އައިބީރިއާ އިން މެޑްރިޑް-ރާއްޖެ ސީދާ ދަތުރު ފަށަނީ

އައިބީރިއާ އިން ރާއްޖެ - މެޑްރިޑް ދަތުރު ފަށަން ވަނީ ތައްޔާރުވެފައި ---

ސްޕެއިންގެ އައިބީރިއާ އެއާލައިނުން މެޑްރިޑް އާއި ރާއްޖެ އާއި ދެމެދު ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.

ޖުލައި-އޮގަސްޓުގައި ބާއްވާ މި ދަތުރުތައް ހަފްތާގެ ދެ ދުވަހު ބާއްވާނެ އެވެ.

އައިބީރިއާގެ އެގްޒެކެޓިވް ޗެއާމަންޖެވިއާ ސަންޗޭޒް ވިދާޅުވީ ކުރިއަށް އޮތް ހޫނު މޫސުމުގައި އައިބީރިއާ އެއާލައިނުން މަސައްކަތް ކުރާނީ މިދިޔަ އަހަރު ކުރިމަތިވި ބޮޑު ގެއްލުމުން އަރައިގަތުމަށް ކަމަށާއި ރާއްޖެ އަށް ދަތުރު ފަށަނީ ދަތުރުވެރިންނަށް ފަސޭހަ ގޮތްތަކެއް ރާއްޖެއިން މި ހާލަތުގައި ކަނޑައަޅާފައިވާތީ ކަމަށެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް މިހާރު ޕީސީއާރު ނެގެޓިވް ރެޒަލްޓެއް ބޭނުމެއް ނުވެ އެވެ. ވެކްސިން ޑޯޒް ހަމަނުކުރާ މީހުން ރާއްޖެ އަންނައިރު 96 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ރެޒަލްޓެއް ހުށަހަޅަން ޖެހެ އެވެ.

މީގެ އިތުރުން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީ އަށް ވެކްސިން ޖަހައި ނިމުމުން ޓޫރިސްޓުންނަށް ވެކްސިން ޖަހައިދޭ ސްކީމެއް ތައާރަފު ކުރަންވެސް ވަނީ ނިންމައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތައް ދައްކާގޮތުން މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް 350،388 ޓޫރިސްޓުން ރާއްޖެ އައިސްފައި ވެއެވެ

comment ކޮމެންޓް