ރޯދަ ސިއްހަތު: ދުޅަހެޔޮ، ތޫނުފިލި ޖީލަކާ ދިމާއަށް

ޒުވާނުންނަކީ ގައުމުގެ މުސްތަގުބަލުކަމުގައި ވާ އިރު, ހަރުދަނާ އަދި ތޫނުފިލި ޒުވާން ޖީލެއް ބިނާކުުރުމަކީ ވަރަށް މުހިންމު ކަމެކެވެ. ދުޅަހެޔޮ އަދި ހަށިހެޔޮ ޒުވާނުންތަކެއް ބިނާކުރުމަށްޓަކައި މުހިންމީ ކަސްރަތު އެކަންޏެއް ނޫނެވެ—ކަސްރަތާ އެއްވަރަށް ނިދުމާއި ކެއުމާއި ނަފްސާނީ ދުޅަހެޔޮކަމަކީވެސް އެހާ މުހިންމު ކަމެކެވެ. މިކަންކަމަކީ ކުޑައިރުއްސުރެ އަމަލުކުރަންޖެހޭ ކަންކަމެވެ.

މާދަމާގެ ޖީލެއް ތަރުބިއްޔަތުކުރަމުން އަންނަ އިރު, ކުދީންގެ ހެދިބޮޑުވުމަށް އެންމެ ފައިދާހުރި ކާނާގެ ބައެއް ބާވަތްތަކެއް ވެއެވެ. މިތަކެއްޗަކީ ރޯދަމަހު ރޯދަ ވީއްލުމަށާއި ހާރުކެއުމުގައިވެސް މިތަކެތި ބޭނުންކުރެވޭނެއެވެ.

ތިރީގައި މި ހިމަނާލަނީ އެފަދަ ބައެއް ކާނާއާއި, އެތަކެތިން ލިބޭ ފައިދާއެވެ.

  1. ބިސް: ބިހަކީ ފަސޭހައިން ކޮންމެ ގަޑިއެއްގައިވެސް ތައްޔާރުކޮށްލެވިދާނެ ހަކަތައާއި ޕްރޮޓީން އިން ފުރިފައިވާ އެއްޗެކެވެ. އަދި ހަމައެހެންމެ މިއީ އޭގައި ގިނަ އަދަދަކަށް އެކުލެވިގެންވާ ނިއުޓްރިއެންޓް ތަކެއްގެ ސަބަބުން ކުއްޖާގެ ވިސްނުމުގެ ބާރު ތިޔާގިކޮށްދޭ އެއްޗެއްވެސްމެއެވެ.
  2. ގްރީކް ޔޯގަޓް: ގްރީކް ޔޯގަޓަކީ ރާއްޖޭގެ ބާޒާރުން މަދުއެއްޗެއް ނަމަވެސް ފައިދައިން ފުރިފައިވާ އެއްޗެކެވެ. ކުއްޖާއަށް ކަމުދާނެހެން ތަފާތު ގޮތްތަކަކަށް ހެދިދާނެ މިކެއުމަކީ ކުއްޖާގެ ސިކުނޑީގެ ސެލްތަށް ވަރުގަދަކޮށްދިނުމަށްލިބިދާނެ އެންމެ ރަނގަޅު އެހީކަމުގައިވެސް ވެދާނެއެވެ،
  3. ފެހިކަންގަދަ ފަތް: ބޯވެލިފަތާއި މުރަނގަފަތަކީ ދިވެހީންގެ ސުފުރާ މައްޗާއި ރަޙްމަތްތެރި އެއްޗެކެވެ. މިއީ އޭގައި އެކުލެވިގެންވާ މައުދަންތަކެއްގެ ސަބަބުން ސިކުނޑީގެ އާ ސެލްތަކާއި ހީމަގްލޯބިން އުފައްދަން އެހީވާ އެއްޗެއްވެސްމެއެވެ.
  4. މަސް: މަސްމަހުގެ ތެރެއިން ސެލްމަން، ޓޫނާ އަދި ސާޑިންސްއަކީ ގިނައަދަދަކަށް ވިޓަމިން ޑީއާއި އޮމެގާ 3 އެކުލެވިގެންވާ ކުޑަކުދިން ގަޔާވާނެކަހަލަ މަސްތަކެކެވެ. މިއީ ހަނދާން ގަދަކުރުމަށާއި ސިކުނޑި ތާޒާ ކޮށް ސިކުނޑީގެ ފަންކްޝަންކުރުން ރަނގަޅުކޮށްދޭ އެއްޗެކެވެ.
  5. އޮށާއި މަދުގެ ބާވަތްތައް: މިއީ ޕްރޮޓީންސް އާއި ހަށިގަނޑަށް ބޭނުންވާނެ ރަނގަލު ފެޓްސްގެ އިތުރުން ވިޓަމިން އާއި މިނަރަލް އިން ފުރިގެންވާ އަގުހުރި އެއްޗެކެވެ. މިއީ ކުދިންގެ މޫޑު ވެސް ރަނގަޅުކޮށްދީ ނާރވަސް ސިސްޓަމް ރަނގަޅުކޮށްދޭއެއްޗެކެވެ.
  6. އޯޓްމީލް: އާންމު ގޮތެއްގައި ކުދިންނަކީ ހަރުލާފައި ހުންނަ ސީރިއަލް ތަކާއި ކޯންފްލެކްސްއާއި ރަހްމަތްތެރި ބައެކެވެ. މިއީ ސިކުނޑި އާއި ހިތުގެ ނާރުތަށް ސާފުކޮށް ކުއްޖާގެ ހަނދާން ވަރުގަދަކޮށްދޭކަމަށް ދިރާސާރަކުން ދެއްކި އެއްޗެކެވެ.
  7. މޭވާ: މޭވާގެ ތެރެއިން އާފަލާއި ޕްލަމް އަކީ ކުދިންނަށް ދޭން ވަރަށް ރަނގަޅު މޭވާއެކެވެ. ކުއާސެޓިން ނަމަކަށް ކިޔަ އެންޓިއޮކްސިޑެންޓް ސަބަބުން ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ދަށް ވިޔަ ނުދީ ހިފަހައްޓާލަ އެވެ.

އެހެންކަމުން ޒުވާން ދުޅަހެޔޮ ހަށިހެޔޮ ޖީލެއްބިނާކުރުމުގައި މިކަހަލަ ކަންތައްތަކަށް އަލި އަޅުވާ އެކަމުގެ ހައްލުހޯދުން ބުއްދިވެރިއެވެ.

ނޯޓު: ރިޔާޝް ރިޔާޒަކީ އެރިޒޯނާ ސްޓޭޓް ޔުނިވާސިޓީން ބަޗެލާ އޮފް ސައިންސް އިން އެކްސަސައިޒް ސައިންސް އެންޑް ނިއުޓރިޝަން ހާސިލުކޮށްފައިވާ، އަދި ހަ އަހަރުގެ ތަޖުރިބަ ލިބިފައިވާ ސެޓިފައިޑް ނިއުޓްރިޝަނިސްޓް އަދި މާސްޓާ ޓްރެއިނާއެކެވެ. ރާއްޖޭގެ ފިޓްނަސް އިންޑަސްޓްރީގައި 50 އަށް ވުރެ ގިނަ ޕްރޮފެޝަނަލުން އުފައްދާފައިވާ ރިޔާޝް މަސައްކަތްކުރަނީ ފިޓްޒޯން ޖިމްގެ މެނޭޖަރެއްގެ ގޮތުގަ އެވެ.

comment ކޮމެންޓް