ކެއުމުގައި ޕްރޮޓީން ހިމެނުމުގެ މުހިންމުކަން އެނގޭތަ

ދުޅަހެޔޮ ހަށިހެޔޮ މީހަކަށްވުމަށް މަސައްކަތްކުރާ ކޮންމެ މީހަކަށް އެމީހަކުގެ ދިރިއުޅުމުގައި ޕްރޮޓީންއަކީ ކިހާ މުހިއްމު ރޯލެއް އަދާކުރާ އެއްޗެއްކަން އެނގޭނެއެވެ.އެގޮތުން ބަލާއިރު ހަށިގަނޑުގެ ހުރިހާ ސެލޯށި (ޓިޝޫ)ތަކާއި، ދިރު (ސެލް)ތަކާއި ލޭފަދަ މުހިއްމު ހުރިހާ ދިޔަވަރުތަކެއް ހެދިފައިވަނީ ޕްރޮޓީން އެކުލެވިގެންނެވެ. މީގެ އިތުރުން އެންޒައިމްއާއި ހޯމޯންގެ ގޮތުގައި އުފެދިފައިވާ ޕްރޮޓީންތައް ހަށިގަނޑުގެ އެކި ގުނަވަންތައް ހިންގުމުގެ މަސައްކަތުގައި ހަށިގަނޑުގެ ހުރިހާ ދިމާއެއްގައި ހަރަކާތްތެރިވަމުން ގެންދެއެވެ. އެހެންކަމުން، މިއީ ހަށިގަނޑު ބިނާކުރުމާއި، މަރާމާތުކުރުމާއި މީހާގެ ހެދިބޮޑުވުމަށް ދިރުންހުރި ހުރިހާ އެއްޗަކަށްވެސް އެންމެ މުހިއްމު މާއްދާކަން އެއީ ޝައްކެއްއޮތް ކަމެއްނޫނެކެވެ.

ދުވާލެއްގެ މައްޗަށް އިންސާނާއަށް ޕްރޮޓީން ބޭނުންވާ މިންވަރު އެނގިފައި އޮތުމަކީ މުހިއްމު ކަމެކެވެ. ހަށިގަނޑަށް ބޭނުންވާ ޕްރޮޓީންގެ މިންވަރު ބިނާވެފައިވަނީ އެމީހެއްގެ އުމުރާއި، ޖިންސާއި، ސައިޒާއި އެމީހެއް ކެއުމުގައި ބޭނުންކުރެވޭ ކާނާގެ ބާވަތްތަކުގެ މައްޗަށެވެ. އެގޮތުން އެހެން މީހުންނާއި ހިލާފަށް ގަވާއިދުން ކަސްރަތުކުރާ މީހުންނާއި ފުރާވަރަށް އަރަމުން އަންނަ ކުދިންނަށާއި، މާބަނޑު އަންހެނުންނާއި، ކިރުދޭ މައިންނަށް ޕްރޮޓީން އިތުރަށް ބޭނުންވާނެ ކަމީ ހަނދާނުގައި އަބަދުވެސް ބެހެއްޓުން މުހިއްމު ކަމެކެވެ. އެއީ އައު ދިރުތައް އަވަހަށް އިތުރުކުރަން ބޭނުން ޖެހިފައިވާތީއާއި ކަސްރަތުކުރުމުގެ ސަބަބުން ހަށިގަނޑުން އިރައިގެންދާ މަސްތައް އަލުން އިޔާދަ ކުރުމަށާއި، ހަށިގަނޑަށް ގެންނަން ބޭނުންވާ ބަދަލު ގެނައުމުގައި ޕްރޮޓީން މުހިންމު ރޯލެއް އަދާކުރާތީއެވެ. ޕްރެސިޝަން ނިއުޓްރިޝަނުގެ ފައުންޑަރ ޑރ. ޖޯން ބެރާޑީ ބުނެފައިވާގޮތުން ހަށިގަނޑުގެ ބަރުދަނުގެ ކޮންމެ ޕައުންޑަކަށް 1.0-0.7 ގްރާމާއި ދެމެދުގެ އަދަދަކަށް ޕްރޮޓީން ބޭނުންވެއެވެ. މާނައަކީ 150 ޕައުންޑް ނުވަތަ 68 ކިލޯ ހުންނަ މީހަކަށް 150-105 ގްރާމްގެ ޕްރޮޓީން ކޮންމެ ދުވަހަކު ބޭނުންވާކަމެވެ. ވީއިރު އެމިންވަރަށް ޕްރޮޓީން ހަށިގަނޑަށް ލިއްބައިދޭ ފަދަ ކާނާކެއުމަކީ މުހިންމުކަމެކެވެ.

އެހެންކަމުން ކެއުމުގައި ބަލަންވީ ތިމާ ކެއުމަށް ބޭނުންކުރާ ބާވަތްތަކަކީ އޭގައި ކިހާ މިންވަރަކަށް މިބުނެވިދިޔަ ޕްރޮޓީންގެ ބައި ހިމެނޭ ކާނާއެއްތޯއެވެ. ސަބަބަކީ ޕްރޮޓީން އެކުލެވިގެންވާ ގިނަކާނާތަކަކީ ސެޗުރޭޓެޑް ފެޓްސް އޭގައި ގިނައަދަދަކަށް އެކުލެވިގެންވާ ކެއުންތަކަށް ވުމުންނެވެ. އެއީ އޭގެ ސަބަބުން ހަށިގަނޑުގައި ކޮލެސްޓްރޯލް އިތުރުވެ ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ފުރުސަތު ބޮޑުކޮށްދޭ އެއްޗެއްވެސް މެއެވެ. މިކަމުގައިވެސް އެންމެ ބުއްދިވެރި ގޮތަކީ ތައްޔާރީ ކާނާއާއި ސަޕްލިމެންޓު ނުވަތަ ޕައުޑަރަށް ބަރޯސާވުމަށްވުރެ ބޮޑަށް ފަސޭހައިން ލިބެންހުންނަ ކާނާތަށް ޚިޔާރު ކުރުމެވެ.

ރާއްޖޭގެ ބާޒާރުގައިވެސް ފަސޭހަކަމާއި އެކު ލިބެން ހުންނަ ބާވަތްތަކަށް ބަލާއިރު:

  • އެއްގަމު މަހާއި ކަނޑު މަހާއި ފަރުމަހުގެ ބާވަތްތައް: ބިހުގެ ގޮބޮޅިއާއި ހުދުބައި، ސީނު ކުކުޅު، ގެރިމަސް، ކުކުޅު،ޑިންގާ، ފުޓުމަސް. ބޭނުންކުރެވިދާނެއެވެ. (މަދުކުރަންޖެހޭ ބާވަތްތަކުގެތެރޭގައި މާކިއުރީ ގިނައަދަދަކަށް އެކުލެވިގެންވާ ކަންނެލި، ހިބަރުމަސްކަހަލަ މަސްތައް ހިމެނެއެވެ.)
  • ކިރާއި ކިރުގެ އުފެއްދުން: ކޮޓޭޖް ޗީޒް އަދި ޔޯގަޓް
  • ގޮވާމާއި ފަލަމަޑި: މުގުގެ ބާވަތްތައް، ހިމެރި، ތޮޅިއާއި އޮށުގެ ބާވަތްތައް، މަދުގެ ބާވަތްތައް

މިބައިތަކުގެތެރެއިން އަޅުގަނޑު މެން ކޮންމެ ދުވަހަކު ކެއުމުގައި ކޮންމެވެސް އެކައްޗެއް އެކަށީގެންވާ މިންވަރަށް ބެލުމަށްފަހު ބޭނުން ކޮށް ލުމުން ހަށިގަނޑަށް އެ ދުވަހަކަށް ބޭނުންވާ ޕްރޮޓިން ލިބިގެންދާނެއެވެ.

މައުލޫމާތު: މިނިސްޓްރީ އޮފް ހެލްތް – ކާނާގެ ފައިދާ

ނޯޓު: ރިޔާޝް ރިޔާޒަކީ އެރިޒޯނާ ސްޓޭޓް ޔުނިވާސިޓީން ބަޗެލާ އޮފް ސައިންސް އިން އެކްސަސައިޒް ސައިންސް އެންޑް ނިއުޓރިޝަން ހާސިލުކޮށްފައިވާ، އަދި ހަ އަހަރުގެ ތަޖުރިބަ ލިބިފައިވާ ސެޓިފައިޑް ނިއުޓްރިޝަނިސްޓް އަދި މާސްޓާ ޓްރެއިނާއެކެވެ. ރާއްޖޭގެ ފިޓްނަސް އިންޑަސްޓްރީގައި 50 އަށް ވުރެ ގިނަ ޕްރޮފެޝަނަލުން އުފައްދާފައިވާ ރިޔާޝް މަސައްކަތްކުރަނީ ފިޓްޒޯން ޖިމްގެ މެނޭޖަރެއްގެ ގޮތުގަ އެވެ.

comment ކޮމެންޓް