އަލީ ވަހީދު ގެންނަން ރެޑް ނޯޓިސް ނެރެވިދާނެ: ޕީޖީ

ޖުލައި 14، 2020: ޕީޖީ ހުސައިން ޝަމީމް ނޫސްވެރިންނަށް މައުލޫމާތު ދިނުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ ޝަރީއަތް ހިންގަން އޭނާ ރާއްޖެ ގެންނަން އިންޓަޕޯލް ރެޑް ނޯޓިސް ނެރެވިދާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސެއިން ޝަމީމް ވިދާޅުވެއްޖެ އެވެ.

ޖިންސީ ގޯނާގެ ތުހުމަތާ ގުޅިގެން ކުރި ހަތް ދައުވާއާ ހެދި އަލީ ވަހީދުގެ ކްރިމިނަލް ކޯޓުން އޭނާގެ ޕާސްޕޯޓު ހިފަހައްޓާފައި އޮއްވައި އެ ކޯޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްލުމުން އޭނާ ވަނީ ރާއްޖެ އިން ބޭރަށް ފުރާވަޑައިގެންފަ އެވެ.

އަލީގެ ޕާސްޕޯޓު ދޫކޮށްލަން ނިންމި ނިންމުން ޕީޖީ އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން އެންގީ އޭނާ އުޅޭ ތަނެއް ޕީޖީއިން ހޯދުމަށެެވެ. އެއީ ޗިޓު ރައްދު ނުކުރެވިގެންނެވެ. ނަމަވެސް، އޭނާ އުޅޭ ތަނެއް ޕީޖީއަށް ނުހޯދުމުން އެ ކޯޓުން ވަނީ އެ މައްސަލައިގެ ދައުވާ ފޯމު ބާތިލުކޮށްފަ އެވެ. ހައިކޯޓުން މައްސަލަ ބޭރުކޮށްފައި ވަނީ، އަލީ އުޅޭ ތަނެއް އެނގިއްޖެ ނަމަ އަލުން މައްސަލަ ހުށަހެޅޭނެ ގޮތަށެވެ.

އަލީ ވަހީދުގެ ޕާސްޕޯޓުގެ މައްސަލަ މިހާރު ޕީޖީ އޮފީހުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ. ޝަމީމް ވިދާޅުވީ، ޕީޖީ އޮފީހުން ދެކޭ ގޮތް ހާމަކުރަން އެ ކޯޓުން ފުރުސަތު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

ޝަމީމް ވިދާޅުވީ، ޗިޓު ހަވާލުކޮށްގެން ހާޒިރު ނުވެއްޖެއްޔާ ވެސް ކުރެވޭނެ ބައިވަރު ކަންކަން ހުރި ކަމަށެވެ. ކޯޓު އަމުރު ނެރެގެން ވެސް ގެނެވިދާނެ ކަމަށް ވިދާޅުވި އެވެ.

"އަދި ކުރެވޭނެ ބައިވަރު ކަންކަން ހުންނާނެ. މިސާލަކަށް އެ މައްސަލާގައި ޗިޓު ހަވާލުކޮށް ހާޒިރުނުވެއްޖެއްޔާ އަމުރު ނެރެގެން ވެސް ހާޒިރު ކުރެވޭނެ. އަމުރު ނެރޭ އިރުގައި ހަމަ އެކަނި ރާއްޖޭގަ ނޫން އަމުރު ނެރެވޭނީކީއެއް. މި ދެންނެވީ އިންޓަޕޮލް ރެޑް ނޯޓިސް އާއި އެކަހަލަ ބައިވަަރު އިންޓަނޭޝަނަލް ކަންކަން ވެސް އެބަ ހުރި އަޅުގަނޑުމެންނަށް ކުރެވެން ހުރި ކަންތައްތައް،" ޕީޖީ ވިދާޅުވި އެވެ.

އަލީ ވަހީދުގެ ހަތް ދައުވާގެ ޝަރީއަތް ވެސް ކްރިމިނަލް ކޯޓުގައި ކުރިއަށްގެންދަވަން މަސައްކަތް ކުރައްވާނެ ކަމަށް ޝަމީމް ވިދާޅުވި އެވެ.

އަލީގެ ޕާސްޕޯޓު ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރު ކުރީ އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް ކަށީގެ ހާއްސަ ޑޮކްޓަރު، ޑރ. ޔޫސުފް ޝާން ކޯޓުގައި ހެކިބަސް ދިނުމުން އެ ކޯޓުގެ ގާޒީ ހަސަން ސައީދެވެ. އަދި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ވަނީ އަލީ ވަހީދަށް ޖާމިނުވެފަ އެވެ.

އޭނާ ޖިންސީ ގޯނާ ކުރީ ޓޫރިޒަމް މިނިސްޓްރީގައި ހުންނެވި އިރު އެތަނުގެ އަންހެން މުވައްޒަފުންތަކަކަށް ކަމަށް ތުހުމަތު ކުރެ އެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ، ޖިންސީ އަނިޔާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި ޖިންސީ ގޯނާކުރަން އުޅުމުގެ ދައުވާ އާއި ރޭޕް ކުރަން އުޅުމުގެ ދައުވާ އާއި ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަކުރުމުގެ ދައުވާ އާއި ހުއްދަނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ކުށުގެ ދެ ދައުވާ އެވެ.

comment ކޮމެންޓް