ޖަލަށްލާފައިވާ ރަޝިއާގެ އިދިކޮޅު ލީޑަރަށް ފަރުވާ ނުދީފި ނަމަ ފުރާނައަށް ނުރައްކާ ވާނެ: ޑޮކްޓަރުން

ރަޝިއާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ -- ފޮޓޯ: ރޮއިޓާސް

މޮސްކޯ (އޭޕްރިލް 18): ރަޝިއާގައި ޖަލަށް ލާފައިވާ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީއަށް ސިއްހީ ފަރުވާ ނުދީފި ނަމަ އޭނާ "ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަވަހާރަވުމުގެ" ނުރައްކާ އޮތް ކަމަށް ޑޮކްޓަރުން ވިދާޅުވެއްޖެ އެވެ.

ނަވަލްނީގެ ހާލު ބަލަން ފުރުސަތު ދިނުމަށް އެދި ހަތަރު ޑޮކްޓަރަކު ޖަލުގެ އޮފިޝަލުންނަށް ލިޔުއްވި ސިޓީއެއްގައިވާ ގޮތުން އޭނާގެ ޕޮޓޭސިއަމް ލެވެލް ވަނީ ކަންބޮޑުވާ މިންވަރަކަށް އަރާފަ އެވެ. އަދި އޭގެއިން ދޭހަ ވަނީ ކިޑްނީ މަސައްކަތް ކުރުމުގައި މައްސަލަ ހުރި ކަމަށާއި ކޮންމެ ވަގުތަކު ވެސް ހިތުގެ މައްސަލައެއް ދިމާވެދާނެ ކަމަށް ވިދާޅުވެފަ އެވެ.

ޑޮކްޓަރުން ވިދާޅުވި ގޮތުގައި ލޭގައި ޕޮޓޭސިއަމް ލެވެލް ހުންނަ މިންވަރު 6.0 މިލިމޯލްސް ޕާ ލީޓަރަށް ވުރެ އިތުރުވެއްޖެ ނަމަ އެމީހަކަށް ވަގުތުން ފަރުވާ ބޭނުން ވާނެ އެވެ. އަދި މިހާރު ނަވަލްނީގެ ޕޮޓޭސިއަމް ލެވެލް ވަނީ 7.1އަށް އަރާފަ އެވެ.

އަށާރަ ދުވަސް ވަންދެން ބަނޑުހައި ހޫނު ކަމުގެ ހަޅުތާލެއްގައި ހުންނެވި ނަވަލްނީގެ ބަރުދަން ނުވަ ކިލޯ ލުއިވެފައިވާ ކަމަށް އޭނާގެ އަނބިކަނބަލުން ޔޫލިއާ ވިދާޅުވި އެވެ.

މި މަހުގެ ކުރީކޮޅު ނަވަލްނީ ވަނީ އޭނާ ކެއްސާ، ހުން ހުރި ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފަ އެވެ. އޭގެ ސަބަބުން އޭނާ ވަނީ ޖަލުގެ ބަލި މީހުންނަށް ހާއްސަ ވޯޑަކަށް ބަދަލުކޮށްފަ އެވެ.

ނަވަލްނީ ހައްޔަރު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ 20ގައި އޭނާއަށް ވިހައެއް ދިނުމުގެ ސަބަބުން ޖަރުމަނުން ފަރުވާ ހޯއްދެވުމަށް ފަހު، ޖެނުއަރީ މަހު އެނބުރި ގައުމަށް ވަޑައިގެންނެވުމުންނެވެ. އެއީ 2014 ވަނަ އަހަރު ނަވަލްނީގެ މައްޗަށް ސާބިތުވި ހިޔާނާތުގެ މައްސަލައަކަށް ފަހު އޭނާގެ މައްޗަށް ކުރި ހުކުމާ ގުޅިގެން ކަނޑައެޅި "ޕްރޮބޭޝަންގެ ޝަރުތުތަކަކާ" އޭނާ ހިލާފުވި ކަމަށް ބުނެ އެވެ.

އެ މައްސަލައިގެ ޝަރީއަތުގައި ނަވަލްނީ ދެ އަހަރާއި ހަ މަހަށް ޖަލަށް ލާން ރަޝިއާގެ ކޯޓަކުން ވަނީ މިދިޔަ ފެބްރުއަރީ މަހުގެ ދޭއްގައި ހުކުމްކޮށްފަ އެވެ.

ރަޝިއާގެ ދެ ކުންފުންޏެއްގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ބުނެ ނަވަލްނީގެ މައްޗަށް ކުރި އެ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއް ކަމަށް އޭނާ ތުހުމަތު ކުރައްވަ އެވެ. އަދި އޭނާ ވަނީ ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓީންގެ ސަރުކާރުގައި ކޮރަޕްޝަނުގެ މައްސަލަތަށް ގިނަ ކަމަށާއި އޭނާއަށް ވިހަ ދިނީ އެ ސަރުކާރުން ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް