ފުލުހުންގެ އަނިޔާ ލިބުނު މީހަކަށް ބަދަލު ނަގައިދޭން އެޗްއާރުސީއެމްގައި އެދެނީ

ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ކުށެއްގެ ތުހުމަތުގައި މާފުށީ ޖަލުގައި ހައްޔަރުކޮށްފައި ހުރި މީހަކަށް ފުލުހންގެ ބައެއް އޮފިސަރުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އަނިޔާ ކުރި މައްސަލައެއްގައި އޭނާއަށް މަދަނީ ބަދަލު ނަގައި ދިނުމަށް އެޗްއާރުސީއެމުން އަމަލީގޮތުން މަސަކަތް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއިން އެދިއްޖެ އެވެ.

ކުށުގެ ތުހުމަތުގައި މާފުށީ ޖަލުގައި ހައްޔަރުކޮށްފައި ހުރި ހ.ކުއްޅަވައްމާގ، އަޒުހަރު އިބްރާހިމަށް އަނިޔާކުރި ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަނަށް މައްސަލަ ހުށަހެޅީ އޭނާގެ ފަރާތުން އޭނާގެ ވަކީލެވެ. ކޮމިޓީ ރިޕޯޓުގައި ބުނެފައި ވަނީ އޭނާ ހައްޔަރު ކުރި ވަގުތުން ފެށިގެން އިރު އަރަންދެން އަނިޔާ ކުރި ކަމަށް އޭނާ އެޗްއާރުސީއެމަށް ދީފައިވާ ބަޔާނުގައި ބުނެފައިވާ ކަމަށެވެ.

އަޒުހަރަށް އަނިޔާ ކުރި ކަމަށް ހެކިންވެސް އެޗްއާރުސީއެމްގެ ތަހުގީގުގައި ބުނެފައިވާ ކަމަށް ކޮމިޓީ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

"އަޒުހަރު އިބްރާހިމަށް އަނިޔާކުރިތަން އެފަރާތްތަކަށް ފެނިފައިވާ ކަމަށާއި. އަދި އޭނާއަށް ލިބިފައިވާ ޒަހަމްތައް ލޮލަށް ފެނިފައިވާ ކަމަށާއި. އަޒުހަރު އިބްރާހިމަށް އަނިޔާކުރަމުން ދިޔަ ވަގުތު އޭނާގެ ރުއިމުގެ އަޑު އިވިފައިވާ ކަމަށް ބުނެފައިވޭ." އެޗްއާރުސީއެމްގެ ބަޔާނުގައި ބުނެފައިވެ އެވެ.

ތަހުގީގަށް ޑޮކްޓަރުން ދީފައިވާ ބަޔާންތަކުގައި ވެސް އަޒުހަރަށް އޭނާ ބުނި ފަދަ އަނިޔާ ލިބިފައިވާ ކަމަށް ބުނެފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ. އެގޮތުން އޭނާގެ ވައަތް ދުޅަވުމާއި ތިރީ ތުންފަތް ފަޅައިގެން ގޮސްފައި ވުމާއި ނިއްކުރިއާއި ބުރަކަށިން އެތައްތަނެއް މަށައިގެން ގޮސްފައިވާ ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އެ އަނިޔާއަކީ ބޭނުން ކުރުން ހުއްދަދެވިފައިނުވާ ހަތިޔާރެއް ބޭނުން ކުރުމުން ލިބިފައިވާ އަނިޔާތަކެއް ކަމަށް ޑޮކްޓަރު ބުނެފައިވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

ޑޮކްޓަރުންނާއި ހެކިން އެހެން ބުނި ނަމަވެސް ފުލުހުންގެ އޮފިސަރުން ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވަނީ އަޒުހަރަށް އެއްވެސް އަނިޔާއެއް ލިބިފައިވާކަން ފާހަގަ ކުރެވިފައި ނުވާ ކަމަށެވެ. ނަމަވެސް ކަރެކްޝަނަލް ސާވިސްގެ ބައެއް އޮފިސަރުން ބުނެފައިވަނީ އަޒުހަރަށް އަނިޔާ ލިބިފައިވާ ކަމަށެވެ.

"ފުލުހުންގެ އޮފިސަރުންނާއި ކަރެކްޝަނަލް ސާވިސްގެ އޮފިސަރުން އެ ކޮމިޝަނަށް ދީފައިވާ ބަޔާންތަކުގައި އަޒުހަރު އިބްރާހިމް ހައްޔަރު ކުރެވުނު ސަރަހައްދަކީ ގައުގިނަ ސަރަހައްދެއް ކަމަށާއި، އަޒުހަރު އިބްރާހިމަށް ލިބިފައިވާ އަނިޔާތަކަކީ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ގައުތަކުގެ މައްޗަށް ވެއްޓުމުގެ ސަބަބުން ލިބިފައިވާ އަނިޔާތަކެއް ކަމުގައި ބުނެފައިވާކަން" ކޮމިޓީ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެޗްއާރުސީއެމުން 2019 މެއި ފަސްވަނަ ދުވަހު އެމައްސަލަ ނިންމާފައިވަނީ އަޒުހަރު އިބްރާހިމަށް ފުލުހުން ގަސްތުގައި އަނިޔާކުރި ކަމުގެ ހެކި ލިބިފައި ނުވާ ކަމަށް ކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އަދި ފުލުހުންނާއި ކަރެކްޝަންސްގެ ވަކި ވަކި އޮފިސަރުންނަށް ޖިނާއީ ދައުވާކުރެވޭ ވަރަށް ހެކި ނެތް ކަމަށް ޕީޖީ އޮފީހުންވެސް ނިންމާފައިވާ ކަމަށް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އަޒުހަރަށް ގަސްތުގައި ފުލުހުން އަނިޔާކުރި ކަމަށް ހެކި ނެތް ކަމަށް ބުނެ އެޗްއާރުސީއެމުން ނިންމި ނިންމުން އަލުން މުރާޖާކޮށް އެ ކޮމިޝަނުން ނިންމާފައިވަނީ އަންޓި ޓޯޗާ ގާނޫނުގައި ބުނެފައިވާ މާއްދީ ނަފްސާނީ އަދި ލާއިންސާނީ އަޒުހަރަށް ލިބިފައިވާކަން ތަހުގީގަށް ސާބިތުވާ ކަމަށެވެ.

ކޮމިޓީއިން ވަނީ އެމައްސަލައާ ގުޅިގެން ހުށަހެޅުތަކެއް ވަނީ ހުށަހަޅާފަ އެވެ. އެއީ ވަކިވަކި އޮފިސަރުންނަށް ދައުވާ ނުކުރެވޭނެ ކަމަށް ޕީޖީ ނިންމާފައިވާ ނިންމުން އަލުން މުރާޖާ ކުރުމަށާއި އަޒުހަރަށް ބަދަނީ ބަދަލު ނަގައި ދިނުމަށް އެޗްއާރުސީއެމުން އިސްވެ މަސައްކަތް ކުރުމަށާއި ގާނޫނުގައި ބަޔާން ކުރާ ފިޔަވަޅުތައް އެމައްސަލައާ ގުޅިގެން އެޅުމަށެވެ.

comment ކޮމެންޓް