ރޯދަ ސިއްހަތު: އޮފީސް މޭޒުދޮށުގައި ގިނަ އިރު ތިބޭ މީހުންނަށް ހާއްސަ

އުނަގަނޑުގައި ރިއްސުމަކީ ޑޮކްޓަރުންނާއި ނަރުހުންގެ އާންމު ޝަކުވާއެކެވެ. އުނނަގަނޑުގައި ރިއްސުމަކީ އުމުރާއި ގުޅިފައިވީ ކަމެއް ކަމުގައިވީނަމަވެސް މިއަދު މިއީ މިކުޑަ ރާއްޖޭގައިވެސް އާންމު ކަމެކެވެ. އަދާކުރަންޖެހޭ ވަޒީފާއަކަށް ޖާނާއި މާލުން ފިދާވުމަކީ އަހަރުމެންގެ އާދައެއްވެސް މެއެވެ. ސަބަބުތަކެއް ނެތިއެއްވެސް ނޫނެކެވެ. އެތަކެއް ދަލެއް އޮހޮރުވައިން ކުރާ މަސައްކަތުން އަނގަޔާއި އަތާ ދިމާވަނީ ކިރިޔާއެވެ.

އެގޮތުން ބަލަނީނަމަ މިރާއްޖެއަކީވެސް މަސައްކަތްތެރި ބައެއް އުޅެމުންދިޔަ ތަނެކެވެ. އަމިއްލަ މަސައްކަތުން ދިރިއުޅުމުގެ ކަންކަން ފުއްދައިގެން އުޅުނު މުރާލި، ހީވާގި ބައެއް ވަޒަންވެރިވެފައިވާ ގައުމެއްވެސް މެއެވެ. ނަމަވެސް މިއަދު މަންޒަރު މުޅިންވެސް ތަފާތެވެ. ޒަމާނަށް އައި ކުރިއެރުމާއިއެކު ދިވެހީންގެ ވިސްނުން މަސްހުނި ވެއްޖެއެވެ. ކިތަންމެ ފުއްދުންތެރި ބައެއްކަމުގައި ދެއްކެން އުޅުނަސް އަހަރުމެންނަކީ އެހުން މީހުންނަށް ބަރޯސާ ނުވެ އުޅެވޭހާ ފެންވަރެއް ހުރިބައެއް ނޫނެކެވެ. ތަށި ދޮންނަން ވިޔަސް، ކަންމަތީ ފިހާރައިން އެއްޗެއް ގަންނަން ޖެހުނަސް އެކަމަށް ހުންނަނީ ބިދޭސީއެކެވެ. ހީވާގި ދިރިއުޅުން ދޫކޮށްލާ އަހަރުމެން މިއަދު މިވަނީ ކަންނެތް ޖީލަކަށް ވެފައެވެ. އެއް އިރެއްގައި ފަހުރެއްކަމުގައި ދެކުނު މުލައްދަނޑީގެ ބާރު ބީވެ މަސްނުވީ ސިކުނޑިއާއި މޭޒުމަތީ ވަޒީފާގެ އަވައިގައި ޖެހިފައެވެ. ކޮންމެ ކަމަކުންވެސް ފަސޭހަ ގޮތެވެ. އެއީ އަހަރުމެން އިންސާނުންގެ ތަބީއަތުގައި ލައްވަވާފައިވާ ކަމަކަށް ވީއިރު އެއީވެސް ބަދަލުކޮށްލަން އުނދަގޫކަމެއް ކަމުގައެއް ނުދެކެމެވެ. ބުނަން މިއުޅެނީ މަސައްކަތެއް ނުކުރާށޭ އެއް ނޫނެކެވެ. ނަމަވެސް ކުރަންޖެހޭ މަސައްކަތެއްގެ ސަބަބުން ގިނައިރު އެއްތަނެއްގައި ނުތެދުވެ އިނުމުން ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތަކަށް އަހުލުވެރިވުމުގެ މުހިންމުކަމެވެ.

މިރާއްޖެއަކީ ކުރިއަރާ ޗާޓުގެ ފައިހިއްޕަމުންދާ ތަރައްގީ އެތައް ގައުމުތަކާއި އަޅާ ބަލާއިރު މަސައްކަތުގައި ހޭދަވާ ވަގުތު އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ފާހަގަކުރެވޭ ގައުމެކެވެ. ހަފްތާއަކު ތިރީސް ގަޑިއިރާއި ސާޅީސް ގަޑިއިރާއި ދެމެދުގެ މިނަކަށް މަސައްކަތްކުރަންޖެހޭ ދިވެހި މުވައްޒަފުންގެ އެންމެ ގިނަ އެއް ޝަކުވާއަކަށް ވެފައިވަނީވެސް އާންމުދިރިއުޅުމުގެ ކަންތައްތަކަށް ވަގުތު ނުލިބުމެވެ. ތިމާގެ ހަށިގަނޑައްދޭންޖެހޭ ފަރުވާތެރިކަން ނުދެވި އުޅެންޖެހުމެވެ. ކަސްރަތެއްނެތި އުޅެންޖެހުމެވެ. ސިއްހތަށް ފައިދާއެއްނެތް ކާނާތަކަށް މީހާހުށައެޅި ބައްޓަން ހިފިނުހުރެވޭ ވަރަށް ބޮއްސުން ލައިގެން ދިއުންވެސްމެއެވެ. ދިވެހި ވަޒީފާގެ ބާޒާރުގައި އެންމެ ގިނައެއް މަސައްކަތްތަކަކީ މޭޒުމަތީ މަސައްކަތްތައްކަން ކަށަވަރެވެ. މިއީ އެމަސައްކަތެއްގެ ސަބަބުން މީހާގެ އުމުރުކުރުވާކަމެއްކަން އެނގެނީ ތިޔައިގެ ތެރެއިން ކިތައް ބޭފުޅުންނަށް ބާވައެވެ. މަސައްކަތުގެ ސަބަބުން ޖާނުން ފިދާވުމޭ މި ބުނަނީ އެމާނައިގައެވެ. ދިރާސާތަކުން ދައްކާގޮތުގައި މާގިނައިރު އޮފީހުގެ މޭޒުކައިރީގައި ތިބޭ މީހުންނަށް ހިތުގެ ބަލީގެ ނުރައްކާ ވަރަށްވެސް ބޮޑެވެ. ހަމަ މިއާއިއެކު ހިރިނުލާ ގިނައިރު އެއްތަނެއްގައި އިނުމުގެ ސަބަބުން އެމީހާގެ ސިކުނޑީގެ ސިއްހަތަށް ގެއްލުންވެ މީހާ ނަފްސާނީގޮތުން ބަލިކަށިކޮށް، ކޮލޮން ކެންސަރު ކަހަލަ ނުރައްކާތެރި ބަލިތައް ޖެހުމުގެ ނުރައްކާ އިތުރުވެ އެތައް މައްސަލަތަކާއި ކުރިމަތިވުން ހިމެނެއެވެ.

މިކަމާއި ބެހޭ ގޮތުން ސިއްޙީ ތަޖުރިބާކާރުން ދޭ އިރުޝާދަކީ މަސައްކަތުގެ މާހައުލުގައި ކިތަންމެ އަވަދިނެތި އުޅެން ޖެހުނު ނަމަވެސް އެކަމަކަށް ކަނޑައެޅިފައިވާ ވަގުތަކާއި މިންވަރަށް މެނުވީ މަސައްކަތް ނުކުރަމަށެވެ. ކުރާ މަސައްކަތެއް ރަނގަޅަށް ކުރުވޭނީވެސް ދިރިއުޅުމުގެ އެހެން ކަންތައްތަކަށް ބުރޫނާރާ ގޮތަށް މީހާގެ މަސައްކަތުގެ ތާވަލު އެތުރިގެންނެވެ. އަދި ދުޅަހެޔޮކަންމަތީ ދެމިހުރެވިގެންކަންވެސް ޔަގީނެވެ. އެހެންކަމުން އުނަގަނޑުގެ މައްސަލައިގަ ފަސޭހައިން ކުރެވިދާނެ ކަމަކަށް ބަލާއިރު ކޮންމެ މަސައްކަތެއް ކުރިކަމުގައިވިޔަސް އުނަގަނޑަށް ސަޕޯޓް ލިބޭނެފަދަގޮތަކަށް ހަރަކާތްތެރިވެ އުޅުން ވަރަށް މުހިންމެވެ. އަދި ހާއްސަ ގޮތެއްގައި އިށީނދެ އިންނަ ވަގުތުތަކުގައި ބުރަކަށި ސީދާކޮށްގެން އިށީނުން ބުއްދިވެރިއެވެ.

ބުރަ ދުވަހަކަށް ފަހު ތިރީގައި މިބުނެފައިވާ ކަސްރަތުތައް ކޮންމެ ދުވަހެއްގައިވެސް ހިމެނުން ބުއްދިވެރިއެވެ.

1. ޕެކްސް (ބާސަނަ/ގަމަތަ ނުވަތަ މޭމަތި/އުރަމަތި މަސް)

އާންމުކޮށް އިށީނދެގެން އިނުމުގެ ތެރޭގައި ކޮނޑު ވަށްކޮށް ގޮނިވެގެން އިނދެވުމަކީ އަހަރުމެންގެ އާދައެކެވެ. ނަތީޖާއެއްގެ އޮތުން މޭމަތީގެ މަސްތައް ކުރުވެ ބާރުވުން ހިމެނެއެވެ. އެ މަސްތަކަށް ކުޑަކޮށް ލުޔެއްދިނުމުގެ ގޮތުން ދޮރެއްކައިރީ ހުރެ ކޮނޑާއިއެއް ހަމަޔަކަށް އަތްހިއްލާ މޭމަތީގެ މަސްތަކަށް ބާރުވާނެހެން ދޮރުގައި އަތްޖެއްސެމަށްފަހު ވާންކޮށްލާށެވެ.

2. ހިޕް ފްލެކްސަސް (ދަގުރަ ނުވަތަ އުނަގަނޑުކައިރި މަސްތައް)

އަބަދު އިށީދެގެން އިނުމުގެ ސަބަބުން މޭމަތީގެ މަސްތަކުގެ އިތުރުން އުނަގަނޑުގެ މަސްތައްވެސް ކުރުގެޅުމަކީ އާންމު ކަމެކެވެ. އެމަސްތަކަށް ފަސޭހައެއް ދިނުމުގެ ގޮތުން ލަންޖް ޕޮސިޝަން އަށް ގޮސް ބުރަކަށި ސީދާވާނެހެން ފައިރަނގަޅަށް ދަމާލާފަ ހިފަހައްޓާލާށެވެ.

3. ހެމްސްޓްރިންގް (ފަލަމަސްގަނޑުގެ ފަހަތު: ފޫކޮޅާއި ކުޑަކަޅުވާ އާއި ދެމެދު މަސްތައް)

ބިންމަތީ ނުވަތަ ގޮދަނޑިއެއް މަތީ ބުރަކަށި ރަނގަޅަށް ޖެހޭނެހެން އޮށޯވެލުމަށްފަހު ފާރެއް ނުވަތަ ސީދާ ތަނަކަށް ފައިވިއްދާލުމަށްފަހު ފަހަތު މަސްގަނޑަށް ވާންވާވަރަށް ހިފަހައްޓާލާށެވެ.

ނޯޓު: ރިޔާޝް ރިޔާޒަކީ އެރިޒޯނާ ސްޓޭޓް ޔުނިވާސިޓީން ބަޗެލާ އޮފް ސައިންސް އިން އެކްސަސައިޒް ސައިންސް އެންޑް ނިއުޓރިޝަން ހާސިލުކޮށްފައިވާ، އަދި ހަ އަހަރުގެ ތަޖުރިބަ ލިބިފައިވާ ސެޓިފައިޑް ނިއުޓްރިޝަނިސްޓް އަދި މާސްޓާ ޓްރެއިނާއެކެވެ. ރާއްޖޭގެ ފިޓްނަސް އިންޑަސްޓްރީގައި 50 އަށް ވުރެ ގިނަ ޕްރޮފެޝަނަލުން އުފައްދާފައިވާ ރިޔާޝް މަސައްކަތްކުރަނީ ފިޓްޒޯން ޖިމްގެ މެނޭޖަރެއްގެ ގޮތުގަ އެވެ.

comment ކޮމެންޓް