރޭވުންތެރިކަމާއެކު ވިޔަފާރި ހިންގުމަށާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމަށް ފުރުސަތު ލިބިދޭ ސިޔާސަތެކެވެ. އަދި މުވައްޒަފުންގެ ބައިވެރިވުން އިތުރުކޮށްދީ، އިސްނަގައިގެން ކަންކަން ކުރުމަށާއި، ކުރާ މަސައްކަތުގެ ފެންވަރު ރަނގަޅުކުރުމަށް ފުރުސަތު ފަހިކޮށްދޭ ސިޔާސަތެކެވެ. އެމްޓީސީސީގެ މުވައްޒަފުންނަކީ ހުނަރުވެރި ގާބިލު ބަޔަކަށް ހެދުމަށްޓަކައި، މުވައްޒަފުން ތަމްރީން ކުރުމާއި، ތަރައްގީ ކުރުމަކީ، ކުންފުނިން ނުހަނު އިސްކަންދޭ ކަމެކެވެ. އެގޮތުން ނަތީޖާ ނެރެވޭ ސިޔާސަތުތަކެއްގެ ދަށުން ތަމްރީނު ޕްރޮގްރާމްތައް އަބަދުވެސް ހިންގަމުން ގެންދެވެއެވެ. އަދި ކުންފުންޏަށް ބޭނުންވާ މުހިންމު ދާއިރާތަކުން ރާއްޖެއާއި ރާއްޖޭން ބޭރުން ފުރަތަމަ ޑިގްރީ އާއި ޕްރޮފެޝަނަލް ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު މުވައްޒަފުންނަށް ހޯދާދެއެވެ. އަހަރީ ޕްރޮގްރާމެއްގެ ދަށުން ހައްޖު އަދި އުމްރާގެ އަޅުކަން ގާއިމުކުރަން މުވައްޒަފުންނަށް ފުރުސަތު ދެވެއެވެ. އަދި "ހެލްތް އިންޝުއަރެންސް"ގެ ހިދުމަތް ހުރިހާ މުވައްޒަފުންނަށް ފޯރުކޮށްދެވެއެވެ.

އެމްޓީސީސީގެ ފެރީ ހިދުމަތް -- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން މުވައްޒަފުންނަށް ދޭ އަހައްމިޔަތަކީ މިއަދު އެއްވެސް ދިވެހި ރައްޔިތަކަށް އޮޅިވަޑައިގެންފައި އޮވެދާނެ ކަމެއްނޫނެވެ. އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ބައިވެރިވެވަޑައިގަންނަވާ ކޮންމެ ރަސްމިއްޔާތެއްގެ ކޮންމެ ހިތާބެއްގައި އެންމެ ފުރަތަމަ ޝުކުރު އަދާކުރައްވަނީ ކުންފުނީގެ މުވައްޒަފުންގެ ބުރަ މަސައްކަތަށެވެ. އެމްޓީސީސީއަކީ ދިވެހި ރައްޔިތުންގެ ކުންފުންޏެވެ. ކުންފުނި ކުރިއަރުވާ ހިންގަން ކުންފުންޏަށް ބޭނުން ވަނީ ދިވެހި މުވައްޒަފުންގެ ހިދުމަތެވެ. ގައުމު ބިނާކުރުމަށް ބޭނުންވަނީ ދިވެހި އަންހެން ކަނބަލުންގެ ބައިވެރިވުމެވެ. ކުންފުނީގެ އެގްޒެކެޓިވް އަދި އިދާރީ މަގާމުތަކެކޭ އެއްފަދައިން ކުންފުނީގެ ފަންނީ މަގާމުތަކުގައި ވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ ކުންފުނީގެ އަމާޒެވެ. ވެލްޑަރުންނާއި ކާޕެންޓަރުންނާއި މޭސަނުންނާއި ލޯންޗް އޮޕަރޭޓަރުންނާއި ފަޅުވެރިންގެ ވަޒީފާތަކުން ކުރިއަށްއޮތް ދުވަސްތަކުގައި އަންހެން ކަނބަލުން ފެނިގެން ދިއުމަކީ ކުންފުނީގެ އުއްމީދެވެ. "އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދަށުން، މިއަހަރުގެ ނޮވެމްބަރު މަހު ސްޕީޑް ފެރީގެ ހިދުމަތް ފެށިގެން ދާއިރު، މުވައްޒަފުންގެ 50 ޕަސެންޓު ހޮވުމުގައި، އަންހެނުންނަށް ފުރަތަމަ އިސްކަން ދިނުމަށް އެމްޓީސީސީއިން ވަނީ ނިންމާފައެވެ. ލޯންޗުގެ ފަޅުވެރިއަކަށް ނުވަތަ ކެޕްޓަންއަކަށް އަންހެނަކު ހުންނަތަން ފެނުމަކީ ހަމަގައިމުވެސް އުފާވެރި މަންޒަރަކަށް ވާނެއެވެ. އުއްމީދީ ބަދަލަކަށް ވާނެއެވެ. ރައްޔިތުންގެ ހިދުމަތުގައި ރައްޔިތުންގެ އަންހެން ދަރިން ތިބުމަކީ ޓީމް އެމްޓީސީސީއަށް ލިބޭނެ އަގުހުރި ފަހުރެކެވެ.

comment ކޮމެންޓް