ތިކިތާނަ ބަހުސުގެ ޕޯޑިޔަމުން، އަޅުގަނޑުގެ ރައުޔު 3

އޭޕްރީލް 11، 2015: އަދަބީ އުފާ ނަމުގައި ދިވެހި ބަހުގެ ހަރަކާތްތައް ހިރިޔާ ސްކޫލްގައި ފެށުން -- ސަން ފޮޓޯ/ފަޔާޒު މޫސާ

3. ދިވެހި އިމްލާއިއްޔަތުގައި ތިކިތާނައިގެ

މަގާމާއި ހައިސިއްޔަތު

މި ބައިގައި އަޅުގަނޑު ފޯކަސް ކުރާނީ، މި މަޒުމޫނުގެ 1 ވަނަ އަރިމަތީ ސުރުޚީގެ ދަށުން ދެއްކި ވާހަކަ ނިންމައިލަމުން، އަޅުގަނޑު ކުރިމަތި ކުރި ސުވާލަށެވެ. އެންމެ ފުރަތަމަ، އެ ސުވާލު ތަކުރާރު ކޮށްލާނަމެވެ. ތިކިތާނަ އަކުރުތަކަކީ ދިވެހި އަލިފުބާގެ އަކުރުތަކެއް ކަމަށް ބަލައިގަތުމަށް 2000 ވަނަ އަހަރު ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުން ނިންމެވި ނިންމެވުމަކީ ރަނގަޅު ނިންމެވުމެއް ބާވައެވެ؟ ތިކިތާނަ އަކުރުތަކަކީ ވެސް ހަމަ ތާނައިގެ އަކުރުތަކެއް ކަމަށް ބެލެވިދާނެ ބާވައެވެ؟

ހަނދުމަފުޅު އައު ކޮށްއެރުވުމުގެ ގޮތުން ދަންނަވަމެވެ. ދިވެހި ބަހުގެ އިލްމިއްޔާގެ ގިނަ ބެއިފުޅުންގެ ރައުޔުގައި، ތިކިތާނަ އަކީ ވެސް ހަމަ ތާނަ އަކުރެވެ. ދިވެހި އަލިފުބާގެ އަކުރުތަކެވެ. އެގޮތަށް ދެކެވަޑައިގަންނަވާ ބެއިފުޅުންގެ ތެރޭގައި އަލްފާޟިލް ޢައްބާސް އިބްރާހީމާއި، އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިނާއި، އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން (އުތީމު އާދަންބެ) ފަދަ ބެއިފުޅުން ހިމެނިވަޑައިގަންނަވައެވެ. ދިވެހި ބަހުގެ އިލްމުތަކާއި އަދަބިއްޔާތުގެ އުސްތާޒުންގެ ތެރެއިން، އަޅުގަނޑު ވާހަކަ ދެއްކި އެއްވެސް ބެއިފުޅަކު ތިކިތާނަ އަކީ ތާނަ އަކުރުތަކެއް ނޫން ކަމަކަށް ވިދާޅެއްނުވެއެވެ. ތިކިތާނަ އަކުރުތަކޭ މި ދަންނަވަނީ އިލަސްޓްރޭޝަން 3.1 ގައި ވާ 14 އަކުރަށެވެ. [ޕ] އަކީ ތިކި ޖެހި އަކުރަކަށް ވުމާ އެކުގައިމެ، އެއީ ތިކިތާނައިގެ ތެރޭގައި ގުނޭ އަކުރެއް ނޫން ވާހަކަ ވާނީ މި މަޒުމޫނުގެ 1 ވަނަ އަރިމަތީ ސުރުޚީގެ ދަށުން ދެކެވުނު ވާހަކައިގެ ތެރޭގައި ބަޔާން ކުރެވިފައެވެ.

1 ތިކިތާނަ އަކުރުތަކަކީ ދިވެހި އަލިފުބާގެ އަކުރުތަކެއްތަ؟

އިންސާނީ ބަހުގެ އަސާސަކީ، ބަހުން ވާހަކަ ދެއްކުމުގައި ނެރޭ އަޑުތައް (sounds/phonemes) އެވެ. މިއީ ދުނިޔޭގެ ކޮންމެ ބަހެއްގެ ނިސްބަތުގައި ވެސް ކަން އޮންނަ ގޮތެވެ. ބަހަވިއްޔާތުގެ އިލްމުވެރީން އެ އުސޫލުތަކަކާ މެދު އިއްތިފާގު ވެވަޑައިގަންނަވާ އާލަމީ އުސޫލުތައް (universal principles of linguistics) ބުނާ ގޮތެވެ. ކޮންމެ ބަހެއްގައި ވެސް އަސާސީ އަޑުތަކެއް ހުރެއެވެ. އަދި އެ އަސާސީ އަޑުތަކުގެ ތަފާތު މުޚްތަލަފުތަކާއި (allophones)، އަސާސީ އަޑުތަކާއި ފިލިތައް ގުޅިގެން އުފެދޭ އަދި އިތުރު އަޑުތަކެއް ވެސް ހުރެއެވެ. މި ދަންނަވާ އަޑުތައް އެކި ގޮތްގޮތަށް ގުޅުވައިގެން އުފައްދަނީ ލަފުޒެވެ. ލަފުޒުތައް ގުޅުވައިގެން އުފައްދަނީ އިބާރާތާއި ޖުމުލަތަކެވެ. އިބާރާތްތަކާއި ޖުމުލަތަކުގެ ވަސީލަތުން އިންސާނުން އެކަކު އަނެކަކާ ވާހަކަ ދައްކައެވެ. މުއާސަލާތު ކުރެއެވެ. ޖަޒުބާތުތަކާއި ޝުއޫރުތަކާއި ފިކުރުތައް ފައުޅު ކޮށް ހަދާމެއެވެ.

މި ދެންނެވި ގޮތުގެ މަތީން، ކޮންމެ ބަހެއްގެ އަހުލުވެރީންގެ ތެރޭގައި ވެސް، މީސްތަކުން ދައްކާ ވާހަކަތަކާއި ކުރާ މުއާސަލާތުތަކާއި ފައުޅު ކުރާ ޖަޒުބާތުތަކާއި ޝުއޫރުތަކާއި ފިކުރުތައް، ފަހުން ވެސް ފެންނާން ހުންނާނޭ ގޮތަކަށް ރިކޯޑު ކޮށް ރައްކައުތެރި ކުރުމުގެ ބޭނުންތެރިކަމާއި ޒަރޫރަތުގެ ބަނޑުން އުފަން ވާ ދަރިޔަކީ ލިޔުމުގެ ނިޒާމެވެ. އެކަށޭނަ މިންވަރަކަށް ތަރައްގީ ވެފައި ވާ ލިޔުމުގެ ނިޒާމެއްގައި (writing system) ވިއްޔާ، ތަފާތު އެކި އުންސުރުތައް ނުވަތަ ބައިތައް ހިމެނޭނެއެވެ. ބަހުގެ އަސާސީ އަޑުތައް ރަމްޒު ކުރާ އަކުރުތަކާއި (letters)، ބަހުގެ ވިޔައަކުރުތަކާއި، ލިގެޗަރ (ligature) މި ނަމުން ނަން ދެވިފައި ވާ ނިޝާންތަކާއި، ލިޔުމުގައި ބޭނުން ކުރާ ކޮމާ އާއި ފުލުސްޓޮޕާއި ބުރެކެޓު ފަދަ އެހެނިހެން ނިޝާންތައް ފަދަ ބައިތަކެވެ. އަދި މި ދަންނަވާ އަކުރުތަކާއި ނިޝާންތައް ބޭނުން ކޮށްގެން ބަހަކުން ލިޔުމުގައި ގެންގުޅޭ އުސޫލުތަކާއި ހަމަތައް – ލިޔުމުގައި ލަފުޒުތައް ވަކި ކުރާނޭ ގޮތާއި، ލަފުޒުތަކުގެ ލިޔަކުރާއި، ޕަންކްޗުއޭޝަނުގެ ހަމަތައް ފަދަ ހަމަތައް – ވެސް މެއެވެ. ބަހަވިއްޔާތުގެ އިލްމުގައި އިމްލާއިއްޔަތު (orthography) މި ނަމުން އިޝާރާތް ކުރެވެނީ، މި ގޮތުގެ މަތީން ކޮންމެ ބަހެއްގައި ވެސް އެ ބަހެއް ލިޔާން ބޭނުން ކުރާ އަކުރުތަކާއި، ނިޝާންތަކާއި، ލިޔުމުގެ ހަމަތަކާއި އުސޫލުތަކަށެވެ.

ފަހެ، ބަހެއްގެ އިމްލާއިއްޔަތުގެ އެންމެ އަސާސީ ބަޔަކީ އެ ބަހެއްގެ އަލިފުބާ (alphabet) ގެ އަކުރުތަކެވެ. އާދެ، އެ ބަހެއްގެ އަހުލުވެރީން ވާހަކަ ދެއްކުމުގައި ބޭނުން ކުރާ އަސާސީ އަޑުތަކާއި ފިލިތައް (phonemes/sounds and vowels) ރަމްޒު ކޮށްދޭ އަކުރުތަކެވެ. ކޮންމެ ބަހަކުން ވިޔަސް ލިޔެކިޔުމަށް ފަހި ވަނީ، އެ ބަހުގެ ވީހައި ގިނަ އަޑުތައް، ލިޔުމުގައި މަޒުބޫތުކޮށް (accurately) ރަމްޒު ކުރެވޭނޭ ފަދައިން ކޮންމެ އަޑަކަށް ވަކި އަދި ޚާއްސަ އަކުރެއް އޮތުމުންނެވެ. ނަމަވެސް އިންސާނީ ބަހުގެ ތަބީއަތާ ގުޅި ލާމެހިފައި ވާ ސަބަބުތަކަށް ޓަކައި، ދުނިޔޭގެ އެއްވެސް ބަހެއްގެ އަލިފުބާގައި އެ ބަހުގެ ހުރިހައި އަޑުތަކަކަށް ވަކިވަކި އަކުރު ނުހުރެއެވެ. މިސާލަކަށް، އިނގިރޭސި ބަހުގައި 44 އަޑު އޮންނަ އިރު، އިނގިރޭސި އަލިފުބާގައި އަކުރު ހުންނަނީ އެއިގެ ތެރެއިން 26 އަޑަށެވެ. ފަރަންސޭސި ބަހުގައި 37 އަޑު އޮންނަ އިރު، އަކުރު ހުންނަނީ އޭގެ ތެރެއިން 26 އަޑަށެވެ. ދިވެހި ބަހުގައި ވެސް ކަން އޮތީ އެހެންނެވެ. މި ނުކުތާއާ ބެހޭގޮތުން، އަދި ޖުމުލަ ގޮތެއްގައި ދިވެހި ބަހުގެ އަޑުތަކާ ބެހޭގޮތުން، ދިވެހި ބަހުން ލިޔެވިފައި ވާ އެންމެ ފުރިހަމަ އެއް ލިޔުން ކަމަށް ފެންނަނީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީގެ ޗާންސެލަރ ޑރ. ޙަސަން ޙަމީދުގެ މި މަޒުމޫނެވެ. މި މަޒުމޫނު ވިދާޅުވެލެއްވުމަކީ ނުހަނު ބޮޑު ފައިދާ ކުރާނޭ ކަމެއް ކަމަށް ދެކެމެވެ.

މި ދެންނެވި ވާހަކަތަކުގެ އަލީގައި އެނގި ސާފު ވެގެންދާ ފަދައިން، ތިކިތާނަ އަކުރުތަކަކީ ދިވެހި އަލިފުބާގެ އަކުރުތަކެއްތޯ ނުވަތަ ނޫންތޯ ކަނޑައެޅުމުގެ މައުޟޫޢުގައި ފުރަތަމަ ކުރާން ޖެހޭ ސުވާލަކީ، ތިކިތާނަ އަކުރުތަކުން ރަމްޒު ކުރާ އަޑުތައް ދިވެހީން ދިވެހި ބަހުން ވާހަކަ ދެއްކުމުގައި ބޭނުން ކުރޭހޭ ނުވަތަ ނޫންހޭ މިއެވެ. ދިވެހީން އެ އަޑުތައް ބޭނުން ކުރަނީވިއްޔާ، އެއީ ދިވެހި ވެފައި ވާ ދިވެހި އަޑުތަކެކެވެ. އަދި އެ އަޑުތައް ލިޔާން ބޭނުން ކުރާ އަކުރުތައް ވެސް ވާނީ ދިވެހި އަލިފުބާގެ އަކުރުތަކަކަށެވެ. އެފަދަ ހާލަތެއްގައި، އެ އަކުރުތަކުގައި ތިކި ނުވަތަ ނުކުތާ އެބަހުއްޓޭ ކިޔައިފައި އެ އަކުރުތައް "ގެއަށް ވަނަނުދީ" ބޭރުގައި ބައިތިއްބާން ނުވަތަ އެއްކޮށް އުވައިލައި ނެއްތައިލާން ކުރާ މަސައްކަތެއް ވާނީ ކަނޑައެޅި ބަޔާން ވެގެން ވާ މަރުގޯހަކަށެވެ. ހަމަ އެހެންމެ، ތިކިތާނަ އަކުރުތަކުން ރަމްޒު ކުރެވޭ އަޑުތައް ދިވެހީން ދިވެހި ބަހުން ވާހަކަ ދެއްކުމުގައި އެއްގޮތަކަށް ވެސް ބޭނުން ނުކުރަނީވިއްޔާ، އެއީ ދިވެހި އަޑުތަކެއް ނޫނެވެ. އަދި އެ އަޑުތައް ރަމްޒު ކުރާ އަކުރުތަކަކީ ދިވެހި އަލިފުބާގެ އަކުރުތަކެއް ކަމަކަށެއް ވެސް ނުބުނެވޭނެއެވެ. އެހެނީ، ބަހެއްގައި ނެތް އަދި އެ ބަހެއްގެ އަހުލުވެރީން ވާހަކަ ދެއްކުމުގައި ނުނެރޭ ނުވަތަ ބޭނުން ނުކުރާ އަޑުތަކަށް، އެ ބަހެއްގެ އަލިފުބާގައި އަކުރު ހުރުމަކީ ބަހަވިއްޔާތުގެ އިލްމު ދަންނަ ކަމެއް ނޫނެވެ.

ތިކިތާނަ އަކުރުތަކުން ރަމްޒު ކުރާ އަޑުތައް ދިވެހީން ދިވެހި ބަހުން ވާހަކަ ދެއްކުމުގައި ބޭނުން ކުރޭހޭ ނުވަތަ ނޫންހޭ މި ސުވާލުގެ މައްޗަށް ޚުލާސާ ގޮތެއްގައި ނަޒަރެއް ހިންގައިލަމާތޯއެވެ؟ ދެތިން ނުކުތާއަކުންނެވެ.

1. ފުރަތަމަ ނުކުތާ – ތިކިތާނަ އަކުރުތަކުން ރަމްޒު ކޮށްދޭ އަޑުތަކަކީ، ކުރީން ވެސް ދެންނެވިފައި ވާނޭ ފަދައިން، މުސްކުޅި ދިވެހީގެ އަޑުތަކެއް ނޫނެވެ. އެ އަޑުތައް ދިވެހީންގެ ތެރެޔަށް ތައާރަފު ވީ ބިދޭސީ އަޑުތަކެއްގެ ގޮތުގައެވެ. ޢަރަބި ބަހުގެ އަޑުތަކުގެ ގޮތުގައެވެ. މީލާދީން 1153 ވަނަ އަހަރު އަޅުގަނޑުމެންގެ ގައުމު މާތް ވެގެން ވާ އިސްލާމް ދީނަށް އެނބުރުމުގެ ނަތީޖާއެއްގެ ގޮތުންނެވެ. އިސްލާމް ދީނުގެ ބަސް ކަމަށް ވާ ޢަރަބި ބަސް ދިވެހީންގެ ގާތުގައި ވެގެން ދިޔައީ ޚާއްސަ އަދި ލޮބުވެތި އެއްޗަކަށެވެ. 1153 މ. އިން ފެށިގެން މީގެ ފަންސާހަކަށް އަހަރު ކުރިޔާ ޖެހޭންދެން، ދިވެހީން ކުރެ އިލްމުގެ މަގުގައި ހިނގި ކޮންމެ މީހަކު ވެސް އެންމެ އަސާސީ އެއް އިލްމުގެ ގޮތުގައި ހޯދީ ޢަރަބި ބަހުގެ އިލްމެވެ. ޢަރަބި ބަހުން ހުރި އިސްލާމް ދީނުގެ އިސްތިލާހުތައް ދިވެހީންގެ ތެރޭގައި އާއްމު ވިއެވެ. އަޅުގަނޑުމެންގެ ނަންތައް ޢަރަބި ނަންތަކަށް ވެގެން ދިޔައެވެ. ޢަރަބި ބަހުން ދިވެހި ބަހަށް ތަރުޖަމާ ކުރެވުނު އެތައް ލިޔުންތަކަކާއި ފޮތްތަކެއްގެ ވަސީލަތުން ދިވެހި ބަހަށް އެތައް ސަތޭކަ ޢަރަބި ލަފުޒެއް ވަނެވެ. މި ގޮތުގެ މަތީން އަޅުގަނޑުމެންގެ ތެރެޔަށް ވަން ބައެއް ޢަރަބި ލަފުޒުތައް ދިވެހި ވެފައި ވަނީ އެ ލަފުޒުތަކުގެ އަސްލު ޢަރަބި އަޑުތައް މުސްކުޅި ދިވެހި އަޑުތަކަށް ފުރޮޅިގެންނެވެ. (މި ނުކުތާއާ ބެހޭގޮތުން މި މަޒުމޫނުގެ އަރިމަތީ ސުރުޚީ ނަންބަރު 4 ގެ ދަށުން ވާހަކަ ދެކެވި، މިސާލުތައް ވެސް ދެވިފައި ވާނެއެވެ.) ނަމަވެސް، މަދު ނޫން އަދަދެއްގެ ޢަރަބި ލަފުޒުތައް ދިވެހި ވެފައި ވަނީ އެ ލަފުޒުތަކުގެ ޢަރަބި އަޑުތަކާ އެކުގައެވެ. އަޅުގަނޑުމެން ފޯކަސް ކުރާން ޖެހޭ މައިގަނޑު ވާގިޔާ (fact) އަކީ މިއެވެ.

އާދޭހެވެ! ދިވެހީންނާއި ޢަރަބި ބަހާ އުފެދުނު ގުޅުމުގެ ތެރެއިން، ދިވެހި ބަހަށް ވަން އެތައް ޢަރަބި ލަފުޒެއް ދިވެހި ވީ، އެ ލަފުޒުތަކުގެ ޢަރަބި އަޑުތަކާ އެކުގައެވެ. މި ދަންނަވާ އެއްޗަކީ، އެ ލަފުޒުތަކުގެ ޢަރަބި އަޑުތައް ވެސް ދިވެހީން ކިޔާ ވާހަކައެވެ. އަޅުގަނޑު ދެކޭ ގޮތުގައި އޭގެ އެންމެ ރީތި އަދި އެންމެ މުހިއްމު މިސާލަކީ ދިވެހީން ލަފުޒުލް ޖަލާލާ ކިޔާ ގޮތެވެ. އާދެ، [ﷲ] މި މަތިވެރި އިސްމުފުޅު އަދާ ކުރާ ގޮތެވެ. އަޅުގަނޑަށް އެނގި ފެނިފައި ވާ ގޮތުން، އެއްވެސް ޒަމާނަކު ދިވެހީން [ﷲ] މި އިސްމުފުޅު އޭގެ ޚާލިސް ޢަރަބި މަޚުރަޖުން ނޫނީ ނުކިޔައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން، މިއީ އިސްލާމީ ދުނިޔޭގެ ހުރިހައި ހިސާބެއްގައި ކަން ހުރި ގޮތެއް ނޫނެވެ. ޢަރަބި ނޫން އެކިއެކި ބަސްބަހުން ވާހަކަ ދައްކާ މުސްލިމުންގެ ތެރެއިން ގިނަ މީހުން މި އިސްމުފުޅު ކިޔަނީ އެ ބައެއްގެ ބަހުގެ އަޑުމަޚްރަޖުގެ ތެރެޔަށް ފައްތައިލައިގެންނެވެ. ޢަރަބި އަސްލާ ތަފާތު އެކިއެކި ގޮތްގޮތަށެވެ. އެންމެ ގާތުން، އިންޑިޔާ އާއި ޕާކިސްތާނުގެ މުސްލިމުން އުރްދޫ ބަހުން ލަފްޒުލް ޖަލާލާ ކިޔާ ގޮތް އައްސަވައިލައްވާށެވެ! އިނގިރޭސި މުސްލިމުން ކުރެ ވަރަށް ގިނަ މީހުން ކިޔާ ގޮތް ވެސް ބައްލަވާށެވެ! އެކަމަކު، އަޅުގަނޑުމެން މި އިސްމުފުޅު ބަލައިގަތީ ސާފު ޢަރަބި ބަހުން އެ އިސްމުފުޅު ކިޔާ ގޮތަށެވެ. މިއީ އިސްލާމީ ދުނިޔޭގައި ދިވެހީންނަށް ލިބިފައި އޮތް ވަރަށް ޚާއްސަ ފަޚުރެކޭ އަޅުގަނޑު ދެންނެވީމާ، މި ބަހުގެ މާނަ ދޭހަ ކުރެއްވެވޭނީ އިސްލާމީ ޝަޚްސިއްޔަތާއި ޣީރަތާއި ފިކުރުގެ އަހުލުވެރިޔަކަށް އެކަންޏެވެ.

ލަފުޒުލް ޖަލާލާގެ އިތުރުން ވެސް އެތައް ސަތޭކަ ލަފުޒެއް ޢަރަބި އަޑުތަކާ އެކު ދިވެހި ވިއެވެ. ތިރީގައި ވާ ތާވަލު 3.1 ގައި އެވަނީ ބައެއް މިސާލުތަކެވެ.

ތާވަލު 3.1 ގައި މި ދެންނެވި ލަފުޒުތަކުގެ އިތުރުން ވެސް، އެތައް ލަފުޒެއް ދިވެހީން ވަނީ ޢަރަބި އަޑުތަކާ އެކު ބަލައިގެންފައެވެ. މި ދަންނަވަނީ، ހުރިހައި ދިވެހީން އެ އަޑުތައް ރީތިކޮށް ކިޔާ ވާހަކައެއް ނޫނެވެ. [މަޣްރިބު ނަމާދު] މިހެން ކިޔާން ވާ ތަނުގައި [މައުރިބު ނަމާދު] ނުވަތަ [މަގުރިބު ނަމާދު] މިހެން ކިޔާ މީހުން ވެސް އުޅެއެވެ. [ޤުރުއާން] ގެ ބަދަލުގައި [ގުރުވާން] އަދި [ގުރުއާން] ކިޔާތީ ވެސް އަޑު އިވެއެވެ. [ޣާފިލު] އާއި [ޣަފްލަތު] ގެ ބަދަލުގައި [ގާފިލު] އާއި [ގަފުލަތު] އާއި [އާފިލު] އާއި [އަފުލަތު] ކިޔާ މީހުން ވެސް ހަމަ ތިބެދާނެއެވެ. އެހެން ލަފުޒުތަކާ މެދު ވެސް ކަން ހުންނާނީ ހަމަ މި ގޮތަށެވެ. އެއް ބަޔަކު މި ލަފުޒުތައް ރީތިކޮށް ކިޔާ އިރު، އަނެއް ބަޔަކު ކިޔާނީ އެކި ގޮތްގޮތަށް ފާސިދު ކޮށްގެންނެވެ. މި ކަމާ މެދު ވާހަކަ ދައްކާ އިރު، އަޅުގަނޑުމެން ހަނދާން ނައްތައިލައިގެން ނުވާނޭ ކަމަކީ، ދުނިޔޭގެ އެއްވެސް ބަހެއްގައި، އެ ބަހަކުން ވާހަކަ ދައްކާ އެންމެންނަކީ އެ ބަހެއްގެ އަޑުތަކާއި އަޑުމަޚްރަޖުގެ އުސޫލުތަކާއި ހަމަތަކަށް އެންމެ ފުރިހަމަ ގޮތުގައި ތަބާ ވެގެން ލަފުޒުތައް ކިޔައި ވާހަކަ ދައްކާ ބައެއް ނޫންކަމެވެ.

ފަހެ، ދުނިޔޭގެ ކޮންމެ ބަހެއްގައި ވެސް، އެ ބަހެއްގެ އެންމެ ފުރިހަމަ، އެންމެ އާނަންދަ، އަދި އެންމެ ސާފު ގޮތުގައި ވާހަކަ ދައްކަނީ އެ ބަހެއްގެ އަހުލުވެރީން ކުރެ ތައުލީމުޔާފުތާ އަދި ތަހުޒީބުވެރި މީހުން، ނުވަތަ އެހެނިހެން ބަސްބަހުގެ ނުފޫޒާ ދުރުގައި އުޅޭ މީހުން، ނުވަތަ ބަސް ފާސިދު ކޮށްފަނިވި އެހެން ވެސް ބަހާތަކާއި އަވާމިލުތަކާ ދުރުގައި އުޅޭ މީހުންނެވެ. މިސާލެއްގެ ގޮތުން، މުސްކުޅި ޒަމާނުގެ ޢަރަބީންގެ ތެރޭގައި، އެންމެ ޚާލިސް އަދި އެންމެ ރީތި ޢަރަބި ބަހުން ވާހަކަ ދައްކަނީ މައްކާ އާއި މަދީނާ އާއި ޠާއިފާއި ޚައިބަރު ފަދަ ބޮޑެތި ޝަހަރުތަކާ ދުރުގައި، ސަހަރާގެ ތެރޭގައި ބާދިޔަތުގައި އުޅޭ ޢަރަބީން ކަމަށް އެއްބަސް ވެވިފައި ވެއެވެ. މި ދެންނެވި ބޮޑެތި ޝަހަރުތަކުގެ މީހުން ކުރެ ތަނަވަސް އާއިލާތަކުގެ އަހުލުވެރީން އެމީހުންގެ ޅަދަރީން ކިރުމައިންނާ ހަވާލު ކޮށްފައި ބާދިޔަތަށް ފޮނުވައިއުޅުނުކަމާއި، އެގޮތަށް ފޮނުވައިއުޅުމުގެ މައިގަނޑު އެއް މަގުސަދަކީ ސާފު އަދި ރީތި ޢަރަބި ބަސް އެކުދީންނަށް ދަސް ކޮށްދިނުން ކަމާއި، އަޅުގަނޑުމެންގެ ލޮބުވެތި މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވެސް ތުއްޕުޅު އުމުރުފުޅުގައި ޙަލީމަތުއް ސަޢުދިއްޔާ (ﷲ އެކަމަނާއަށް ރުއްސުން ލައްވަވައި ސުވަރުގޭގެ ނިޢުމަތުގައި ލައްވަވާށިއެވެ) އެވެ ކިޔުނު މައިކަމަނާއެއްގެ ހަވާލުގައި ބާދިޔަތަށް ފޮނުއްވެވުނުކަން، މިއީ ތާރީޚުން ފެންނާން ހުރި ހަގީގަތްތަކެވެ. ދެވަނަ މިސާލަކަށް ބަލާ އިރު، އިނގިރޭސި ބަހުގައި ވެސް ތަފާތު އެކި ޖަމާއަތްތަކާއި ގިންތިތަކާއި ފަންތިތަކުގެ މީހުން ވާހަކަ ދައްކާ އުސްލޫބާއި ބަހުގެ އަޑުތައް ނެރޭ ގޮތް ތަފާތެވެ. އެއިގެ ތެރޭގައި [the Queen’s English] މި ނަމުން މަޝްހޫރު ވެފައި ވާ ގޮތެއް ނުވަތަ އުސްލޫބެއް އޮވެއެވެ. ކެމްބްރިޖް އޮންލައިން އިންގްލިޝް ޑިކްޝަނަރީގައި މި ނަން މާނަ ކޮށްދީފައި އޮންނަނީ، އެއީ "އިނގިރޭސި ވިލާތުގެ ދެކުނުގައި ވާހަކަ ދައްކާ، އަދި ބައެއް މީހުންގެ ނަޒަރުގައި އިނގިރޭސި ބަހުގެ ހެޔޮ ނުވަތަ ރަނގަޅު ގޮތް ދައްކައިދޭ މިންގަނޑު ކަމަށް ވާ އުސްލޫބު" މި ފަދަ ގޮތަކަށެވެ.

އެހެން ވީ އިރު، އަޅުގަނޑުމެންގެ ތެރޭގައި ވެސް ބައެއް މީހުން [ގުރުއާން] އާއި [މައުރިބު ނަމާދު] އާއި [ވުލޫ] އާއި [ހަލީފާ] އާއި [މުހައްމަދުގެފާނު] އާއި [ފަރުލު] އާއި [ބައާވާތް] އާއި [ބަގާވާތް] ފަދަ ގޮތްގޮތަށް ކިޔަސް، އެއީ މި ލަފުޒުތަކުގައި ވާ ޢަރަބި ބަހުން ދިވެހި ބަހަށް އައިސް ދިވެހި ވެފައި ހުރި، އަޑުތައް ދިވެހި ނުވާ ކަމަށް ބުނެ ދެއްކޭނޭ ހެއްކެއް ނޫނެވެ. އަދި ކީއްތޯއެވެ؟ ތައުލީމުޔާފުތާ އަދި ތަހުޒީބުވެރި ދިވެހީންނާއި ރީތިކޮށް ދިވެހި ބަހުން ވާހަކަ ދައްކާ ދިވެހީން ފާއިތު ވެދިޔަ އެތައް ޒަމާނެއްގައި މި އަޑުތައް ބޭނުން ކުރިއެވެ. އަދި މިހާރު ވެސް ބޭނުން ކުރޭ މެއެވެ. ވީމާ، އެ އަޑުތައް ދިވެހީން ބޭނުމެއް ނުކުރެޔޭ، އެއީ ބިދޭސީ އަޑުތަކެކޭ ބުނެވޭނޭ ގޮތެއް އޮތް ކަމަކަށެއް ނުފެނެއެވެ.

1. އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި، ތިކިތާނަ އަކުރުތަކުން ރަމްޒު ކުރާ 14 އަޑުގެ ތެރެއިން /ޙ/ އާއި /ޚ/ އާއި /ޝ/ އާއި /ޞ/ އާއި /ޟ/ އާއި /ޠ/ އާއި /ޢ/ އާއި /ޣ/ އާއި /ޤ/ މި 9 އަޑު ދިވެހި ވެފައި ވާ ކަމާ މެދު ބަހުސު ކުރާނޭ ޖާގައެއް ނެތެވެ. އެކަން އެނގެނީ މި އަޑުތައް ހިމެނޭ ޢަރަބި އެތައް ލަފުޒެއް ދިވެހި ބަހަށް އައިސް ދިވެހި ވެގެން ދިޔަ އިރު، އެ ލަފުޒުތައް ދިވެހީން އާއްމުކޮށް ކިޔައިއުޅެނީ މި އަޑުތަކާ އެކު ކަމަށް ވާ ވުމުންނެވެ. މައް ދިވެހީން މި އަޑުތައް ފަސޭހަކަމާ އެކު ނެރެ، އާއްމުކޮށް ބޭނުން ކުރާ ކުރުމުންނެވެ. މި ދަނޑިވަޅުގައި ފާހަގަ ކޮށް ދަންނަވާން ޖެހޭ އެއް ކަމަކީ، މި އަޑުތަކުގެ ތެރެއިން /ޝ/ ފިޔަވައި އެހެން އަޑުތައް ދިވެހި ވެފައި ވަނީ ޢަރަބި ބަހުގައި މި އަޑުތައް ހުންނަ ވަރަށް ވުރެ ލުއި އަޑުތަކެއްގެ ގޮތުގައި ކަމެވެ. ދިވެހި ބަހުގެ އަޑުމަޚްރަޖުގެ ނިޒާމުގެ ތެރެޔަށް ފެތި އަދި ގަރާރު ވާނޭ ގޮތަށް ބަދަލު ވެގެން ކަމެވެ. އަޅުގަނޑަށް ފެންނަ ގޮތުގައި /ޝ/ ދިވެހި ވެފައި ވަނީ ޢަރަބި އަދި އުރްދޫ ބަހުގައި ވެސް އެ އަޑު ނެރޭ ގޮތަށެވެ.

އަޅުގަނޑު މި ދެންނެވީ މި ކަމުގައި އެހެން ބައެއް ބެއިފުޅުން ވެސް ދެކެވަޑައިގަންނަވާ ގޮތެވެ. އެފަދަ އެއް ބެއިފުޅަކީ ދިވެހި ބަހުގެ އެކަޑަމީގެ މެންބަރު، ދިވެހި ބަސް ކޮމިޓީގެ މެންބަރު، އަދި ދިވެހި ބަހުގެ ޑިގްރީ އާއި، ޢަރަބި ބަހުގެ ޑިގްރީ ފުރިހަމަ ކުރައްވައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރުސިޓީގެ ފެކަލްޓީ އޮފް އާރޓްސްގެ ދިވެހި ބަހުގެ ޑިގްރީ ކޯހުގައި ފޮނެޓިކްސް މާއްދާ ދެ އަހަރު ވާންދެން ކިޔަވައިދެއްވި ބެއިފުޅެއް ކަމަށް ވާ އަލްފާޟިލް ޢިޔާޟް ޖާދުﷲ ނަސީމެވެ. އޭނާ އަޅުގަނޑުގެ ގާތުގައި ވިދާޅުވި ގޮތުގައި، ތިކިތާނަ އަކުރުތަކުން ރަމްޒު ކުރާ އަޑުތައް ދިވެހީން ބޭނުން ކުރޭތޯ ބެލުމަށް ޓަކައި އޭނާގެ ބެއްލެވުމުގެ ދަށުން، އޭނާ ކިޔަވައިދެއްވި ކުލާހެއްގެ ދަރިވަރުން ޕްރާޓް ސޮފްޓްވެއަރ ބޭނުން ކޮށްގެން ކުރި ދިރާސާއަކުން ވެސް، މި ދެންނެވި 9 އަޑު ދިވެހި ވެފައި ވާކަމަށް ހެކި ލިބިފައި ވެއެވެ. އެ ދިރާސާގައި ބެލިފައި ވަނީ ކުޑަ އިރުއްސުރެ މާލޭގައި ދިރިއުޅޭ، އާއްމު ބަހުރުވައިން ވާހަކަ ދައްކާ، އުމުރުން 30 އަހަރާއި 45 އަހަރާ ދެމެދުގެ، ބިދޭސީ އެއްވެސް ބަހެއް ނުދަންނަ ދިވެހީންގެ ތެރެއިން ދިރާސާގައި ބައިވެރި ކުރެވުނު މީހުން އެ އަޑުތައް ނެރޭތޯއެވެ. އެ ދިރާސާއިން ދެއްކީ މި އަޑުތައް ދިވެހީން ފަސޭހަކަމާ އެކު ނެރޭ ކަމަށާއި، އާއްމު ވާހަކަ ދެއްކުމުގައި މި އަޑުތައް ބޭނުން ކުރާ ކަމަށެވެ. ޕްރާޓް ސޮފްޓްވެއަރ އަކީ މީހުން ބަހުގެ އަޑުތައް ނެރޭ ގޮތް ތަހުލީލު ކޮށް ބެލުމަށް ޓަކައި ނެދަރލޭންޑްސްގެ ޔުނިވަރސިޓީ އޮފް އެމްސްޓަރޑެމްގެ ދިރާސާވެރީންގެ ޓީމަކުން ތައްޔާރު ކޮށްފައި ވާ ސޮފްޓްވެއަރއެކެވެ.

2. އިސް ވެދިޔަ 2 ވަނަ ނުކުތާގައި ދެންނެވި 9 އަޑު ފިޔަވައި، ތިކިތާނަ އަކުރުތަކުން ރަމްޒު ކުރާ އަނެއް 5 އަޑު – /ޘ/ އާއި /ޛ/ އާއި /ޡ/ އާއި /ޜ/ އާއި /ޥ/ – ދިވެހި ވެއްޖެތޯ ނުވަތަ ނޫންތޯ، މިއީ އެ ސުވާލަކާ މެދު ބަހުސް ކުރެވިދާނޭ ސުވާލެއް ކަމަށް އަޅުގަނޑު ދެކެމެވެ.

އަޅުގަނޑުގެ މިރުސާދަށް (observation) ފެންނަ ފެނުމުގައި، މި ދަންނަވާ 5 އަޑަކީ މައް ދިވެހި ދުލަށް އުނދަގޫ، އަދި މައް ދިވެހީންނަށް ދިވެހި ބަހުން ވާހަކަ ދެއްކުމުގައި ފަސޭހައިން ނުކިޔޭ 5 އަޑެވެ. މި އަޑުތައް ހިމެނޭ ޢަރަބި ލަފުޒުތައް މައް ދިވެހީން ކިޔާ އިރު، މުޅީން ކަހަލަ ގޮތަކަށް ނުވަތަ މުޅީން ވެސް މި އަޑުތައް ހުންނަނީ ދިވެހި މުސްކުޅި އަޑުތަކަށް ފުރޮޅި ބަދަލު ވެފައެވެ. އާއްމު ގޮތެއްގައި /ޘ/ ބަދަލު ވެފައި ހުންނަނީ /ސ/ އަކަށެވެ. /ޛ/ އާއި /ޡ/ ބަދަލު ވަނީ /ޒ/ އަށެވެ. /ޥ/ ބަދަލު ވަނީ /ވ/ އަށެވެ. /ޜ/ މި އަޑު ދިވެހީން ކިޔާ ކަމަށް ފެންނަނީ /ޒ/ އާއި /ޝ/ މި ދެ އަޑުން ކުރެ އަޑަކަށް ފުރޮޅައިގެންނެވެ. ޚާއްސަ ގޮތެއްގައި، /ޜ/ އާއި /ޥ/ މި ދެ އަޑަކީ ދިވެހީން ދިވެހި ބަހުން ވާހަކަ ދެއްކުމުގައި ހަމަ އެއްގޮތަކަށް ވެސް ބޭނުން ކުރާ ކަމަށް އަޅުގަނޑަށް ފާހަގަ ކުރެވިފައި ނުވާ ދެ އަޑެވެ.

މިހެން ދެންނެވިޔަސް، ބައެއް ދިވެހީން ދިވެހި ބަހުން ވާހަކަ ދެއްކުމުގައި މީގެ ތެރެއިން /ޘ/ އާއި /ޛ/ އާއި /ޡ/ މި އަޑުތައް ރީތިކޮށް އަދާ ކުރެއެވެ. މިސާލަކަށް، އަޅުގަނޑުމެންގެ ކުރީގެ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ޝަހީދު ޑރ. އަފްރާޝީމް ޢަލީ ފަދަ ބެއިބެއިފުޅުންނަކީ ދިވެހި ބަހުން ވާހަކަ ދައްކަވާ އިރު ވެސް ނިކަން ރީތިކޮށް މި ދަންނަވާ އަޑުތައް އަދާ ކުރައްވައިގެން ވާހަކަ ދައްކަވާ/ދެއްކެވި ބެއިފުޅުންނެވެ. އެ ބެއިފުޅުން [ހައިސިއްޔަތު] މި ގޮތަކަށް ވިދާޅެއް ނުވާނެއެވެ. ވިދާޅުވާނީ [ޙައިޘިއްޔަތު] މިހެންނެވެ. [ޒިކުރު} މިހެނެއް ނުކިޔުއްވާނެއެވެ. ކިޔުއްވާނީ [ޛިކުރު] މި ގޮތަށެވެ. [ޢުޘްމާނީ ދައުލަތް] އާއި [މަޛްހަބު] ފަދަ ލަފުޒުތަކާއި [ޢުޘްމާން ބިން މަޡްޢޫން] ފަދަ ނަންތައް ވެސް އެ ބެއިފުޅުން އަދާ ކުރައްވާތީ އިވިފައި ވަނީ ޚާލިސް ޢަރަބި އަޑުތައް ބޭނުންފުޅު ކުރައްވައިގެންނެވެ. ދިވެހި ބަހުގެ އަހުލުވެރީންގެ ތެރެއިން ދީނީ އިލްމުތަކުގެ އެހެން ބެއިފުޅުން ވެސް މި އަޑުތައް އާއްމުކޮށް ބޭނުންފުޅު ކުރައްވައެވެ. ދިވެހި ބަހުން ވާހަކަ ދައްކަވާ އިރު ވެސް، ދީނީ އިސްތިލާހުތަކާއި ޢަރަބި ނަންތައް އެ ބެއިފުޅުން ވިދާޅުވަނީ މި އަޑުތައް ބޭނުން ކުރައްވައިގެންނެވެ. އަދި ވަރަށް ގިނަ ދިވެހީން ނަބީރަސޫލުންނާއި އަޞްޙާބު ބެއިކަލުންގެ ނަންފުޅުތައް ކިޔާ އިރު، އުނދަގުލުން ވިޔަސް، މި އަޑުތައް ނެރެގެން ކިޔާން މަސައްކަތް ކުރާކަން ފާހަގަ ވެއެވެ.

އެހެންކަމުން، /ޘ/ އާއި /ޛ/ އާއި /ޡ/ މި ތިން އަޑު ވެސް ދިވެހީން އެއްގޮތަކަށް ވެސް ބޭނުމެއް ނުކުރެޔޭ ބުނުމަކީ ހަރުދަނާ އަދި ތެދުވެރި ވާހަކައަކަށް ވެދާނެތޯއޭ، މިއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ވަރަށް ސީރިޔަސްކޮށް ވިސްނައި ފިކުރު ކުރުމަށް ފަހު މެނުވީ އެ ސުވާލަކާ މެދު ގޮތެއް ނިންމައިގެން ނުވާނޭ ސުވާލެކެވެ. ފަށަމުން ވެސް ދެންނެވި ފަދައިން، އަޅުގަނޑުގެ ނަޒަރުގައި ޘ/ އާއި /ޛ/ އާއި /ޡ/ އާއި /ޜ/ އާއި /ޥ/ މި އަޑުތައް ދިވެހި ވެއްޖެތޯ ނުވަތަ ނޫންތޯ، މިއީ ބަހުސް ކުރެވިދާނޭ މައްސަލައެކެވެ. އިލްމީ މަންސަތަކުގައި – ހަގީގީ އިލްމީ މަންސަތަކުގައި – ބަހުސް ކުރާން ޖެހޭ މައްސަލައެކެވެ. ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރުސިޓީ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރުސިޓީ އާއި ދިވެހި ބަހުގެ އެކަޑަމީގެ ފަންނީ އެކިއެކި ކޮމިޓީތައް ފަދަ ތަންތަނުގައި، ބަހަވިއްޔާތުގެ އުސްތާޒުންނާއި ދަރިވަރުންނާއި ދިވެހި ބަހުގެ އިލްމިއްޔާގެ ބެއިފުޅުން ބައިވެރި ވެވަޑައިގަންނަވައިގެން ކުރާން ވީ ބަހުސެކެވެ.

ދެން، މި ދެންނެވި ވާހަކަތަކުގެ ޚާތިމާއަށް ދަމާ ހިންގަވާށެވެ! ތިކިތާނަ އަކުރުތަކުން ރަމްޒު ކުރާ އަޑުތަކުގެ ތެރެއިން ހަމަ ގައިމު ވެސް ގިނަ އަޑުތައް، ދިވެހީން އާއްމު ގޮތެއްގައި ބޭނުން ކުރެއެވެ. ޢަރަބި ބަހުން ދިވެހި ބަހަށް އައި އެތައް ސަތޭކަ ލަފުޒުތަކާ އެކު، އެ އަޑުތައް ވަނީ ދިވެހި އިސްތިއުމާލަށް ވަދެފައެވެ. ވީމާ، ބަހަވިއްޔާތުގެ އިލްމުގެ އަލީގައި ދެންނެވޭން އޮތް ބަހަކީ، އެއީ ދިވެހި ވެފައި ވާ އަޑުތަކެކޭ މިއެވެ. ތާރީޚީ ބަހަވިއްޔާތު (Historical Linguistics) ގެ އިލްމުވެރީން އަޅުގަނޑުމެންނަށް ވިދާޅުވެދެއްވާ ގޮތުގައި، ބަހަކީ ޒަމާނާ އެކު ބަދަލު ވަމުންދާ އެއްޗެކެވެ. ޒަމާނާ އެކު، ތަބީއީ ގޮތުން ބަސްތަކަށް ތަދުވީރީ ބަދަލުތައް (evolutionary changes) އައުމަށް މެދުވެރި ކުރާ އެތައް ސަބަބުތަކެއް ހުންނަ އިރު، އޭގެ ތެރެއިން އެއް ސަބަބަކީ އެހެން ބަހަކާ އުފެދޭ ގުޅުމުގެ ތެރެއިން އެ ބަހުގެ ނުފޫޒުގައި އަންނަ ބަދަލުތަކެވެ. މިއީ ތަބީއީ ކަމެކެވެ. ދުނިޔޭގައި މިފަދަ ބަދަލުތައް ތަޖުރިބާ ނުކުރާ އެއްވެސް ބަހެއް ނެތޭ ދެންނެވިދާނެއެވެ. މިފަދަ ބަދަލުތަކުގެ ތެރޭގައި، ބަހަށް އެންމެ ފުޅާ ދާއިރާއެއްގައި ވަންނަނީ ނުވަތަ ލިބިގަނެވެނީ ބިދޭސީ ބަހުގެ ލަފުޒުތަކެވެ. އާދެ، ލޯނު ކުރެވޭ ލަފުޒުތަކެވެ. ނަމަވެސް އެއީ ހަމައެކަނި ބިދޭސީ ލޯނު ލަފުޒުތަކާ ހަމައިން ނިމޭ ކަމެއް ނޫނެވެ. އެއް ބަހަކުން އަނެއް ބަހަށް އަޑުތައް (sounds or phonemes) ލިބިގަތުމަކީ ވެސް މި ގޮތުގެ މަތީން ހިނގާ ކަމެކެވެ. މި ހަގީގަތް ބަޔާން ކުރައްވަމުން، ވިލިއަމް އޯގްރެޑީ އާއި މައިކަލް ޑޮބްރޮވޯސްކީ އާއި ފްރޭންސިސް ކެޓޭމްބާ އެޑިޓް ކުރެއްވި ކޮންޓެމްޕޮރަރީ ލިންގުއިސްޓިކްސް: އޭން އިންޓްރޮޑަކްޝަން މި ފޮތުގެ ތިންވަނަ އިސްދާރުގެ 317 ވަނަ ސަފުހާގައި ރޮބަރޓް ޑަބްލިޔު. މަރޭއި ލިޔުއްވައިފައި ވާ އަންނަނިވި ޕެރެގުރާފު ކިޔުއްވައިލައްވާށެވެ!

މި ޕެރެގުރާފުގައި ފާހަގަ ކުރެވިފައި އެ ވާ ފަދައިން، އެކަށީގެން ވާ ފަދަ ފުޅާ ދާއިރާއެއްގައި އަދި އެކަށީގެންވާ ފަދަ ގިނަ ލަފުޒުތަކެއްގައި ބޭނުން ކުރެވޭ އަޑެއްގެ ގޮތުގައި ބިދޭސީ އަޑެއް، ބަހެއްގެ އަހުލުވެރީންގެ އިސްތިއުމާލުގައި ފެތުރި އާއްމު ވެއްޖެއްޔާ، އެ އަޑެއް އެ ބަހުގެ އަޑަކަށް ވީ ކަމަށް ބެލެވިދާނެއެވެ. ތިކިތާނަ އަކުރުތަކުގެ އަޑުތައް – މަދު ބައެއް އަޑުތައް އިސްތިސްނާ ވެގެން ވިޔަސް – މި އުސޫލާ އެއްގޮތަށް ދިވެހި އިސްތިއުމާލުގައި އާއްމު ވެ، އެކަށީގެން ވާ ފަދަ ފުޅާ ދާއިރާއެއްގައި، އަދި އެކަށީގެންވާ ފަދަ ގިނަ ލަފުޒުތަކެއްގައި ދިވެހީން ވަނީ ބޭނުން ކޮށްފައެވެ. އަދި މިއަދު ވެސް ދަނީ ބޭނުން ކުރަމުންނެވެ. އެހެންކަމުން، އެ އަޑުތައް ދިވެހި އަޑުތަކަކަށް ވެފައި ވާ ކަމީ، އަޅުގަނޑު ހިތުން އަޅުގަނޑުމެން ގަބޫލު ކުރާން ޖެހޭ ފައުޅުކަން ބޮޑު ހަގީގަތެކެވެ. އެކަން ގަބޫލު ނުކުރާން، އެކަމަށް އިންކާރު ކުރާން އުޅޭ އުޅުމަކީ އަޅުގަނޑު ހިތުން ހަގީގަތަށް ފުރަގަސް ދިނުމެކެވެ. ކޮންމެ ނިޔަތެއްގައި، ކޮންމެ ވިސްނުމެއްގައި ނަމަވެހެވެ.

ދިވެހި ވެފައި ވާ އަޑުތަކެއް ލިޔާން ބޭނުން ކުރާ އަކުރުތައް ވެސް ވާނީ، ބަހަވީ އިލްމުގެ ހަމަތަކުގެ މަތީން، ދިވެހި އަލިފުބާގެ އަކުރުތަކަކަށެވެ. އެހެންކަމުން، ދިވެހި ވެފައި ވާ ތިކިތާނަ އަޑުތައް ލިޔާ ތިކިތާނަ އަކުރުތައް ވެސް ވާނީ ހަށަނަރަ އެހެން އަކުރުތަކެކޭ އެއްފަދައިން ދިވެހި އަކުރުތަކަކަށެވެ. ތާނަ އަކުރުތަކަކަށެވެ. މި މަޒުމޫނުގެ 1 ވަނަ އަރިމަތީ ސުރުޚީގެ ދަށުން ދެއްކި ވާހަކަ ނިންމައިލަމުން، އަދި މި ބައި ފަށަމުން، ދެންނެވި ސުވާލަށް އަޅުގަނޑުގެ ޖަވާބަކީ މިއެވެ. އާދެ، 2000 ވަނަ އަހަރު ދިވެހި ބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުން ނިންމެވި ނިންމެވުމަކީ މުޅީން މަޒުބޫތު (accurate) ނޫނަސް، ރަނގަޅު ވިސްނެވުމެއްގައި ނިންމެވި ރަނގަޅު ނިންމެވުމެކެވެ. އެ ނިންމެވުމުގައި ގޯހެއް އޮތިއްޔާ، އެ ގޯހަކީ [ޘ] އާއި [ޛ] އާއި [ޡ] އާއި [ޜ] އާއި [ޥ] މި އަކުރުތަކަކީ – ޚާއްސަކޮށް [ޜ] އާއި [ޥ] މި ދެ އަކުރު – ދިވެހި ވެފައި ވާ އަކުރުތަކެއް ކަމަށް ކަނޑައެޅުއްވުމެވެ. ވީމާ މި ނުކުތާގެ ދާއިރާގައި – ޔައުނީ، [ޘ] އާއި [ޛ] އާއި [ޡ] އާއި [ޜ] އާއި [ޥ] މި އަކުރުތަކަކީ އަޅުގަނޑުމެންގެ އަލިފުބާއަށް ލާން ޖެހޭ އަކުރުތަކެއްތޯ މި ނުކުތާގައި – ޤައުމީ މަރުކަޒުގެ ނިންމެވުން މުރާޖައާ ކޮށްލުމަކީ ކުރެވިދާނޭ ކަމެކެވެ. ނަމަވެސް އެގޮތުން ކުރާ މުރާޖައާގެ މަސައްކަތެއް ކުރައްވާން ވާނީ، ކުރީން ވެސް ދެންނެވި ފަދައިން، އިލްމީ ގޮތުން ގާބިލު ބެއިފުޅުންނެވެ. ދިވެހި ބަހުގެ އިލްމިއްޔާގެ ބެއިފުޅުންނެވެ. ބަހަވިއްޔާތުގެ އިލްމާއި، ދިވެހި ބަހުގެ އިލްމުތަކާއި، ދިވެހި އަދަބިއްޔާތުގެ އުސްތާޒުންނެވެ. އަދި އެ ކަން ކުރެވޭން ވާނީ އިލްމީ އަދި ދިރާސީ މަންހަޖާ (academic and research methodology) އެއްގޮތަށެވެ. މި ކަމަކީ އަޅުގަނޑުމެން ކުރެ، ދިވެހި ބަހާއި ބަހަވިއްޔާތުގެ އިލްމާ މެދު ޝައުގުވެރިކަން ހުރުން ނުވަތަ އެ ކަންކަމާ މެދު ދާދި ކުޑަކުޑަ މިންވަރެއް އެނގުން ފިޔަވައި އެހެން ކަފާޔަތެއް ނުވަތަ ކޮލިފިކޭޝަނެއް ނެތި، ޚިޔާލު ފައުޅު ކުރުމުގެ މިނިވަންކަމާއި މީސްމީޑިޔާގައި ޒުވާބު ކުރާނޭ ވަގުތު އޮތަތީ ތިމާމެންގެ ޚިޔާލަށް ފެންނަހައި އެއްޗެއް ކިޔަމުން އިއްވަމުން ގެންދާ ބައެއްގެ ބަހަށް ނިންމިގެން ވާނޭ ކަމެއް ނޫނެވެ. އަދި މިއީ ހޮޅުއަށީގެ ގެރިޒުވާބީ މަންހަޖާ އެއްގޮތަށް ކުރެވިގެން ވާނޭ ކަމެއް ނުމެ ނޫންމެއެވެ.

3.2 ދިވެހީން ވަނީ ތިކިތާނަ އަކުރުތައް ބަލައިގެންފައި

ތިކިތާނަ އަކުރުތަކުން ރަމްޒު ކުރެވޭ އަޑުތައް އެކަންޏެއް ނޫނެވެ. 1957 ގައި ވުޒާރަތުލް މަޢާރިފުން އެ އަޑުތައް ލިޔުމަށް ޓަކައި ތައާރަފު ކުރެއްވި ތިކިތާނަ އަކުރުތައް ވެސް، ދިވެހި މުޖުތަމައުގައި ބަލައިގަނެވުނެވެ. މިއީ ތާރީޚީ ވާގިޔާއެކެވެ. ދިވެހި އަދަބިއްޔާތާއި ލިޔުންތެރިކަމުގެ އަހުލުވެރީން ވެސް އަދި ދިވެހި ކިޔުންތެރީން ވެސް، ތިކިތާނަ އަކުރުތަކުގެ ސަބަބުން ދިވެހި ބަހަށް ގެއްލުމެއް ވެޔޭ ކިޔައިފައި ޝަކުވާތަކެއް ނުކުރެއެވެ. ތިކިތާނަ އަކުރުތައް ތައާރަފު ކުރެވުނު ދުވަހުން ފެށިގެން ދިވެހި ބަހުގައި އެ އަކުރުތައް އައީ ބޭނުން ކުރެވެމުންނެވެ. 1957 އިން ފެށިގެން ރާއްޖޭގައި ނެރެވެމުން އަންނަ ފޮތްތަކާއި ނޫސްމަޖައްލާތަކުން ފެށިގެން ގޮސް ދިވެހީންގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުތަކާއި، އަމިއްލަ ފަރުދުން ލިޔާ ސިޓީތަކާއި ފުރައިފައި ހުންނަ ފޯމުތައް ފަދަ ލިޔުންތަކުގެ އަރުޝީފު ރެކޯޑުތައް ބައްލަވައިލެއްވީމާ އެކަން ފެނިވަޑައިގަންނަވާނެއެވެ. އެ އަކުރުތަކަށް މުސްކުޅި ޒަމާނުގައި ކުރެވުނު ހަމައެކަނި އިއުތިރާޒަކީ، ޢަރަބި ބަހުން ދިވެހި ބަހަށް އައިސްފައި ހުރި ލަފުޒުތައް ހަމަ ޢަރަބި އަކުރުން ލިޔުމަށް ތަރުޖީހު ދެއްވި ބެއިފުޅުންގެ އިއުތިރާޒެވެ. ތިކިތާނަ ތައާރަފު ކުރެވުނު ފަހުން ވެސް، އެތައް ޒަމާނެއް ވާންދެން ދިވެހި ލިޔުންތަކުގައި ޢަރަބި ލަފުޒުތަކާއި ނަންތައް ވަރަށް އާއްމު ގޮތެއްގައި ޢަރަބި އަކުރުން ލިޔެވިފައި ހުރުމުގެ ސަބަބަކީ މިއީ ކަމަށް ވުން އެކަށީގެން ވެއެވެ.

ފަހުގެ ދައުރުތަކުގައި ކުރެވިފައި ހުރި ބައެއް ދިރާސާތަކުން ވެސް، ދިވެހި ބަހުން ލިޔެއުޅުމުގައި ތިކިތާނަ އަކުރުތައް ރަނގަޅަށް ބޭނުން ކުރުމަކީ ދިވެހި ބަހުގެ ލިޔުމުގައި ކުރާން ޖެހޭ ކަމެއް ކަމަށް ދިވެހީންގެ ގިނަ ބަޔަކު ދެކޭކަމަށް ދައްކައެވެ. އެފަދަ އެއް ދިރާސާ އަކީ ތިކިޖެހިތާނައިގެ ޤަވާޢިދާ އެއްގޮތަށް ލިޔުމުގައި ތިކިޖެހިތާނަ ބޭނުން ކުރުން މި މައުޒޫގެ މައްޗަށް ގައުމީ ޔުނިވަރުސިޓީގެ ފެކަލްޓީ އޮފް އާރޓްސްގެ ދަރިވަރު ޢަބްދުލްމުހައިމިން ޙުސައިން 2017 ވަނަ އަހަރު ކުރެއްވި ދިރާސާއެވެ. ރ. އަތޮޅަށް ފޯކަސް ކުރައްވައިގެން އޭނާ ކުރެއްވި ދިރާސާއިން ދެއްކީ، ދިރާސާގައި ބައިވެރި ކުރެވުނު ސާނަވީ ގުރޭޑުތަކުގެ ދިވެހި ދަރިވަރުންގެ %86.39 އަދި މުދައްރިސުންގެ %95.83، ދިވެހި ބަސް ލިޔުމުގައި ތިކިތާނަ ބޭނުން ކުރާން ވާނޭ ކަމަށް ގަބޫލު ކުރާ ކަމަށެވެ.

އަޅުގަނޑުގެ އަމިއްލަ ތަޖުރިބާގެ އަލީގައި ވެސް ދެ ވާހަކައެއް ދަންނަވައިލާނަމެވެ.

2010 އިން 2017 އަށް ދިވެހިރާއްޖޭގެ ޔުނިވަރުސިޓީތަކާއި ބައެއް ކޮލެޖުތަކުގައި ފުރަތަމަ ޑިގްރީ އަދި މާސްޓަރޒް ކޯސްތަކުގެ އެތައް ބެޗެއްގެ އެތައް ސަތޭކަ ދަރިވަރުންނަށް ކިޔަވައިދިން އިރު، އެސައިންމަންޓުތަކާއި އިމްތިހާނު ކަރުދާސްތަކުގެ އެތައް ހާސް ސަފުހާއެއް އަޅުގަނޑު މާކު ކުރީމެވެ. އެ އެއްޗެތީގައި ދަރިވަރުން ލިޔެފައި ހުންނަނީ ތިކިތާނަ ބޭނުން ކޮށްގެންނެވެ. ލިޔުމުގައި ދަރިވަރުން އެއްގޮތަކަށް ވެސް ކުށް ނުޖަހައެއް ނޫނެވެ. ނަމަވެސް މުހިއްމު ނުކުތާ އަކީ އެމީހުން ތިކިތާނަ ބޭނުން ކުރާކަމެވެ. ކީއްވެގެންތޯއެވެ؟ އާދޭހެވެ! ތިކިތާނަ ބޭނުން ކުރާން ޖެހޭ ކަމަށް އެމީހުން ގަބޫލު ކުރަނީއެވެ. ތިކިތާނަ އަކީ ދިވެހި ލިޔުމުގެ ބައެއް ކަމަށް އެމީހުންނަށް ގަބޫލު ކުރެވިފައި އޮންނަނީއެވެ.

މި ދެންނެވީ ފުރަތަމަ ވާހަކައެވެ.

ދެވަނައަކީ މި މަޒުމޫނު ޝާއިއު ކުރާން ފެށުމުގެ ކުރީން، ތިކިތާނަ އުވައިލުމާ މެދު އާއްމު ޚިޔާލު ހުރިނެތް ގޮތް ހަނި ދާއިރާއެއްގައި ނަމަވެސް އަމިއްލަޔަށް ބަލައިލުމުގެ ގޮތުން އަޅުގަނޑު ކުރި ކަމެއްގެ ވާހަކައެވެ. އަޅުގަނޑުގެ ފޭސްބުކް ވޯލްގައި ސުވާލެއް ޝާއިއު ކޮށްގެން، ތިކިތާނަ އުވައިލުމާ މެދު އަޅުގަނޑުގެ "ފޭސްބުކް އެކުވެރީންގެ" ޚިޔާލުފުޅުތައް ހުރިނެތް ގޮތް ބެލީމެވެ. އީޖާބު ދެއްވި ބެއިފުޅުންގެ ތެރެއިން %97.9 ބެއިފުޅުން ވިދާޅުވީ ތިކިތާނަ އުވައިލުމަކީ ގޯހެއް ކަމަށެވެ. މި ތަޖުރިބާއިން އަޅުގަނޑަށް ފާހަގަ ކުރެވުނު އެއް ކަމަކީ، ތިކިތާނަ އުވައިލައިގެން ނުވާނެޔޭ ވިދާޅުވެ ޚިޔާލު ފައުޅު ކުރެއްވި ބެއިފުޅުންގެ ވާހަކަތަކުގެ ހަރުދަނާކަމެވެ. ތިކިތާނަ އަކުރުތަކުގެ ހައިސިއްޔަތާއި، އަހައްމިއްޔަތާއި، ތުރާސެއް އަދި ދިވެހި ބަހުގެ އިމްލާއިއްޔަތުގެ މުހިއްމު އުންސުރެއްގެ ގޮތުގައި އެ އަކުރުތައް ދަމަހައްޓާން ޖެހޭ ސަބަބުތަކާ މެދު އެ ބެއިފުޅުންގެ ހެއިލުންތެރިކަން ހުރި މިންވަރުގެ ބޮޑުކަމެވެ. ގިނަ ބެއިފުޅުން ހުރީ ވަރުގަދަ އަގުލީ އަސާސްތަކެއްގެ މަތީގައި، ތިކިތާނަ އުވައިލުން ގޯހަކަށް ވާނޭ ސަބަބުތަކަށް ވެސް ބައްލަވައިލައްވައިފައެވެ. އަޅުގަނޑު ވެސް އެއްބަހެވެ. މި ބާވަތުގެ މަސައްކަތަކުން، މުޅި މުޖުތަމައުގެ ވިސްނުން ހުރި ގޮތް މަޒުބޫތު ގޮތެއްގައި ނުފެންނާނެއެވެ. ނަމަވެސް މިއީ ވެސް އާއްމު ވިސްނުން ހުންނަނުހުންނަ ގޮތުގެ މައްޗަށް އެކަށޭނަ ގޮތެއްގައި އަލި އަޅުވައިލާ އިޝާރާތްތަކުގެ ތެރެއިން އިޝާރާތެއް ކަމަށް، ދިރާސީ މަންހަޖުގެ ތަޖުރިބާކާރުން އެއްބަސް ވެވަޑައިގެންފައި ވެއެވެ.

މި މަޒުމޫނުގެ މަސައްކަތް ކުރަމުން ދިޔަ އިރު، ދިވެހިރާއްޖޭގެ އެންމެ ކުޅަދާނަ އަދީބުންނާއި ލިޔުންތެރީންނާއި ޝާއިރުންގެ ޚިޔާލުފުޅު މި ކަމުގައި ހުރީ ކިހިނެއްތޯ ވެސް އަޅުގަނޑު ބަލައިލީމެވެ. ބައެއް ބެއިބެއިފުޅުންނާ ގުޅާން އަޅުގަނޑު ކުރި މަސައްކަތް ކާމިޔާބު ވާ ގޮތެއް ނުވިއެވެ. ގުޅާން މަސައްކަތް ކޮށް، ނަސީބު ދެރަ ކަމުން އަޅުގަނޑަށް ގުޅޭ ގޮތް ނުވި އެންމެ މުހިއްމު ބެއިފުޅުންނަކީ އައްނަބީލާ ޙަބީބާ ޙުސައިން ޙަބީބާއި، އަލްފާޟިލާ ނަސީމާ މުޙައްމަދު ކަލޭފާނާއި، އަލްފާޟިލް މަޑުލު މުޙައްމަދު ވަޙީދެވެ. އަޅުގަނޑަށް ފޯނުން ނުވަތަ މެސެޖުގެ ޒަރީއާއިން ވާހަކަ ދެކެވުނު ހަމަ ހުރިހައި ބެއިފުޅުން ވެސް ގަބޫލުފުޅު ކުރައްވަނީ، ތިކިތާނަ އުވައިލުމަކީ އަދި އެ އަކުރުތައް ދޫ ކޮށްލުމަކީ ކޮށްގެން ވާނޭ ކަމެއް ނޫން ކަމަށެވެ. ގިނަ ބެއިފުޅުން ވަރަށް ބާރު ލައްވައި ވިދާޅުވެފައި ވަނީ ތިކިތާނަ އަކީ ދިވެހި އިމްލާއިއްޔަތަށް މުހިއްމު، އަދި އުވައިނުލައި ރައްކައުތެރި ކޮށް ދަމަހައްޓާން ޖެހޭ ތުރާސެއް ކަމަށެވެ. އެ ބެއިބެއިފުޅުންގެ ނަންފުޅުތައް ތިރީގައި އެވަނީއެވެ. ނަންފުޅުތައް ތަރުތީބު ކުރެވިފައި އެވަނީ މައިކްރޯސޮފްޓް ވޯރޑުގައި ތާނަ އަކުރުތައް އޮޓޮމެޓިކުން ތަރުތީބު ކުރެވޭ ގޮތަށެވެ.

1. ނިޝާން ޢިއްޒުއްދީންގެ ވެރިޔާ އަލްފާޟިލް ޢަބްދުއްރަޝީދު ޙުސައިން

2. ނިޝާން ޢިއްޒުއްދީންގެ ވެރިޔާ އަލްފާޟިލް ޢައްބާސް އިބްރާހީމް

3. އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު

4. އައްޝައިޚް އަޙްމަދު ފާރޫޤު މުޙައްމަދު

5. އަލްއުސްތާޒު ޢަބްދުލްޢަޒީޒް ޖަމާލް އަބޫބަކުރު

6. އަލްފާޟިލް ޙަސަން ޝާކިރު މުޙައްމަދު

7. އަލްފާޟިލް އަޙްމަދު ސަމީރު

8. އަލްފާޟިލް އާދަމް ޙަލީމް ޢަދްނާން

9. އަލްފާޟިލް އާދަމް ނަޞީރު އިބްރާހީމް

10. އަލްފާޟިލް އާދަމް ޢަބްދުއްރަޙްމާން (އުތީމު އާދަންބެ)

11. އަލްފާޟިލް ޢަބްދުﷲ ނަޢީމް އިބްރާހީމް

12. އަލްފާޟިލް ޢަބްދުﷲ ފާރޫޤު ޙަސަން

13. އަލްފާޟިލް ޢަބްދުﷲ ޞާދިޤު (ޞާދުބެ)

14. އަލްފާޟިލް ޢިޔާޟް ޖާދުﷲ ނަސީމް

15. އަލްފާޟިލް މުޙައްމަދު ޝާހިދު ޙަލީމް

16. ފަޟީލަތުއް ޝައިޚުލް އަލްއުސްތާޒު އިބްރާހީމް ރަޝީދު މޫސާ

17. ޑރ. ޙަސަން ޙަމީދު

18. ޑރ. އަޝްރަފް ޢަބްދުއްރަޙީމް

19. ޑރ. ޢަބްދުލްޣަފޫރު ޢަބްދުއްރަޙީމް

20. ޑރ. މުޙައްމަދު ޤުބާދު އަބޫބަކުރު

މި ލިސްޓުގައި ދިވެހި ގައުމުގައި ތިއްބެވި އެންމެ ފުންނާބު އުސް އަދީބުން، ލިޔުންތެރީން، ޅެންވެރީން، އަދި ބަސްވާރުންގެ ގާތްގަނޑަކަށް ހުރިހައި ބެއިފުޅުންގެ ނަންފުޅުތައް އެބަހުރި ނޫންތޯއެވެ؟ މި ބެއިބެއިފުޅުންގެ ލިޔުއްވުންތަކާއި ޅެންތައް ބައްލަވާށެވެ! މި ބެއިފުޅުން ހުންނަނީ ތިކިތާނަ ބޭނުން ކުރައްވައިފައެވެ. މި ބެއިފުޅުންގެ ލިޔުއްވުންތަކާއި ޅެންތައް ދިވެހި ރައްޔިތުން ބަލައިގަނެއެވެ. މި ބެއިފުޅުން ތިކިތާނަ ބޭނުން ކުރައްވާކުރެއްވުމަކީ މައްސަލައެއް ކަމަށް ވެގެނެއް ދިވެހި ބަހުގެ އަހުލުވެރީން އުޅޭ ކަމަކަށް ނުފެނެއެވެ. ކަންބޮޑު ވެގެން އުޅުއްވާ ކަމަށް ފެންނަނީ މަދު ބެއިފުޅުންކޮޅެކެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް