ސުޕަ ލީގުގެ ހޫނުގަނޑުގައި މޮރީނިއޯ ޓޮޓެންހަމުން ވަކިވެއްޖެ

ހޯސޭ މޮރީނިއޯ -- ފޮޓޯ / ބީބީސީ

ޔޫރޮޕުގެ ބޮޑެތި ކުލަބުތަކުން އަޑީގައި ތިބެ ޔޫއެފާއާއި ފީފާގެ ގަވާއިދުތަކާ ދެކޮޅަށް އައު ލީގެއް ފެށުމަށް ތައްޔާރުވާން ފެށުމާއެކު އެކަމުގެ ހޫނުގަނޑުގެ ތެރޭގައި ޓޮޓެންހަމް ހޮޓްސްޕާގެ ކޯޗުގެ މަޤާމުން ހޯސޭ މޮރީނިއޯ ވަކިވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ މެންޗެސްޓާ ޔުނައިޓެޑުގައި ދެ ސީޒަން ހޭދަކުރުމަށްފަހު އެ ކުލަބުން ވަނީ މޮރީނިއޯ ވަކިކޮށްފަ އެވެ. އެއަށްފަހު ކްލަބަކާ ހަވާލުނުވެ އަހަރެއްހާ ދުވަހު ހުރުމަށް ފަހު މޮރީނިއޯ ޓޮޓެންހަމްގެ ކޯޗުކަމާ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަވާލުވީ ބޮޑު ޕްރޮޖެކްޓަކާ އެކު އެވެ. އެހެން ނަމަވެސް މިފަހުން ވުޖޫދުވެގެން އައި އައު ލީގުގައި ޓޮޓެންހަމުން ވެސް ބައިވެރިވާން ނިންމާފައިވާ އިރު، މޮރީނިއޯ ވަނީ އެ ލީގުގައި ޓީމު ބައިވެރިވާން ބޭނުން ނުވާ ކަމަށް ކުލަބަށް އަންގައިފަ އެވެ.

އެގޮތުން ޓޮޓެންހަމުން ސުޕަ ލީގުގައި ބައިވެރިވާން ނިންމާފައިވާކަން ރަސްމީކޮށް އިއުލާނުކުރިތާ މާގިނައިރެއްނުވެ މޮރީނިއޯ ވަނީ ޓޮޓެންހަމްގެ ޗެއާމަން ޑެނިއަލް ލެވީއާ ބައްދަލުކޮށްފަ އެވެ. އަދި އެ މުބާރާތައިގެން ކުރިއަށްދާން ކުލަބުން ބޭނުންވާނަމަ ޓީމުގައި މަސައްކަތް ކުރަން ބޭނުން ނުވާކަމަށް ވެސް މޮރީނިއޯ ވަނީ އެ ބައްދަލުވުމުގައި ބުނެފަ އެވެ.

ސުޕަ ލީގު ރަސްމީކޮށް އިއުލާނުކުރިއިރު އޭގައި ބައިވެރިވެފައިވާ ކްލަބްތަކަކީ މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް، ޗެލްސީ، މެންޗެސްޓާ ސިޓީ، އާސެނަލް އަދި ޓޮޓެންހަމާއި ސްޕެއިނުގެ ރެއާލް މެޑްރިޑާއި ބާސެލޯނާ އަދި އެތުލެޓިކޯ މެޑްރިޑްގެ އިތުރުން އިޓަލީގެ އިންޓަ މިލާން، އޭސީ މިލާން އަދި ޔުވެންޓަސް އެވެ.

މޮރީނިއޯ ކޯޗުކަމުން، ވަކިކުރި އިރު އެ ޓީމު އޮތީ ލީގުގެ ހަތް ވަނައިގަ އެވެ. ގަދަ ހަތަރެއްގެ ތެރެއަށް އެ ޓީމަށް ވަނުމުގެ ފުރުސަތު ކުޑަ އެވެ. އެހެންނަމަވެސް އޭނާ ވަނީ އިނގިރޭސި ލީގު ކަޕުގެ ފައިނަލަށް ޓޮޓެންހަމް ގެންގޮސްދީފަ އެވެ. އެ މެޗު އަންނަ އާދިއްތަ ދުވަހު ކުޅޭނެ އެވެ.

މި ސީޒަނުގެ ނިޔަލަށް އެ ޓީމަށް ދެން ކޯޗުކޮށްދޭނީ ރަޔާން މޭސަން ކަމަށް ޓޮޓެންހަމުން ވަނީ ބުނެފައެވެ.

comment ކޮމެންޓް