ޖަލު އޮފިސަރުންތަކެއް ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭން ގޮވާލައިފި

ޖުލައި 8، 2020: ކުރީގެ ރައީސް ޔާމީން، ހައި ކޯޓަށް ހާޒިރުކުރުން --- ސަން ފޮޓޯ/ ފަޔާޒު މޫސާ

މާފުށީ ޖަލުގައި މަސައްކަތް ކުރާ ބައެއް މުވައްޒަފުން ކޯވިޑްއަށް ޕޮޒިޓިވް ވެފައިވާތީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ލިބިދާނެ ސިއްހީ ނުރައްކަލަކުން ސަލާމަތް ކުރުމަށް ރައީސް ޔާމިން ގެއަށް ބަދަލުކޮށްދޭން އިދިކޮޅުން ގޮވާލައިފި އެވެ.

އިދިކޮޅު ޕީޕީއެމް،ޕީއެންސީ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މާފުށީ ޖަލުގައި މަސައްކަތް ކުރައްވާ މުވައްޒަފުންތަކަކާއި އޮފިސަރުންތަކެއް ކޮވިޑް 19 އަށް ޕޮޒިޓިވްވެފައިވާ ކަމުގެ އަޑުތަކެއް ފެތުރެމުން ދާތީ އެކަމާ ކޯލިޝަންގެ ކަންބޮޑުވާ ކަމަށެވެ.

ޕޮޒިޓިވްވި އޮފިސަރުންގެ ތެރޭގައި ރައީސް ޔާމީންގެ ކަންކަން ބަލަހައްޓާ އޮފިސަރެއް ވެސް ހިމެނޭ ކަމުގެ މައުލޫމާތު ލިބޭ ކަމަށާއި އެކަމާ އެކު ވެސް ކަންބޮޑުވާ ކަމަށް އެ ކޯލިޝަނުން ވަނީ ބުނެފަ އެވެ.

މާފުށީ ޖަލުން ކޮވިޑް 19 ފެނި، ރައީސް ޔާމީންގެ ސިއްހަތަށް ލިބިގެން ހިނގައިދާނެ ގެއްލުމަކުން އެމަނިކުފާނު ރައްކާތެރި ކުރުމަކީ ސަރުކާރުން ކުރާން ޖެހޭނެ ކަމެއްގަބޫލު ކުރާ ކަމަށާއި މިއީ، ސިޔާސީ ނުފޫޒުން ކުރެވިފައިވާ ނުހައްގު ހުކުމެއްގައި އެމަނިކުފާނު ޖަލުގައި ހޭދަކުރައްވާ ދެ ވަނަ ރޯދަ މަސް ކަމަށް އިދިކޮޅުގެ ބަޔާނުގައި ބުންޏެވެ.

"ރައީސް ޔާމީނަށް ހިއްހީ ގޮތުން ލިބިދާނެ ނުރައްކަލަކުން ސަލަމާތްކުރުމަށް ނަމަވެސް އެމަނިކުފާނު މިއަދުން މިއަދަށް ގެއަށް ގެނެސް ދެއްވުމަށް." އެ ބަޔާނުގައި ވަނީ ގޮވާލައިފަ އެވެ.

ރައީސް ޔާމީން ގެއަށް ބަދަލު ކުރަންޖެހޭ ކަމަށް އެމަނިކުފާނުގެ ޑޮކްޓަރުން ވެސް ލަފާދެއްވާފައިވާތީ އެކަމަށް ވެސް ރިޢާއަތް ކޮށްއެގޮތުގެ މަތިން އަމަލު ކުރުމަށް ވެސް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

ރައީސް ޔާމީން އަށް ދެރަގޮތެއް ނުވާނެ ކަމަށާއި އެމަނިކުފާނު ގެއަށް ބަދަލުކުރަން ނުވަތަ ލުއި ގޮތެއް ހޯދައިދިނުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ރޯދަ މަސް ފެށުމުގެ އެއް ދުވަސް ކުރިން ވިދާޅުވެފަ އެވެ.

ސިއްހީ ހާލުކޮޅު ހުރި ގޮތުން ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް ޕީޕީއެމްއާއި އެމަނިކުފާނުގެ އާއިލާއިން މީގެ ކުރިން އެތައް ފަހަރަކު އެދިފައިވެ އެވެ.

އެމްއެމްޕީއާރްސީގެ ފައިސާއިން އަމިއްލަފުޅު އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ލޯންޑާ ކުރި ކަމުގެ ކުށް ސާބިތުވެ ރައީސް ޔާމީން ގެންދަވަނީ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ.

comment ކޮމެންޓް