ފަންނީ މީހުން ފްލެޓު ދޫކޮށްލަން އިތުރު ފުރުސަތު ދީފި

ހިޔާ މަޝްރޫއުގެ ދަށުން އަޅާފައިވާ ފްލެޓުތައް --- ސަން ފޮޓޯ: ފަޔާޒު މޫސާ

ހިޔާ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން ހިޔާ މަޝްރޫއުގެ ފަންނީ ކެޓަގަރީގައި ހިމެނޭ ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުންނަށް ހާއްސަ، އަދި ސިވިލް ސާވިސް ފްލެޓުގެ ފަންނީ ކެޓަގަރީ އިން ފްލެޓް ލިބޭ ފަރާތްތަކަށް، ހިޔާ މަޝްރޫއުން ލިބޭ ފްލެޓުގެ ބަދަލުގައި، ސަރުކާރުގެ ކުރިއަށް ހުރި ހައުސިން މަޝްރޫއުތަކުގެ ތެރެއިން މަޝްރޫއަކުން ފްލެޓް ހޯދުމަށް އެދުމުގެ ފުރުސަތު އިތުރު ކޮށްފި އެވެ.

މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ކުރި އިއުލާނެއްގައި ބުނީ ހިޔާ މަޝްރޫއުގެ ފަންނީ ކެޓަގަރީގައި ހިމެނޭ ޑޮކްޓަރުންނާއި ނަރުހުން، ޓީޗަރުން އަދ ސިވިލް ސާވިސްގެ ފަންނީ މުވައްޒަފުންގެ ތެރެއިން ހިޔާ މަޝްރޫއިން ފްލެޓު ލިބުނު މީހުންގެ ތެރެއިން ފްލެޓު ދޫކޮށްލަން އެދޭ މީހުންނަށް ސަރުކާރުގެ އެހެން މަޝްރޫއަކުން ބޯހިޔާވަހިކަން ދިނުމުގެ ނިންމުމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ގިނަ ބަޔަކު އެދެމުންދާ ކަމަށެވެ.

މީގެ ކުރިން ފުރުސަތު ހުޅުވާލާފައި އޮތީ ފަންނީ ކެޓަގަރީތަކުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ހިޔާ މަޝްރޫއުގެ ފްލެޓް ދޫކޮށްލަން އެދޭ ފަރާތްތަކުން، މިއަދުގެ ކުރިން އެކަން އެންގުމަށެވެ.

މިނިސްޓްރީ އިން ބުނީ ހިޔާ މަޝްރޫއުގެ ފްލެޓް ލިބޭ ފަރާތްތަކުގެ ގުރުއަތުލުމާއި އެއްބަސްވުމުގައި ސޮއި ކުރުމުގެ ކަންތައް މިހާރު ކުރިޔަށްދާތީ، އެއްބަސްވުމުގައި ސޮއި ކުރުމަށްފަހުވެސް ތިން މަސް ދުވަހުގެ މުއްދަތެއް، ހުޅުވާލެވޭ ފުރުސަތުގެ ހައުސިން ޔުނިޓްތަކުގެ އަދަދު ހަމަވަންދެން ހިޔާ މަޝްރޫޢުގެ ދަށުން ލިބޭ ފްލެޓް ދޫކޮށްލުމަށްފަހު އެހެން ބޯހިޔާވަހި ކަމުގެ މަޝްރޫއަކަށް ބަދަލު ވުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ސަރުކާރުގެ ކުރިއަށް ހުރި ހައުސިން މަޝްރޫއުގެ ދަށުން މިވަގުތު އެންމެ އަވަހަށް ލިބެން އޮތް ފުރުސަތަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ތަރައްގީކުރާ "ވިނަރެސް" ކަމަށާއި އެ މަޝްރޫއުގައި 1،344 ހައުސިން ޔުނިޓު ހިމެނޭ ކަމަށް ވަނީ ބުނެފައެވެ.

އެ ފްލެޓް ތަކުގެ އަގާއި އެއްގޮތަށް، ފްލެޓް ލިބުމުގެ ފުރުސަތު އޮންނާނެ ކަމަށާއި އެ ފުރުސަތު ތަކާއި ގުޅޭގޮތުން، މައުލޫމާތު ސެޝަންއެއް އޭޕްރީލް 24 ވަނަ ދުވަހުގެރޭ 10:00 ގައި ޓީވީ މެދުވެރިކޮށް ކުރިއަށް ގެންދާނެ ކަމަށް ވަނީ ބުނެފައެވެ.

މީގެ ކުރިން މިނިސްޓްރީ އިން ބުނެފައިވަނީ ހިޔާ ފްލެޓު ލިބުނު މީހުންގެ ތެރެއިން ފަންނީ ފަރާތްތަކަށް ހާއްސަ ކެޓަގަރީ ތަކުން ފްލެޓު ލިބި، އެ ފްލެޓު ދޫކޮށްލާ ފަރާތްތަކަށް އެހެން މަޝްރޫއު އަކުން ހަމަޖައްސާނީ ޖާގަ ތަނަވަސް ތިން ކޮޓަރީގެ ފްލެޓް ކަމަށެވެ.

comment ކޮމެންޓް